އެހެން މަޒްމޫނުތަކުގައި ގެނެސްދީފައިވާނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަޤީރުންނާއި މިސްކީނުންނާއި ޢާމިލުނާގުޅޭ ގޮތުން ފިޤުހީ މަދުރަސާތަކުގެ ރައުޔުތަކާއި މިޒަމާނުގައި ޢަމަލުކުރުމަށް ހުށައަޅާ ނަޒަރިއްޔާތަކެވެ. މި މަޒްމޫނުގައި އަލި އަޅުވާލާނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ކަނޑައަޅުއްވާފައިވާ "މުއައްލަފަތުލްޤުލޫބު"ގެ ފިޤުހީ ފަސްމަންޒަރާއި މިޒަމާނުގައި އެބަޔަށް ޢަމަލުކުރުމަށް ފެންނަ ނަޒަރިއްޔާގެ މައްޗަށެވެ. "މުއައްލަފަތުލްޤުލޫބް" (ހިތްތައް އެކުވެރިކުރައްވާ މީހުން) އަކީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ބައެވެ.
ކީރިތި ޤުރުއާނުގައި ޒަކާތުގެ ބެހެނިވެރިންގެ ވާހަކަ ބަޔާންވެގެންވާ އާޔަތުގައި މުއައްލަފަތުލްޤުލޫބަށް ބައެއް އެޅުމަށް ފަރުޟު ކުރައްވާފައިވެއެވެ. އައްތައުބާ ސޫރަތުގެ (60) ވަނަ އާޔަތުގެ މާނައިގައިވެއެވެ. (ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.).
ޒަކާތުގެ ބެހެނިވެރިން ތަރުތީބު ކުރައްވާފައިވާ އިރު، އެތަރުތީބުތަކުގެ ފަހަތުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުމުގެ މަތިވެރިވެގެންވާ ޙިކުމަތްތަކާއި މަޤުޞަދުތަކެއް ވެއެވެ. މިފަދަ އިޖުތިމާޢީ މާލީ ނިޒާމެއް އިސްލާމީ ޙަޟާރަތް ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ޙަޟާރަތެއްގައި ވެސް ވަޟްޢީ ނިޒާމެއްގައި ނެތެވެ.
އަދި ޞަލަވާތާއި ސަލާމްލެއްވިގެންވާ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދުގެފާނުގެ ރިސާލަތު ފިޔަވައި އެހެން ސަމާވީ ރިސާލަތެއްގައި ވެސް މިހާ ފުރިހަމަ ގޮތެއްގައި ކަނޑައެޅިފައި ނެތެވެ. އިސްލާމްދީނުގައި ލެއްވިގެންވާ ޒަކާތުގެ މާލީ ނިޒާމަކީ ވަޙީގެ އަސާސްތަކުގެ މައްޗަށް ޤާއިމުވެގެންވާ އިސްލާމީ ތަކާފުލްގެ ވަރަށް ފުރިހަމަ މަތިވެރި ނިޒާމެކެވެ. ޝަރުޢީ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ޒަމާނާއި ވަގުތާއި ޙާލަތާއި ޙާޖަތާއި ގުޅިގެން ފުޅާ ކުރެވޭ ނިޒާމެކެވެ.
މި ނިޒާމުގައި ފަޤީރުންނާއި މިސްކީނުންނަށް ބައެއް ދެއްވާފައިވަނީ އެއުރެންގެ ނިކަމެތި ޙާލަތާއި ޙާޖަތުގެ މައްޗަށްބިނާކޮށް ފުދުންތެރިކަން އިތުރު ކުރުކޮށް ތަނަވަސްކަމުގެ އަހުލުވެރިންނަށް ހެދުމަށެވެ. ޢާމިލުންނަށް ބައެއް ދެއްވާފައިވަނީ އެއުރެން ކުރާ މަސައްކަތުގެ އުޖޫރައެއްގެ ގޮތުންނެވެ. މުއައްލަފަތުލްޤުލޫބަށް ބައެއް ދެއްވާފައިވަނީ އިސްލާމްދީނާއި އިސްލާމީ ދައުލަތުގެ އެންމެ މަތީ މަޞްލަޙަތަށްޓަކައެވެ. އަޅުން މިނިވަންކުރަން ބައެއް ދެއްވާފައިވަނީ އަޅުވެތިކަން ނައްތާލައި އިންސާނުން މިނިވަންކަމުގެ ޖައްވަށް ނެރުއްވުމަށެވެ. (އަޅުވެތިކަން ނައްތާލުމުގެ ބަޔަށް މިޒަމާނުގައި ޢަމަލުކުރެވިދާނެ ގޮތާއި ބެހޭގޮތުން މި ސިލްސިލާގައި މަޒްމޫނެއް ޝާއިޢުކުރެވޭނެއެވެ.)
ދަރަނިވެރިންނަށް ބައެއް ދެއްވާފައިވަނީ އެއުރެންނަށް ދިމާވެފައިވާ މާޔޫސްކަމުގެ މަޖްބޫރީ ޙާލަތުން އަރައިގަތުމަށެވެ. ފީ ސަބީލިއްﷲ އަށް ބައެއް ކަނޑައަޅުއްވާފައިވަނީ އިސްލާމީ ދަޢުވަތާއި އަޤީދާ މަތިވެރި ކުރުމަށެވެ. އިބުނުއްސަބީލަށް (ދަތުރުމަތީގައި ޙާލުގައި ޖެހިފައިވާ މީހާ) ބައެއް ދެއްވާފައިވަނީ އަމިއްލަ ވަޒަނުން ބޭރުގައި ވަނިކޮށް ދިމާވެފައިވާ ހިތާމަވެރި ކުއްލިޙާލަތުން އަރައިގަތުމަށެވެ. މިއިން ކޮންމެ ކަމަކުން ވެސް ދޭހަވަނީ ﷲގެ ޙިކުމަތްވަންތަކަމާއި އެކަލާނގެ ފައިޞަލާގެ މަތިވެރިކަމާއި އޯގާވަންތަވެރިކަމެވެ.
މުއައްލަފަތުލްޤުލޫބުގެ ފިޤުހީ ފަސްމަންޒަރު
މުއައްލަފަތުލްޤުލޫބް އަކީ ކޮބައިކަމާ މެދު ފިޤުހުވެރިންނާއި މުފައްސިރުންގެ މެދުގައި ބޮޑު ޚިލާފެއް އުފެދިފައި ވެއެވެ. ޚިލާފު އުފެދިފައިވަނީ މައިގަނޑު ގޮތެއްގައި އެއީ ކޮން ބައެއްކަމާ މެދުގައްޔާއި އެބަޔަކު އެއީ އެޒާނުގައި އެކަނި އުޅުނު ބައެއްތޯއާއި ނޫނީ ހުރިހާ ޒަމާނެއްގައި ވެސް އުޅޭނެ ބައެއްކަމާ މެދުގައެވެ. ބައެއް ދަންނަބޭކަލުން ބަޔާން ކުރައްވާފައި ވަނީ "މުއައްލަފަތުލްޤުލޫބު" އަކީ އިސްލާމްދީނުގެ ކުރީކޮޅަށް ޚާއްޞަ ބައެއް ކަމަށާއި މިހާރު އެބައި މަންސޫޚުވެފައިވާ ކަމަށެވެ.
އަނެއް ބައި ޢިލްމުވެރިންގެ ނަޒަރުގައި އެއީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ދުވަސްވަރުގައި އެކަނި އުޅުނު "ޣައިރު މުސްލިމުން" ނެވެ. ޒަކާތުން އެއުރެންނަށް ބައެއް ކަނޑައެޅިގެން ދިޔައީ އިސްލާމްދީނާ މެދު އެއުރެންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުންކަމުގައި އެބޭކަލުން ދެކިލައްވައެވެ.
އެއީ ހަނގުރާމައަކާ ނުލައި އެކުވެރިކަމުގެ ތެރެއިން އެއުރެން އިސްލާމްދީނަށް ވެއްދުމުގެ މަޤުޞަދުގައެވެ. އެހެން ބައެއް ޢިލްމުވެރިން ދެކިލައްވަނީ މުއައްލަފަތުލްޤުލޫބަކީ ބޭރުފުށުން އިސްލާމްވިޔަސް އެއުރެންގެ ހިތްތަކުގައި އީމާންކަން އިތުރަށް ކަށަވަރުން ކުރަންޖެހޭ ޙާލަތުގައިވާ މީހުންކަމުގަ އެވެ. މިގޮތުން އެއުރެންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން އިސްލާމްދީނާ މެދު އިތުރަށް ލޯބި ޖެހި އީމާންކަން ވަރުގަދަ ކުރުމަށެވެ. އަނެއްބައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުން މުއައްލަފަތުލްޤުލޫބަކީ ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން އިސްލާމްވީ މީހުންނެވެ. ނުވަތަ އެއީ އެބަޔަކަށް ގިނަ ބަޔަކު ތަބަޢާވާ މުޝްރިކުންގެ ލީޑަރުންކަމުގައެވެ. އެމީހުންނަށް މާލީ ގޮތުން އެހީތެރިކަންދީ އެމީހުންގެ ދަށުގައިވާ ގިނަބައެއްގެ މަދަދު އިސްލާމީ ދައުލަތަށް ހޯދުމަށެވެ. (އައްޝައުކާނީ، 2 372، 373 ).
މި މައްސަލައިގައި ބަޔާންވެގެންވާ ތަފާތު ރައުޔުތައް ފިޤުހީ ގޮތުން ދިރާސާ ކުރުމަށް ފަހު، ދަލީލުތަކަށް ނަޒަރުހިންގައި ވިސްނުމަށްފަހު، އަޅުގަނޑަށް ފެންނަ ގޮތުގައި އިސްވެ ދެންނެވި ހުރިހާ ރައުޔެއް ވެސް މުއައްލަފަތުލްޤުލޫބުގެ މަފްހޫމުގެ ތެރެއަށް ވަންނާނެ އެވެ.
މުއައްލަފަތުލްޤުލޫބުގެ ދެމިއޮތުން
ކުރިން ދެންނެވި ފަދައިން މުއައްލަފަތުލްޤުލޫބުގެ ބައި ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ފަހު ދެމި އޮތުމާ މެދުގައި ފިޤުހުވެރިންނާއި މުފައްސިރުންނާއި މުޙައްދިޘުންގެ މެދުގައި ބަހުސް ކުރައްވާފައި ވެއެވެ. އަމީރުލްމުއުމިނީން ޝަހީދު ޢުމަރު ބުނިލްޚައްޠާބު ރަޟިޔަﷲ ޢަންހުއާއި އިމާމު ޙަސަނުލްބަޞްރީއާއި އިމާމު އައްޝަޢުބީ ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމްދީން އަރަބި ކަރައަށް ފާޅުވެ ވަރުގަދަ ވުމަށް ފަހު މި ބަޔަށް ޒަކާތުން ދިނުމުގެ ކަންކަން ނިމުނީއެވެ. މިއީ މާލިކީ މަޒުހަބުގެ މަޝްހޫރު ރައުޔުވެސް މެއެވެ. އަދި ޙަނަފީ މަޒުހަބުގެ ބައެއް ދަންނަބޭކަލުންގެ ރައުޔަކީ ވެސް މިއީއެވެ.
ޙަނަފީ މަޒުހަބުގެ ބައެއް ދަންނަބޭކަލުން ބުރަވެވަޑައިގަންނަވަނީ އިސްލާމްދީން ވަރުގަދަވުމަށް ފަހު އެބައިމީހުންނަށް ޒަކާތުން ބައެއް އެޅުން ނިމުމަކަށް އައީ ކަމުގައެވެ. މިބޭކަލުން ވިދާޅުވާ ގޮތުގައި ޚަލީފާ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ އަންހުގެ ދުވަސްވަރު އަޞްޙާބު ބޭކަލުންވަނީ އެގޮތައް އަމަލު ކުރައްވާފަ އެވެ. އެހެނިހެން ދަންނަބޭކަލުން ދެކެވަޑައިގަންނަވަނީ މުއައްލަފަތުލްޤުލޫބުގެ ބައި ދެމި އޮތް ކަމުގައެވެ. އެމީހުންނަށް އިސްލާމީ ދައުލަތުން ބޭނުންޖެހޭ ޙާލަތު އަތުވެދާނެ ކަމުގައެވެ. ޢުމަރުގެފާނުގެ ދުވަސްވަރުގައި މުއައްލަފަތުލްޤުލޫބަށް ބައެއް ދެއްވާފައި ނުވަނީ އެ ދުވަސްވަރު އިސްލާމްދީނާއި ދައުލަތަށް ގަދަކަން ލިބި ވަރުގަދަކޮށް އޮތުމުގެ ސަބަބުން ކަމުގައެވެ. އަލްއިމާމުލްޤާޟީ އިބުނުލްޢަރަބީ (468ހ) ދެކެވަޑައިގަންނަވާގޮތުގައި "އިސްލާމްދީނަށް ގަދަކަންލިބި ވަރުގަދަ ވެފައި އޮންނަ ޙާލަތުގައި އެމީހުންނަށް ބައެއް ނޭޅިޔަސް، އިސްލާމީ ދައުލަތުން އެމީހުންނަށް ބޭނުންޖެހޭ ޙާލަތެއް އަތުވެއްޖެ ނަމަ ބައެއް އެޅުމަށެވެ." (އަލްޤުރުޠުބީ، 2003، 4، 2354).
ބަޔާންވެ ދިޔަ ރައުޔުތަކަށް ނަޒަޔު ހިންގާލުމުން އަޅުގަނޑަށް ބުރަވެވޭ ގޮތުގައި އިމާމު އިބުނުލްޢަރަބީގެ ރައުޔަކީ ވަރަށް ހަރުދަނާ ރައުޔެކެވެ. ހުރިހާ ޒަމާނެއްގައި ވެސް ޢަމަލު ކުރެވިދާނެ އުޞޫލެކެވެ.
މުއައްލަފަތުލްޤުލޫބުގެ މައިގަނޑު ބައިތައް
މުއައްލަފަތުލްޤުލޫބު މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބެހިގެންވާކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. (އައްޒުޙައިލީ، 2، 111).
• ޣައިރު މުސްލިމުން: ޣައިރު މުސްލިމުންގެ ބައި ދެ ގޮތްޕަކަށް ބެހިގެންވެއެވެ. އެއީ: އެއުރެން އިސްލާމް ވެދާނެކަމަށް ބެލެވޭ މީހުންނާއި، އެއުރެންގެ ނުބައިކަމުން ސަލާމަތް ވުމަށް ޒަކާތުން ދެވޭ މީހުންނެވެ. އިބުނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. "އެޒަމާނުގައި މާލީ ގޮތުން އެހީތެރިވުމުން އިސްލާމްދީނަށް ހެޔޮ ބަސް ބުނެ އުޅޭ ޣައިރު މުސްލިމުންނާއި، އެހީއެއް ނުލިބޭތީ އިސްލާމްދީނާއި ދައުލަތަށް ގެއްލުންދޭން އުޅޭ މީހުން ވެސް އުޅުނެވެ." (އައްޒުޙައިލީ، 2، 111).
• މުސްލިމުން : މުއައްލަފަތުލްޤުލޫބުގެ ތެރެއިން ޒަކާތުގެ ފައިސާއިން އެއުރެންނަށް ދިނުން ޖާއިޒުވެގެންވާ މީހުންގެ ތެރޭގައި ހަތަރުބަޔަކު ހިމެނެއެވެ. އެއީ:
(ހ) އަލަށް އިސްލާމްވި އީމާންކަން ބަލިކަށިމީހުން: މި ފަދަ މީހުން ހިމެނެނީ މުއައްލަފަތުލްޤުލޫބްގެ ތެރޭގައެވެ. އެބައިމީހުންނަށް ޒަކާތުން ދެވެނީ ޢަޤީދާ ވަރުގަދަ ކުރުމުގެ ގޮތުންނާއި އިސްލާމީ މުޖްތަމަޢުގައި އެމީހުން ހަރުލެއްވުމުގެ ގޮތުންނެވެ. މިކަމުގެ ދަލީލެއްގެ ގޮތުން ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުން އަބޫ ސުފިޔާނާއި ޞަފްވާން ބުނި އުމައްޔާއާއި އަޤުރަޢު ބިން ހާބިސާއި ޢުޔައިނާ ބުނި ޙިޞްނާއި މިއިން ކޮންމެ މީހަކަށް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއް ސަތޭކަ ޖަމަލު ދެއްވިއެވެ. ( އައްޝައުކާނީ، 2، 337 ).
(ށ) އަލަށް އިސްލާމްވި އީމާންކަން ވަރުގަދަ މީހުންގެ ތެރޭގައި ހިމެނޭ ޤައުމުތަކުގެ ވެރިންނާއި ޤަބީލާތަކުގައި ޢިއްޒަތްތެރިން: މި ފަދަ މީހުންނަށް މުއައްލަފަތުލްޤުލޫބުގެ ބައިން ދެވެނީ އެމީހުންނާ އެއް ފެންވަރުގެ އެހެން ވެރިން އިސްލާމްދީނަށް ޝައުޤުވެރިކަން އުފެއްދުމަށްޓަކައެވެ. ( އައްޝީރާޒީ، 1، 315).
(ނ) އިސްލާމީ ޤައުމުތަކުގެ ބޯޑަރުކައިރީގައި ނުވަތަ އިސްލާމީ ޤައުމުގެ ދުޝްމަނުންގެ ބޯޑަރ ކައިރީގައި ދިރިއުޅޭ މުސްލިމުން: މި ފަދަ މީހުންނަށް ޒަކާތުގެ މުއައްލަފަތުލްޤުބޫގެ ބައިން ދެވެނީ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތްކުރުމުގައި އެއުރެންގެ އެހީތެރިކަން ދައުލަތަށް ބޭނުންޖެހޭތީ އެކަމަށް އަބަދުވެސް ތައްޔާރީޙާލަތުގައި ތިބުމަށެވެ. (އަލްޤަރަޟާވީ، 2، 608).
(ރ) ސަރަޙައްދުތަކުން ޒަކާތް ނެރުމުގައި އެބައެއްގެ ބާރާއި ނުފޫޒުގެ އެހީތެރިކަން އަރުވާ މުސްލިމުން: މިފަދަ މީހުންނަކީ އެކި ސަރަޙައްދުތަކުގައި އުޅޭ ނުފޫޒުގަފަ ފަރާތްތަކެވެ. އެސަރަޙައްދުތަކުގެ މުއްސަނދިން އަތުން ޒަކާތް ނެރުމުގައި އިސްލާމީ ދައުލަތަށް އެބައިމީހުން އެހީތެރިކަން ދޭތީވެ، އޭގެ ބަދަލެއްގެ ގޮތުން އެބައިމީހުންނަށް ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން ދެވިދާނެއެވެ. އެމީހުން ޒަކާތް ނެރެދިނުމުގައި ނުފޫޒުގެ ބޭނުންކުރަނީ ހަނގުރާމައަކާ ނުލައިވެ. އެކަމުގައި ބޮޑު މަސްހަތެއްވެއެވެ. ( އަލްޤަރަޟާވީ،608)
ދިވެހިރާއްޖޭގައި ޢަމަލު ކުރާ ގޮތް
ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބަޔަށް ދިވެހިރާއްޖޭގައި (2008) ވަނަ އަހަރު ޢަމަލުކުރަން ފެށުނެވެ. އެއީ ޢިލްމީގޮތުން ކުރެވުނު ދިރާސާތަކަށް ފަހު ގެނެވުނު ބަދަލެކެވެ. ފަޟީލަތުއްޝައިޚު އަޙުމަދު ފާރޫޤު މުޙައްމަދު ތަރުޖަމާ ކުރައްވައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން (2010) ގައި ޗާޕުކޮށްފައިވާ ޒަކާތާ ބެހޭ "ޙުކުމްތަކުގެ ޚުލާޞާ" ފޮތުގައި މުއައްލަފަތުލްޤުލޫބުގެ މަފްހޫމް ބަޔާން ކުރައްވާފައި ވެއެވެ. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރެ އެންޑޯސް ކޮށްފައިވާ ފޮތުގައި މުއައްލަފަތުލްޤުލޫބުގެ މަފްހޫމުގައި އައިސްފައިވާ ގޮތުން އެއީ އިސްލާމްދީނަށް ވެއްދުމަށްޓަކައި އެއުރެން ޝައުޤުވެރިކު ރުވުމަށް އެއުރެންނަށް ޒަކާތުން ދެވޭ މީހުނެވެ. ނުވަތަ އެބައިމީހުންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެބަޔަކަށް ޒަކާތުން ދެވޭ މީހުންނެވެ. ނުވަތަ އިސްލާމްދީނާއި އިސްލާމީ ދައުލަތުގެ ދިފާޢުގައި މަސައްކަތްކުރުމުގެ ބަދަލެއްގެ ގޮތުން ޒަކާތުން ދެވޭ މީހުނެވެ. ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން އެ ފަރާތްތަކަށް ފައިސާ ދޫކުރެވޭނީ ސަރުކާރަށެވެ. އެހެނީ އެކަމަކީ އެކަމުގެ ފަހަތުގައި ޝަރުޢީ މަޞްލަޙަތުތަކާއި މަޤާޞިދުތަކެއްވާ ކަމަކަށްވާތީއެވެ. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، 2010، 104)
ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެކޭ ގޮތުގައި މުއައްލަފަތުލްޤުލޫބު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:
(ހ) އެބައިމީހުން އިސްލާމްދީނާމެދު ޝައުޤުވެރިކުރުމަށްޓަކައި ޒަކާތުން ދެވޭ މީހުން: މީގެ ތެރޭގައި ހިމެނެނީ އެކި އެކި ޣައިރު މުސްލިމު ޢިއްޒަތްތެރިންނާއި އެބަޔަކު އިސްލާމްވުމުގެ ސަބަބުން އިސްލާމްދީނަށް ޢިއްޒަތް ލިބިގެންދާ ފަދަ މީހުންނެވެ. ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް،2010، 104).
(ށ) އަލަށް އިސްލާމްވާ މީހުން: އަލަށްއިސްލާމްވާ މީހުންނަށް ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން ހޭދަކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ. އެއީ އެބައިމީހުންނަށް އިސްލާމްދީން އުނގަންނައި ދިނުމަށާއި ޢަޤީދާ ބިނާކުރުމަށާއި ތަރުބިޔަތު ދިނުމުގެ މަޤުޞަދުގައެވެ. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް،2010، 104).
(ރ) އިސްލާމްދީން ދިފާޢު ކުރާ ފަރާތްތަށް: އިސްލާމްދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން ޚަރަދުކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް،2010، 104).
ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެކޭ ގޮތުގައި މުއައްލަފަތުލްޤުލޫބުގެ ބައިން ޚަރަދު ކުރުމުގައި މުހިންމު ކަންތައްތަކެއް ރިޢާޔަ ތްކުރަން ޖެހެއެވެ. އެކަންކަމުގެ ތެރޭގައި ޝަރުޢީ މަޤުޞަދުތަށް ޙާޞިލްކުރެވޭނެ ފަދަ ގޮތަކަށް ޚަރަދު ކުރުމާއި މުއައްލަފަތުލްޤުލޫބުގެ ބަޔަށް އެޅޭ ޕަސެންޓް މެދުމިން އުޞޫލެއްގައި ބެހެއްޓުމާއި އިސްލާމްދީނާ މެދު ޢަދާވާތްތެރިކަން ބޮޑު ފަރާތްތަކަށް ޚަރަދު ނުކުރުން ހިމެނެއެވެ. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް،2010، 104).
އިސްވެ ބަޔާންވެ ދިޔަ ބައިތަކުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢަމަލު ކުރަނީ ދެވަނަ ބަޔަށް އެކަންޏެވެ. އެއީ އަލަށް އިސްލާމްވާ މީހުންގެ ބައެވެ. މިގޮތުން އުޞޫލެއްގެ ދަށުން ދިވެހިރާއްޖޭގައި ތިބެ އަލަށް އިސްލާމްވާ ފަރާތްތަކަށް މާލީ ގޮތުން ޒަކާތު ފަނޑުން އެހީތެރިކަން ދެވެއެވެ. އެއީ އެފަރާތްތަކަށް މެދުވެރިވާ އިޖުތިމާޢީ ދަތިތައް ޙައްލުކުރުމުގެ މަޤުޞަދުގައެވެ. (މ.އއ. ޒަކާތުގެ އުޞޫލު،2001).
ޢަމަލު ކުރަން ފެންނަ ގޮތް
ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބަޔާމެދު ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ގޮތާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ޢަމަލުކުރައްވާފައިވާގޮތާއި ޚަލީފާއިންނާއި އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުތަކަށް ބަލައި ދަލީލުތަކަށް ނަޒަރު ހިންގުމަށް ފަހު، އަޅުގަނޑު ދެކެނީ މުއައްލަފަތުލްޤުލޫބުގެ ބައި މަންސޫޚު ނުވެ ދެމި އޮތް ކަމަށެވެ. އަދި މި ރައުޔަށް އިމާމުލްޤާޟީ އަބޫބަކުރު އިބުނުލްޢަރަބީގެ ރައުޔުން ބާރު ލިބިދެއެވެ. އެކަލޭގެފާނުގެ ރައުޔުގައި ބަޔާންވެގެންވާ ގޮތުން އިސްލާމީ ދައުލަތަށް ފެންނަ ހިނދެއްގައި މުއައްލަފަތުލްޤުލޫބްގެ ބަޔަށް ޢަމަލު ކުރެވިދާނެއެވެ. އަދި އިސްލާމްދީން ވަރުގަދަވެ އިސްލާމްދީނަށާއި ދައުލަތަށް ގަދަކަން ލިބިގެންވާ ޙާލަތުގައި އެބަޔަށް ޢަމަލުކުރުން ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. އަޅުގަނޑު ދެކޭގޮތުގައި އިމާމު އިބުނުލްޢަރަބީގެ މިރައުޔަކީ ވަރަށް ހަރުދަނާ ރައުޔެކެވެ. އަދި ހުރިހާ ޒަމާނެއްގައި ވެސް ޢަމަލުކުރެވިދާނެފަދަ ރައުޔެކެވެ.
މުއްލަފަތުލްޤުލޫބުގެ ބައި މަންސޫޚުނުވެ ދެމިއޮތްކަމުގައި އަޅުގަނޑުމެން ދެކޭ ހިނދު މިޒަމާނުގައި މިބަޔަށް ޢަމަލުކުރުމުގެ ފިޤުހީ ފަލްސަފާއަކީ ކޮބައިތޯއެވެ؟
މިއީ މުހިންމު ސުވާލެކެވެ. މި ސުވާލުގެ ޖަވާބު މިޒަމާނުގެ އިސްލާމީ ދައުލަތްތަކާއި މުޖުތަމަޢުތަކާއި ޤައުމުތަކުގެ އަދުގެ ޙާލަތުން ސާފުކޮށް ބަޔާންކުރެއެވެ. އިސްލާމްދީނާއި މުސްލިމުންނާއި އިސްލާމީ ޤައުމުތަކަށް މިއަށް ވުރެން ވަކިން ގޮންޖެހުން ބޮޑު ޒަމާނެއް އުންމަތުގެ ޙަޟާރަތާއި ތާރީޚުގައި އައިސްފައިވޭ ހެއްޔެވެ؟ ފުރާތު ކޯރު ލެއަށް ބަދަލު، އަލްމަސްޖިދުލްއަޤުޞާ އަޅުވެތިކަމުގެ ދަށަށް ގޮސް އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ލޭގެ ކޯރުތައް ދެމިގެން ގޮސް، މުސްލިމު އެތައް އުޚުތުންނެއް ނިކަމެތިވެ، މުސްކުޅިންނާއި ކުޑަކުދިންނާއި ޒުވާނުން ބިކަވެ، އިސްލާމްދީނަކީ ޓެރަރިޒަމްގެ ދީނެއްކަމުގައި ތުހުމަތުކޮށް މީސްތަކުންގެ ހިތްތަކުގައި ދީނާ މެދު ބިރުވެރިކަންވަނީ އުފައްދާފައެވެ.
ފިކުރީ ހަނގުރާމައިގެ ވަކިތަކުން އިސްލާމީ މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ދައުލަތްތަކުން އެކަށީގެންވާ ބަޖެޓް ނުލިބޭއިރު، މާތް ﷲ އެކަލާނގެ ދީނާއި ޢަޤީދާއާއި އަޅުން ސަލާމަތްކުރުމަށް ކަނޑައަޅުއްވާފައިވާ ޒަކާތުގެ މާލީ ނިޒާމުން ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. އިސްވެ ހުށަހެޅުނު ސުވާލުގެ ޖަވާބުގައި ދެންނެވޭނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި މުއައްލަފަތުލްޤުލޫބުގެ ބައި ހިމެނިފައިވަނީ އިސްލާމްދީނާއި ދައުލަތުގެ އެންމެ މަތީ ޢާއްމު މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ގޮތުން ކަމުން އެބަޔަށް ޚަރަދުކުރުމުގައި ޙާޞިލްކުރެވޭ ޝަރުޢީ މަޤުޞަދުތަކެއްވެއެވެ. އެ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ހުރިހާ ޒަމާނެއްގައި ވެސް އެބައިން ޚަރަދު ކުރެވޭނެކަމީ ކަށަވަރުކަމެކެވެ. އެއީ ކީރިތި ރަސޫލާގެ ޒަމާނަށް ޚާއްޞަ ކަމެއްނޫނެވެ. އިސްލާމީ ރިސާލަތަކީ ހުރިހާޒަމާނަކަށް ލައްވާފައިވާ ރިސާލަތެކެވެ. މިހެންކަމުން މިޒަމާނުގައި ވެސް އިސްލާމްދީނާއި އިސްލާމީ ޤައުމުތަކުގެ މަޞްލަޙަތަށްޓަކައި މުއައްލަފަތުލްޤުލޫބުގެ ބައިން މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ވެސް ޚަރަދު ކުރެވޭނެ ކަމުގައި އަޅުގަނޑު ދެކެމެވެ.
މުސްލިމު މައިނޯރިޓީތަކަށް އެހީވުމަށް ވެސް ޚަރަދުކުރުން ޖާއިޒުވެގެން ފަދައިން އިސްލާމްދީނާ މެދު ޝައުޤުވެރިކުރުވުމަށްޓަކައި ޣައިރު މުސްލިމު މައިނޯރިޓީތަކަށް ވެސް ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން ޚަރަދު ކުރުން ޖާއިޒުވެގެންވާ ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އިސްލާމްދީން ދިފާޢުކުރުމަށްޓަކައި މީޑިއާ އަށް ޚަރަދުކުރުންވެސް ޖާއިޒުވެގެންވާ ކަމުގައި ދެކެމެވެ. ( އަލްޤަރަޟާވީ، 2، 620).
ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން މިޒަމާނުގައި ޢަމަލުކުރެވިދާނެ ގޮތްތަކުގެތެރޭގައި އަންނަނިވި ފަދަ ގޮތްތައް ހިމެނިދާނެއެވެ. (މުޙްޔިއްދީން، 26)
• އިންސާނީ ކާރިސާތައް މެދުވެރިވެފައިވާ ޣައިރު މުސްލިމު މުޖުތަމަޢުތަކާއި، ޤައުމުތަކާއި އެތަންތަނުގެ ޤަބީލާތަކާއި ވެރިންނަށް ޒަކާތުގެ ފަންޑުގެ މުއައްލަފަތުލްޤުލޫބުގެ ބައިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިއުން.
• މުސްލިމުންގެ މުޖްތަމަޢުތަކަށް ކުރިމަތިވެފައިވާ ކާރިސާތަކުން ސަލާމަތްކުރުމުގައި ވަކާލާތުކުރާ މަތިން، ބައިނަލްއަޤުވާމީ ޣައިރު މުސްލިމު މުއައްސަސާތަކުގައި މަސައްކަތްކުރާ އިސް ފަރާތްތަކަށް އެހީތެރިކަން ދިނުން.
• މުސްލިމުންނާއި އިސްލާމްދީނުގެ ޙަޤީޤީ ރިވެތި ޞޫރަ ދުނިޔެއަށް ހާމަކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގެ މީޑިޔާތަކާއި ނޫސްވެރިން މެދުވެރިކޮށް ކުރެވޭ ކަންކަމުގައި ޒަކާތު ފަންޑުން ޚަރަދުކުރުން.
• މުސްލިމުންނާއި އިސްލާމްދީނުގެ ޙަޤީޤީ ރިވެތި ޞޫރައަށް އުނިކަން އަންނަ ގޮތައް މީޑިއާތަކުން ހާމަކުރާ ކަންކަން ހުއްޓުމަށް ނުވަތަ އެފަދަ ކަންކަން ކުޑަ ކުރުމަށް މީޑިޔާތަކަށް ޚަރަދު ކުރުން.
• އިސްލާމްދީނާއި މުސްލިމުންނާއި އިސްލާމީ ޤައުމުގެ މަޞްލަޙަތު އޮތް ކޮންމެ ކަމެއްގައި ޚަރަދުކުރުން.
• އަވަށްޓެރި ޣައިރު މުސްލިމު ޤައުމުތަކުގެ ރައްޔިތުންނަށް ދިމާވާ ދަތިކަންކަން ޙައްލުކޮށްދިނުމުގައި ޒަކާތު ފަންޑުން އެހީވުން.
އިސްވެ ދެންނެވި ކަންކަމުގެ އިތުރުންވެސް އެކަމެއްގައި އިސްލާމްދީނާއި މުސްލިމުންނާއި ދައުލަތުގެ މަޞްލަޙަތު އޮތްކަމަށް ސަރުކާރަށް ފެންނަ ކަންކަމުގައި ޒަކާތު ފަނޑުގެ މުއައްލަފަތުލްޤުލޫބުގެ ބައިން ޚަރަދުކުރުމަކީ ޖާއިޒުވެގެންވާ ކަމެއްކަމުގައި ދެކެމެވެ. އަޅުގަނޑުގެ ރައުޔު ބިނާކޮށްފައިވަނީ ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައި މިޒަމާނުގައި ޕްރެކްޓިސްކުރާނެ ގޮތުގެ މައްޗަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ދިރާސާތަކާއި [އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ] (http://www.iifa-aifi.org/2261.html) ޤަރާރު (3/18/ 163) ގެ މައްޗަށެވެ.
ރިކޮމެންޑޭޝަން
ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބައިން ޚަރަދުކުރުމަށްޓަކައި އަންނަނިވިކަންކަން ރިކޮމެންޑްކުރަމެވެ.
• ޒަކާތުގެ މުއައްލަފަތުލްޤުލޫބުގެ ބަޔަށް މިޒަމާނުގައި ޢަމަލުކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އޯއައިސީގެ އިންޓަނޭޝަނަލްއިސްލާމިކް ފިޤުހުއެކަޑަމީގެ ޤަރާރު (3/18/ 163)ގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގެ ޒަކާތު ފަނޑުން ޚަރަދުކުރުން.
• އިސްލާމްދީނުގެ ރިވެތި ޞޫރަ ދުނިޔެއަށް ހާމަކުރުމަށްޓަކައި އެކި ބަސްބަހުން ހިންގާ ބައިނަލްއަޤުވާމީ މަޝްހޫރު މީޑިޔާތަކުން ފުރުޞަތު ހޯދުމަށް ޚަރަދުކުރުމާއި އެފަދަ މީޑިޔާތަކުން ގެނެސްދިއުމަށްޓަކައި ޕްރޮގްރާމްތައް އުފެއްދުމަށް ޚަރަދުކުރުން.
• އިސްލާމްދީނާ ޢަދާވާތްތެރި ބާރުތަކުން ކީރިތި ރަސޫލާގެ ޝަޚުޞިއްޔަތަށް ކުރިމަތިކޮށްފައިވާ ގޮންޖެހުންތަކުން އެކަލޭގެފާނުގެ މާތް ޝަޚުޞިއްޔަތު ދިފާޢުކޮށް، އިތުރުއެކަލޭގެފާނުގެ އަޚުލާޤިއްޔާތު ދުނިޔެއަށް ޢާއްމުކޮށް ފެތުރުމަށްޓަކައި ދިވެހި ރާއްޖޭގެ މީޑިޔާތަކުން ވަގުތު ގަތުމަށާއި އެމަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް ޚަރަދުކުރުން.
• ދިވެހިރާއްޖޭގައި ތިބެ އަލަށް އިސްލާމްވާ މީހުންނަށް ފުޅާދާއިރާއެއްގައި އެހީތެރިވެ ދީން އުނގަންނައި ދިނުމަށް ޚަރަދުކުރުން.
• ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށް ދިމާވާ އިންސާނީ އެކި އެކި ޙާލަތްތަކުގައި އެހީތެރިކަން ދިނުން.