މުދަލު ޒަކާތުގެ ބެހެނިވެރިންގެ ފިޤުހީ ފަސްމަންޒަރާއި އެއާ ގުޅޭ މިޒަމާނުގެ ފިޤުހީ ނަޒަރިއްޔާތަކާއި ފަލްސަފާގެ މައްޗަށް ސިލްސިލާކޮށް ލިޔަމުން ދާ މަޒްމޫނުތަކުގައި ފަޤީރުންނާއި މިސްކީނުން ނާއި ޒަކާތުގެ ޢާމިލުން ނާއި މުއައްލަފަތުލްޤުލޫބު ނުވަތަ ހިތްތައް އެކުވެރިކުރައްވާ މީހުން އާއި އަޅުން މިނިވަންކުރުމާއި ދަރަނިވެރިން ނާއި ބެހޭ ގޮތުން އިސްވެދިޔަ މަޒްމޫނު ތަކުގައި ވާނީ ވާހަކަ ދައްކާފައެވެ.
މުދަލު ޒަކާތް ބެހުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ޖުމުލަ އަށް ދާއިރާއަކަށެވެ. އެއީ ފަޤީރުންނާއި މިސްކީނުންށާއި ޒަކާތުގެ ޢާމިލުންނަށާއި މުއައްލަފަތުލްޤުލޫބު (ހިތްތައްއެކުވެރިކުރައްވާ މީހުންނަށާއި) އަޅުން މިނިވަންކުރުމަށާއި، ދަރަނިވެރިންނަށާއި ﷲގެ މަގުގައި ކުރެވޭ ކަންކަމަށާއި ޙާލުގައި ޖެހިފައިވާ ދަތުރުވެރިންނަށާއި މި އަށް ދާއިރާއަށެވެ. މި ފަހަރު އަލިއަޅުވަނީ "ފީސަބީލިﷲ"( ﷲގެ މަގުގައި ކުރެވޭ ކަންކަމު) ގެ ދާއިރާއަށެވެ. އެއީ ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ހަތްވަނަ ދާއިރާއެވެ.
އިސްލާމްދީނުގެ އެންމެ މަތިވެރި ފަސްމަޤުޞަދުގެ ތެރޭގައި ހިމެނޭ ފުރަތަމަ މަޤުޞަދަކީ ތައުޙީދުގެ ކަލިމަފުޅު މަތިވެރިކުރުމެވެ. އިސްލާމްދީން ޙިމާޔަތްކުރުމެވެ. ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ޚާއްޞަ ބައެއް ( ފީ ސަބީލިﷲ )ގެ ގޮތުގައި ކަނޑައެޅިފައިވެއެވެ. ފީސަބީލިﷲ އަށް ބައެއް ކަނޑައެޅިފައިވުމުގެ އެންމެ ބޮޑު ޙިކުމަތަކީ އިސްލާމް ދީން މަތިވެރިކުރުމެވެ. ޒަކާތުގެ އަށް ބަޔަކީ ވެސް ﷲ ލޯބިވެވޮޑިގެންވާ ބައިތަކެވެ. ނަމަވެސް އެ ހުރިހާ ބައެއްގެ ތެރެއިންވެސް ފީސަބީލިﷲ އަށް ވަކި ބައެއް ޚާއްޞަކުރައްވައި ކަނޑައަޅުއްވާފައިވަނީ އިސްލާމްދީނާއި އިސްލާމީ ޢަޤީދާ ޙިމާޔަތްކޮށް މަތިވެރިކުރުމުގެ މުހިންމުކަން ބޮޑުކަމުން ކަމުގައި ބެލެވެއެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ ( 60) ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. (ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.)
ފީސަބީލިﷲ ގެ ލޮޣަވީ އަދި ފިޤުހީ މަފްހޫމް
ފީސަބީލިﷲ އަކީ ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ހަތްވަނަ ބައެވެ. ފީސަބީލިﷲގެ ލޮޣަވީ އަދި ފިޤުހީ މަފްހޫމާ މެދު ޢިލްމުވެރިން ބަޙުޘް ކުރައްވާފައި ވެއެވެ. ލޮޣަވީ ގޮތުން (سَبِيْل ) ގެ މާނައަކީ ( މަގު) އެވެ. (سَبِيْلُ اللهِ )ގެ މާނައަކީ އިޢުތިޤާދުގައްޔާއި ޢަމަލުގައި ﷲ ގެ ރުހިވޮޑިގަތުމަށް ވާޞިލުކޮށްދޭ މަގެވެ.( އަލްޤަރަޟާވީ، 647,2,2004)
ޢަރަބި ބަހުގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމުގައިވާ އަލްއިމާމު އަލްޢައްލާމާ އިބުނުލްއަޘީރު ވިދާޅުވެފައިވެއެވެ. ސަބީލުގެ މާނައަކީ ( މަގު) އެވެ. ( ފީ ސަބީލިﷲ) ޢާއްމުކޮށް ބޭނުން ކުރެވެނީ ﷲގެ ވަޖުހުފުޅު އެދިގެން އަދާ ކުރެވޭ ހެޔޮ ޢަމަލުތަކަށެވެ. އޭގެ ތެރޭގައި ފަރުޟު ކަންކަމާއި ސުންނަތް ކަންކަމާއި އެހެނިހެން ހެޔޮ އަމަލުތައް ހިމެނެއެވެ. ނަމަވެސް (ފީސަބީލިﷲ) ބުނެވިއްޖެނަމަ ގިނަފަރު ބޭނުންކުރެވެނީ ﷲގެ މަގުގައި ޖިހާދު ކުރުމަށެވެ. އެގޮތައް ބޭނުންކުރުން ގިނަވެގެން ގޮސް އެންމެ ފަހުން އެ އިޞްޠިލާޙަކީ ﷲގެ މަގުގައި ޖިހާދު ކުރުމަށް ބޭނުންކުރެވޭ އިޞްޠިލާޙަކަށްވަނީ ވެފައެވެ. (އިބްނުލްއަޘީރު، 846,2,1979)
އަލްއިމާމު އިބުނުލްއަޘީރުގެ އިސްވެ ދިޔަ ވާހަކަފުޅުން އަޅުގަނޑުމެންނަށް (ފީސަބީލިﷲ ) ގެ މަފްހޫމާ މެދު ދެކަމެއް ފާހަނގަވެއެވެ.
(ހ) ﷲގެ ވަޖުހުފުޅު އެދިގެން ކުރެވޭ އެންމެހާ ހެޔޮކަމެއް ފީސަބީލިﷲގެ ތެރެއަށް ވަންނާނެކަމެވެ.
(ށ) ގިނަ ފަހަރު ފީސަބީލިﷲ ބޭނުންކުރެވިފައިވަނީ ( ﷲގެ މަގުގައި ޖިހާދު ) ކުރުމަށް ކަމަށެވެ.
ފީސަބީލިﷲގެ ދާއިރާ
މުފައްސިރުންނާއި މުޙައްދިޘުންނާއި ފިޤުހުވެރިންގެ ތެރެއިން ޖުމުހޫރު ދަންނަބޭކަލުންގެ ނަޒަރުގައި ފީސަބީލިﷲގެ ދާއިރާއަކީ ﷲގެ މަގުގައި ޖިހާދުކުރުމެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ފީސަބީލިﷲގެ މުރާދަކީ ( ގެފުޅަށް ޙައްޖުވުން) ކަމުގައެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ ﷲގެ ރުހިވޮޑިގަތުން ލިބޭ އެންމެހާ ޢަމަލެއް ފީ ސަބީލިﷲގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އެގޮތުން ޖިހާދުކުރުމާއި ޙައްޖާއި ޢުމްރާ ވެސް ހިމެނޭނެއެވެ. މިޒަމާނުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފީސަބީލިﷲގެ ތެރެއަށް ޢާއްމު މަޞްލަޙަތު ހިމެނޭ ހުރިހާ ހެޔޮކަމެއް ވަންނާނެއެވެ. (އަލްޚާލިދީ،25,4,1998 )
ޢިލްމުވެރިންގެ އިސްވެ ދިޔަ ބަސްފުޅުތަކަށް ނަޒަރު ހިންގާލާއިރު ފީސަބީލިﷲގެ ޝަރުޢީ މަފްހޫމާއި މަޤުޞަދާ މެދު ފިޤުހުވެރިންގެ މަޒުހަބުތަކެއްވެއެވެ. އެއީ:
(ހ) އާޔަތުގައި ބަޔާންވެގެންވާ ފީސަބީލިﷲގެ ދާއިރާއަކީ ﷲގެ މަގުގައި ޖިހާދުކުރުމާއި މުޖާހިދުން ބޭނުންވާ ވަސީލަތްތަކާއި ހަތިޔާރު ހޯދައި ދިނުމެވެ. އެއީ ކީރިތި ޤުރުއާނުގައި މައިގަނޑު ގޮތެއްގައި ފީސަބީލިﷲ ބޭނުންކުރެވިފައިވަނީ ﷲގެ މަގުގައި ހަނގުރާމަކޮށް ޖިހާދުކުރުމަށް ކަމުގައިވާތީއެވެ. މިއީ ޙަނަފީ މަޒުހަބާއި( އިބުނު ޢާބިދީން، 289,3,1994 ) މާލިކީ މަޒުހަބާއި (އައްޒުޙައިލީ، 874,2,1998 ) ޝާފިޢީ މަޒްހަބާއި ( އައްނަވަވީ، 321,2,1991 ) ޙަންބަލީ މަޒްހަބާއި (އައްދުރައިވީޝް، 48-47,10,1997 ) ރައުޔެވެ. އަދި އެއީ މުފައްސިރުންގެ ތެރެއިން އައްޠަބަރީއާއި( އިބްނު ކަޘީރު365,2,2000 ) އަލްޤުރުޠުބީއާއި ( އަލްޤުރްޠުބީ، 2358,4,2003 ) އަލްބައިޟާވީއާއި އެހެނިހެން ބޭކަލުންގެ ރައުޔެވެ. އަދި ޙަދީޘް ޢިލްމު ޝަރަޙަކުރައްވާފައިވާ ބޭފުޅުންގެ ރައުޔަކީ ވެސް އެއީއެވެ. މިގޮތުން ފަތުޙުލްބާރީއާއި ޢައުނުލްމަޢުބޫދާއި އަލްމުންތަޤާ ގައި ވެސް އެގޮތައް ބަޔާންވެގެންވެއެވެ.މިއީ ސަޢޫދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖްލީހުގެ ރައުޔުވެސް މެއެވެ. (އައްދުރައިވީޝް، 48-47,10,1997 ) ބައެއް ބޭކަލުން ޖިހާދުގެ ތެރެއަށް ގެފުޅަށް ޙައްޖުވުމުގެ ވާހަކަ އިތުރު ކުރައްވައެވެ.
(ށ) ފީސަބީލިﷲގެ މުރާދަކީ ގެފުޅަށް ޙައްޖުވުމެވެ. މިއީ އިބްނު އައްބާސްއާއި އިބުނު ޢުމަރުގެ އަރިހުން ރިވާވެގެންވާ ގޮތެވެ. ޙަންބަލީ މަޒުހަބުގެ ބައެއް ދަންނަބޭކަލުންގެ ރައުޔަކީ އެއީއެވެ. އަދި ޙަނަފީ މަޒުހަބުގެ ދަންނަބޭކަލުންގެ ތެރެއިން އިމާމު މުޙައްމަދުގެ ރައުޔަކީ ވެސް އެއީއެވެ. ( އަލްކާސާނީ، 493,2,2004)
(ނ) ފީސަބީލިﷲގެ ދާއިރާއަކީ ހުރިހާ ހެޔޮ ކަމެކެވެ. ﷲގެ ރުހިވޮޑިގަތުން ހިމެނޭ ކޮންމެ ކަމެއްގައި އެބަޔަކު ބޭނުންޖެހިފައިވާ ނަމަ ފީސަބީލިﷲގެ ތެރެއަށް ވަންނާނެއެވެ. މިއީ ޙަނަފީ މަޒުހަބުގެ ދަންނަބޭކަލުންގެ ތެރެއިން އިމާމު އަލްކާސާނީ ގެ ރައުޔެވެ. ( އަލްކާސާނީ، 493,2,2004) މިޒަމާނުގެ ބައެއް ޢިލްމުވެރިން މި ރައުޔަށް ބުރަވެވަޑައިގަންނަވައެވެ. ސަބަބީ ޤުރުއާނުން ނުވަތަ ސުންނަތުން ފީސަބީލިﷲ އަކީ ވަކި ޚާއްޞަ ކަމެއްކަމުގައި ކަނޑައެޅިގެން ޞަރީޙަކޮށް ބަޔާންވެފައިނެތުމެވެ.
(ރ) ބައެއް ޢިލްމުވެރިން ބަޔާންކުރައްވަނީ ފީސަބީލިﷲގެ ދާއިރާއަކީ ހަމަ އެކަނި ﷲގެ މަގުގައި ކުރެވޭ ޖިހާދެވެ. ނަމަވެސް އެއިގެތެރެއަށް މިޒަމާނުގައި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގޭ ފިކުރީ އަދި ޘަޤާފީ ހަނގުރާމަތަކާ ކުރިމަތިލުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކަންކަން ހުއްޓުވުމަށް ކުރެވޭ ކަންކަން ވެސް ވަންނާނެކަމުގައެވެ. އެހެނީ ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ކުރެވޭ ކަންކަން ޖިހާދުގެ މަފްހޫމުގެ ތެރެއަށް ވަންނާނެތީއެވެ. ( އަލްޤަރަޟާވީ، 669,635,2,2006
(ބ) ފީސަބީލިﷲގެ ދާއިރާއަކީ އިސްލާމްދީން ވަރުގަދަ ކުރުމެވެ. އެއީ މައިދާނުގައި ޖިހާދުކުރުންކަމުގައި ވިޔަސް ނުވަތަ ފިކުރީ ގޮތުންނާއި ޘަޤާފީ ގޮތުން އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކަންކަމާ ފިކުރީ ގޮތުން ކުރިމަތިލުން ކަމުގައި ވިޔަސްމެއެވެ. (ޢުމަރު އަބްދުލްޙަލީމް، 26,2001)
ފީސަބީﷲގެ ދާއިރާއާ ބެހޭ ގޮތުން ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ރައުޔުތަކަށް ރިޢާޔަތްކޮށް އަޅުގަނޑު ދަންނަވާނީ ފީސަބީލިﷲ އަކީ ހަމަ އެކަނި މައިދާނަށް ގޮސް ހަތިޔާރު ހިފައިގެން ޖިހާދުކުރުމެއްނޫންކަމެވެ. ޝަރުޢީ ހަމަތަކުގެ މަތިން އިސްލާމީ އުޞޫލުތަކުގެ ދަށުން އިސްލާމްދީން މަތިވެރިކުރުމަށް ކުރެވޭ ކޮންމެ ކަމެއް ފީސަބީލިﷲ ގެ ތެރެއަށް ވަންނާނެ ކަމަށް އަޅުގަނޑު ދެކެމެވެ. ފީސަބީލިﷲގެ މަފްހޫމާ މެދު ޢިލްމުވެރިންގެ މެދުގައި ބަހުޘްކުރެވިފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތުގައި ފީސަބީލިﷲ އެކި އެކި މަޤާމުތަކުގައި އެކި ގޮތައް ބޭނުންކުރެވިފައިވާތީއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގައި ފީސަބީލިﷲ ބޭނުންކުރެވިފައިވާ މާނައިގެ ތެރޭގައި ޖިހާދުކުރުމާއި ހަނގުރާމަކުރުމާއި ހޭދަކުރުމާއި، ﷲގެ މަގުގައި ހިޖުރަކުރުމާއި ޙައްޖު ކުރުމާއި މިފަދަ ތަފާތު މާނައިގައި ބޭނުންކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގައި ޢަމަލުކުރާ ގޮތް
ދިވެހިރާއްޖޭގެ ޒަކާތުގެ ތާރީޚަށް ބަލައިލާއިރު ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ފީސަބީލިﷲ އަށް ބައެއް އަޅާކަން އެނގެން އެބަ އޮތެވެ. މިސާލަކަށް (1984-1983 ) ގައި ޒަކާތް ބެހިގޮތުގެ ރިޕޯޓްތަކުން އެކަން ފެންނަން އެބަ އޮތެވެ. ފީސަބީލިﷲ ބައި އެދުވަސްވަރު ބަހަމުން އައީ މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ކިޔަވާކުދިންނާއި ތަޢުލީމީ ކަންކަކަމަށެވެ.
(2008) ގައި ޒަކާޒުގެ ބެހެނިވެރިންގެ ބައިތަކާ ބެހޭ ގޮތުން ޢިލްމީ ގޮތުން ކުރެވުނު ދިރާސާތަކަށް ފަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ފީސަބީލިﷲގެ މަފްހޫމް ފުޅާކުރިއެވެ. މިގޮތުން އަންނަނިވި ކަންކަމަށް ފީސަބީލިﷲގެ ބައިން ޚަރަދުކުރަން ނިންމިއެވެ. އެއީ އިސްލާމްދީނުގެ ކަލިމަފުޅު މަތިވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި ދެކިގެންނެވެ.
- ކީރިތި ޤުރުއާންގެ ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ޚަރަދުކުރުން.
- ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރާ ވާޢިޒުންނަށް ޚަރަދުކުރުން
- މީޑިޔާ މެދުވެރިކޮށް ކުރިއަށް ގެންދެވޭ ދީނީ ޕްރޮގްރާމްތަކަށް ޚަރަދުކުރުން.
- ފަޤީރުންނާއި މިސްކީނުންނާއި ޔަތީމްގެ ކުދިންގެ ތަޢުލީމާއި، އެކުދިންގެ މަތީ ތަޢިލީމަށް ޚަރަދުކުރުން.
- ޚުޠުބާ ލިޔާ ފަރާތްތަކަށް އުޖޫރަ ދިނުން.
- މިސްކިތްތަކުގެ އިމާމުން ތަމްރީނު ކުރުން.
- ޤުރުއާން ހިތު ދަސްކުރުމުގައި ހިއްވަރު ދިނުމަށް ޚަރަދު ކުރުން.
- ސްކޫލްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ފުރިހަމަ ކުރުމަށް.
މިއިން ދޭހަކޮށްދެނީ ފީސަބީލިﷲ ގެ މަފްހޫމަށް ތަނަވަސްގޮތެއްގައި ރާއްޖޭގައި ޢަމަލުކޮށްފައިވާ ކަމެވެ. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، 3،2001) އެގޮތައް ޢަމަލު ކުރުމަށް ނިންމީ އެކަންކަމަށް ދައުލަތުން ޚަރަދު ކުރުމުގައި ބަޖެޓް ނުލިބުމުގައި ދަތިތައް މެދުވެރިވެގެންނެވެ.
ފީސަބީލިﷲ އަށް ޢަމަލުކުރުމަށް ފެންނަ ގޮތް
އިސްލާމީ ނަޒަރަކުން ބަލާއިރު ދީނުގެ ދިފާޢުގައި ޖިހާދުކުރުމުގެ މާނައަކީ ވަރަށް ފުޅާ މާނައެކެވެ. ޖިހާދުގެ ލޮޣަވީ މަފްހޫމަކީ ކަމެއްގައި ގަދަ އަޅައި މަސައްކަތްކުރުމެވެ. އެހެންކަމުން ދީނުގެ ދިފާޢުގައި ޖިހާދުކުރުން އެއީ ހަމަ އެކަނި ހަތިޔާރު ބޭނުންކޮށްގެން މައިދާނުގައި ދުޝްމަނުންނާ ދެކޮޅަށް އެކަނި ކުރެ ކަމެއްގެ ގޮތުގައި މާނަކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކެމެވެ. ޖިހާދުކުރުމަކީ ހަމަ އެކަނި ކަނޑިބަޑިން ކުރެވޭކަމެއްގެ ގޮތުގައި ކަނޑައެޅިގެން ނުވާނެއެވެ. ޖިހާދުގެ މާނަ އެއަށް ވުރެ ފުޅާ ވާންޖެހެއެވެ. ދީނާއި ޤައުމުގެ ދިފާޢުގައި ކުރެވޭ ހަނގުރާމައަކީ ވެސް ޖިހާދެކެވެ. ޖިހާދުގެ ތެރޭގައި އަމިއްލަ ނަފްސާ ޖިހާދުކުރުން ވެސް ހިމެނެއެވެ. އެއީ ހެޔޮ ކަންކަމުގައި ޘާބިތުވެ ހުރުމަށް ގަދަ އަޅައި މަސައްކަތްކުރުމެވެ. ހަމަ އެމަގުން ދީނުގެ ދިފާޢުގައި ދުލާއި ޤަލަމުން ވެސް ޖިހާދު ކުރެވޭނެއެވެ. ޢިލްމާއި ފިކުރާ ޘަޤާފަތް ފަތުރައި ދެމެހެއްޓުމަކީ ވެސް ޖިހާދުގެ ތެރެއިން ވާނެ ކަންކަމެވެ. އިސްލާމީ ދަޢުވަތު ފެތުރުމަކީ ވެސް ޖިހާދެކެވެ.
ކޮންމެ ގޮތަކުން ބެލި ނަމަވެސް މިޒަނާނުގައި އިސްލާމްދީނަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އެއިގެ ތެރޭގައި އިސްލާމީ މުޖްތަމަޢުތަކަށް ކުރިމަތިކޮށްފައިވާ ފިކުރީ އަދި ޘަޤާފީ ގޮންޖެހުންތަށް ވެސް ހިމެނެއެވެ. އަދި އިސްލާމީ އުންމަތާ މިއަދު ކުރެވެމުންދާ އެންމެ ބޮޑު ހަނގުރާމައަކީ ފިކުރީ ހަނގުރާމައެވެ. އިސްލާމީ މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް ފުރިހަމަ މާނައިގައި ޚަރަދުކުރުމަށް އެކަށީގެންވާ ބަޖެޓެއް ނުލިބެއެވެ. އެ ފަދަ ޙާލަތުގައި އިސްލާމްދީން ބަލިކަށި ވެގެން ދިޔަ ދީގެން ނުވާނެއެވެ. މާތް ﷲ ވަނީ އެކަލާނގެ ދީން ޙިމާޔަތްކުރުމަށް ވަޢުދުވެވޮޑިގެންފައެވެ. އަދި އެކަމަށް ޚަރަދުކުރެވޭނެ ގޮތް ވެސް އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިންވަނީ ކަނޑައަޅުއްވާފައެވެ. އެއީ މުދަލު ޒަކާތުގެ ފީސަބީލިﷲ ބައެވެ. މިހެންކަމުން އަޅުގަނޑުގެ ނަޒަރުގައި މި ޒަމާނުގައި ފީސަބީލިﷲގެ މާނައަށް އަށް ވެވެން އޮތް އެންމެ ތަނަވަސް ގޮތުގައި ޢަމަލު ކުރެވިދާނެއެވެ.
އިސްލާމްދީނާއި އިސްލާމީ ޘަޤާފަތާއި މުސްލިމު ޒުވާނުންނާއި އިސްލާމީ ޤައުމުތަކާއި އިސްލާމީ މުޖުތަމަޢުތަށް ސަލާމަތްކުރުމަށް ނުވަތަ ދިފާޢުކުރުމަށް ކުރެވޭ ކޮންމެ ކަމެއް ފީސަބީލިﷲގެ ތެރެއަށް ވަންނަނާނެކަމަށް ދެކެމެވެ. މިގޮތުން އަންނަނިވި ކަންކަމާއި އެފަދަ މާނައިގައި ކުރެވޭ ކަންކަމަށް ފީސަބީލިﷲ ބައިން ޚަރަދުކުރެވިދާނެ ކަމުގައި ދެކެމެވެ. މިގޮތައް ދެކެނީ ޒަކާތުގައި ޢިލްމީ ދިރާސާ ކުރައްވާފައިވާ ބޭފުޅުންގެ ދިރާސާތަކާއި ބައިނަލްއަޤުވާމީ ފިޤުހު އެކަޑެމީތަކުގެ ނިންމުންތަކާއި ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސްގެ ނިންމުންތަކަށް ނަޒަރު ހިންގައި ބެލުމަށް ފަހުގައެވެ. ޚާއްޞަގޮތެއްގައި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ޤަރާރު އަށް ރިޢާޔަތް ކުރީމެވެ.
- އަލްމަސްޖިދުލްއަޤުޞާ މިނިވަންކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޚަރަދުކުރެވިދާނެއެވެ.
- މީޑިޔާ މެދުވެރިކޮށް އިސްލާމްދީނާ ދެކޮޅަށް ކުރެވެމުންދާ ކަންކަމަށް އަމާޒުކޮށް، ދީނުގެ ޙަޤީޤީ ތަޞައްވަރު ހާމަކުރުމަށް ޤައުމީ އަދި ބައިނަލްއަޤުވާމީ މީޑިޔާ މެދުވެރިކޮށް އިސްލާމްދީނުގެ ދިފާޢުގައި ޕްރޮގްރާމްތައް އުފެއްދުމަށް ޚަރަދު ކުރެވިދާނެއެވެ. އަދި އޮން ލައިން ނޫސް މަޖައްލާތަކުގައި ވެސް އެދައުރު އަދާކުރުމަށް ޚަރަދު ކުރެވިދާނެއެވެ.
- އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޓީވީ ޗެނަލް، ރޭޑިއޯ އުފެއްދިދާނެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރކަމުގައި އަޅުގަނޑު ހުރި ދުވަސްވަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި އިސްލާމިކް ސްޓޫޑިއޯއާއި އިސްލާމީ ޓީވީ ޗެނަލް އުފެއްދުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކެއް ޤާއިމުކުރީ ފީސަބީލިﷲ ބައިންނެވެ. ސަބަބަކީ އެހެން ޓީވީޗެނަލްތަކުން އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ވަރަށް ވަގުތު ނުލިބުމާއި މިޒަމާނުގައި ދިވެހި އިސްލާމީ މުޖްތަމަޢަށް ކުރިމަތިވަމުންދާ ދީނީ ހައްދުފަހަނައެޅުމާއި އިލްޙާދީ ފިކުރުތަކާ ފިކުރީ ގޮތުންނާއި ޢިލްމީ ގޮތުންނާއި ޘަޤާފީގޮތުން ކުރިމަތިލެވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އަމިއްލަ މީޑިޔާ ވަރުގަދަކޮށްގެންކަމުގައި ޤަބޫލު ކުރެވޭތީއެވެ. އަދި ދައުލަތުގެ އިސްލާމީ އިދާރާގެ ފަރާތުން ޢިލްމީ، ފިކުރީ، ޘަޤާފީ، އިޖުތިމާޢީ ތަފާތު ޕްރޮގްރާމްތައް އުފައްދައިގެންކަމަށް ޤަބޫލު ކުރެވޭތީއެވެ. އަދި މިނިސްޓްރީގެ އެންމެހާ ޕްރޮގްރާމެއް ރައްޔިތުންނާ ހަމަ އަށް ފުރިހަމަ ގޮތުގައި ގެނެސްދެވެން އޮތް ގޮތަކީ މިނިސްޓްރީގައި އަމިއްލަ މީޑިޔާއެއް ޤާއިމްކޮށްގެންކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެކަމަށް ދައުލަތުން ބަޖެޓް ލިބެން ނެތް ނަމަ ޒަކާތުގެ ފީސަބީލިﷲ ބައިން އެފަދަ ކަމެއް ކޮށްގެން އިސްލާމްދީން މަތިވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ލާޒިމު ކަމެއްކަމަށް ޤަބޫލު ކުރާތީއެވެ. އިސްލާމިކް ސްޓޫޑިއޯގެ ބޭނުން ކުރެވޭ ތަން ފެންނާތީ އުފާކުރަމެވެ. އަދި އިސްލާމިކް ޓިވީ ޗެނަލް އުފެއްދުމަށް އަޅުގަނޑުގެ ވަޒީރުކަމުގައި ހޯދި ޒަމާނީ ވަސީލަތްތަކަކަކީ ސިންގަޕޫރުން ގެނެވުނު ވަސީލަތްތަކެވެ. ޓިވީ ޗެނަލްގެ ބޭނުން ހެޔޮ ގޮތުގައި ކުރެވޭ ތަން ފެނިގެންދާނެކަމަށް އުންމީދު ކުރަމެވެ. ވަކި ޓީވީ އެއް މެދުވެރިކޮށް ދީނީ ކަންކަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ދައުލަތުގެ އިސްލާމީ ކަންކަމާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އެތަނުގެ އަމިއްލަ ޓީވީ ޗެނަލެއް އުފެއްދުމުގެ މަޞްލަޙަތު މާ ބޮޑު ކަމުގައި އަޅުގަނޑު ދެކެމެވެ.
- ޙައްޖާއި ޢުމްރާއަށް ދިއުމުގެ މާލީ ޤާބިލުކަން ނެތް ފަރާތްތަކަށް ކޮންމެ އަހަރަކު ވެސް ޙައްޖަށްނުވަތަ ޢުމްރާއަށް ދިއުމުގެ ފުރުޞަތު ޒަކާތުގެ ފީސަބީލިﷲ ފަނޑުން ހޯދައިދިނުން.
- އިސްލާމީ ޤައުމެއްގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަށް މުދަލުޒަކާތުގެ ފީސަބީލިﷲ ބައިން ޚަރަދު ކުރެވިދާނެއެވެ. މިގޮތުން ހަތިޔާރު ގަތުމާއި ސިފައިންނާއި ފުލުހުންނަށް ޒަމާނީ ތަމްރީނު ދިނުމާއި ރާއްޖެއިންލިބެން ނެތް ދާއިރާތަކުން ބޭރުން އަސްކާރީ ދާއިރާއާ ގުޅޭ ނުވަތަ ޢަސްކަރިއްޔާއަށް ބޭނުންޖެހިފައިވާ ތަޢުލީމު ހޯދައި ދިނުމަށް ޚަރަދު ކުރުމަކީ ޖާއިޒުވެގެންވާ ކަމެއްކަމުގައި ދެކެމެވެ. ސިފައިންނާއި ފުލުހުންނަށް ފީސަބީލިﷲ ގެ ބައިން ޚަރަދުކުރުމަކީ ޖިހާދުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިސްލާމީ ޤައުމުގެ އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކަކީ ޤައުމަށް ދުޝްމަނުން އަރައިފި ހިނދެއްގައި ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރަން ތިބޭ މުޖާހިދުންނެވެ.
- އިސްލާމީ ދަޢުވަތާއި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚަރަދު ކުރެވޭނެއެވެ.
-އިސްލާމީ ޢިލްމާއި ޚާއްޞަކޮށް ޤުރުއާނުގެ ޢިލްމުން މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދިނުމަށް ޚަރަދުކުރުން.
ރިކޮމެންޑޭޝަންސް
- ފީސަބީލިﷲގެ މަފްހޫމް ތަނަވަސްގޮތެއްގައި މިޒަމާނުގައި ބޭނުންކުރުން.
- ފީސަބީލިﷲ ބައި ހޭދަކުރެވިދާނެ ގޮތުގެ މައްޗަށް ޢިލްމީ ދިރާސާތައް ކުރުން.
- ދައުލަތުގެ ބެލުމުގެ ދަށުން މުދަލު ޒަކާތުގެ ފީސަބީލިﷲ ބައިން އިންވެސްޓްކޮށް ފަންޑު އިތުރުކުރުން.
ނޯޓް: މި މަޒްމޫނުގައި ބަޔާންވެގެންވާ ﷲގެ މަގުގައި ކުރެވޭ ޖިހާދުގެ ވާހަކައަކީ ޙައްޤުގޮތުގައި އެއްވެސް ޝުބުހައެއް ނެތްގޮތަށް އިސްލާމްދީނުގެ ކަލިމަފުޅުމަތިވެރިކުރުމަށްޓަކައި ނުވަތަ ޤައުމުގެ ދިފާޢުގައި ޤައުމެއްގެ އެންމެ މަތީ ވެރިޔާގެ އަމުރުވެރިކަމުގެ ދަށުން ކުރެވޭ ޖިހާދުގެ ވާހަކައެވެ. އެއްވެސް ޙާލެއްގައި ޙައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކުން މިޒަމާނުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ވާހަކައެއްނޫނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ސިޔާސީ ހަނގުރާމަތަކުގެ ވާހަކައެއް ވެސް ނޫނެވެ. އަދި ޖިހާދުގެ ނަމުގައި މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ ހަނގުރާމަތަކަކީ ޖިހާދެއްނޫނެވެ. އެއީ ފިތުނަތަކެވެ. ޒަކާތުގެ ފައިސާ ޙަވާލު ކުރަންޖެހޭނީ ދައުލަތާއެވެ. މުދަލު ޒަކާތް ނަގައި ބެހުމަކީ ދައުލަތުގެ ޙައްޤެކެވެ. އެއީ އަމިއްލަ އަމިއްލައަށް ކުރަން އޮންނަ ކަމެއްނޫނެވެ.