މުދަލު ޒަކާތުގެ ބެހެނިވެރިންގެ ފިޤުހީ ފަސްމަންޒަރާއި އެއާ ގުޅޭ މިޒަމާނުގެ ފިޤުހީ ނަޒަރިއްޔާތަކާއި ފަލްސަފާގެ މައްޗަށް ސިލްސިލާކޮށް ލިޔަމުން ދާ މަޒްމޫނުތަކުގައި ފަޤީރުންނާއި މިސްކީނުން ނާއި ޒަކާތުގެ ޢާމިލުން ނާއި މުއައްލަފަތުލްޤުލޫބު ނުވަތަ ހިތްތައް އެކުވެރިކުރައްވާ މީހުން އާއި އަޅުން މިނިވަންކުރުމާ ބެހޭ ގޮތުން އިސްވެދިޔަ މަޒްމޫނު ތަކުގައި ވާނީ ވާހަކަ ދައްކާފައެވެ. މުދަލު ޒަކާތް ބެހުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ޖުމުލަ އަށް ދާއިރާއަކަށެވެ.
އެއީ ފަޤީރުންނާއި މިސްކީނުންނާއި ޒަކާތުގެ ޢާމިލުންނާއި މުއައްލަފަތުލްޤުބޫ (ހިތްތައްއެކުވެރިކުރައްވާ މީހުންނާއި) އަޅުން މިނިވަންކުރުމަށާއި، ދަރަނިވެރިންނަށާއި ފީސަބީލިﷲ އަށާއި ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަށާއި މި އަށް ދާއިރާއަށެވެ. މި ފަހަރު އަލިއަޅުވަނީ "ދަރަނިވެރިން" ގެ ދާއިރާއަށެވެ. އެއީ ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ހަވަނަ ދާއިރާއެވެ.
އިންސާނެއް ވިޔަސް ޤައުމެއް ވިޔަސް ދަރަނިވެރިވެ އެކަމުގެ ސަބަބުން އޭނާގެ މައްޗަށް ނުވަތަ އެ ޤައުމެއްގެ މައްޗަށް އެހެން ބައެއްގެ ނުރަނގަޅު ނުފޫޒެއް އައުމަކީ އެތައް ގޮތަކުން ގެއްލުން ހުރި ކަމެކެވެ. ދަރަނިވެރިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ގިނަ ގިނައިން ދުޢާ ކުރައްވާފައި ވެއެވެ.
އެއީ އެކަމުގައި ހުރި ގެއްލުމާއި ނުރައްކަލުގެ ސަބަބުންކަން ކަށަވަރެވެ. ދަރަނީގެ ސަބަބުން ދަރަނިވެރިޔާ ނިކަމެތި ވެއެވެ. އޭނާގެ މައްޗަށް ފައިސާވެރިން ގަދަވެގަނެ އެވެ. ބައެއް ޙާލަތްތަކުގައި ދަރަނީގެ ސަބަބުން އިންސާނާގެ ޟަމީރު ވިއްކާލައި މާޔޫސްކަމުގެ ތެރެއަށް ވެއްޓިގެންދެވެ. ދަރަންޏަކީ އެހާ ވެސް ނުރައްކާ އެއްޗެކެވެ. މުސްލިމަކު މަރުވުމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަނީ އޭނާގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ވާނަމަ އެކަމެއް ފުއްދުމެވެ. އެއީ އެކަމުގެ ބޮޑުކަމުންނެވެ. އެއީ އާދަމުގެ ދަރީންނާ ގުޅިފައިވާ ޙައްޤަކަށްވާތީއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމުގެ ކުރިންވެސް ދަރަންޏެއްވާ ނަމަ އެ ދަރަންޏެއް އަދާ ކުރުމަށް އިސްލާމްދީން ވަނީ ބާރުއަޅާފަ އެވެ. ދަރަނީގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުން ބަރުބާދުވެފައި އެބަހުއްޓެވެ. ދައުލަތްތައް ބަގުރޫޓުވެފައި ވެސް އެބަހުއްޓެވެ. އިސްލާމްދީން އައުމުގެ ކުރިން ބައެއް ޘަޤާފަތްތަކުގައި ތަނަވަސްކަމުގެ އަހުލުވެރިން ފަޤީރުންނަށް ދަރަނިދީ ޤަސްތުގައި ދަރަނިވެރިކުރުވައެވެ. އެއީ އެމީހުންގެ މައްޗަށް ގަދަކަން ހިންގުމަށެވެ.
މިޒަމާނުގައިވެސް ދައުލަތްތަކުގެ މައްޗަށް ގަދަކަން ހިންގުމަށްޓަކައި އެ ނަޒަރިއްޔާތައް ހިނގާލެއް ވަކި މަދެއްނޫނެވެ.
ކޮންމެ ގޮތެއްވިޔަސް، އިސްލާމްދީން ބާވާލެއްވުނީ އިންސާނާއަށް ފުރިހަމަ ކަރާމަތާއި ހިތްހަމަޖެހުމާއި ބާއްޖަވެރިކަން ހޯދައިދިނުމަށެވެ. އިންސާނާއަށް މެދުވެރިވާ އެންމެހާ ނުރައްކާތަކުން އިންސާނާ ސަލާމަތްކޮށްދީ ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ހޯދައި ދިނުމަށެވެ.
މީގެ އިތުރުން މުސްލިމު މުޖުތަމަޢުގައި އުޅޭ ދަރަނިވެރިޔާގެ ދަރަނިން އޭނާ ސަލާމަތް ކޮށްދިނުމަށްޓަކައި އިސްލާމްދީނުގައި މުދަލު ޒަކާތުގެ ތެރެއިން ބައެއް ކަނޑައަޅުއްވާފައި ވެއެވެ. އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރޭގައި ހިމެނޭ މުދަލު ޒަކާތުގެ ތެރެއިން ދަރަނިވެރިޔާ އަށް ޙައްލު ހޯދައި ދިނުމުން ދޭހަވަނީ އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމަށް އިސްލާމްދީން ބާރު އަޅާ މިންވަރާއި އިސްލާމީ ޙަޟާރަތުގައި ސޯޝަލް ޕްރޮޓެކްޝަން (އިޖުތިމާޢީ ރައްކާތެރިކަމުގެ) މަބުދައުތައް ދަމަހައްޓާފައިވާ މިންވަރެވެ.
ދަރަނިވެރިންގެ ދަރަނި އަދާކޮށްދިނުމަކީ ދީނުގެ އަސާސްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްގެ ގޮތުގައި އޮތީ އިސްލާމީ ނިޒާމު ނޫން ކޮން ނިޒާމެއްގައި ތޯއެވެ؟ މިފަދަ ނިޒާމެއް ދުނިޔޭގައި އެންމެ ފުރަތަމަ ވެސް ޤާއިމުކޮށް ދިނީ އިސްލާމްދީނެވެ. އެއިގެ ސަބަބުން މުޖްތަމަޢުން މާޔޫސްކަމާއި ނުރަނގަޅު ނުފޫޒާއި ފަޤީރުކަން ނެތިވެގެން ދިޔައެވެ. އިޖްތިމާޢީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ޤާއިމު ވެގެން ދިޔައެވެ. މުޖުތަމަޢުގައި ކުލުނުވެރިކަން ޢާއްމުވެ އޯގާތެރިކަމާއި އުފާވެރިކަން ފެތުރިގެން ދިޔައެވެ.
ޒަކާތް ބެހެނިވެރިންގެ ތެރެއިން ހިމެނޭ އަށް ދާއިރާގެ ތެރެއިން ތެރެއިން ހަވަނަ ދާއިރާއަކީ " ދަރަނިވެރިން" ނެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ ( 60) ވަނަ އާޔަތުގައި އެބައިތައް ބަޔާން ކުރައްވާފައި ވެއެވެ. އެ އާޔަތުގެ މާނައީ: (ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.).
ޣާރިމީން
އައްތައުބާ ސޫރަތުގެ ( 60) ވަނަ އާޔަތުގައި ބަޔާންވެގެންވާ ( ޣާރިމީން) އަކީ އެބައެއްގެ މައްޗަށް ދަރަންޏެއްވާ މީހުންނެވެ. ލަފްޒު ލޮޣަވީ ގޮތުން ބޭނުން ކުރެވެނީ އެކަތި އަނެކައްޗާ ތަތްވެ ގުޅި ލާމެހުމަށެވެ. (އައްރާޒީ، 1995 1، 488،). ދަރަނިވެރިޔާއާއި ދަރަނި ދިން މީހާއާ ގުޅިލާމެހެއެވެ. އެހެން ކަމުން (ޣަރީމް) މި ލަފްޒު ދަރަނިވެރިޔާއަށް ނިސްބަތްކޮށް ބޭނުން ކުރެވެއެވެ. (ދާޣިސްތާނީ، 1992 100). ދަރަނި އަދާކުރުމުން ނޫން ގޮތަކުން އެކަމުން ސަލާމަތް ނުވެއެވެ.
ފިޤުހުވެރިންގެ އިޞްޠިލާޙުގައި (ޣާރިމީން) އަކީ ﷲގެ ރުހިވޮޑިގެންވާ މަގުގައި (އަމިއްލަ ނަފްސުގެ ކަންކަމުގައި ނުވަތަ ޢާއިލާގެ) ބޭނުމަށް ހޭދަކުރަންޖެހުމުގެ ސަބަބުން ދަރަނިވެރިވެ އެދަރަނި އަދާކުރުމުގައި މާލީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ނުކުޅެދިފައިވާ މީހާއެވެ. (އަލްޖަޒާއިރީ، 2، 84).
ދަރަނިވެރިންގެ ބައިތައް
ފިޤުހުވެރިން ބަޔާން ކުރައްވާގޮތުގައި ދަރަނިވެރިން ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ:
(1) ދަރަނި އަދާކުރުމުގެ ނިޔަތުގައި އަމިއްލަ އެކި އެކި ޟަރޫރީ ބޭނުންތަކަށް ޚަރަދުކުރަންޖެހުމުގެ ސަބަބުން ދަރަނިވެރިވެ އެ ދަރަނި ދެއްކުމަށް މާލީ ގޮތުން ނުކުޅެދިފައިވާ މީހާއެވެ. (އަލްޢުމާރީ، 1414، 03، 112).
މި ފަދަ ދަރަނިވެރިޔަކަށް ޒަކާތުން ފައިސާ ދިނުމުގައި ޢިލްމުވެރިން ޝަރުޠުތަކެއް ކަނޑައަޅުއްވާފައި ވެއެވެ. (އަލްޤަރަޟާވީ، 2007، 2 ،635) އެ ޝަރުޠުތަކަކީ:
(ހ) އޭނާއަކީ ދަރަނި އަދާކުރުމަށް ބޭނުންޖެހިގައިވާ މީހަކަށް ވުން، ނުވަތަ ދަރަނި އަދާކުރެވޭނެ މާލީ ތަނަވަސްކަމާއި ޤާބިލްކަމެއް ނެތުން، ނުވަތަ އޭނާގެ އަތުގައި ދަރަންޏަށް ދައްކަންޖެހޭ ޢަދަދަށް ވުރެން މަދުން ފައިސާ ހުރުން، މި ފަދަ ޙާލަތުގައި މަދުވާ ބައި އޭނާ އަށް ދެވޭނެއެވެ. ވަޒީފާއަކަށް ގޮސް މަސައްކަތްކޮށްގެން އެކަމުން ލިބޭ އެއްޗަކުން ދަރަނި އަދާކުރުމުގެ ޤާބިލްކަންހުއްޓަސް، އެ ދަރަނި އަދާކުރެވެނީ ދިގު މުއްދަތެއްގެ ތެރޭގައި ނަމަ، ޒަކާތުން އެ ދަރަނި އަދާކުރުން ޖާއިޒު ވެގެން ވެއެވެ. އެއީ ދިގުމުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކޭ ފަދަ ޙާލަތެއް އަތުވެދާނެ ކަމުގައި ބަލައިގެންނެވެ.
(ށ) ދަރަނި ނަގާފައިވަނީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްގައި ޚަރަދު ކުރަންކަމުގައި ވާންޖެހޭނެއެވެ. އެ ނޫން ކަންކަމުގައި ޒަކާތުން ޚަރަދެއް ނުކުރެވޭނެއެވެ. ހަމަ އެގޮތަށް ޢާއިލާއަށް ޚަރަދު ކުރުމުގައި ވެސް އިސްރާފުވާ މިންވަރަށް ޚަރަދު ކުރުމަށް ނަގާފައި ހުންނަ ދަރަނި އަދާކުރުމަށް ޒަކާތުން ޚަރަދެއް ނުކުރެވޭނެއެވެ.
(ނ) އަވަހަށް އަދާކުރަންޖެހޭ ދަރަންޏަކަށް ވުން: ވަކި މުއްދަތެއް ނެތި ކިތައްމެ ދުވަހެއް ފަހުން ނަމަވެސް އަދާކުރެވޭ ގޮތައް އެއްބަސްވެގެން ނަގާ ދަރަނި ޒަކާތު ފައިސާއިން އަދާކުރުމާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވެއެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ކިތައްމެ ދުވަހެއް ފަހުން ދެއްކިޔަސް ހެޔޮކަމަށް ދަރަނި ދިން މީހާއާއި ދަރަނިވެރިޔާ އާ އެއްބަސްވުމެއް އޮތް ނަމަ އެ ޙާލަތުގައި ޒަކާތުން ފައިސާދީ ވަގުތުން އެދަރަނި ޚަލާޞްކުރާކަން ނުޖެހޭނެކަމަށެވެ. އެހެނީ އެކަމަށް ވަކި ގޮތަކަށް އެއްބަސްވެފައިވުމެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ ކޮންމެ ގޮތަކަށް އެއްބަސްވެފައި ވީ ނަމަވެސް އާޔަތުގައި ބަޔާންވެގެންވާ ދަރަނިވެރިންގެ އިޞްޠިލާޙުގެ ދަށަށް މި ދަރަނިވެރިޔާ ވެސް ވަންނާތީ އޭނާ އަށް ޒަކާތުން ފައިސާދީ އޭނާގެ ދަރަނި ޚަލާޞްކުރުން ޖާއިޒުވެގެންވާ ކަމުގައެވެ.
މި ނޫން ބައެއް ޝަރުޠުތައް ވެސް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މި ފަދަ ދަރަނިވެރިޔާއަށް ޒަކާތުން ދެވޭނެ މިންވަރަކީ އޭނާގެ ދަރަނި އަދާކުރެވޭނެ މިންވަރެވެ.
(2) ދަރަނިވެރިންގެ ދެވަނަ ބަޔަކީ މުސްލިމުންނާއި އިސްލާމީ އުންމަތުގެ އެކި އެކި ކަންކަން ފުއްދުމަށްޓައި ދަރަނި ނެގުމުގެ ސަބަބުން ދަރަނިވެރިވެ އެދަރަނި ދެއްކުމަށް ނުކުޅެދިފައިވާ މީހުންނެވެ. މި ފަދަ މީހުންގެ ދަރަނިވެސް ޒަކާތުގެ ފައިސާއިން އަދާކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ.
ދިވެހިރާއްޖޭގައި ޢަމަލު ކުރާގޮތް
ދިވެހިރާއްޖޭގެ ޒަކާތް ބަހަނީ އިސްލާމީ ކަންކަން ބެލެހެއްޓުމަށް ދައުލަތުން ޙަވާލުކޮށްފައިވާ މިނިސްޓްރީއިންނެވެ. މިނިސްޓްރީގެ ނަޒަރުގައި ދަރަނިވެރިންގެ މަފްހޫމަކީ ފިޤުހުވެރިން ބަޔާންކޮށްފައިވާ މަފްހޫމެވެ. ވަކި ތަފާތު ރައުޔެއް އެކަމުގައި ނެތެވެ. ނަމަވެސް އަމިއްލަ ޟަރޫރީ ކަންކަން ފުއްދުމަށް ދަރަނި ނަގާ މީހާގެ ދަރަނި އަދާކުރުމަށްޓަކައި ޒަކާތުގެ ފައިސާއިން ދިނުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާއިން ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. (ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، 1987،60)
- އިސްލާމީ ޝަރީޢަތުގައި ޖާއިޒުވެގެންވާ ކަމެއް ކުރުމަށް ނަގާފައިވާ ދަރަންޏަކަށް ވުން.
- ޟަރޫރީ ޙާލަތެއް މެދުވެރިވެގެން ނަގާފައިވާ ދަރަންޏަކަށްވުން.
- ދަރަނި އަދާކުރެވޭނޭ ޤާބިލްކަމެއް ނެތުން.
- ވީ އެންމެ އަވަހަކަށް ދެއްކުމަށް އެއްބަސްވެފައިވާ ދަރަންޏަކަށް ވުން.
މުސްލިމުންގެ ބޭނުންތަކަށްޓަކައި ދަރަނި ނަގައި އެ ދަރަންޏެއް ދެއްކުމުގައި ނުކުޅެދިފައިވާ މީހާގެ ދަރަނި ވެސް ޒަކާތުގެ ފައިސާއިން ދެއްކުމަކީ މިނިސްޓްރީން ދެކޭ ގޮތުގައި ޖާއިޒުވެގެންވާ ކަމެކެވެ. އެއީ މިސާލަކަށް މީހެއްގެ މަތިން މަރުގެ ދިޔަ ދެއްކުމަށް ދަރަންޏެއް ނަގައި އެ ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާ މީހާއެވެ.
ދަރަނިވެރިޔާގެ ދަރަނި އަދާކުރުމަށް ޒަކާތުގެ ފައިސާއިން ޚަރަދުކުރުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި އުޞޫލުތަކެއް ކަނޑައެޅިފައި އޮވެއެވެ. މިގޮތުން ދަރަނި އަދާކުރުމަށް ޒަކާތުން ފައިސާ ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު މިނިސްޓްރީން ހޯދައި، ޒަކާތާ ބެހޭ ޑިޕާޓްމަންޓަށް ހުށައެޅުމުން، އެފޯމުގައި ބަޔާންވެގެންވާ މަޢުލޫމާތުގެ ޞައްޙަކަން ބަލައި، އެ ފޯމް ޒަކާތާ ބެހޭ ކޮމިޓީ އަށް ހުށައަޅައެވެ.
އަދި ދަރަނިވެރިޔާގެ ދަރަންޏަކީ ޝަރުޢީ ކޯޓަކުން ސާބިތުވެފައިވާ ދަރަންޏަކަށް ވާން ލާޒިމު ކޮށްފައި އޮވެއެވެ. މިގޮތުން އެ ފޯމުގައި ވާ ކަންކަން ބަލައި، އެދިފައިވާ އަދަދާ މެދު ނަޒަރު ހިންގައި މަޝްވަރާ ކޮށް އެކޮމިޓީން ގޮތެއް ނިންމައެވެ. މިގޮތުން އެދިފައިވާ ޢަދަދަށް ބަލައި ދަރަނި އެއްކޮށް އަދާކުރެވޭ ވަރަށް ދެއެވެ. ނުވަތަ އެދިފައިވާ ޢަދަދަކީ ބޮޑު އަދަދެއް ނަމަ ޒަކާތު ފަނޑުގެ ދަރަނިވެރިނަށް ކަނޑައެޅިފައިވާ ބައިގެ ހުރި މިންވަރުން، އޭނާގެ ދަރަނި އަދާކުރުމަށްޓަކައި ވަކި ޕަސެންޓެއް ދެއެވެ. މި ފައިސާއިން އޭނާގެ ދަރަނި އަދާކުރެވެނީ ކޯޓް މެދުވެރިކޮށެވެ.
އިސްލާމް ދީނުގައި ޖާއިޒު ނޫންކަމެއްގެ ދަރަންޏެއް ޒަކާތުގެ ފައިސާއިން ޚަލާޞްކޮށް ނުދެއެވެ. މިސާލަކަށް ވައްކަންކުރުމާއި ޚިޔާނާތާއި ރިބަވީ މުޢާމަލާތަކާ ގުޅުން ހުރި ދަރަނި ޒަކާތުގެ ފައިސާއިން ޚަލާޞްކޮށް ނުދެއެވެ. އެއީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާފައިވާ އުޞޫލެކެވެ. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު، 2001،03)
ޢަމަލުކުރުމަށް ފެންނަ ގޮތް
ކުޑަވެސް ޝައްކެއްނެތެވެ. ދަރަނިވެރިންގެ ދަރަނި އަދާކުރުމަށްޓަކައި މުދަލު ޒަކާތުން ޚަރަދުކުރެވޭނެ މަގު ކަނޑައަޅުއްވާފައި އޮތުމަކީ މާތްވެގެންވާ އިސްލާމްދީނުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމަށް ދީފައިވާ އަހައްމިއްޔަތު ރަމްޒު ކޮށްދޭ އަލިގަދަ ދަލީލެކެވެ. މީގެ އިތުރުން، އިޖުތިމާޢީރައްކާތެރިކަމާއި މުޖުތަމަޢުގައި ލޯތްބާއި ކުލުނުވެރިކަމާއި ތަކާފުލް ޤާއިމުކުރުމަށްޓަކައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަބުދައުތަކުގެ މަތިވެރިކަން ވެސް ހާމަވެއެވެ.
ކޮންމެ ގޮތެއް ވިޔަސް، މިއަދުގެ ދުނިޔޭގެ ދަރަނިވެރިވުމުގެ މަފްހޫމަށް މިވަނީ ކޮންމެވެސް ވަރެއްގެ ތަނަވަސް ކަމެއް އައިސްފައެވެ. ޟަރޫރީ ކަންކަމާއި ޙާޖަތްތަކާއި ބޭނުންތަކުގެ މަފްހޫމްތައް ވެސް ވަނީ ބަދަލުވެފައެވެ. އިހުޒަމާނުގައި ޟަރޫރީ ކަންކަން ގޮތުގައި ދުށް ކަންކަން މިއަދުވަނީ ނުހަނު ފަސޭހަ ކަންކަންކަމުގައި ވެފައެވެ. އަދި މިޒަމާނުގައި ޟަރޫރީ ކަންކަން ވަނީ އެހެން ހަރުފަތްތަކަށް ބަދަލުވެފައެވެ. މިޒަމާނުގައި މަތީ ތަޢުލީމަކީ ވެސް މުޖުތަމަޢުތަކާއި ދައުލަތްތަކަށް ލާޒިމު ޟަރޫރަތެއްގެ ގޮތުގައި މާނަ ކުރެވިދާނެއެވެ. މިހެންކަމުން މިޒަމާނުގެ ޟަރޫރަތް (ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ ލާޒިމު ކަންކަން) ކުރުމަށްޓަކައި ނަގާ ދަރަނި ޒަކާތު ފަނޑުން އަދާކުރެވިދާނެއެވެ. އެހެންކަމުން ދިރިއުޅުމަށް ބޭނުންވާ މިޒަމާނުގެ ޟަރޫރަތްތަކަކީ ކޮބައިކަމާ މެދު ޢިލްމުވެރިންގެ މެދުގައި ޢިލްމީ ގޮތުން މިދާއިރާގައި އިތުރަށް ބަޙުޘް ކުރެވެންޖެހެއެވެ.
ޒަކާތު ފަނޑުން އަދާކުރަން ޖާއިޒު ކުރާ ކޮންމެ ދަރަންޏަކީ ޝަރުޢީ ކޯޓަކުން ސާބިތު ކޮށްފައި އޮންނަންޖެހޭ ދަރަންޏެއްކަމުގައި ލާޒިމު ކޮށްފައި އޮންނަ އޮތުން ބަދަލުކުރަންޖެހެއެވެ. އެހެނީ ކޮންމެ ދަރަންޏަކީ ޝަރުޢީ ކޯޓަކުން ސާބިތުވެފައި އޮންނަ ދަރަންޏަކަށް ވާކަން ނުޖެހެއެވެ. ދަރަނިވެރިޔާގެ ޙާލަތު ބެލޭނެ ހަރުދަނާ އިދާރީ އުޞޫލެއް ޤާއިމުކުރުމުން ފުދޭނެއެވެ. އެހެނީ ކޮންމެ ދަރަންޏަކީ ކޯޓުން ސާބިތު ކުރުމަށް ފަސޭހަ ދަރަންޏަކަށް ނުވާނެތީއެވެ. ކޯޓުން ސާބިތުވެފައި އޮންނަ ދަރަންޏެއް އެކަނި އަދާކުރާ ގޮތައް އޮންނަ ނަމަ ދާއިރާ ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. ދާއިރާ ހަނިވެފައި އޮތުމަކީ މުޖުތަމަޢުގެ މަޞްލަޙަތަށްޓަކައި އެންމެ ފައިދާ ހުރި ގޮތެއްކަމުގައި ނުދެކެމެވެ.
ޒަކާތު ފަނޑުން ދަރަނިވެރިންނަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބައިގެތެރެއިން ދަރަނިވެރިކަމުން މިންޖުކުރުމަށް މިޒަމާނުގައި ޚަރަދު ކުރެވިދާނެ ބައެއް ދާއިރާތައް ދަންނަވާލާނަމެވެ. މި ދާއިރާތަށް ބަޔާން މިކުރަނީ ޒަކާތުގެ ކަންކަމުގައި ދިރާސާ ކުރައްވާފައިވާ މިޒަމާނުގެ ޢިލްމުވެރިންގެ ދިރާސާތަކާއި ފަތުވާތަކާއި ބައިނަލްއަޤުވާމީ އިސްލާމީ ފިޤުހު އެކަޑަމީ ތަކުގެ ނިންމުންތަކަށް ނަޒަރު ހިންގައި ބަލައި ރިޢާކޮށެވެ.
- އިންސާނީ މުޞީބާތްތަކާއި ކާރިސާތައް މެދުވެރިވެ އެމީހުންގެ މުދާތައް ހަލާކުވެ ދިރިއުޅުމަށްޓަކައި ހޭދަކުރުމަށް ދަރަނިވެރިވެ އެ ދަރަނި އަދާކުރުމުގައި ނުކުޅެދިފައިވާ މީހުން.
- މުސްލިމުންގެ ތެރެއިން ވާރިސަކު ނުވަތަ ދަރަނި އަދާކޮށްދޭނެ މީހަކު ނެތް އޭނާގެ މައްޗަށް ދަރަންޏެއް އޮތް މައްޔިތު މީހާ.
- ބަލި ޙާލުން ސަލާމަތްވުމަށްޓަކައި ފަރުވާ ކުރުމަށް ދަރަނި ނަގައި، އެ އަދާކުރުމަށް ނުކުޅެދިފައިވާ މީހާ.
- ޒަކާތް ދައްކާ މީހުންގެ ތެރެއިން ދަރަނިވެރިވުން ފަދަ ޙާލަތެއް މެދުވެރިވެފައިވާ މީހާ.
- ދަރަނީގެ ޙާލަތްތަކުގައި އެހީތެރިކަން ދިނުމަށްޓަކައި ޒަކާތުން ޚާއްޞަ ފަނޑެއް ޤާއިމު ކުރުން. (ބޭންކެއް ނުވަތަ އިންޝުއަރެންސް ކޮންޕެނީ ފަދަ މުއައްސަސާއެއް ޤާއިމުކުރުން. ނުވަތަ އެފަދަ މުއައްސަސާއެއްގައި ޙިއްސާވުން.)
- މުސްލިމު މުޖުތަމަޢުގައި ހިލޭ ސާބަހަށް އިޖުތިމާޢީ ޚިދުމަތްދޭ މުއައްސަސާތަކުގެ ދަރަނި އަދާކޮށްދިނުން.
- ޢާއިލާވަކިވެ، މާލީ ކުޅަދާނަ ކަމެއް ނެތުމުގެ ސަބަބުން ޅަ ދަރީންނަށް ޚަރަދު ނުދެވި، ދަރަނިވެރިވެ ކައިވެނި ނުކުރެވިފައި ހުރި މީހާ.
- މުސްލިމުންގެ ދަރިންނަށް ހިލޭސާބަހަށް ކީރިތި ޤުރުއާން އުނގަންނައިދޭ ޤުރުއާން ކުލާސްތަކުން އެކުލާސްތަކުގެ ޟަރޫރީ ކަންކަމުގައި ޚަރަދުކުރުމަށް ނަގައި، ފުއްދާ ނުދެވި ހުންނަ ދަރަނި.
- އިސްލާމުންނަށް މުހިންމު ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލްކުރުމަށްޓަކައި ދަރަންޏަށް ނަގައިގެން، އެދަރަނި އަދާކުރުމަށް އެހީތެރިކަން ބޭނުންވެފައިވާ މީހާ.
- މުސްލިމުންގެ ދައުލަތް ބޭރުގެ ފަރާތަކަށް ދަރަނިވެރިވެ، ދަރަނި އަދާކުރެވޭނެ ގޮތެއް ދައުލަތުގައި ނެތް ޙާލަތެއް މެދުވެރިވެއްޖެނަމަ، ޒަކާތު ފަނޑުން ދައުލަތުގެ ދަރަނި އަދާކޮށް، މުސްލިމު ދައުލަތުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުން.
މިދެންނެވި ދާއިރާތަކަށް ޒަކާތު ފައިސާގެ ދަރަނިވެރިންގެ ބައިން ޚަރަދު ކުރުން ޖާއިޒުވެގެންވާ ކަމުގައި އަޅުގަނޑު ދެކެމެވެ.
މީގެ އިތުރުން ދަރަނިވެރިންގެ ތެރޭގައި – އިސްލާމްދީން ހުއްދަކުރާ- އަމިއްލަ ޙާޖަތްތައް ފުއްދުމަށްޓަކައި ދަރަނި ނަގާފައިވާ މީހާއާއި ޝަރުޢީ ޟަވާބިޠު ތަށް ފުރިހަމަވާ މަގުން މުސްލިމުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކުރުމަށްޓަކައި ޚަރަދުކުރުމަށް ދަރަނި ނަގާފައިވާ މީހާ ހިމެނޭނެއެވެ. އަދި މީގެ ތެރެއަށް (ޤަތުލުލްޚަޠައު (ޤަސްތުގައި ނޫން ގޮތަކަށް) މީހަކު މަރާލުމުގައި ޢުޤޫބާތުގެ ގޮތުން ދައްކަންޖެހޭ މަރުގެ ދިޔަ (އެހީވާނެ ޢާއިލާގެ ބަޔަކު ނެތް މީހާއަށް) އަދާކޮށްދިނުމުގައި އެހީތެރިވެ ދިނުމާއި ވާރުތަ މުދަލެއް ނެތް މައްޔިތު މީހާގެ ދަރަނިވެސް ވަންނާނެއެވެ. ( އެއީ ދައުލަތުގެ ޚަޒާނާއިން އެކަން ކޮށްނުދެވޭ ނަމައެވެ.) [އޯއައިސީގެ އިންޓަރނޭޝަން އިސްލާމީ ފިޤުހު އެކަޑަމީގެ ޤަރާރު] (http://www.iifa-aifi.org/2261.html)
ރިކޮމެންޑޭޝަންސް:
1 - ދަރަނިވެރިންގެ މަފްހޫމް ޒަމާނާ ގުޅޭ ގޮތައް ތަނަވަސްކުރުން
2 - ޒަމާނުގެ ޟަރޫރީ ކަންކަން އިތުރަށް ދިރާސާކޮށް އެކަންކަމުގައި ދަރަނިވެރިވެފައިވާ ފަރާތްތަކުގެ ދަރަނި ޚަލާޞްކޮށްދިނުން.
3 - ދިވެހިރާއްޖޭގައި ޒަކާތުން ދަރަނި އަދާކޮށްދެނީ އެ ދަރަންޏެއް ޝަރުޢީ ކޯޓަކުން ސާބިތުވެފައި އޮތުމުންކަމުގައި އުޞޫލުގައި ކަނޑައެޅިފައި އޮތް އޮތުން ބަދަލުކޮށް، ދަރަނިވެރިޔާގެ ޙާލަތު ބެލޭނޭ އިދާރީ ފަސޭހަ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުން. އެހެނީ ޒަކާތުން އަދާކުރެވޭ ދަރަންޏަކީ ކޮންމެހެން ޝަރުޢީ ކޯޓުން ސާބިތުވާ ދަރަންޏަކަށް ވުމަކީ ޝަރުޢީ ގޮތުން ލާޒިމުވެގެންވާ ކަމަކަށް ނުވުމެވެ. ބައެއް ދަރަންޏަކީ ކޯޓުން ސާބިތުވާނެ ދަރަންޏެއް ވެސް ނޫނެވެ.
4 - ކިޔަވާ ކުދިންގެތެރެއިން މަތީ ތަޢުލީމު އުނގެނުމަށް (ރިބަވީ މުޢާމަލާތެއް ނުހިމެނޭ ގޮތައް) ލޯނު ނަގައި ދަރަނިވެރިވެފައިވާ ފަރާތްތަކުގެ ދަރަނި އަދާކޮށްދިނުން.
5 - ޒަކާތް ބެހޭ ދާއިރާތަކާ ގުޅޭ މިޒަމާނުގެ ނަޒަރިއްޔާތައް ދިރާސާ ކުރުމަށް ޚާއްޞަ ސެމިނަރއެއް ކޮންމެ އަހަރަކު ބޭއްވުން.
6 - އިސްލާމީ އުޞޫލުތަކުގެ ދަށުން ހިންގާ އިސްލާމީ މާލީ މުއައްސަސާއެއްގެ ތެރެއިން ދަރަނިވެރިންގެ ފަންޑުން ޙިއްސާ ގަނެ ދަރަނިވެރިންގެ ޙާޖަތްތައް ފުއްދުމުގެ މަޤުޞަދުފައި އިންވެސްޓްކުރުން. ( މި ފަދަ އިންވެސްޓެއް ޤާއިމު ކުރެވޭނީ ޒަކާތާބެހޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.)