ޖިއްދާއިން މާލެއަށް

ކުއްލި ޙާލަތު މެދުވެރި ވެފައިވާ ދަތުރުވެރިޔާ!

އިސްލާމްދީނަކީ ކުލުނުވެރިކަމުގެ މަތިވެރި އަޚުލާޤިއްޔާތުގެ މަތީގައި ޤާއިމުވެގެންވާ ދީނެކެވެ. އިޖުތިމާޢީ ގޮތުން ހަވާސާވެފައިވާ ފަރާތްތަކަށް އިޙުސާންތެރިކޮށް ހިތުމުގައި އިސްލާމްދީން ދައްކާފައިވަނީ ލާމަސީލު ނަމޫނާއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. "ތިމަންކަލޭގެފާނު ނަބީ ކަމާއިގެން ފޮނުއްވިގެންވާކަން ކަށަވަރީ ރިވެތި އަޚުލާޤު ފުރިހަމަ ކުރުމަށްޓަކަ އެވެ" ހަދީޘް ކުރެއްވީ މިއުންމަތުގެ މާތް ކައު ސާހިބާ މުޙައްމަދު ބުނި އަބްދުﷲ ނަބީކަލޭގެފާނެ އެވެ.

އެ މާތް އަޚުލާޤުގެ ދަށުން ޔަތީމްކުއްޖާއަށް އޯގާތެރިކޮށް ހިތުމަށް އެނގެވިއެވެ. ސަލާމްޖަހާ މީހާ އަށް ދެރަކޮށް ނުހިތުމަށް އެނގެވިއެވެ. ބަލިކަށި މީހާއަށް އެހީތެރިވުމަށް އެނގެވިއެވެ. ފިރި މަރުވެފައިވާ އަންހެނާ އަށް އަޅައިލަން އެނގެވިއެވެ. މުޞީބާތް ޖެހިފައިވާ މީހާއަށް އެހީތެރިވުމަށް އެންގެވިއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ ކުއްލި ޙާލަތު ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި އިސްލާމްދީން ގެނެސްދީފައިވާ އިޙުސާންތެރިކަމުގެ މަތިވެރި އަޚުލާޤެވެ. އެއީ ޢާލަމްތަކަށް ހުރި ރަޙުމަތެކެވެ.

އިސްލާމްދީނުގައިވާ އިޖުތިމާޢީ ރައްކާތެރިކަން ދައްކުވައިދޭ އެއްކަމަކީ ކުއްލިޙާލަތު މެދުވެރިވެފައިވާ ދަތުރުވެރިޔާއަށް އެހީވުމަށް އޮންނަ އޮތުމެވެ. މިގޮތުން އަމިއްލަ އަފްރާދުންނަށް ވެސް އެފަދަ އެހީތެރިކަމެއް މުސާފިރަކަށް ދެވިދާނެ އެވެ. ނަމަވެސް ޙާލުގައި ޖެހިފައިވާ މުސާފިރަށް އެހީތެރިކަން ދިނުމަށް ސީދާ ދައުލަތާ ޙަވާލު ކޮށްފައި ވެއެވެ. އެކަން ލެއްވިގެން ވަނީ ޒަކާތުގެ މާލީ ނިޒާމުގެ ތެރޭގަ އެވެ. މިއިންވެސް ރަމްޒު ކޮށްދެނީ އެކަމުގެ މުހިންމު ކަމެވެ. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި ފަސް ރުކުނުގެ ތެރެއިން ރުކުނެއްކަމުން އެ ރުކުނުގެ ތެރެއިން އަދާކުރަން ހުންނަ ކަންކަމަކީ ޝައްކެއްނެތް ގޮތުގައި މުހިންމު ކަންކަމެވެ.

މުދަލު ޒަކާތުގެ ބެހެނިވެރިންގެ ފިޤުހީ ފަސްމަންޒަރާއި އެއާ ގުޅޭ މިޒަމާނުގެ ފިޤުހީ ނަޒަރިއްޔާތަކާއި ފަލްސަފާގެ މައްޗަށް ސިލްސިލާކޮށް ލިޔަމުން ދާ މަޒްމޫނުތަކުގައި ފަޤީރުންނާއި މިސްކީނުންނާ އި ޒަކާތުގެ ޢާމިލުންނާ އި މުއައްލަފަތުލްޤުލޫބު ނުވަތަ ހިތްތައް އެކުވެރިކުރައްވާ މީހުން އާއި އަޅުން މިނިވަންކުރުމާ އި ދަރަނިވެރިން ނާއި ފީ ސަބީލިﷲ އާ ބެހޭ ގޮތުން އިސްވެދިޔަ މަޒްމޫނު ތަކުގައި ވާނީ ވާހަކަ ދައްކާފައެވެ.

މުދަލު ޒަކާތް ބެހުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ވަނީ ޖުމުލަ އަށް ދާއިރާއަކަށެވެ. އެއީ ފަޤީރުންނާއި މިސްކީނުންށާއި ޒަކާތުގެ ޢާމިލުންނަށާއި މުއައްލަފަތުލްޤުލޫބު ނުވަތަ ހިތްތައްއެކުވެރިކުރައްވާ މީހުންނަށާއި އަޅުން މިނިވަންކުރުމަށާއި، ދަރަނިވެރިންނަށާއި ﷲގެ މަގުގައި ކުރެވޭ ކަންކަމަށާއި ޙާލުގައި ޖެހިފައިވާ ދަތުރުވެރިންނަށާއި މި އަށް ދާއިރާއަށެވެ.

މި ފަހަރު މި އަލިއަޅުވާލަނީ ކުއްލި ޙާލަތެއް މެދުވެރިވެ ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާގެ ބަޔަށެވެ. ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަށް މާލީ ގޮތުން އެހީތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު މުހިންމުކަން ދީފައިވާ ކަމެކެވެ. ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަށް އެހީތެރިވުމަށްޓަކައި ޒަކާތުގެ ބެހެނިވެރިންގެތެރެއިން ޚާއްޞަ ބައެއް ކަނޑައަޅުއްވާފައި ވުމުން ދޭހަ ކޮށްދެނީ އިސްލާމްދީނުގައިވާ ތަކާފުލްގެ ނިޒާމުގެ މަތިވެރިކަމެވެ. އިޖުތިމާޢީ އެއްބައިވަންތަކަމުގެ އަޚުލާޤިއްޔާތުގެ ފުރިހަމަކަމެވެ.

މާތް ﷲ އައްތައުބާ ސޫރަތުގެ (60) ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ."

ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަކީ ކާކު؟

އިބުނުއްސަބީލް (ޙާލުގައިޖެހިފައިވާ ދަތުރުވެރިޔާ) ގެ މަފްހޫމުގައި އިސްލާމީ ފިޤުހުވެރިން ތަފާތު އިޞްޠިލާޙުތައް ގެންނަވާގައިވެއެވެ. މިގޮތުން ޙަނަފީ މަޒުހަބުގެ ފިޤުހުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަކީ ހުރިހާ ދޮރެއް ބަންދުވެ ނިކަމެތިވެފައިވާ މީހާއެވެ. (އަބޫޔޫސުފް، 1985 ، 205).

މާލީކީ މަޒުހަބުގެ ފިޤުހުވެރިންގެ ނަޒަރުގައި (އިބުނުއްސަބީލް - ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާ) އަކީ އަމިއްލަ ރަށުން ބޭރުގައި އުޅޭ ޣަރީބު މީހާއެވެ. އެހެން ނަމަވެސް އޭނާގެ ދަތުރަކީ ޙަރާމްވެގެންވާ ކަމަގާ ގުޅުން ހުރި ދަތުރަކަށް ވެގެން ނުވާނެ ކަމުގައި މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. (އިބުނު ޖައްޒީ، 2000، 133).

ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި އިބުނުއްސަބީލަކީ ޖާއިޒު ވެގެންވާ (ޙަރާމް މަޤުޞަދެއް ނުހިމެނޭ ދަތުރެއްގައި) ވަނިކޮށް ޙާލުގައި ޖެހި އެ ދަތުރު ފުރިހަމަ ކުރުމަށްޓަކައި އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހާއެވެ. (އައްޝާފިޢީ، 2001، 3، 185).

ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި އިބުނުއްސަބީލަކީ ދަތުރުގައި ވަނިކޮށް ޙާލުގައި ޖެހިފައިވާ މުސާފިރެވެ. (އަލްމަރުދާވީ، 1997، 3 ، 213)

އިސްވެ ދިޔަ އިޞްޠިލާޙު ތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ އިބުނުއްސަބީލްގެ ފިޤުހީ މަފްހޫމުގައި ހަތަރު މަޒުހަބުގެ ޢިލްމުވެރިން އެއްކަމަކަށް އެއްބަސްވެފައިވާ ކަމެކެވެ. އެއީ އިބްނުއްސަބީލަކީ ދަތުރެއްގައި އަމިއްލަ ރަށުން (ޤައުމުން) ބޭރުގައި ޙާލުގައި ޖެހިފައިވާ މުސާފިރު ކަމެވެ. މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބުގެ ރައުޔަކީ އެ ދަތުރު ވާންޖެހޭނީ ފާފަވެރިކަމެއް ނުހިމެނޭ ދަތުރަކަށެވެ. މި ޒަމާނުގައި ބައެއް ޢިލްމުވެރިން އިބުނުއްސަބީލްގެ އިޞްޠިލާޙު ތަނަވަސް ގޮތެއްގައި މާނަކުރައްވައެވެ. (ޢަޒްމާން، 137)

ދިވެހިރާއްޖޭގައި ޢަމަލު ކުރާ ގޮތް

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މާނަ ކޮށްފައިވާ ގޮތުގައި އިބުނުއްސަބީލަކީ އަމިއްލަ ޤައުމުން ބޭރުގައި ދަތުރު މަތީގައި ނުވަތަ ދަތުރުން ބައެއްގައި ޙާލުގައި ޖެހިފައިވާ މުސާފިރެވެ. މިނިސްޓްރީން ޝަރުޠު ކޮށްފައިވަނީ އޭނާގެ ދަތުރަކީ އިސްލާމްދީނަށް މަންފާހުރި ނުވަތަ އިސްލާމީ އުންމަތަށް މަންފާ ހުރި ދަތުރަކަށް ވާންވާނެ ކަމުގައެވެ. ނުވަތަ އިބުނުއްސަބީލަކީ ދަތުރުމަތީގައި ޙާލުގައި ޖެހިފައިވާ މުސްލިމު މުސާފިރެވެ. (އިސްލާމްދީނުގައި ޒަކާތް، 62).
ޒަކާތުގެ ފައިސާއިން މިދެންނެވި ފަދަ މުސާފިރަކަށް އެހީވުމުގައި މިނިސްޓްރީން ޝަރުޠުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެ ޝަރުޠުތަކުގެ ތެރޭގައި،

  • އަމިއްލަ ޤައުމުން ބޭރަށް ކުރާ ދަތުރެއްގައި ވަނިކޮށް ޙާލުގައި ޖެހިފައިވުން
  • ފާފަވެރިކަމެއް ނުހިމެނީ ދަތުރަކަށްވުން (އެއިގެ މުރާދަކީ އެ ދަތުރަކީ ރާ ބުއިމަށް، ނުވަތަ ޖުވާ ކުޅުން ފަދަ ކަމެއް ހިންގަން ކުރެވޭ ދަތުރަކަށް ވެގެން ނުވާނެއެވެ.)
  • ދަތުރު ފުރިހަމަކުރެވޭ ވަރަށް އަތުގައި ފައިސާ ނެތުން
  • ދަރަންޏަށް ލިބޭނެ ގޮތެއް ނެތުން

މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކަށް ނަޒަރު ހިންގާލާއިރު ޝަރުޠުތަކަކީ ބައެއް ފިޤުހުވެރިން ތާއީދު ކޮށްފައިވާ ޝަރުޠުތަކެއްކަން ސާފު ވެއެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ދަތުރުމަތީގައި ޙާލުގައި ޖެހިފައިވާ ދަތުރުރުވެރިޔާ އޭނާއަށް ދިމާވެފައިވާ ކުއްލި ޙާލަތުން އަރައިގަތުމަށް އެވަގުތު ދަރަންޏަށް ފައިސާ ހޯދުން ލާޒިމު ކޮށްގެން ނުވާނެ އެވެ. ސަބަބަކީ ޤުރުއާނުން އެވަނީ އޭނާއަށް އެހީތެރިވުމަށް ކަނޑައަޅުއްވާފަ އެވެ. ވީމާ ޒަކާތު ފަނޑުން އޭނާއަށް އެހީ ދެވޭނީ ދަރަންޏަށް އޭނާއަށް އެހީތެރިވާނެ ފަރާތެއް ނުލިބިއްޖެ ޙާލުގައި ކަމަށް ކަނޑައެޅުމަކީ އެންމެ އިންޞާފުވެރި ގޮތަކަށް ނުވާނެއެވެ.

މިޒަމާނުގައި ޢަމަލު ކުރަން ފެންނަ ގޮތް

އަޅުގަނޑުގެ ނަޒަރުގައި މި ޒަމާނުގައި އިބުނުއްސަބީލްގެ މަފްހޫމް ތަނަވަސް ކުރަންޖެހެ އެވެ. ޒަކާތާ ބެހޭ ބައިނަލްއަޤުވާމީ ކޮންފަރެންސްގެ ނިންމުންތަކަށް ނަޒަރު ހިންގައި އިބުނު ސަބީލްގެ ބައިން އަންނަނިވި ކަންކަމަށް މިޒަމާނުގައި ޚަރަދު ކުރެވިދާނެ ކަމުގައި އަޅުގަނޑު ދެކެމެވެ.

އަޅުގަނޑުގެ ނަޒަރުގައި އިބުނުއްސަބީލަކީ ދަތުރުމަތީގައިވާ މީހާ އެވެ. ކިތައްމެ ދިގު ނުވަތަ ކުރު ރާސްތާއެއްގެ ދަތުރަކަށް ވިޔަސް މެއެވެ. ހަމަ އެފަދައިން މުދާ ގެއްލިގެން ނުވަތަ މުދަލަށް ގެއްލުންވެގެން ޙާޖަތު ޖެހިފައިވާ މީހާ ވެސް އިބުނުއްސަބީލްގެ ބަޔަށް ވަންނާނެކަމުގައި ދެކެމެވެ.

އިބުނު ސަބީލްގެ މަފްހޫމްގެ ތެރެއަށް ވަންނަ މުސާފިރަކީ ފާފަވެރިކަމެއް އޭނާގެ ދަތުރުގައި ހިމެނޭ މުސާފިރަކަށް ވެގެން ނުވާނެއެވެ. ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަށް މެދުވެރިވެފައިވާ ޙާލަތުން އަރައިގަނެވި އޭނާގެ ވަޒަނަށް އެނބުރި ދެވޭ ވަރަށް އެހީތެރިވުމަކީ ޖާއިޒުވެގެންވާ ކަމެކެވެ.

ޙާލުގައި ޖެހިފައިވާކަމަށް ބުނެ ޒަކާތުން އެހީތެރިކަމެއް ހޯދަން އެދޭ މީހާ އަށް ހެއްކާއި ޤަރީނާ ހޯދުން ލާޒިމު ކޮށްގެން ނުވާނެ އެވެ. އެފަދައިން ލާޒިމު ކުރާނީ އޭނާގެ ވާހަކައިގައި ޝުބުހައެއް އޮތްކަން ދޭހަވާނަމަ އެވެ.
ޒަކާތު ފަންޑުން އެހީ ހޯދުމަށް ފަހު އެނބުރި ޤައުމަށް ގޮސް އެ ފައިސާ ޒަކާތު ފަނޑަށް އަނބުރާ ދައްކާކަން ނުޖެހޭނެ އެވެ.
އިބުނުއްސަބީލްގެ އިޞްޠިލާޙުގެ ތެރެއަށް މިޒަމާނުގައި އަންނަވި ފަރާތްތައް ވަންނާނެއެވެ.

  • ޙައްޖުވެރިންނާއި ޢުމްރާ ވެރިން
  • އަމިއްލަ ވަޒަނުން ބޭރުގައި ކިޔަވާކުދިން
  • އަމިއްލަ ވަޒަނުން ބޭރުގައި އިސްލާމްދީނަށް ގޮވާލާ ފަރާތްތައް
  • މިއްލަ ވަޒަނުން ބޭރު ކުރެވިފައިވާ މުސްލިމު ރެފިއުޖީން
  • އަމިއްލަ ވަޒަނަށް ދާން ބޭނުންވެ، މާލީ ޤާބިލްކަން ނެތުމުގެ ސަބަބުން ނުދެވިފައިވާ މީހުން
  • ޖާއިޒުވެގެންވާ މަސްއޫލިޔަތެއްގައި ޤައުމުން ބޭރުގައި ޙަރަކާތްތެރިވާންޖެހިފައިވާ ނޫސްވެރިން
  • އިސްވެ ދިޔަ ނުކުތާ ތަކަކީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެސްގެ ނިންމުންތަކުގެ އަލީގައި ބަޔާންކޮށްފައިވާ ނުކުތާ ތަކެވެ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ޤަރާރު (http://www.iifa-aifi.org/2261.html )ގައިވާ ގޮތުގެ މަތިން ދަތުރު މަތީގައި ޙާލުގައި ޖެހުނު މީހަކީ އެނާގެ އަމިއްލަ ވަޒަނުގައި ތަނަވަސް މުއްސަނދި މީހަކަށް ވިޔަސް، ޒަކާތު ފަނޑުން އޭނާގެ ޙާލަތަށް ބަލައި އެހީތެރިވެވޭނެއެވެ.

ހަމަ އެފަދައިން ހަނގުރާމައާއި ފެންބޮޑުވުމާއި ބަނޑުގައި ހޫނުކަމާއި ބިންހެލުމާއި ޤުދުރަތީ ކާރިސާތައް އަމިއްލަ ޤައުމުގައި ނުވަތަ ޤައުމުން ބޭރުގައި ވިޔަސް މެދުވެރިވެފައިވާ ފަރާތްތަކަށް ވެސް އިބުނުއްސަބީލްގެ ބައިން އެހީތެރިވެވޭނެ ކަމުގައި އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީގެ ޤަރާރުގައިވެއެވެ. މީގެ އިތުރުން ކަނޑައެޅޭ އޫޞޫލެއްގެ ދަށުން ފަޤީރު ޙާލަތުގައި ޤައުމުން ބޭރުގައި ކިޔަވާކުދިންނަށް ވެސް އެހީތެރިވެވޭނެކަމުގައި ޤަރާރުގައިވެއެވެ.

ޤަވާޢިދާ ޚިލާފަށް ޤައުމުގައި އުޅޭ ބިދޭސީން އަމިއްލަ ޤައުމަށް އެނބުރި ދިއުމަށް ވެސް އިބުނު ސަބީލްގެ ބައިން އެހީތެރިވެވޭނެ ކަމުގައި އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީގެ ޤަރާރުގައިވެއެވެ.

ރިކޮމެންޑޭޝަން

- ޒަމާނުގެ ހުރި ގޮންޖެހުންތަކަށް ބަލައި އިބުނުއްސަބީލްގެ މަފްހޫމް ތަނަވަސްކުރުން

- ފަޤީރު ޙާލަތުގައި ޤައުމުން ބޭރުގައި ޤައުމަށް ބޭނުންތެރި ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އެހީވުން.

- އަލިފާނުގެ ހާދިސާފަދަ ޤުދުރަތީ ކާރިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އިސްވެ ޒަކާތު ފަނޑުން އެހީވެވޭނެ ގޮތް ތަކެއް ހޯދުން.

- ރާއްޖޭގައި މަރުވާ މުސްލިމު ބިދޭސީން އަމިއްލަ ވަޒަނަށް ފޮނުވަން އެހީވުން.