ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ޒަކާތުގެ ޢާމިލުންނާއި ޒަމާނީ ނަޒަރިއްޔާ

މި މަޒްމޫނުގައި އަލިއަޅުވާލަން ޤަސްތުކުރަނީ ޒަކާތުގެ ޢާމިލުންގެ ބަޔަށެވެ. ކުރީގެ މަޒްމޫނުގައި ބަޔާންކޮށްފައިވާނީ ފަޤީރުންނާއި މިސްކީނުންގެ ބައެވެ. ޢާމިލުންގެ ބަޔަކީ ޒަކާތް ޙައްޤުވާ އަށް ބައިގެ ތެރެއިން ތިންވަނަ ބައެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަނީ ޒަކާތުގެ ބެހެނިވެރިންނަކީ ކޮބައިކަން ބަޔާންކުރައްވާފައެވެ. އެއާޔަތުގެ މާނައިގައިވެއެވެ. (ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.)

ކުރީގެ ޤަރުނުތަކުގައި ޒަކާތް ނެރުމަށް އެކި ސަރަޙައްދުތަކަށް (ޢާމިލުން) ނުވަތަ ( ޖުބާތުން) ފޮނުއްވައެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައްޔާއި ޚަލީފާއިންގެ ޙަޔާތްޕުޅުގައި ވެސް އެކި ސަރަޙައްދުތަކަށް ޢާމިލުން ފޮނުއްވައިގެން ޒަކާތް ނެރުއްވައި އޭގެ ޙައްޤުވެރިންނަށް ދެއްވައެވެ. ޢާމިލުންނަކީ ޒަކާތުގެ ނިޞާބު ހަމަވާ އެންމެހާ މުދާތަކެއް ބަލައި އެއިން ޒަކާތް ނެރުމަށް އެބައެއްގެ މައްޗަށް ޒަކާތް ނެރުން ވާޖިބުވެގެންވާ މީހުންގެ ގާތަށް ޒަކާތް ނެރުމަށް އިސްލާމީ ދައުލަތުން ފޮނުވާ މީހުންނެވެ. ޒަކާތުގެ މުވައްޒަފުންނެވެ. ޚާއްޞަ ކޮށް ކުރީގެ ޤަރުނުތަކުގައި އެކަމަކީ ވަރަށް ޚުޠޫރަތްތެރި ކަމެކެވެ. ބައެއް ޙާލަތްތަކުގައި ޒަކާތް ނެރެންޖެހޭ މުދާތަކުގެ ނިޞާބުތައް ކަނޑައަޅައި ޒަކާތް އަތުލަން ބާރުގެ ބޭނުންކުރަން ވެސް ޖެހެއެވެ. ޒަކާތުގެ ޢާމިލުން ކުރާ ބުރަ މަސައްކަތްތަކަށް އެމީހުންނަށް ޒަކާތުން ބައެއް ކަނޑައަޅުއްވާފައިވުމަކީ ﷲ ގެ ޙިކުމަތްތެރި ނިންމުންތަކުގެ ތެރެއިން ނިންމުމެއްކަން ކަށަވަރެވެ. އެއިގެ ސަބަބުން ޒަކާތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދޮރު ބަންދުވެގެން ދެއެވެ.

ފިޤުހީ މަޒުހަބުތަކުގެ ނަޒަރިއްޔާ

ޙަނަފީ މަޒުހަބުގެ ފިޤުހުވެރިންގެ ނަޒަރުގައި ޢާމިލުންނަކީ ޒަކާތް ނަގައި އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި ޙާކިމު ޢައްޔަންކުރާ ބައެކެވެ. ވަކި އަގެއް ކަނޑައެޅުމެއްނެތި މަސަތްކަތްކުރި މިންވަރަށް ބަލައިގެން އެމީހުންނަށް އުޖޫރައެއް ދެވެއެވެ. (އިބުނުލްހުމާމު، 2، 204).

މާލިކީ މަޒުހަބުގެ ފިޤުހުވެރިން ދެކެވަޑައިގަންވާ ގޮތުގައި ޢާމިލުންނަކީ ޒަކާތް ގެނެސްދީ ޒަކާތް ބަހައި ޒަކާތާ ގުޅޭ އެންމެހާ ލިޔެކިއުމެއް ބަލަހައްޓާ މީހުންނެވެ. އެއީ މުއްސަނދިން ކަމުގައި ވިޔަސް މެއެވެ. (އިބުނު ޖައްޒީ،133).

ޝާފިޢީ މަޒުހަބުގެ ފިޤުހުވެރިންގެ ވިދާޅުވަނީ ޢާމިލުންނަކީ ޒަކާތް ނަގައި އެއާ ޙަވާލުވެ އޭގެ ޙައްޤުވެރިންނަށް ބަހާމީހުންނާއި ޒަކާތުގެ އެންމެހާ ކަންކަމެއް ބަލަހައްޓާ މީހުންނާއި އެމީހުންނަށް އަތް ގާތްކޮށްދޭ މީހުންނެވެ. (އައްޝާފިޢީ،03، 183).

ޙަންބަލީ މަޒުހަބުގެ ފިޤުހުވެރިން ރައުޔުގައި ޢާމިލުންނަކީ މުއްސަނދިން އަތުން ޒަކާތް ނެރެ އެއާމެދު ރައްކާތެރިވާ މީހުންނެވެ. އެބަހީ އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދޭ މީހުންނެވެ. (އަލްމަރުދާވީ،03 . 201)

ހަތަރު މަޒުހަބުގެ ފިޤުހީ ނަޒަރިއްޔާތަކަށް ބަލާލާއިރު ޢާމިލުންގެ މަފްހޫމުގައި މާބޮޑު ޚިލާފެއް އޮތް ތަނެއް ނުފެނެއެވެ. ލަފްޒީ ޚިލާފުތައް ހުރި ނަމަވެސް އަޞްލުގައި ހާމަވެގެންދަނީ އެއް މާނަ އެކެވެ. އެއީ ޢާމިލުންނަކީ ޒަކާތް ނެރުން ޙައްޤުވާ މުދަލަކީ ކޮބައިތޯ ބަލައި އެއިން ޒަކާތް ނެރެ އޭގެ ޙައްޤުވެރިންނަށް ބަހައިދީ ޒަކާތުގެ އެންމެހާ ކަންކަމެއް ބަލަހައްޓައިދޭ މީހުން ކަމަށެވެ.

ޒަމާނީ ފިޤުހުގައި ޢާމިލުން

އިސްވެ ބަޔާންވެ ދިޔަ މަފްހޫމުތަކުގެ އަލީގައި މިޒަމާނުގައި ޢާމިލުންގެ މަފްހޫމަކަށް ވާނީ ޒަކާތް ނަގައި ޒަކާތް ބެހުމުގެ ކަންކަން ބަލަހައްޓާ އިދާރާތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކެވެ. އޭގެ ތެރޭގައި ޒަކާތާ ޙަވާލުވާ މީހުންނާއި ޒަކާތް ބަހާ މީހުންނާއި ޒަކާތް ރައްކާތެރިކަމާއެކު ބަލަހައްޓާ މީހުންނާއި ޒަކާތުގެ ލިޔެކިއުންތައް ލިޔެ ބަލަހައްޓާ މީހުންނާއި ޒަކާތުގެ ޙިސާބު ކިތާބު ބަލަހައްޓާ މިހުންނާއި މިއެންމެން ޒަކާތުގެ ޢާމިލުންގެ ތެރެއަށް ވަންނާނެ އެވެ. (އަލްޤަރުޟާވީ، 2، 591).

ޒަކާތާ ބެހޭ ބައިނަލްއަޤުވާމީ ކޮންފަރެސްގެ ނިންމުންތަކުގައި ޢާމިލުންގެ މަފްހޫމުގައި އައިސްފައިވެއެވެ. "ޢާމިލުންނަކީ ޒަކާތް ނަގައި އޭގެ ޙައްޤުވެރިންނަށް އަދާކޮށްދީ ޒަކާތަށް މީހުން ހޭލުންތެރިކޮށްދީ ޒަކާތް ނެރެންވީ ކޮން މުދަލަކުންތޯ ކިޔައިދީ ޒަކާތް ޙައްޤުވަނީ ކޮންބަޔަކަށްތޯ ބަޔާންކޮށްދީ ޒަކާތް އެއްތަނުން އަނެއް ތަނަށް އުފުލައި ރައްކާތެރިކޮށް ބަލަހައްޓައި ޒަކާތް އިންވެސްޓްކޮށް އިތުރުކުރުމަށް އިސްލާމީ ޤައުމުތަކުގެ ވެރިން ނުވަތަ ޒަކާތުގެ ކަންކަން ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން ނުވަތަ އިސްލާމީ މުޖުތަމަޢުތަކުން ޢައްޔަން ކޮށްފައިވާ ފަރާތްތަކެވެ. ނުވަތަ އެމަސައްކަތްކުރުމުގެ ހުއްދަ އެބަޔަކަށް ދީފައިވާ ފަރާތްތަކެވެ. (އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެސް 4، 1994: 65)

ޢާމިލުންނަށް އުޖޫރަ ދެވެނީ އެމީހުންނަކީ ފަޤީރުންނަށް ވެގެނެއްނޫނެވެ. ޒަކާތުގެ ޢާމިލުންގެ އުޖޫރައަކީ ކުރާ މަސައްކަތުގެ އަގެއްގެ ގޮތުން ދެވޭ އެއްޗެކެޗެ. އެއީ ފަހަރެއްގައި ވެސް އެމީހުންނަކީ ފަޤީރުންނަށް ވެގެން އެމީހުންގެ ޙާޖަތަށް ބަލައި ދެވޭ އެއްޗެއްނޫނެވެ. ޢާމިލުންގެ ތެރޭގައި މުއްސަންޖަކު ހުއްޓަސް އޭނާކުރާ މަސައްކަތަކަށް އޭނާއަށް އުޖޫރަ ދިނުމަކީ ހުއްދަކަމެކެވެ. އެ އުޖޫރައިން ތަނާޒުލްވުމަކީ އިޚުތިޔާރީ ކަމެކެވެ.

ޢާމިލުންނަށް ދެވޭ މިންވަރު

ޒަކާތުގެ ޢާމިލަކީ މުވައްޒަފެކެވެ. އޭނާ އަދާކުރާ މަސައްކަތާއި އެއްވަރެއްގެ އުޖޫރައެއް ދިނުމަކީ ޖާއިޒު ކަމެކެވެ. އިމާމު ޝާފިޢީގެ ރައުޔުގައި ޢާމިލުންގެ އުޖޫރަ އަށްބައިކުޅަ އެއްބަޔަކަށް ވުރެ އިތުރެއް ނުކުރެވޭނެއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން އިމާމު ޝާފިޢީގެ ނަޒަރުގައި އަށް ބަޔަށް ބަހަންޖެހެނީ ހަމަހަމަ ކޮށްނެވެ. މިގޮތުން ހަމަހަމަކަމާއެކި އަށް ބަޔަށް ޒަކާތް ބަހާއިރު ޢާމިލުންގެ އުޖޫރައަށްއަރާވަރު އެއަށް ވުރެ ބޮޑު ވެއްޖެ ނަމަ އިމާމު ޝާފިޢީގެ ނަޒަރުގައި އެ އަގު އަދާކުރަންވާނީ ޒަކާތުން ބޭރުންނެވެ.( އަލްޤަރުޟާވީ،02، 601)

ޖުމުހޫރު ޢިލްމުވެރިން ދެކިލައްވަނީ ޢާމިލުންގެ މަސައްކަތާއި އެއްވަރު އުޖޫރައެއް ޢާމިލުންނަށް ލިބެންވާނެކަމުގައެވެ. އެއީ ކީރިތި ޤުރުއާނުގައި އެމީހުންނަށް ކަނޑައަޅުއްވާފައިވާ ޙައްޤެވެ. އެމީހުންގެ މަސައްކަތުގެ އަގު އަށްބައިކުޅަ އެއްބަޔަށް ވުރެ ގިނަވިޔަސްމެއެވެ. މިއީ އިމާމު ޝާފިޢީގެ އަރިހުންވެސް އައިސްފައިވާ އެއްރައުޔެވެ. (އަލްޤަރުޟާވީ،02، 601)

ޢާމިލުންނަށް ދޭންޖެހޭ މިންވަރާމެދު ޢިލްމުވެރިންގެ މެދުގައިވާ ޚިލާފަކީ އެހާ ބޮޑު ޚިލާފެއްނޫނެވެ. އެންމެ ބޭކަލުން ވެސް މައިގަނޑު އެއްކަމަކަށް އެއްބަސްވެލައްވައެވެ. އެއީ ޢާމިލުންއަދާ ކުރާ މަސައްކަތާއި އެއްވަރުގެ އުޖޫރައެއް ދޭންޖެހޭ ކަމެވެ. ޒަކާތްނެގުމާއި ޒަކާތާ ޙަވާލުވުމާއި އެއިގެ ހިސާބު ކިތާބު ބެލެހެއްޓުމާއި ޒަކާތުގެ ފައިސާ ހެޔޮ ގޮތުގައި ބެލެހެއްޓުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެން ކަމުން އެ މަސްއޫލިއްޔާ އެއްވަރުގެ އުޖޫރައެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ.

ދިވެހިރާއްޖޭގައި ޢަމަލުކުރާ ގޮތް

ދިވެހިރާއްޖޭގެ ޕްރެކްޓިސްގައި ޢާމިލުންނަކީ ޒަކާތް ބެހުމުގެ ކަންކަމާ ޙަވާލުވެ ތިބޭ މީހުނެވެ. ޤާނޫނީ ގޮތުން ޒަކާތުގެ އިދާރީ ނިޒާމެއް ރާއްޖޭގައި ނެތެވެ. ދިވެހިރާއްޖޭގައި ދައުލަތަށް ޒަކާތް ދައްކާ ބަޔަކު ދައްކަނީ މަޖްބޫރުކަމެއްނެތި ކިޔަމަންތެރިކަމާއެކުގައެވެ. އެކަމަކު ރާއްޖޭގައި ޒަކާތުގެ އިދާރީ ނިޒާމެއް ޤާނޫނީ ގޮތުން ޤާއިމު ކުރެވިއްޖެ ނަމަ އެތައް ގުނައަކަށް ޒަކާތު ފަންޑު އިތުރުވެގެންދާނެއެވެ.

ރާއްޖޭގައި ޒަކާތުގެ ޢާމިލުންނަކީ ކޮންމެ އަހަރަކު ޒަކާތް ބަހާ ދުވަސްވަރު ވަގުތީ ގޮތުން އައްޔަންކުރެވޭ ބައެކެވެ. އެއިގެތެރޭގައި ޒަކާތާ ބެހޭ ކަންކަމުގެ ހިސާބު ކިތާބު ބަލަހައްޓާ މީހުންނާއި ޒަކާތް ބެހުމުގައި ޢަމަލީ ގޮތުން އެކި ރަށްރަށުގައި ޙަރަކާތްތެރިވާ މީހުން ހިމެނެއެވެ. (ޒަކާތުގެ އަހައްމިއްޔަތު، 1991)

ޒަކާތުގެ ޢާމިލުންގެ ތެރޭގައި ހިމަނަނީ ޒަކާތުގެ ކަންކަން ބަލަހައްޓާ އޮފީހުގެ މުވައްޒަފުން ނޫން މީހުންނެވެ. އެކަމުގައި ސަބަބެއްގެ ގޮތުގައި އެއިރުގައި ދެކެމުން އައީ އެމީހުންނަކީ ދައުލަތުން އެކަމަށްޓަކައި ޢައްޔަންކޮށްފައިވާ މުވައްޒަފުން ކަމަށްވާތީކަމަށެވެ. މިގޮތުން ކަމާ ބެހޭ އިދާރާއިން އެއިރުގައި ޢާމިލުންގެ ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ.

ޝަރުޠުތަކުގެ ތެރޭގައި

  • ޢާމިލަކީ ޒަކާތާ ބެހޭ ޔުނިޓްގެ މުވައްޒަފަކަށް ނުވުން.
  • ޢާމިލަކީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ޒަކާތް ބަހާ އޮފީހެއްގެ މުވައްޒަފަކަށް ނުވުން.
  • ޢާލިމުންގެ ތެރޭގައި މުއްސަނޖު ވިޔަސް އޭނާގެ މަސައްކަތުގެ އުޖޫރަ ދިނުން.

މި ޝަރުޠުތައް 2008 ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔައެވެ. 2008 ގެނެވުނު ބަދަލުތަކުގެ ތެރޭގައި ޒަކާތުގެ ކަންކަމުގައި އުޅޭ އެންމެން ޢާމިލުންގެ މަފްހޫމުގެ ތެރެއަށް ވަދެގެންދިޔައެވެ. އެއިގެތެރޭގައި ޒަކާތާ ބެހޭ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓްގެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ. ޢާމިލުންނަށް 2008 ގައި ޒަކާތަށް ލިބުނު ފައިސާގެ 3% ހަމަ ޖައްސާފައިވެއެވެ. (ޒަކާތު ރިޕޯޓް 2008) އެއީ އަޞްލުގައި ރަމްޒީ އުޖޫރައެކެވެ. މުވައްޒަފުން ވެސް ހިމެނޭ މަގުން ޢާމިލުންގެ މަފްހޫމް ފުޅާކުރަންޖެހުނު ސަބަބަކީ ޢާމިލުންގެ ދައުރުއަދާކުރަނީ އެމީހުންކަމަށް ވުމުގެ އިތުރުން ޒަކާތުގެ ކަންކަން ބެލެހެއްޓުމަކީ ޒަކާތް ބަހާ ދުވަސްވަރު ރަސްމީ ގަޑީގެ އިތުރުން އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ކަމަކަށްވާތީއާއި މުވައްޒަފުން ޢާމިލުންގެ ތެރެއިން ހިމެނުމަކީ ޢިލްމުވެރިން މެދުގައި ދެބަސްވުމެއް އޮތް ކަމެއްކަމަށް ނުވާތީއެވެ. އަނެއްކޮޅުން ރާއްޖޭގައި ޢާމިލުންނަށް ދެމުން ގެންދަނީ ވެސް ރަމްޒީ އުޖޫރައެކެވެ.

ބޭންކު މެދުވެރިކޮށް ޓްރާންސެކްޝަނަށް ނަގާ ފީ ވެސް ޢާމިލުންގެ ބައިން ނަގާގޮތައް ފަހުން ހަމަ ޖެއްސިއެވެ. އެއީ ބޭންކުން އެ އަދާކުރަނީ ޢާމިލްގެ ދައުރުކަމަށް ދެކޭތީއެވެ. އެއީ އެއްތަނުން އަނެއް ތަނަށް ފައިސާ ނަގުލު ކުރުމެވެ. އެކަމަށް ދާ ފީ ޢާމިލުންގެ ބައިން ކަނޑާ ގޮތައް ހަމަ ޖެއްސުނެވެ. އެއީ ޒަމާނީ ގޮތުން ގެނެވުނު ހެޔޮ ބަދަލެކެވެ. (ޒަކާތު އުޞޫލު، 2001).

2018 ރާއްޖޭގެ ޒަކާތުގެ ނިޒާމަށް އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅު ނޫން އިދާރީ ބަދަލެއް އައެވެ. ޒަކާތުގެ ފައިސާއާ ޒަމާނުއްސުރެން ޙަވާލުވަމުން އައީ އެއިރެއްގައި އޮންނަ އިސްލާމީ ކަންކަމާ ބެހޭ އޮފީހުންނެވެ. ނަމަވެސް ގެނެވުނު ބަދަލުގައި މީރާއިން ޒަކާތާ ޙަވާލުވާން ފެށިއެވެ. އެއީ ވެސް ގޮތެކެވެ. ނަމަވެސް މިކަމުގައި އަޅުގަނޑަށް ފެންނަ ގޮތުގައި ޒަކާތާ ޙަވާލުވުމާއި ބެހުމާއި ޙައްޤުވެރިން ކަނޑައެޅުމާއި ޒަކާތުގެ އެންމެހާ ކަންކަމެއް އޮންނަންވާނީ އެއް އިދާރާއެއްގެ ދަށުގައެވެ. އަދި އެކަން އޮންނަންވާނީ މުސްތަޤިއްލު ގޮތެއްގައެވެ. މިހެންކަމުން ކުރިން އޮތް ގޮތަށް މިކަން ބަދަލުކޮށް ޒަކާތާ ޙަވާލުވުމުގެ ރަނގަޅު މެނޭޖްމަންޓް ސިސްޓަމެއް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ (އައިޑީބީ) ގުޅިގެން ޤާއިމުކުރުން މުހިންމެވެ. އެބޭންކުން އެފަދަ ކަންކަމަށް ހިލޭ ފަންޑުކޮށްދޭނެއެވެ. މިހާރު ރާއްޖޭގައި އޮތް ގޮތުން ޒަކާތާ ޙަވާލުވަނީ ވަކި އިދާރާއަކުންނެވެ. އެހެންކަންކަން ކުރިއަށް ގެންދަނީ މިނިސްޓްރީ އިންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ދެ ތަނަކުން ޒަކާތުގެ ކަންކަން ބެލެހެއްޓުމަކީ އެއްމެ ރަނގަޅު ގޮތެއްނޫނެވެ. މިހެން ދެންނެވި ނަމަވެސް ކޮންމެ އިދާރީ ނަޒަރިއްޔާއެއްގައި ވެސް އީޖާބީ ކަންކަމެއް ހުރެދާނެއެވެ.

ޢަމަލުކުރަން ފެންނަ ގޮތް

ޢާމިލުންގެ މަފްހޫމުގައި މިޒަމާނުގައި ޢަމަލުކުރުމަށް އަޅުގަނޑަށް ފެންނަ ގޮތަކީ އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑެމީ އެކަޑެމީ ޤަރާރު ގެ މައްޗަށް ބިނާކޮށް އަންނަނިވި ގޮތް ހުށަހަޅަމެވެ.

1
 

ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތާ ޙަވާލުވެ ޙައްޤުވެރިންނަށް ޒަކާތް ޙަވާލުކޮށްދޭ މިޒަމާނުގެ އެންމެހާ އިދާރާތަކާއި އެ އިދާރާތަކާ ގުޅިފައިވާ ތަންތަން ޒަކާތުގެ " ޢާމިލުން" ގެ މަފްހޫމުގެ ތެރެއަށް މިޒަމާނުގައި ވަންނާނެއެވެ.

2
 

ޒަކާތާ ބެހޭ އިދާރާތައް މާލީ ގޮތުންނާއި އިދާރީ ގޮތުން މުސްތަޤިއްލުވާންޖެހޭނެއެވެ. އަދި އެތަންތަނުގެ ހިސާބުކިތާބު ރަނގަޅަށް ބެލެހެއްޓި ތަންތަން ރަނގަޅަށް އޮޑިޓް ކުރެވެންވާނެއެވެ.

3
 

ޒަކާތާ ބެހޭ މުސްތަޤިއްލު އިދާރާ ތަކަކީ ޒަކާތް ބެހެލެއްޓުމުގައި އަމާނާތްތެރި ފަރާތެކެވެ. އެތަންތަނުގެ ދަށުގައިވާ މުދަލަށް ކަނޑައެޅިގެން ބަޔަކު ގެއްލުމެއް ނުދޭހާ ހިނދެއްގައި ނުވަތަ ޤަސްތުގައި އިހުމާލު ނުވާހާ ހިނދެއްގައި އެ މުދަލަކީ ރައްކާތެރިކަމާއި އަމާނާތްތެރިކަމުގެ ދަށުގައިވާ އެއްޗެކެވެ. އެތަންތަނާ ޒަކާތް ޙަވާލު ކުރުމުން ޒަކާތް ދޭ މީހާގެ ޒިންމާ ބަރީއަވީއެވެ.

4
 

ޒަކާތާބެހޭ މުސްތަޤިއްލު އިދާރާތަކުގެ އިދާރީ ކަންކަމާއި އެތަންތަނުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޢާމިލުންގެ ބައިން ޚަރަދު ކުރުމަކީ ހުއްދަ ކަމެކެވެ.

ރިކޮމެންޑޭޝަން

1 - ޒަކާތުގެ ޢާމިލުންގެ މަފްހޫމް މިޒަމާނުގެ ބައިނަލްއަޤުވާމީ ފިޤުހު އެކަޑަމީތަކުގެ ނިންމުންތަކާ އެއްގޮތަށް ރާއްޖޭގައި ޢަމަލުކުރުން.

2 - ޒަމާނީ މަފްހޫމުގެ އަލީގައި ދިވެހިރާއްޖޭގައި ޒަކާތާ ޙަވާލުވެ ޒަކާތް ބަހާނެ ވަކި އޮފީހެއް ( މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޤާނޫނެއްގެ ދަށުން އުފައްދައި ޒަކާތުގެ ފައިސާއަށް ވަކި މުސްތަޤިއްލު އެކައުންޓެއް ޤާއިމު ކުރުން.

3 - ޒަކާތުގެ ކަންކަމަށް ވަކި އޮފީހެއް ޤާއިމު ކުރެވިއްޖެ ނަމަ އެއިދާރާގެ އިދާރީ މުވައްޒަފުންގެ އިތުރުން މަސައްކަތު މީހުންގެ މުސާރަ ޢާމިލުންގެ ބައިން ދެވިދާނެއެވެ. އެކަން ހަމަޖައްސާނީ އަށްބައިކުޅަ އެއްބައިގެ ތެރެއިންނެވެ.

4 - ޢާމިލުގެ މަފްހޫމްގެ ދަށުން ދައުލަތުން އުފައްދާ ޒަކާތާ ބެހޭ އިދާރާއަށް ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ ފުރުޞަތު ލިބިދިނުން.