މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުނެކެވެ. ޒަކާތް ނަގައި ބެހުމަކީ ދައުލަތާ މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. ދައުލަތުން ޒަކާތް ނަގައި ބަހާނެ ޤާނޫނީ އޮނިގަނޑެއް އޮވެއްޖެ ނަމަ ޒަކާތުގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށް ދިނުމަށް ވަރަށް ބޮޑުތަކުން ފަސޭހަވެގެން ދާނެއެވެ. މިއަދު އިސްލާމީ ގިނަ ޤައުމުތަކުގައި މުދަލު ޒަކާތް ނެގުންވަނީ އިލްޒާމީ ކަމަކަށް ހަދާފައެވެ. އަދި ޒަކާތް ނަގައި ޒަކާތް ބެހުމުގެ ކަންކަން ވަނީ ތަޤުނީނު (ކޮޑިފައި) ކުރެވިފައެވެ. އެކަމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައެވެ. ޒަކާތާ ބެހޭ ނަމޫނާ އިދާރީ ނިޒާމެއް އޮންނަނީ ކުވައިތުގައެވެ. ކުވައިތުގެ ޒަކާތު ހައުސް އަކީ މުޅި އިސްލާމީ ދުނިޔެއަށް އޮތް ނަމޫނާ އިދާރާއެކެވެ. އޯއައިސީ އިން އެ މުއައްސަސާއަށް 2019 ވަނަ އަހަރުގައި އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑް ދީފައި ވެއެވެ. ދެން އެންމެ ރަނގަޅު ޒަކާތުގެ ނިޒާމެއް އޮންނަނީ ސޫދާނުގަ އެވެ. ސޫދާންގެ ޒަކާތު ޗެމްބާ އަކީ ވަރަށް ކާމިޔާބު މުއައްސަސާއެކެވެ. މީގެ އިތުރުން ޔޫއޭއީ އާއި ބަޙުރައިން އާއި ސަޢޫދީ ޢަރަބިއްޔާ އާއި މެލޭޝިޔާގެ ޒަކާތުގެ ނިޒާމު ވެސް ވަރަށް ހަރުދަނާއެވެ.
އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖެއަށް އެންމެ މުނާސިބު އެއް މޮޑެލްއަކީ ކުވައިތުގެ ހުންނަ ފަދަ ޒަކާތު ހައުސް އެއް އުފެއްދުމެވެ. (މޯލްޑިވްސް ޒަކާތު ހައުސް) ގެ ނަމުގައި ޤާނޫނެއްގެ ދަށުން މުސްތަޤިއްލު އިދާރާއެއް އުފެއްދިދާނެ އެވެ. އެ އިދާރާ ހިންގަން ދައުލަތުން ފައިސާ ދޭކަން ނުޖެހޭނެއެވެ. އެއިދާރާގެ ހުރިހާ ކަމަކަމާއި އެއިދާރާގެ މުވައްޒަފުންގެ މުސާރަވެސް ދޭނީ ސީދާ ޒަކާތު ފަނޑުންނެވެ. އެހެނީ އެ ފަދަ އިދާރާއެއް އުފެއްދިއްޖެ ނަމަ އެ އިދާރާ އެއް ވެގެންދާނީ ޒަކާތުގެ " ޢާމިލް" އަށެވެ. ޢާމިލުންނަކީ ޒަކާތް ނަގައި ބަހާ މީހުންނެވެ.
މިޒަމާނުގައި މުއައްސަސާ ވެގެންދާނީ ޢާމިލުގެ މަޤާމުގައިވާ ތަނެއްކަމުގައި އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ ގެ ޤަރާރު ގައިވެއެވެ. އަދި މުއައްސަސާއިން ޒަކާތުގެ ބެހެނިވެރިންގެ ޙައްޤުގައި އިންވެސްޓްވެސް ކުރެވޭނެއެވެ.
މިޒަމާނުގެ މަޝްހޫރު ބައެއް ފިޤުވެރިން ދެކިލައްވަނީ ޒަކާތުގެ ބެހެނިވެރިންގެ ޙާޖަތްތަކާއި މަޞްލަޙަތަށްޓަކައި ޒަކާތު ފައިސާއިން ކަމާބެހޭ ފަރާތުން އިންވެސްޓްކުރެވޭނެކަމުގައެވެ. ސަބަބަކީ އިންވެސްޓްކޮށް ފައިދާ އިތުރުނުކޮށް މިޒަމާނުގައި އަހަރަކު އެއް ފަހަރު ދެވޭ ކުޑަ ލާރިކޮޅަކުން ޙާޖަތްތައް ފުރިހަމަކަމާއެކު ނުފުއްދޭތީއެވެ. އިންވެސްޓް ކުރެވިއްޖެ ނަމަ ޒަކާތުގެ ބެހެނިވެރިންނަށް ދާއިމަށް ޙައްލު ލިބޭނެއެވެ. މުޖުތަމަޢުން ފަޤީރުކަން ނައްތާލެވޭނެއެވެ. ފަޤީރުން މުއްސަނދިންނަށް ހަދައި އެމީހުންނަކީ ޒަކާތް ހޯދާ މީހުންގެ ބަދަލުގައި ޒަކާތް ނެރޭ މީހުންނަށް ވެގެންދާނެއެވެ. މިތަނުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ އިންވެސްޓްކުރުން ހުއްދައީ ޒަކާތުގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާއަށެވެ. ވިޔަފާރިވެރިޔާ އަމިއްލައަށް އޭނާގެ ޒަކާތުގެ ފައިސާ އިންވެސްޓްކުރުން ހުއްދައެއް ނުވާނެއެވެ.
ޒަކާތަކީ މުއްސަނދިންގެ އަތުން ދައުލަތުން ނަގަންޖެހޭ ޙައްޤެކެވެ. ޒަކާތް ބެހުމުގެ ކަންކަން ވެސް ކުރަންޖެހޭނީ ދައުލަތުންނެވެ. ނުވަތަ ދައުލަތުން ކަނޑައަޅާ ފަރާތަކުންނެވެ. ނަމަވެސް ޒަކާތުން އެކަނި ދައުލަތެއް ނުހިންގޭނެއެވެ. ޒަކާތަކީ މުޖުތަމަޢުގެ ވަކި ބައެއްގެ ޙައްޤެކެވެ. ޒަކާތަކީ ވަކި ބަޔަކަށް ޚާއްޞަ ވެގެންވާ ހަޤެއްކަމުން ދައުލަތް ހިންގުމުގައި އެހެނިހެން މާލީ ވަސީލަތްތައް އިތުރުކުރަންޖެހޭނެއެވެ. މިގޮތުން ދައުލަތުގެ މާލިއްޔާތު އިތުރުކުރުމަށް ދައުލަތުގެ ފިޔަފާރި އިތުރު ކުރުމާއި އެކި އެކި މަޝްރޫޢުތައް ޤާއިމު ކުރުމާއި ތަފާތު ދާއިރާތަކުން ޓެކްސް ނަގަންޖެހެއެވެ. ޓެކްސް ނެގުމަކީ ޒަކާތުގެ ކަންކަން އިހުމާލު ކޮށްލަން ޖެހޭ ސަބަބެއްނޫނެވެ. ޒަކާތުގެ މައުޟޫޢަކީ ވަރަށް ޝައުޤުވެރި މައުޟޫޢެކެވެ. މި ޒަމާނުގެ މަފްހޫމުތަކުގެ ތެރެއިން ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ މުޖުތަމަޢަށް ދިރުން ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގައި ޒަކާތާ ބެހޭ ވަކި އޮފީހެއް އަށްޑިހައިގެ އަހަރުތަކުގެތެރޭގައި ހުއްޓެވެ. ނަމަވެސް ފަހުން އެ އޮފީސް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލީހުގެ ބަޔަކަށް ވެގެން ދިޔައީއެވެ. އެ އޮފީސް ވަކި އޮފީހެއްގެ ގޮތުގައި މިއަދާ ހަމަ އަށް ދެމި ހުރި ނަމަ އެއީ ޒަކާތުގެ ނިޒާމު ތަޤުނީނު ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތަކަށް ވާނެއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިލްޒާމީ ގޮތެއްގައި އޮންނަ ގޮތަށް ތަޤުނީނު (ކޮޑިފައި) ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ތަޤުނީނު ކުރެވޭ އިރު ރައްޔިތުންނަށް ފަސޭހަވާނެހެން ކަންކަން ތަރުތީބު ކުރެވިދާނެއެވެ. ޒަކާތުގެ ނިޒާމް ލީގަލައިޒް ކުރުމަކީ އެއްވެސް ޙާލެއްގައި ވިޔަފާރިވެރިންނަށް ދަތިވާނެކަމެއްނޫނެވެ. ކިއެއްތޯ އެއީ ވަރަށް ފަސޭހަވެގެންދާނެކަމެކެވެ. އެއިގެ އިތުރުން ކޮންމެ އަހަރަކު މުދަލުން ޒަކާތް ނެރުމަކީ ﷲގެ ރުހިވޮޑިގަތުން ލިބިގެންދާނެ ކަމެކެވެ. މުސްލިމު މުޖުތަމަޢުގައި މުދަލުން ޒަކާތް ނެރެވި، އެއިގެ ޙައްޤުވެރިންނަށް ޙައްޤުގޮތުގައި ވާޞިލްކޮށްދެވޭ ނަމަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އިޖުތިމާޢީ ގޮތުން އަންނާނެއެވެ.
ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ޤާނޫނީ އުޞޫލުތަކުގެ ތެރެއަށް ފެއްތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެކެވެ. އަޅުގަނޑުގެ ޕީއެޗްޑީ ތީސިސް ލިޔެފައިވަނީ ދިވެހިރާއްޖޭގައި ޒަކާތުގެ ޒަމާނީ އިދާރީ އަދި ޤާނޫނީ ނިޒާމެއް ޤާއިމު ކުރުމާ ގުޅޭ ފަލްސަފާގެ މައްޗަށެވެ. ތީސިސްގައި، ދިވެހި ރާއްޖޭގައި ޒަކާތުގެ ޒަމާނީ ނިޒާމެއް ޤާއިމު ކުރެވޭނެ ޒަކާތު ޤާނޫނެއްގެ އުންމީދީ ތަޞައްވަރެއް އަޅުގަނޑު ހުށަހެޅީމެވެ.
އެ ތަޞައްވަރު އެކުލަވާލީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަކާތުގެ ނިޒާމު ޤާއިމުކުރުމަށްޓަކައި ކަމުގެ ތަޖުރިބާކާރުންނާއި ޤާނޫނީ މާރިހުންނާއި ފިޤުހުވެރިން ތައްޔާރުކޮށްފައިވާ ދިރާސާތަކާއި ތަޞައްވަރުތަކުގެ މައްޗަށް ބިނާކޮށް އެ އަޞްލަކަށް ބަލައިގެން ރާއްޖެއަށް ފެތޭގޮތައް ބަދަލު ގެނެވިދާނެކަމަށް ބަލައިގެންނެވެ. ޤާނޫނުގެ މި ތަޞައްވަރަކީ އަރަބި ބަހުން ލިޔެވުނު ތީސިސްއެއްގެ ބައެއް ކަމުން އަޅުގަނޑުގެ ވަޒީރުކަމުގައި، އަލް އުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ހުށައަޅައިގެން، 2012 ވަނަ އަހަރު ދިވެހި ބަހަށް އެ ތަޞައްވަރު ތަރުޖަމާކުރެވުނެވެ. އަދި މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒުން އެ ތަޞައްވަރު ދިރާސާކުރިއެވެ. އެއަށް ފަހު، މިނިސްޓްރީގެ ފަރާތުން މަސައްކަތްކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ގެ ދަށުގައިވާ އިސްލާމިކް އިނިސްޓިޓިއުޓް ފޯ ރިސާޗް އެންޑް ޓެރެއިން އާ ގުޅިގެން އެފަރާތުގެ ފަންނީ އެހީތެރިކަމުގެ ދަށުން ދިވެހިރާއްޖެއަށް ޚާއްޞަކޮށްގެން، ޒަކާތާ ބެހޭ ޤާނޫނެއްގެ ދެލިކޮޕީ އެއް އެކުލަވާލުމަށެވެ.
މިގޮތުން އެފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެމަސައްކަތް ފެށުނެވެ. ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވުނީ އެއިރުގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާގެ ބެއްލެވުމުގެ ދަށުން އެކަމަނާގެ ފުރިހަމަ ބައިވެރިވުމާއެކު (46) މާއްދާގެ މައްޗަށް އެކުލެވޭ ދިވެހި ރާއްޖޭގެ ޒަކާތާ ބެހޭ ޤާނޫނުގެ ދެލި ކޮޕީ (2015) ވަނަ އަހަރުގައި ނިންމައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަންޑާރަ ނައިބުގެ އޮފީހަށް އަޅުގަނޑުގެ ވަޒީރުކަމުގައި ހުށައަޅާފައިވާނެ އެވެ.
އެ ދުވަސްވަރު އިސްލާމީ ދާއިރާއަށް ބޭނުންވާ އެހެން ބައެއް ޤާނޫނުތަކުގެ ދެލިކޮޕީތައް ވެސް މިނިސްޓްރީ އިން ތައްޔާރު ކުރީމެވެ. އެއިގެ ތެރޭގައި ވަޤުފު ޤާނޫނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޤާނޫނު ހިމެނެއެވެ.
އާދެ! އަޅުގަނޑު ކިޔުންތެރިންނަށް މިހުށައަޅަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އައިޑީބީގެ ފަންނީ އެހީގައި ތައްޔާރު ކުރި ތަޞައްވަރެއްނޫނެވެ. އެ ތަޞައްވަރު ވަރަށް ފުރިހަމަވާނެ އެވެ. އަޅުގަނޑު މި ހުށަހަޅާލަނީ އަޅުގަނޑުގެ ތީސިސްގައި ހިމެނޭ ތަޞައްވަރުގެ ތަރުޖަމާއެކެވެ. މި ތަޞައްވަރު ޢާއްމުކޮށްލަން ޤަސްތު ކުޅައީ ކިޔަވާކުދިންނަށާއި އިސްލާމީ ސޯޝަލް ފަނޑުތަކާއި އިސްލާމީ އިޤުތިޞާދާއި މިފަދަ ދާއިރާތަކުން ދިރާސާ ކުރާ ފަރާތްތަކަށް ދޭ ހިއްވަރެއްގެ ގޮތުނެވެ. މި ތަޞައްވަރަކީ ތީސިސްގައި ހިމެނުނު ތަޞައްވަރެއްކަމުން ޤާނޫނަކަށް ވެގެން އަންނަ އިރު އަދިވެސް ރާއްޖެއަށް އިތުރަށް ފެތޭނޭ ގޮތައް އުނި އިތުރު މުހިންމު ބަދަލުތަކެއް މި ތަޞައްވަރަށް ގެންނަންޖެހޭ ކަމުގައި ޤަބޫލު ކުރަމެވެ.
އިންކަމް ޓެކްސް ނަގަން ތައްޔާރުވަމުންދާއިރު ޒަކާތާ ގުޅޭ ކަންކަން އިހުމާލުވެގެން ނުދާނެހެން ކަންކަން ތަރުތީބު ކުރުން މުހިންމު ކަމުގައި ދެކެމެވެ. އެހެން ނޫން ނަމަ ރައްޔިތު މީހާއަށް ވަރަށް ބޮޑު ބުރައަކަށް ވެގެންދާނެއެވެ. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްނުގެ ރުކުނެއްކަމުން އެކަން ފަސޭހަ ގޮތެއްގައި އަދާކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި އޮތުމަކީ މުހިންމު ކަމެކެވެ. ޒަކާތާ ބެހޭ އޮފީހަށް ޒަކާތް ދެއްކުމުން، އިންކަމް ޓެކްސްގެ ކަންވާރުން ޒަކާތަށް ދެއްކި މިންވަރު އުނިވާގޮތައް ޤާނޫނުގައި ބަޔާންކުރެވެން ޖެހޭނެއެވެ. ޢަމުދުން ރާއްޖޭގައި ޒަކާތާ ބެހޭ ޤާނޫނެއް ނެތް އިރު، މިދެންނެވި ގޮތައް އިންކަމް ޓެކްސްގެ ޤާނޫނުގައި އެ ނުކުތާ ބަޔާންކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނޫނީ ޒަކާތް ދައްކާ ފަރާތްތަކުން ކޮންމެ އަހަރަކު މުދަލުން ޒަކާތް ދެއްކުމުގެ އިތުރުން އިންކަމް ޓެކްސް ދައްކަން ޖެހުމުން ވަރަށް ބޮޑު ބުރައަކަށް ވެގެންދާނެއެވެ. މި މައުޟޫޢަށް ޑރ ޢައިޝަތު މުނީޒާ މުހިންމު މަޒްމޫނެއް ލިޔުއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ ޤާނޫނެއްގެ ތަޞައްވަރު ހިމަނާފައިވަނީ އަޅުގަނޑުގެ ޕީއެޗްޑީ ތީސިސްގެ ހަތަރުވަނަ ޗެޕްޓަރގައެވެ. އެ ތަޞައްވަރު މައިގަނޑު ދިހަ ނުކުތާ އެއްގެ މައްޗަށް އެކުލެވިފައިވެއެވެ. އެއީ ޒަކާތުގެ ވާޖިބުކަމާއި ޒަކާތް ވާޖިބުވާ މުދަލާއި ޒަކާތުގެ އިދާރީ ކަންކަން ބަލަހައްޓާ ފަރާތާއި ޒަކާތް ކަނޑައެޅުމުގެ އިޖުރާއާތާއި ޒަކާތް ނެގުމާއި ޒަކާތް ބެހުމާއި ޒަކާތް ނުދައްކާ ފަރާތުގެ ޢުޤޫބާތާއި ފިޠުރު ޒަކާތާއި ޒަކާތާއި ޓެކްސްއާއި ޢާއްމު ޙުކުމްތައް ހިމެނިފައިވާނެއެވެ. މިތަޞައްވަރުގައި ހިމެނެނީ ޖުމުލަ (71) މައްދާއެވެ.
ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ ޤާނޫނެއްގެ ތަސައްވުރު
މި ޤާނޫނުގައި ހިމެނެނީ ދިހަބާބެވެ.
ފުރަތަމަ ބާބު : ޒަކާތް ވާޖިބުވުމާއި އޭގެ ދާއިރާ
ދެވަނަ ބާބު : ޒަކާތް ވާޖިބުވާ މުދާތައް
ތިންވަނަބާބު : ޒަކާތާބެހޭ ކަންތައްތައް ހިންގުމާ ހަވާލުކުރެވިފައިވާ ފަރާތްތައް
ހަތަރުވަނަ ބާބު : ޒަކާތް ކަނޑައެޅުމުގެ އިޖްރާއާތު
ފަސްވަނަބާބު : ޒަކާތް ޖަމާކުރުން
ހަވަނަ ބާބު : ޒަކާތް ބެހުން
ހަތްވަނަ ބާބު : ޢުޤޫބާތް
އަށްވަނަ ބާބު : ފިޠުރި ޒަކާތް
ނުވަވަނަ ބާބު : ޒަކާތާއި ޓްކްސް
ދިހަވަނަ ބާބު : ޢާއްމު ޙުކުމްތައް
ފުރަތަމަ ބާބު
ޒަކާތް ވާޖިބުވުމާއި އޭގެ ދާއިރާ
މާއްދާ (1 ) : ޒަކާތަކީ ، މުސްލިމު މީހާގެ މުދަލުގައި އެ ވާޖިބުވާ ޝަރްޠުތައް ފުރިހަމަވެއްޖެ ނަމަ އިސްލާމީ ޝަރީޢަތުގެ ޙުކުންތަކުގައިވާގޮތުގެމަތިން، މި ޤާނޫނުގައިވާ ގޮތަށް ، ވާޖިބުވެގެންވާ އެއްޗެކެވެ.
މާއްދާ (2) ހ- ޒަކާތް ދައްކަންޖެހޭ މުދަލަކީ، މުސްލިމުމީހާއަށް ފުރިހަމައަށް މިލްކުވެގެންވާ، ޞައްޙަ ދަރަނިން ޚާލިޞްވެފައިވާ ، އެއިން ފައިދާ ލިބިގަތުމުގެ ބާރުލިބިފައިވާ އެއްޗަކަށްވާންޖެހޭނެއެވެ. އެހެންވެ، ޒަކާތަށް ދެއްކޭ މުދަލުގައި ދަރަންޏެއް އޮތްނަމަ އެ މުދަލުން މި ދަރަނި ކަނޑަން ޖެހޭނެއެވެ.
ށ- މިލްކިއްޔަތު ދެމި އޮތްކަމުގައިވިޔަސް ، އެއިން އޭނާއަށް ފައިދާ ލިބިނުގަނެވޭ ، އަދި އެއާ މެދު ތަޞައްރުފު ކުރުމުގެ ބާރުލިބިފައިނުވާ އެއްވެސް މުދަލަކުން ޒަކާތްދޭކަށް ނުޖެހޭނެއެވެ.އެކަމަކު އެ މުދާ އޭނާގެ ބާރުގެ ދަށަށް އައިސް ، އެއިން ފައިދާ ލިބިގަނެވޭ އެއްޗަކަށްވެ ، އެ މުދާ އަތަށް ލިބުމުން ،އެއިން ، އެއްފަހަރު ޒަކާތް ދައްކަންޖެހޭނެއެވެ.
މާއްދާ (3) : ޒަކާތް ވާޖިބުވާނީ ޙަޤީޤަތުގައި ނުވަތަ ޙުކްމުގައި އިތުރުވާ މުދަލެއް ކަމުގައި ވާނަމައެވެ. އެކަމަކު ޝަޚްޞީ ބޭނުމަކަށް ނުވަތަ ސާބިތު އެސެޓަކަށް ބޭނުންކުރުމަށް ގެންގުޅޭ މުދަލަކުން ޒަކާތް ދޭކަށް ނުޖެހޭނެއެވެ.
މާއްދާ (4) : މުޝްތަރަކު މުދަލެއްކަމުގައި ވާ ނަމަ ، އެ މުދަލުން ޒަކާތް ދޭންޖެހޭނީ ، ކޮންމެ ޝަރީކެއްގެ ޙިއްޞާއަށް ރިޢާޔަތްކޮށް ، މުޝްތަރަކު މުދަލުން ( ނުވަތަ ޚަލީޠު މުދަލުން ) ޒަކާތްދޭ ގޮތަށެވެ.
މާއްދާ (5) : ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ،އޭނާގެ މުދަލުން ޒަކާތްދޭން ޖެހޭނެއެވެ.
މާއްދާ (6) ޢާންމު މުދަލުން ޒަކާތްނެގުމުގައި ޢަމަލުކުރާނީ ތިރީގައި މިވާ ގޮތަށެވެ.
ހ- ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކާއި ޚިދްމަތްދޭ އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މުދަލުން ޒަކާތެއް ނުނެގޭނެއެވެ. އެކަމަކު ދަރަންޏަށް ޒިންމާވާ ގޮތަށް ސަރުކާރުން ހިންގާ ކުންފުނިތަކާއި މަޝްރޫޢުތަކުން ޓެކްސް ނެގޭނަމަ އެތަންތާނގެ މުދަލުން ޒަކާތް ނެގޭނެއެވެ.
ށ- އަވްޤާފާއި ޚައިރާތު ފަންޑްތަކާއި، އަހްލީ ޖަމްޢިއްޔާތައް ފަދަ އާންމު މަންފާއަށް ޚާއްޞަކުރެވިފައިވާ މުދަލުން ޒަކާތެއް ނުނެގޭނެއެވެ.
ދެވަނަ ބާބު
ޒަކާތް ވާޖިބުވާ މުދާތައް
މާއްދާ (7) : ރަނާއި ރިއްސާއި ނަޤްދުފައިސާއާއި އޭގެ ޙުކްމުގައިވާ އެއްޗެހިން ޒަކާތް ދައްކާނީ މިއަންނަނިވިގޮތުގެ މަތިންނެވެ.
ހ - ކޮންމެ ސިފައެއްގައި ހުށްޓަސް ރަނާއި ރިހިން ޒަކާތް ވާޖިބުވާނެއެވެ. އަންހެނުން ޢާންމު ގޮތެއްގައި ޒީނަތްތެރިވުމަށްޓަކައި ގަހަނާގެ ގޮތުގައި ބޭނުންކުރާ ރަންރިހި ، މިއިން އިސްތިސްނާވެގެންވެއެވެ.
ށ- ފައިސާގެ ގޮތުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ނަޤްދާއި ،ބޭންކްގައި ނުވަތަ ފައިސާ ރައްކައުކޮށް ބަލަހައްޓާ މުއައްސަސާ ތަކުގައި ބަހައްޓާފައިހުންނަ ފައިސާގެ ޓްރަސްޓްތަކާއި ، އިންވެސްޓްމެންޓް ސެޓްފިކެޓްތައް ފަދަ އެންމެހާ އެއްޗެހިން ޒަކާތް ވާޖިބުވާނެއެވެ.
މާއްދާ (8) : ވިޔަފާރިކުރުމަށްޓަކައި ގެންގުޅޭ ،ނުވަތަ ރައްކައުކުރުމަށްޓަކައި ބަހައްޓާފައި ހުންނަ ޙިއްޞާބާޒާރުގެ ޙިއްޞާއިންނާއި ، ޓްރެޝަރީބޮންޑުންނާއި، ޗެކުންނާއި، ކުންފުނިތަކުގެޙިއްޞާ ފަދަ އެންމެހާ މާލީ ފައިސާ އިން ޒަކާތް ވާޖިބުވާނެއެވެ. މި ޤާނޫނުގެ 9ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޒަކާތްދައްކާފައިވާ ކުންފުނިތަކުގެ ޙިއްޞާ މިއިން އިސްތިސްނާ ވެގެންވެއެވެ.
މާއްދާ (9) : ވިޔަފާރިން ޒަކާތް ވާޖިބުވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
ހ- ވިޔަފާރިއޭ ބުނެވުނުބަހުގެ މުރާދަކީ ޤާނޫނީ ހައިސިއްޔަތު ލިބިގެން ކޮންމެ ސިފައެއްގައި ވިޔަސް ފައިދާހޯދުމުގެ މަޤްޞަދުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތެކެވެ.ވިޔަފާރި މުދަލުގެ ތެރޭގައި ވިޔަފާރި މުދަލާއި ، އަދާކުރާނެކަމަށް ބެލެވޭ ދަރަންޏާއި ، ނަޤްދާއި، ކަރުދާހު ނޫޓާއި ، އުފައްދާފައިވާ އެއްޗެއްސާއި، އެއްޗެހި އުފެއްދުމަށް ބޭނުންކުރާ ރޯ މާއްދާއާއި ދެބައިކުޅައެއްބައި މިންވަރަށް އުފައްދާފައިވާ އެއްޗެހި ހިމެނޭނެއެވެ.
ށ- ވިޔަފާރީގެ ޒަކާތުގެ ދާއިރާ ތެރޭގައި ޞިނާޢީ މަސައްކަތްތަކާއި ،ކޮންޓްރެކްޓް މަސައްކަތްތަކާއި، ބޭންކާއި ، އިންޝުއަރެންސާއި، ފައިސާގަނެވިއްކުމުގެ މަސައްކަތާއި، ޢުމޫލާ ނަގާ އޭޖެންސީތަކާއި ، ޚާރިޖީ ވިޔަފާރިއާއި ، މުދާއެތެރެކުރުމާއި ބޭރުކުރުމުގެ ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއާއި ، ޓްރާންސްޕޯރޓާއި ، ސައިހޮޓަލާއި ، ރެސްޓޯރެންޓް ފަދަ އެއިން ފައިދާ ލިބޭ އެންމެހާ މަސައްކަތްތައް ހިމެނޭނެއެވެ.
ނ- ސާބިތު އެސެޓުންނާއި ،މަސައްކަތްކުރުމަށް ބޭނުންކުރާ އާލަތްތަކުންނާއި ،ވިޔަފާރިކުރުމުގެ ގަސްތެއް ނެތި ގެންގުޅޭ އެއްޗެހިން ،ޒަކާތް ވާޖިބެއް ނުވާނެއެވެ.
ރ- ޒަކާތާ ގުޅިފައިވާ ފަދަ ގޮތެއްގައި ހިންގާ ކުންފުނި ( ޚަލީޠު މުދާ ) ފަދަ ޙަރަކާތްތައް. މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާންމު ފައިދާއަކަށްޓަކައި އެއްވެސް ފަރާތަކުން ދޭ އެންމެހާ އެހީ ތައް އިސްތިސްނާވެގެންވެއެވެ .
މާއްދާ (10) : އާމްދަނީ ހޯދުމަށްޓަކައި ކުއްޔަށްދޭ އެއްޗެހިން ނުވަތަ އުފައްދާ އެއްޗެހި ވިއްކައިގެން އަހަރު ތެރޭގައި ލިބޭ ސާފު އާމްދަނީން ޒަކާތް ވާޖިބުވާނެއެވެ.
މާއްދާ (11) : ވިޔާފާރީގެ ދަރަނިތައް ފިޔަވައި އެހެނިހެން ދަރަނިތައް ( ކިތަންމެ އަހަރެއް ފާއިތުވެފައި ވިޔަސް ) އަތަށް އެރުމުން ޒަކާތްދޭނީ އެންމެ އަހަރަކަށެވެ. އެކަމަކު ޒަކާތް ދޭމީހާގެ ވިޔަފާރީގެ ދަރަނިތައް ލިބުމުން އޭއްޗެހި ވިޔަފާރި މުދަލާ އެއްކޮށް ވިޔަފާރިމުދަލުން ޒަކާތް ދައްކާ އުޞޫލުން ޒަކާތް ދައްކާނީއެވެ.
މާއްދާ (12 ) : އިސްވެ ބުނެވުނު މުދަލުގެ ބާވަތްތަކުގެ ނިޞާބަކީ ސާފު ރަނުގެ ވިހި މިޘްޤާލެވެ. އެއީ 85 ގްރާމްގެ ރަން ނުވަތަ އޭގެ އަގާ އެއްވަރު މިންވަރެކެވެ. ރަނުގެ އަގު ބަލާނީ މަރްކަޒީ ބޭންކުންނެވެ.
މާއްދާ (13 ) : ޒަކާތްދެއްކުމަށްޓަކައި އިސްވެބަޔާންކުރެވުނު މުދާތައް އެއްކޮށް ހިސާބުކުރެވޭނެއެވެ. އޭގެ ތެރޭގައި ތަފާތު ބާވަތްބާވަތުގެ ފައިސާ ހިމެނޭނަމަ އޭގެ އަގު ބަލާނީ ޒަކާތް ވާޖިބުވި ދުވަހު މަރްކަޒީ ބޭންކްގައި ހުރި ރޭޓަށެވެ. އެއީ ވިޔާފަރި މުދަލެއް ނަމަ އަގުބަލާނީ އެދުވަހުގެ ބާޒާރުގެ އަގަށެވެ. އަދި މި މުދާތަކުގެ ތެރެއަށް އަދާކުރާނެކަމަށް ބެލެވޭ ދަރަނިތައް ވެސް އެއްކުރަންޖެހޭނެއެވެ. ނަމަވެސް ، އަދާކުރާނެކަމަށް ނުބެލެވޭ ދަރަނިން ޒަކާތް ދައްކާނީ އެ ދަރަނިތައް އަތަށް އެރުމުން އެންމެ އަހަރަކަށެވެ.
މާއްދާ (14) : އިސްވެ ބަޔާންކުރެވުނު މުދަލުން ޒަކާތް ދައްކާނީ އަހަރު ފެށޭ އިރުގައްޔާއި އަހަރު ނިމޭ އިރު ނިޞާބު ހަމަވާނަމައެވެ. އަހަރު ފެށުނު އިރު ނިޞާބު ހަމަވެފައިވާ މުދަލަކަށް އަހަރު ތެރޭގައި އެ ބާވަތުގެ މުދަލެއް އިތުރުވެއްޖެ ނަމަ ، އަދި މި އިތުރިވި ބައިން ކުރިން ޒަކާތް ދައްކާފައި ނުވާނަމަ، އެ މުދަލެއް މި އެސެޓަށް އެއްކޮށް އެސެޓްގެ އަހަރު ހަމަވުމުން ޒަކާތް ދައްކާނީއެވެ.
މާއްދާ (15) : އިސްވެ ބަޔާންކުރެވުނު މުދަލުގެ ބާވަތްތަކުން ޒަކާތަށް ދައްކަންޖެހޭނީ އޭގެ 2.5 % އެވެ.
މާއްދާ (16) : ދަނޑުގޮވާމާއި މޭވާއިން ޒަކާތް ދައްކާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
ހ- ދަނޑުވެރިކަމުގެ އެންމެހާ އުފެއްދުންތަކުން ލިބޭ އެއްޗެހި ، ކަނޑައިވަގުތުން ފެށިގެން ނުވަތަ ޖަމާކުރާ ވަގުތުން ފެށިގެން ޒަކާތް ވާޖިބުވާނެއެވެ.
ށ- ބިމުން އުފައްދާ އެއްޗެހިން ޒަކާތް ވާޖިބުވާނީ ނިޞާބު ހަމަވުމުންނެވެ. އެއީ ފަސް ވަސަޤެވެ. ނުވަތަ 622 ކިލޯގްރާމެވެ. ނުވަތަ އޭގެ އަގެވެ.
ނ- ދަނޑުބިމުގެ އުފެއްދުންތަކުން ޒަކާތް ދައްކަންޖެހޭނީ އެ މަސައްކަތްކުރާމީހާގެ އިޤްރާރުގެ މަތިންނެވެ. އަދި ދަނޑުބިމުން ޓެކްހެއް ނެގޭނަމަ އެ ބައި ކެޑުމަށް ފަހުގައެވެ.
ރ- ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޒަކާތަށް ދައްކަން ޖެހޭ މިންވަރަކީ 5 % އެވެ. އެކަމަކު ދަނޑުވެރިކަންކުރީ ފެންދިނުމުގައި ބުރައެއް ނޫފުއްލައި އުޑުން ވެހުނު ފެނުން ނަމަ ، ޒަކާތަށް 10% ދައްކަން ޖެހޭނެއެވެ.
ބ- ބިން ކުއްޔަށް ހިފައިގެން ދަނޑުވެރިކަންކުރާ ނަމަ ޒަކާތް ދައްކަންޖެހޭނީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށެވެ. ބިމުގެ ވެރިފަރާތަށް ޒަކާތް ދައްކަންޖެހޭނީ އާމްދަނީން ލިބޭ އެއްޗަކުން މާއްދާ (9) ގައިވާ ގޮތުގެ މަތިންނެވެ.
މާއްދާ (17) : ޖަނަވާރުން ޒަކާތް ދައްކަން ޖެހޭނީ އަންނަނިވިގޮތުގެ މަތިންނެވެ.
ހ- ޒަކާތް ވާޖިބުވާނީ ނިޞާބު ހަމަވެއްޖެ ނަމަ ، މަސައްކަތް ކުރުވަން ނުގެންގުޅޭ ސާއިމު ނަޢަމުސޫފިންނެވެ. ނަޢަމުސޫފީގެ ތެރޭގައި ހިމެނޭނީ ޖަމަލާއި ، ގެރިއާއި މީގޮނާއި ، ބަކަރިއާއި ކަންބަޅިއެވެ. ޖަމަލުގެ ނިޞާބަކި ފަހެކެވެ. ގެރިއާއި މީގޮނުގެ ނިޞާބަކީ ތިރީހެވެ. ބަކަރިއާއި ކަންބަޅީގެ ނިޞާބަކީ ސާޅީހެވެ. ނިޞާބު ހަމަކުރުމުގައި ކުދި އެއްޗެއްސާއި ބޮޑެތި އެއްޗެހި ގުނައި ޢަދަދު ކުރެވޭނެއެވެ.
ށ- ނަޢަމު ސޫފިން ޒަކާތަށް ދޭން ޖެހޭ މިންވަރު ޖަދްވަލު (1) ގައި ބަޔާންކޮށްފައިވާނެއެވެ.
ނ- މި ބާވަތްތައް ފިޔަވައި ބަލައިބޮޑުކޮށް ގެންގުޅޭ އެހެނިހެން ޖަނަވާރުތަކުން ޒަކާތް ދައްކާނީ އޭއްޗެހީގެ ޢަދަދު ފަހަކަށް ވުރެ މަދު ނޫންނަމަ އޭއްޗެހި އަގު ކުރުމަށް ފަހު އޭގެ 2.5 % އެވެ.
ރ- ޖަނަވާރުން ގެންގުޅެނީ ސީދާ ގަނެވިއްކުމަށްޓަކައި ނަމަ، ނުވަތަ ކާންދީ ބޮޑުކުރުމަށްފަހު ވިއްކުމަށްޓަކައި ނަމަ ، ނުވަތަ އޭގެ މަސް ވިއްކުމަށްޓަކައި ނަމަ، އޭއްޗެހިން ޒަކާތްދޭންޖެހޭނީ ވިޔަފާރިމުދަލުން ޒަކާތްދޭ ގޮތަށެވެ. މިބާވަތުގެ ޖަނަވާރުގެ ތެރޭގައި ނަޢަމުސޫތްޕާއި، އަހާއި ބަޣަލާއި ޙިމާރާއި ، ކުކުޅުހާލާއި ، އަސްދޫންޏާއި ، ސީނުކުކުޅާއި ، މުސަޅާއި ، ކޮތަރުފަދަ ޖަނަވާރާއި ދޫނިސޫފާސޫފިތައް ހިމެނޭނެއެވެ.
ބ- ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅެނީ ކިރާއި ކެހެރިއާއި މާމުޔާއި ބިސް ފަދަ އޭއްޗެހީގެ އުފެއްދުންތައް ހޯދައި ވިއްކުމަށްޓަކައި ނަމަ ، އެއިން ޒަކާތް ދޭނީ އެވިއްކައިގެން ލިބޭ ސާފު އާމްދަނީންނެވެ.އަހަރު ތެރޭގައި ލިބުނު ސާފު އާމްދަނީ 85ގްރާމްގެ ޚާލިޞް ރަނާ އެއްވަރުވެއްޖެ ނަމަ ، ވިޔަފާރި މުދަލުން ޒަކާތް ދޭގޮތަށް ، އެއިން ޒަކާތަށް 2.5 % ދޭންޖެހޭނެއެވެ.
މާއްދާ (18) : ކުރާ ތަފާތު ބާވަތްތަކުގެ މަސައްކަތްތަކުން ޒަކާތްދޭނީ އަންނަނިވިގޮތުގެ މަތިންނެވެ.
ހ- މުސާރައާއި އުޖޫރައާއި އެލަވަންސް ފަދަ އެއްޗެހިން ޒަކާތްދޭނީ އަހަރުތެރޭގައި އޭގައި ނިޞާބު ހަމަވާ ނަމައެވެ. ނިޞާބުގެ މިންވަރަކީ 85 ގްރާމް ޚާލިޞްރަނުގެ މިންވަރެވެ.
ށ- މުވައްޒަފު ނުވަތަ މަސައްކަތްކުރާމީހާ ޒަކާތް ދޭނީ ޓެކްސަށާއި ސޯޝަލް ސެކިޔުރިޓީފަދަ ކަންތައްތަކަށާއި، މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދަތުރުޚަރަދަށާއި ޓްރާންސްޕޯރޓް ފަދަ ޚަރަދުތައް ކަނޑާފައި އަތަށް އަރާ ސާފު އެއްޗަކުންނެވެ.
ނ- އަމިއްލަ މަސައްކަތްތަކުން ލިބޭ ސާފު އާމްދަނީން ޒަކާތްދޭނީ ނަޤްދުފައިސާގެ ނިޞާބު ހަމަވާނަމައެވެ. އެއީ 85 ގްރާމް ޚާލިޞް ރަނެވެ.
ރ- ޕްރޮފެޝަނަލް މަސައްކަތްތަކުން ލިބޭ ސާފު އާމްދަނީން ޒަކާތްދޭނީ ނަޤްދުފައިސާގެ ނިޞާބު ހަމަވާ ނަމައެވެ. އެއީ 85 ގްރާމް ޚާލިޞް ރަނެވެ.
ބ- އިސްވެ ބަޔާންކުރެވުނު މުދަލުގެ ބާވަތްތަކުން ޒަކާތަށް ދޭނީ ސާފު އާމްދަނީގެ 2.5 % އެވެ.
މާއްދާ (19) : އިސްވެ ބަޔާންކުރެވުނު ހުރިހާ ބާވަތްތަކަކުން ޒަކާތް ނަގާއިރު ޒަކާތްދޭމީހާ އާއި އޭނާގެ ޢާއިލާގެ މަޢީޝަތަށް ބޭނުންވާ މިންވަރު ކަނޑައަޅައި އެއިން ޒަކާތްނެގުން އިޢުފާކުރެވޭނެއެވެ. މި މިންވަރު ކަނޑައަޅާނީ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ޤާނޫނުގެ ތެރެއިންނެވެ. ނުވަތަ އެކަމާ ބެހޭ ޚާއްޞަ ޤާނޫނަކުންނެވެ.
ތިންވަނަ ބާބު
ޒަކާތާބެހޭ ކަންތައްތައް ހިންގުމާ ޙަވާލުކުރެވިފައިވާ ފަރާތްތައް
މާއްދާ (20 20) : ދައުލަތުގެ ފަރާތުން ޒަކާތާބެހޭ އެންމެހާ ކަންތައްތައް ހިންގާ ބަލަހައްޓާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުންނެވެ.
މާއްދާ (21) : މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ، ޒަކާތާ ބެހޭ ޚާއްޞަ އޮފީހެއް ޤާއިމުކުރާނެއެވެ. މި އޮފީސް ހުންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ދަށުގައެވެ.
މާއްދާ (22) : ޒަކާތާބެހޭ އެންމެހާ ކަންތައްތައް ވިލަރެސްކުރުމަށާއި ޒަކާތާބެހޭ އޮފީހުގެ ގެ އިޚްތިޞާޞުތައް ކަނޑައެޅުމަށާއި އިދާރީ ޤަވާއިދުތައް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، 5 މިންބަރުންގެ މައްޗަށް އެކުލެވިގެންވާ ޒަކާތާބެހޭ މަޖިލީހެއް އެކުލަވައިލާނެއެވެ. މި މަޖިލީހުގެ ރައީސަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒެވެ. މި މަޖިލީހުގެ މެންބަރުންގެ ތެރޭގައި ފިޤްހު އެކަޑެމީގެ މެންބަރަކާއި މާލީ ވުޒާރާއިން ޢައްޔަންކުރާ މެންބަރަކާއި ، ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ޢައްޔަންކުރާ މެންބަރަކާއި ، އިޖްތިމާޢި މަސައްކަތްތަކާ ބެހޭ ފަރާތްތަކުންނާއި ޢައްޔަންކުރާ މެންބަރަކު ހިމަނަންވާނެއެވެ. މި މަޖިލީހުގެ ޢުމުރަކީ ފަސް އަހަރުދުވަހެވެ.
މާއްދާ ( 23 ) : މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ،ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ، ޒަކާތާބެހޭ އަތޮޅު އޮފީހެއް އުފައްދަން ވާނެއެވެ. މި އޮފީސްތައް ހުންނާނީ ޒަކާތާ ބެހޭ އޮފީހުގެ ދަށުގައެވެ. އެ އަތޮޅެއްގެ ރަށްތަކުން ޒަކާތު މުދާ އެއްކުރުމާއި ، ކަމާބެހޭ ހިސާބުތައް ބެލެހެއްޓުމާއި، ޒަކާތަށް އެ އަތޮޅަކުންލިބުނު އެއްޗެއް ޒަކާތާބެހޭ އޮފީހަށް ފޮނުވުމަކީ މި އޮފީސްތަކުގެ މަސައްކަތެކެވެ. މި އޮފީސްތަކުގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ހިމެނޭ ބަޔެކެވެ. ( ޒަކާތާ ބެހޭ ވަކި އޮފީސްތަކެއް އަތޮޅުތަކާއި ރަށް ރަށުގައި ނުއުފެއްދިޔަސް، ކައުސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެކަން ކުރެވިދާނެކަމަށް ދެކެމެވެ.)
މާއްދާ ( 24 ) : ޒަކާތާ ބެހޭ ހިސާބުތައް ބެލެހެއްޓުމަށްޓަކައި ، ސަރުކާރުގެ ހިސާބުތަކާ ގުޅުމެއް ނެތް ، ހިސާބު ބެލެހެއްޓުމުގެ މުސްތަޤިއްލު ޚާއްޞަ ނިޒާމަކާއި، އޮޑިޓްކުރުމުގެ ނިޒާމެއް ޤާއިމުކުރަންވާނެއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ ޤަރާރަކުން ޒަކާތާބެހޭ ކަންތައްތައް އޮޑިޓްކުރުމަށްޓަކައި ފަންނީކޮމެޓީއެއް އެކުލަވައިލަންވާނެއެވެ. މި ކޮމެޓީގެ ޚާއްޞަ މަސައްކަތަކީ ޒަކާތާބެހޭ ހިސާބުތައް ބެލެހެއްޓުމަށް ބޭނުންވާ ނިޒާމެއް ހެނދުމެވެ. މި ނިޒާމުގެ ތެރޭގައި ހިސާބުތައް ބެލެހެއްޓުމާ ބެހޭ ދަލީލެއް އެކުލަވައިލުމާއި، ހިސާބާބެހޭ ދަފްތަރުތައް ބަލަހައްޓާނެ ގޮތާއި ލިޔެކިޔުންތަކުގެ ނަމޫނާތައް ހެދުމާއި ، މާލީ ކަންތައްތަކާ ބެހޭ ލިސްޓްތައް ތައްޔާރުކުރުމާއި ،ޒަކާތާބެހޭ ބަޖެޓް ހެދުމާއި ، ޒަކާތާބެހޭ މަސައްކަތުގައި އުޅޭމީހުންނަށް ތަމްރީނުދިނުމުގެ ކަންތައްތައް ބެލެހެއްޓުމާއި މި ނިޒާމު ތަރައްޤީވަމުންދާގޮތް ބެލެހެއްޓުން ހިމެނެއެވެ.
މާއްދާ (25) : ޒަކާތާ ބެހޭ ހުރިހާ މުދަލެއް ބަހައްޓަންޖެހޭނީ މަރްކަޒީ ބޭންކްގައި ސަރުކާރުގެ މުދަލާ ވަކިން މުސްތަޤިއްލުކޮށް ޚާއްޞަ އެކައުންޓެއްގައެވެ.
ހަތަރުވަނަ ބާބު
ޒަކާތް ކަނޑައެޅުމުގެ އިޖްރާއާތުތައް
މާއްދާ (26) : ޒަކާތް ދައްކަންޖެހޭ ކޮންމެމީހަކު ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައި އޭނާގެ މުދަލުން ޒަކާތަށް ދައްކަންޖެހޭ ބާވަތްތަކާއި ، އެއިން ކޮންމެ ބާވަތެއްގެ މުދަލުގެ އަގާއި ،އެއިން ޒަކާތަށް ވާޖިބުވާ މިންވަރު ބަޔާންކުރާ އިޤްރާރެއް ، ޒަކާތާ ބެހޭ ޑިޕާރޓްމެންޓަށް ނުވަތަ އަތޮޅުތަކުގައި ހުންނަ ޒަކާތާބެހޭ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. ކުންފުނިތަކާއި މުއައްސަސާތަކުން ކޮންމެ މާލީ އަހަރެއް ނިމުމުން އެ ތަންތާނގެ އަހަރީ ހިސާބުތަކާއި އަހަރީ ބަޖެޓް ތައްޔާރުކޮށް އެ ތަންތާނގެ މުދާތަކުން ޒަކާތް ދައްކަންޖެހޭ ބާވަތްތަކާއި އެއިން ކޮންމެ ބާވަތެއްގެ މުދަލުގެ އަގާއި އެއިން ޒަކާތަށް ވާޖިބުވާ މިންވަރު ބަޔާންކުރާ އިޤްރާރެއް ޒަކާތާ ބެހޭ އޮފީހަކަށް ހުށަހަޅަންޖެހޭނެއެވެ.މިކަންތައް ކުރަންވާނީ ޒަކާތާ ބެހޭ އޮފީހުން ކަނޑައަޅައި ފޯމަކާ އެއްގޮތްވާގޮތުގެމަތިންނެވެ. އަދި ހުށަހަޅާ އެންމެހާ ލިޔުންތައް ތެދުކަމަށް އިޤްރާރުވާ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭނެއެވެ. އަދި ޤަބޫލުކުރެވޭ ސަބަބަކާ ހެދި ، މި މުއްދަތު ތިންމަސްދުވަހަށް ވުރެ އިތުރުނުވާ ގޮތަކަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ޒަކާތާ ބެހޭ އޮފީހަށް ލިބިގެންވެއެވެ. ޒަކާތް ދައްކަންޖެހޭ ފަރާތުން ޒަކާތާ ބެހޭ މި އިޤްރާރު ހުށަހަޅާނީ އެ ފަރާތެއް ހުރި އަތޮޅުގެ ޒަކާތާބެހޭ އޮފީހަކަށެވެ. އެ ފަރާތުގެ މުދާތައް ތަފާތު އަތޮޅުތަކު ގައި ހުރި ނަމަ އެ ހުރިހާ އެއްޗެއް އެއްކޮށް ޒަކާތާ ބެހޭ ޑިޕާރޓްމެންޓަށް ހުށަހަޅާނީއެވެ.
މާއްދާ (27) : އެމީހަކު ހުށަހަޅާ އިޤްރާރާ އެއްގޮތްވާގޮތުގެމަތިން ޒަކާތް ދައްކަންޖެހޭމީހާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޒަކާތްދައްކަންޖެހޭނެއެވެ. އެކަމަކު މި އިޤްރާރު ހުށަހަޅާތާ ތިންމަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޒަކާތްދެއްކުން ފަސްކޮށްދިނުމުގެ އިޚްތިޔާރު ޒަކާތާ ބެހޭ އޮފީހަށް ލިބިގެންވެއެވެ.
މާއްދާ (28) : ވިޔަފާރިކުރާ ނުވަތަ ޞިނާޢީ މަސައްކަތެއް ނުވަތަ އެހެންވެސް ޚިދްމަތެއްދޭ މީހުންނާއި ކުންފުނިތަކުން އެކުރާ މަސައްކަތްތަކާ ބެހޭ ހިސާބުތައް ރަނގަޅަށް ބަލަހައްޓައި ، އޮޑިޓްކުރުމުގެ ޤާނޫނީ ހުއްދަލިބިފައިވާ ފަރާތެއް މެދުވެރިކޮށް އެ ހިސާބުތައް މުރާޖަޢާކޮށް އެ ފަރާތުން ތަޞްދީޤުކޮށްފައިވާ ރިޕޯޓް ، ޒަކާތާ ބެހޭ އިޤްރާރާ އެކު ހުށަހަޅަންވާނެއެވެ.
މާއްދާ (29) : އިޤްތިޞާދީ މަޝްރޫޢުތަކުގައި ޒަކާތުގެ ކަންވާރު ކަނޑައަޅާނީ ސާފު އެސެޓްތަކުގެ މިންވަރުންނެވެ. ނުވަތަ ސާބިތު އެސެޓްތައް ކެނޑުމަށް ފަހު އޮންނަ ސާފު މިލްކިއްޔަތުގެ ޙައްޤުތަކުންނެވެ.
މާއްދާ (30) : ޒަކާތާބެހޭ އޮފީހަށް ހުށަހެޅޭ ޒަކާތާ ބެހޭ އިޤްރާރުތައް ، މި އިޤްރާރުތަކާއެކު ހުށަހަޅާ ލިޔުންތަކުގެ އަލީގައި ބަލައި ރަނގަޅުތޯ ބަލަންވާނެއެވެ. ނުވަތަ އެ ތަންތަނަށް ގޮސް އެ ތަންތާނގެ ލިޔެކިޔުންތައް ބަލައިގެން، ނުވަތަ ޒަކާތް ދައްކާ ފަރާތާ އެކު މުޢާމަލާތުކުރާ މީހުން މެދުވެރިކޮށް މަޢުލޫމާތު ހޯދައިގެން ރަނގަޅުތޯ ބަލަންވާނެއެވެ.މި ބަލައި ބެލުންތަކުގެ އަލީގައި އިޤްރާރުތަކުގައިވާ މަޢުލޫމާތު ޞައްޙަނޫންކަން ސާބިތުވެއްޖެ ނަމަ ، އެ މަޢުލޫމާތުތައް ރަނގަޅުކުރުމުގެ އިޚްތިޔާރު ޒަކާތާބެހޭ އޮފީހަށް ލިބިގެންވެއެވެ.
މާއްދާ ( 31) : ރަމަޟާންމަހުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ، ޒަކާތާ ބެހޭ އޮފީހުން ޢަމަލުކުރާނީ ހުށަހަޅާފައިވާ އިޤްރާރުގައި ސާބިތުވެފައިވާ ގޮތަށެވެ. އެ އޮފީހުން ބެލިބެލުމުގައި އެ އިޤްރާރު ރަނގަޅުކުރަން ނުވަތަ އިޤްރާރަށް ބަދަލުގެންނަން ޖެހިފައިވާ ކަމަށް ޒަކާތް ދައްކަންޖެހިފައިވާ ފަރާތުން އެއްބަސްވެއްޖެ ނަމަ ޒަކާތް ދައްކާނީ މި ގެނެވުނު ބަދަލަކާއި ނުވަތައިޞްލާޙުކުރެވުނު އިޞްލާޙު ކުރުމަކާ އެއްގޮތަށެވެ. ބެލިބެލުމުން ޒަކާތްދައްކަންޖެހޭ ފަރާތަށް އިތުރު އެއްޗެއް ދައްކަން ޖެހޭ ނަމަ އެކަމަށް އިޤްރާރުވާތާ ތިރީސް ދުވަހުގައި ތެރޭގައި މި އިތުރުވި ބައި ދައްކާ ޚަލާޞްކުރަންޖެހޭނެއެވެ.
މާއްދާ (32) : ޒަކާތް ދައްކަންޖެހޭމީހާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އޭނާގެ އިޤްރާރު ހުށަނާޅައިފިނަމަ ، ނުވަތަ ، ކުށް ރަނގަޅުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެއްބަސްނުވެއްޖެ ނަމަ ޒަކާތާބެހޭ އޮފީހުން އޭނާގެ މައްޗަށް ވާޖިބުވާ މިންވަރު ކަނޑައަޅައި ލިޔުމަކުން އެކަން އޭނާއަށް އަންގަންވާނެއެވެ. ޒަކާތާ ބެހޭ އޮފީހުގެ މި ނިންމުމާ ދެކޮޅަށް ޝަކްވާކުރުމުގެ ބާރު އޭނާ އަށް އެއްމަސްދުވަހުގެ ތެރޭގައި ލިބިގެންވެއެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ޝަކްވާ ނުކޮށްފި ނަމަ ޒަކާތާ ބެހޭ އޮފީހުގެ ނިންމުމާ އެއްގޮތަށް ޒަކާތްދައްކަން އޭނާ އަށް މަޖްބޫރުވާނެއެވެ.
މާއްދާ ( 33) : ޒަކާތް ދައްކަން ޖެހޭމީހާ އޭނާގެ ޝަކްވާ، ޒަކާތާ ބެހޭ އޮފީހަށް ހުށަހަޅަންވާނީ ލިޔުމަކުންނެވެ. މިކަމަށްޓަކައި އޭނާގެ އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި މި ޝަކްވާ ހުށަހެޅިކަމުގެ ލިޔުމެއް އޭނާ އަށް މި އޮފީހުން ދޭންވާނެއެވެ.
މާއްދާ ( 34) : މި ފަދަ ޝަކްވާތައް ބެލުމަށްޓަކައި ފަސްމިންބަރުންގެ ކޮމެޓީއެއް އެކުލަވައިލެވެން ޖެހޭނެއެވެ. އެއީ ޒަކާތާ ބެހޭ އޮފީހުގެ މިންބަރަކާއި ޒަކާތްދައްކަން ޖެހޭ ރަށު ކައުންސިލްގެ ދެ މިންބަރުންނާއި އަތޮޅު ކައުންސިލްގެ ދެ މިންބަރުންނެވެ. ޝަކްވާކޮމެޓީގެ ރިޔާސަތު ބަލަހައްޓާނީ ޒަކާތާބެހޭ އޮފީހުގެ މިންބަރެވެ. މި ކޮމެޓީގައި މި ޝަކްވާ ބަލާ ޖަލްސާ ގައި، ޝަކްވާ ހުށަހެޅި މީހާ އަށް ބައިވެރިވެވިދާނެއެވެ. އެކަމަކު އެ ޝަކްވާއާ މެދު ބަހްސުކުރާ ވަގުތުގައްޔާއި ، ކޮމެޓީން މިމަސްއަލައާ މެދު ވޯޓުދޭއިރު ޝަކްވާ ހުށަހެޅި ފަރާތް ނުވަތަ އެ ފަރާތުގެ މަންދޫބަކު މި ޖަލްސާއަށް ޙާޟިރެއް ނުވެވޭނެއެވެ. މި ކޮމެޓީން މަސްއަލައާ މެދު ގޮތެއް ނިންމާނީ މިންބަރުންގެ އަޣްލަބިއްޔަތު ވޯޓުންނެވެ. ދެ ފަރާތް ހަމަހަމަވެއްޖެ ނަމަ ވަކިއަތެއް ބުރަކުރުމަށްޓަކައި ކޮމިޓީގެ ރައީސަށް ވޯޓްދޭން ޖެހޭނެއެވެ.
މާއްދާ ( 35 ) :ތިރީސްދުވަހުގެ ތެރޭގައި، ކޮމެޓީން ނިންމި ނިންމުމާ ދެކޮޅަށް އެޕީލް ކުރުމުގެ ޙައްޤު ޒަކާތާ ބެހޭ އޮފީހަށާއި ޒަކާތް ދައްކަންޖެހޭ ފަރާތަށް ލިބިގެންވެއެވެ. މި ޝަކްވާ ބެލުމަށްޓަކައި އަތޮޅުފެންވަރުގައި ޝަކްވާ ބަލައި ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ. މި ކޮމިޓީގެ މިންބަރުންގޮތުގައި ތިބޭނީ އަތޮޅުގެ ޒަކާތާބެހޭ އޮފީހުގެ ވެރިއާއާއި ، ރަށު ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ރައީސެވެ. މި އެޕީލް ބަލައި އިރު ޝަކްވާ ހުށަހެޅި ފަރާތް ނުވަތަ އޭނާގެ މަންދޫބަކު ޙާޒިރުވާންޖެހޭނެއެވެ.
މާއްދާ ( 36) : ތިރީސްދުވަހުގެ ތެރޭގައި، އަތޮޅު ކޮމެޓީން ނިންމި ނިންމުމާ ދެކޮޅަށް އެޕީލް ކުރުމުގެ ޙައްޤު ޒަކާތާ ބެހޭ އޮފީހަށާއި ޒަކާތް ދައްކަންޖެހޭ ފަރާތަށް ލިބިގެންވެއެވެ. މި ޝަކްވާ ބެލުމަށްޓަކައި ޒަކާތާ ބެހޭ މަޖިލީހުން އެޕީލާ ބެހޭ މަތީ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނެއެވެ. މި ކޮމިޓީގެ ނިންމުމަކީ އެންމެ ފަހު ނިންމުމެވެ. މި ނިންމުމާ ދެކޮޅަށް އެޕީލެއް ނުކުރެވޭނެއެވެ.
މާއްދާ (37) : އެޕީލާ ބެހޭ މަތީ ކޮމިޓީ އަށް މިންބަރުން ޢައްޔަންކުރާނީ އިސްލާމިކް މިނިސްޓަރެވެ.
ފަސްވަނަ ބާބު
ޒަކާތް ޖަމާކުރުން
މާއްދާ (38) : ޒަކާތް ދައްކަންޖެހޭ ފަރާތަށް، އެ ފަރާތުގެ އެއްމުދަލުން އެއްއަހަރުގެ ތެރޭގައި ދެ ފަހަރަށް ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.
މާއްދާ (39): ރަނާއި ރިއްސާއި ފައިސާއާއި ވިޔަފާރިމުދަލާއި ، ލިބޭ އާމްދަނީތަކުންނާއި ، ކުރާމަސައްކަތްތަކުންނާއި ، ކުންފުނިތަކުގެ ޙިއްޞާއިންނާއި ،ނަޤްދު ފައިސާ އިން ޒަކާތް ދައްކާނީ ދިވެހި ރުފިޔާއިން އެއްފަހަރާ އެވެ. ޒަކާތާބެހޭ މަޖިލީހުން ކަނޑައަޅައިގޮތެއްގެ މަތިން މި ޒަކާތް ބައިބަޔަށް ވެސް ދެއްކިދާނެއެވެ.
މާއްދާ ( 40) : ދަނޑުބިމުގެ އުފެއްދުންތަކުންނާއި ނަޢަމު ސޫފިން ޒަކާތް ދައްކާނީ ޒަކާތާ ބެހޭ މަޖިލީހުން ކަނޑައަޅައި ގޮތެއްގެ މަތިން ފައިސާއިންނެވެ.
މާއްދާ (41) : މުކައްލަފުގެ މައްޗަށް ޒަކާތުން ވާޖިބުވާ މިންވަރުގެ 25 % އޭގެ ޙައްޤުވެރިންނަށް ، ބަހައިދިނުމުގެ ޙައްޤު މުކައްލަފަށް ލިބިގެންވެއެވެ. އެކަމަކު އޭނާ ހުށަހަޅައި އިޤްރާރު ގައި މިގޮތަށް ދިންމީހުންގެ ލިސްޓެއް ހުށަހަޅަންވާނެއެވެ.
މާއްދާ (42) : ޒަކާތް ޖަމާކުރަންޖެހޭނީ ޒަކާތާ ބެހޭ އޮފީސްތައް މެދުވެރިކޮށް އެކަން ކުރުމަށްޓަކައި ކަނޑައަޅާފައިވާ ލިޔެކިޔުންތަކުގެ ތެރެއިންނެވެ. ޒަކާތަށް ޖަމާކުރެވޭ އެންމެހާ އެއްޗެހި ، ސަރުކާރުގެ މާލީ ކަންތައްތައް ކުރަން ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން ، އެކަމަށް ކަނޑައެޅިފައިވާ ބޭންކަށް ، ޖަމާކުރަންޖެހޭނެއެވެ.
މާއްދާ (43) : ޒަކާތަށް ދައްކަންޖެހި ނުދައްކާހުރި އެންމެހާ އެއްޗެހި ހޯދުމުގެ މަސައްކަތް ކުރުމުގެ އިޚްތިޔާރު ޒަކާތާބެހޭ އޮފީހަށް ލިބިގެންވެއެވެ.
ހަވަނަ ބާބު
ޒަކާތް ބެހުން
މާއްދާ ( 44) : ޒަކާތް ބަހާނީ ކީރިތިޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ޒަކާތުގެ ބެހެނިވެރިންނަށެވެ. އެއީ :ފަޤީރުން، މިސްކީނުން، ޢާމިލުން ( ޒަކާތް މުދާ ނެގުމުގައި މަސައްކަތްކުރާ މީހުން ) ،المؤلفة قلوبهم ( އެބައިމީހުންގެ ހިތްތައް އެކުވެރިކުރެވޭ މީހުން) ، އަޅުން މިނިވަން ކުރުން ، ދަރަނިވެރިން، في سبيل الله ( ﷲގެ މަގުގައި ( ، ابن السبيل (ދަތުރު ވެރިން) ނެވެ.
މާއްދާ (45 ) : ޒަކާތުގެ ތަފާތު މުދާތަކަކީ އެކައްޗެއްކަމުގައި ވާތިީ ، ބެހެނިވެރިންގެ ކޮންމެ ގިންތިއަކަށް ވެސް އެ ގިންތިއަކަށް ބޭނުންވާ މިންވަރަކަށް ބަހާފައި ދޭންވާނެއެވެ. މިގޮތަށް ބެހުމަށް ފަހު ބާކީ އޮތް އެއްޗެއް އެހެންބައިތަކަށް ރައްދުކުރާނީއެވެ. ގިންތިތަކުގެ މެދުގައި ހަމަހަމަކުރުން ޝަރްޠުވެގެންނުވެއެވެ.
މާއްދާ (46 ) : ފަޤީރުންނާއި މިސްކީނުންނަކީ:
- ޢުމުރުން ހަގުކަމުގެ ސަބަބުން ނުވަތަ ޢުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަނުން، ނުވަތަ ނުކުޅެދުންތެރިކަމުގެ ސަބަބުން މަސައްކަތްނުކުރެވޭމީހުން، ނުވަތަ އާމްދަނީ އެއް ލިބޭނެ އެއްވެސްގޮތެއް ނެތް ހުވަފަތް އަންހެނުންނާއި ކިޔަވާކުދިން، ނުވަތަ ޝަރްޢީގޮތުން ބަޔަކު ބަލަހައްޓަންޖެހިފައިވާ ބަލަދުވެރިން . މިބައިމީހުންނަށް ޒަކާތާ ބެހޭ އިދާރާތަކުން ކަނޑައަޅައި މިންވަރެއް ކޮންމެމަހަކު ދެވޭނެއެވެ.
- އޭނާއާއި އޭނާ ބަލައިބަލަހައްޓަންޖެހޭމީހުންނަށް ފުދޭމިންވަރު ލިބިގެންނުވާ މީހުން .މިމީހުންނަށް އެމީހުންނަށް އަހަރަކަށް ބޭނުންވާ މިންވަރެއް އެއްފަހަރާ ނުވަތަ މަހަކުން މަހަކުން ދެވޭނެއެވެ.
- މަސައްކަތް ކުރަން ދަންނަ އެކަމަކު އޭނާގެ މަސައްކަތަށް ބޭނުންވާ އާލަތްތައް ގަނެވޭނެ ގޮތެއް ނެތް މީހާ އަށް މަސައްކަތެއް ފެށުމަށް ބޭނުންވާ ރައުސުމާލެއް ދެވޭނެއެވެ.
- ކާރިސާއެއްގެ ސަބަބުން އޭނާގެ މުދާތަކާއި ރިޒްޤުގެ ހުރިހާ މަޞްދަރުތަކެއް ގެއްލިފައިވާމީހާ އަށް މި ކާރިސާގެ ނުބައި އަސަރު ލުއިކޮށްދިނުމަށްޓަކައި ކަނޑައެޅިފައިވާ މިންވަރެއް ދެވޭނެއެވެ.
މާއްދާ (47): ޢާމިލުންނަކީ ( ނުވަތަ ޒަކާތުގެ މަސައްކަތް ކުރާމީހުންނަކީ ) ޒަކާތާ ބެހޭ ތަފާތު އިދާރާތަކުގެ މުވައްޒަފުންނާއި މަސައްކަތުމީހުންނެވެ.
މާއްދާ (48 ) : المؤلفة قلوبهم ( އެބައިމީހުންގެ ހިތްތައް އެކުވެރިކުރެވޭ މީހުން) ގެ ބައިން ދެވޭނީ ، މުސްލިމުންނަށް ލިބޭ ގޯނާތައް ދުރުކުރުމަށާއި ، އިސްލާމްދީނަށް ޝައުޤުވެރިކުރުވުމަށާއި ، ނުވަތަ އިސްލާންދީނަށް އަލަށް ވަންނަމީހުންނަށް އެހީތެރިވުމަށެވެ.
މާއްދާ (49 ) : އަޅުންމިނިވަންކުރުމުގެ ބައިން ހަނގުރާމަތަކުގައި ހައްޔަރުކުރެވޭ މުސްލިމު އަސީރުން މިނިވަން ކުރުމަށް ދެވިދާނެއެވެ.
މާއްދާ ( 50 ) : ދަރަނިވެރިންގެ ބައިން ދެވޭނީ އިސްރާފެއް ނެތި ، އުރެދުމެއް ނެތި ، ދަރަނިވެރިވެ ، ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާމީހުންނަށާއި ، އާއްމު މަޞްލަޙަތަށްޓަކައި ޚާއްޞަކޮށް ދެބަޔަކު ޞުލްޙަވެރިކުރުވުމަށްޓަކައި ހޭދަކޮށް ދަރަނިވެރިވެފައިވާ މީހުންނަށެވެ.
މާއްދާ (51) : ابن السبيل ންނަކީ ( ދަތުރުވެރިންނަކީ ) ތަޢުލީމު ޙާޞިލުކުރުމަށް ނުވަތަ ޙައްޖަށް ދިޔުމަށް ނުވަތަ ދީނަށް ގޮވައިލުމަށްޓަކައި ދަތުރުމަތީ އުޅެނިކޮށް އަތްމަތި ހުސްވެ ރަށުން އެއްޗެއް ގެނެވޭނެގޮތް ނެތިފައިވާ މީހުންނެވެ.
މާއްދާ (52) : فى سبيل الله ( ﷲގެ މަގުގައިވާމީހުން) ގެ ޙިއްޞާ އިން ދެވޭނީ އިސްލާމްދީނުގެ ދިފާޢުގައި މަސައްކަތްކުރާމީހުންނަށާއި ، މުސްލިމުންގެ ޙާލު ރަނގަޅުކުރުމަށްޓަކައެވެ.
މާއްދާ ( 53) : ޒަކާތް ޙައްޤުވާމީހުންނަށް ޒަކާތުން ބައިދެވޭނީ އަންނަނިވި ޝަރްޠުތަކުގެ މަތިންނެވެ.
ހ- ޒަކާތަށް ލިބޭ އެއްޗަކުން ފަޤީރުންނަށާއި މިސްކީނުންނަށް ހޭދަކުރެވޭނީ ގިނަވެގެން 50 % އެވެ. މިބައިން ޙައްޤުވާމީހުން އެކަމަށް އެދި ޒަކާތާބެހޭ އޮފީހަށް ހުށަހެޅުމުން އެމީހުންގެ ޙާލަތު ބަލައި ދޭންޖެހޭ މިންވަރު ކަނޑައަޅާނީ ޒަކާތާބެހޭ އޮފީހުންނެވެ.
ށ- ފަޤީރުންނަށާއި މިސްކީނުންނަށް ޒަކާތުން ބައި ދޭ އިރު ސަރުކާރުން އެއްވެސް ނަމެއްގައި އެހީގެ ގޮތުގައި އެމީހުންނަށް ދެވޭ ކޮންމެ އެއްޗެކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.
ނ- ޒަކާތުން ކޮންމެ މަހަކު ދެވޭމީހުންނަށް ، އެމީހުންނަށް ކޮންމެ މަހަކު ދެވޭ މިންވަރު ބަޔާންކުރާ ކާޑެއް ދެވޭނެއެވެ. އެމީހުން މި ފައިސާ ނަގާނީ މި ކާޑު ބޭނުންކޮށްގެންނެވެ.
ރ- ޒަކާތާބެހޭ އަތޮޅު އޮފީސްތަކުން އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ފަޤީރުންނަށާއި މިސްކީނުންނަށް ދިނުމަށް ފަހު ބާކީ ހުރި އެއްޗެއް ޒަކާތާ ބެހޭ ޑިޕާރޓްމެންޓަށް ފޮނުވަންވާނެއެވެ.
ބ- ޒަކާތަށް ޖުމްލަ ލިބުނު އެއްޗެއްގެ 12.5% ބަހާފައި ދަރަނިވެރިންނަށް ދޭނީ ޒަކާތާ ބެހޭ ޑިޕާރޓްމެންޓުންނެވެ. ދަރަނިވެރިންގެ ގޮތުގައި ޒަކާތުން އެއްޗެއް ލިބޭނީ އަތޮޅުތަކުގެ ޒަކާތާބެހޭ އޮފީސްތަކާއި ޒަކާތާ ބެހޭ ޑިޕާރޓްމެންޓް ގައި ރަޖިސްޓަރީކޮށްފައިވާމީހުންނަށެވެ.ޒަކާތާ ބެހޭ އަތޮޅު އޮފީސްތަކަށް ، ޒަކާތުގެ ދަރަނިވެރިންގެ ބައިން ލިބުމަށް އެދި ހުށަހެޅުމުން އެމީހުންގެ ޙާލަތު ދިރާސާކޮށް ބަލާނީ މި އޮފީސްތަކުންނެވެ.އެއަށްފަހު މިމީހުންގެ ލިސްޓްތައް ޒަކާތާ ބެހޭ ޑިޕާރޓްމެންޓަށް ފޮނުވަންވާނެއެވެ.
ޅ- ފަޤީރުޚާނާތަކަށާއި ، ޔަތީމު ޚާނާތަކަށާއި، ޢުމުރުން ދުވަސްވީމީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މުއައްސަސާތަކަށް ޒަކާތު މުދަލުން ދޭންވާ މިންވަރު ކަނޑައަޅާނީ ޒަކާތާ ބެހޭ ޑިޕާރޓްމެންޓުންނެވެ.
ކ- المؤلفة قلوبهمނަށާއި، އަޅުން މިނިވަން ކުރުމަށާއި، فى سبيل الله ގެ ބައިގައި ހިމެނޭ މީހުންނަށާއިابن السبيل ގެ ބައިގައި ހިމެނޭ މީހުންނަށް ޒަކާތުން ދޭ ބައި ކަނޑައަޅާނީ ޒަކާތާ ބެހޭ ޑިޕާރޓްމެންޓުންނެވެ.
އ- ޒަކާތަށް ލިބޭ އެއްޗެއްގެ 12.5 % ށް ވުރެ ބޮޑުނޫން މިންވަރެއް ، ޒަކާތް ޖަމާކުރުމުގެ މަސައްކަތް ކުރާމީހުންނަށް ( ނުވަތަ ޢާމިލުންނަށް ) ޚާއްޞަ ކުރެވޭނެއެވެ. މުވައްޒަފުންނާއި މަސައްކތުމީހުންނަށް މުސާރަދިނުމަށްޓަކައި މި ބައި ހަވާލުކުރެވޭނީ މާލީ ވުޒާރާއާއެވެ. މި މިންވަރުން އެކަމަށް ފުދިގެން ނުވާނަމަ މި ބައި ފުރިހަމަކުރާނީ ސަރުކާރުގެ ބަޖެޓުންނެވެ.
މާއްދާ (54) : ޒަކާތުގެ ބެހެނިވެރިންނަކީ މުސްލިމުން ކަމުގައިވާތީ ،ޒަކާތު މުދަލުން ހޭދަކޮށްގެން އަޅާ ހަސްފަތާލުތަކާއި ، ހަދާ ކިޔަވާދޭ ތަންތަނާއި، ހިންގޭ އެހެނިހެންވެސް މިފަދަ މަޝްރޫޢުތަކުން ފައިދާލިބޭ މީހުންނަކީ ޒަކާތް ޙައްޤުވާމީހުންކަމުގައި ވާންޖެހޭނެއެވެ.
މާއްދާ (55) : އެއަހަރަކު ލިބޭ ޒަކާތު މުދާ އެއަހަރުގެ ތެރޭގައި ބެހުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެކަމަކު ޒަކާތާބެހޭ މަޖިލީހުގެ ނިންމުމުގެ މަތިން ތިރީގައި މިއަންނަނިވި ޝަރްޠުތަކުގެ މަތިން އެ މުދާ ބެހުން ފަސްކުރެވިދާނެއެވެ.
ހ- ޒަކާތް ޙައްޤުވާ ބެހެނިވެރިއަކު ނެތުން
ށ- ޝަރްޢީ ހަމަތަކުގެ މަތިން ޒަކާތު މުދަލުން ބައެއް އިންވެސްޓްކުރުން
ނ- ފައިދާ ބޮޑު ގޮތަކަށް އިންވެސްޓްކުރުން
ރ- އިންވެސްޓް ކުރުމުން ، ޒަކާތުގެ ބެހެނިވެރިންނަށް ފައިސާ އިން ޙިއްޞާ ދިނުމަށް ފަސޭހަވުން
ހަތްވަނަ ބާބު
ޢުޤޫބާތް
މާއްދާ (56) : ޒަކާތް ވާޖިބުވާ މުކައްލަފު ، އޭނާއަށް ދައްކަންޖެހޭ ޒަކާތުގެ މިންވަރުގެ ދެބައި އިތުރު މިންވަރަކުން މި އަންނަ ޙާލަތްތަކުގައި ޖޫރިމަނާކުރެވޭނެއެވެ.
ހ- ޒަކާތް ދެއްކުމާ ފިލުމުގެ ގަސްތުގައި ، މާއްދާ (26) ގައި ބުނެފައިވާ އިޤްރާރު ހުށަނޭޅުން
ށ- ޒަކާތުން ވާޖިބުވާ މިންވަރު މަދުކުރުމަށްޓަކައި ގަސްތުގައި ނުބައި މަޢުލޫމާތު ދިނުމާއި ހުށަހަޅާ އިޤްރާރާއި ބަޔާންތަކުގައި މަޢުލޫމާތުތައް އުނިކޮށްފައި ހުރުން.
ނ- ޒަކާތަށް ދައްކަންޖެހޭ ވާޖިބު މިންވަރު ކަނޑައެޅުމަށް ފަހު ޒަކާތް ނުދައްކާ ހުރުން.
ރ- ޒަކާތް ވާޖިބުވާ މުއްދަތުން ފެށިގެން ފަސްއަހަރު ފާއިތުވުމުގެ ކުރިން ޒަކާތާ ބެހޭ ލިޔެކިޔުންތައް ހުށަހެޅުމާ ދެކޮޅުހެދުމާއި ، އެ ފަދަ ލިޔުންތައް ނައްތައިލުން.
ބ- ޙައްޤު ނޫންގޮތެއްގައި ޒަކާތު މުދާ ހޯދުމަށްޓަކައި ނުބައި ނިޔަތެއްގައި ޞައްޙަނޫން މަޢުލޫމާތު ދޭ މީހާ
މާއްދާ ( 57) : ޒަކާތާ ބެހޭ އިޤްރާރު ހުށަހަޅަންޖެހޭ ތާރީޚު ފާއިތުވި އިރު މި އިޤްރާރު ހުށަނާޅައި މީހާ 100 ރުފިޔާ އިން ޖޫރިމަނާކުރެވޭނެއެވެ. މި މުއްދަތު ފަހަނަޅާދާ ކޮންމެ މަހަކަށް ފަންސާސް ރުފިޔާގެ ޖޫރިމަނާއެއް އިތުރުވަމުންދާނެއެވެ.
މާއްދާ (58) : ޒަކާތާ ބެހޭ އިދާރާ އިން ކޯޓަށް މަސްއަލަ ހުށަހެޅުން. އެކަމަކު ޒަކާތް ދައްކަންޖެހޭ މުކައްލަފު ޒަކާތް ދައްކައިފި ނަމަ މި ދަޢުވާ އަބުރާ ގެނެވިދާނެއެވެ.
އަށް ވަނަ ބާބު
ފިޠުރު ޒަކާތް
މާއްދާ ( 59 ) : އެމީހެއްގެ އެދުވަހުގެ ކެއުންބުއިމަށް ފުދި އިތުރުވެގެންވާ ކޮންމެ މުސްލިމަކު ކޮންމެ އަހަރަކު އެއްފަހަރު ފިޠުރި ޒަކާތް ދައްކަން ޖެހޭނެއެވެ.
މާއްދާ (60) : ފިޠުރި ޒަކާތުގެ މިންވަރަކީ އެމީހެއްގެ ރަށުގެމީހުން ޢާއްމުކޮށް ކައި އުޅުނު އެއްޗެއްގެ ޞާޢެއްގެ މިންވަރެވެ. އެއީ 2.4ކީލޯގްރާމެވެ.
މާއްދާ (61) : ކޮންމެ މުސްލިމަކުވެސް ފިޠުރި ޒަކާތް ދޭނީ އޭނާގެ އަމިއްލަ ނަފްސުގެ ފަރާތުންނާއި އޭނާ ބަލައި ބަލަހައްޓަންޖެހޭ މީހުންގެ ފަރާތުންނެވެ. ފިޠުރިޢީދުދުވަސް ފާއިތުވުމުގެ ކުރިންނެވެ. ރަމަޟާން މަހަށް ހަނދުބެލުމުން އެ ޒަކާތް ދެއްކިދާނެއެވެ.
މާއްދާ ( 62 ) : ފިޠުރި ޒަކާތް ބަހާނީ މުކައްލަފު އަމިއްލައަށް ފަޤީރުންނަށާއި މިސްކީނުންނަށެވެ. އެ ޒަކާތް ޒަކާތާ ބެހޭ އޮފީހާ ހަވާލު ކުރުމަކީ ހުއްދަކަމެކެވެ. އެ އޮފީހަށް ދައްކާ ފިޠުރި ޒަކާތް ބަހާނީ އެ އޮފީހުން ކަނޑައަޅާ ތާރީޚެއްގައެވެ.
ނުވަވަނަ ބާބު
ޒަކާއި ޓެކްސް
މާއްދާ (63) : މީހަކު އޭނާގެ މުދަލުން ޒަކާތަށް ދެއްކި މިންވަރު އޭނާގެ އާމްދަނީގެ އެ އަހަރުގެ ޓެކްހުގެ ކަންވާރުން ކެނޑޭނެއެވެ.
މާއްދާ (64) : މީހަކު އޭނާގެ އާންދަނީން ޓެކްހަށް ދެއްކި މިންވަރު ،އެ އަހަރުގެ ޒަކާތުގެ ކަންވާރުން ކެނޑޭނެއެވެ.
މާއްދާ ( 65) : އާމްދަނީން ނަގާ ޓެކްހުގެ ކަންވާރުން ޒަކާތަށް ދެއްކިބައި ކަނޑަން އެދޭ ފަރާތުން ޒަކާތް ދެއްކިކަމުގެ ސާބިތު ލިޔުން ޒަކާތާ ބެހޭ ޑިޕާރޓްމެންޓަށް ހުށަހަޅަންވާނެއެވެ.
ދިހަވަނަ ބާބު
ޢާއްމު ޙުކުންތައް
މާއްދާ (66) : ޒަކާތާ ބެހޭ ޑިޕާރޓްމެންޓަށް ،މި ޤާނޫނު ތަންފީޒު ކުރުމާއި މިޤާނޫނާ ޚިލާފުވާ ކަންތައްތައް ބަލައި ހެނދުމުގެ ބާރު ލިބިގެންވެއެވެ.
މާއްދާ (67 ) : ޒަކާތާ ބެހޭ ޑިޕާރޓްމެންޓާއި ޒަކާތާބެހޭ އަތޮޅު އޮފީސްތަކުގެ ފަރާތުން ޒަކާތް ޖަމާކުރުމުގެ މަސައްކަތްކުރާމީހުންނަށް ކަމާބެހޭ ލިޔެކިޔުންތަކާއި ޑޮކިޔުމެންޓްތަކާއި ފޮތްފަދަ ތަކެތި ބަލައި ހެނދުމުގެބާރު ލިބިގެންވެއެވެ.
މާއްދާ ( 68) : މި ޤާނޫނުގެ ޙުކުންތަކާ އެއްގޮތްވާގޮތުގެ މަތިން ޒަކާތް ނެގުމުގެ މަސައްކަތްކުރާމީހުންނަށް ކަމާބެހޭ ލިޔެކިޔުންތަކާއި ޑޮކިޔުމެންޓްތަކާއި ފޮތްތައް ފަދަ ތަކެތި - މަސައްކަތުގެ ސިއްރުތައް ރައްކައުތެރިކަމުގެ ޙުއްޖަތުގައި - ނުފެންނަ ގޮތް ، އެއްވެސް ފަރާތަކުން ހަދައިގެން ނުވާނެއެވެ.
މާއްދާ (69) : ޢާއްމު މުދާ ރައްކައުތެރިކުރުމަށްޓަކައި ހެދިފައިވާ ހުރިހާ ޤާނޫނުތަކެއް ގެ ޙުކުމްތައް ޒަކާތާބެހޭ މުދަލުގެ މައްޗަށް ހިނގާނެއެވެ.
މާއްދާ (70) : ވަޒީފާގެ ސަބަބުން ނުވަތަ މަސައްކަތުގެ ސަބަބުން ޒަކާތާބެހޭ އެއްވެސް މަސައްކަތެއްގައި އުޅޭމީހަކު ، ނުވަތަ އެކަމާބެހޭ ޝަކްވާއެއް ބަލައި ކޮމިޓީއެއްގައި ހިމެނޭމީހަކު މަސައްކަތުގެ ސިއްރުތައް ރައްކައުތެރި ކުރަން ޖެހޭނެއެވެ.
ވަގުތީ އިންތިޤާލީ ޙުކުން
މާއްދާ (71) : ޒަކާތާ ބެހޭ އަހަރު ފެށުމުގެ ކުރިން މި ޤާނޫނު ފާސްކޮށް ، ޒަކާތާ ބެހޭ މަޖިލީހާއި ، ޒަކާތާ ބެހޭ އޮފީހާއި ޒަކާތާ ބެހޭ އަތޮޅު އޮފީސްތައް އުފައްދައިފި ނަމަ ޒަކާތާ ބެހޭ މަސައްކަތްތައް އެ ހިސާބުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ. އެކަމަކު މި ޤާނޫނަށް ޢަމަލުކުރުން ލާޒިމުވާނީ މި ޤާނޫނު ގެޒެޓްކުރާ ތާރީޚާ ވިދިގެން އަންނަ ޒަކާތުގެ އަހަރު ފެށޭ ދުވަހުން ފަށައިގެންނެވެ.