ޖިއްދާއިން މާލެއަށް

ގައިދުރުކޮށް ނަމާދު ކުރުން ކޮންކަހަލަ ކަމެއް؟

ކޮރޯނާ ވައިރަސް ފެތުރިގެން ދިއުމުގެ ސަބަބުން ދީނީ ބައެއް އަޅުކަންތައް އެއިގެ ކުރިން ފުރިހަމަކޮށް އަދާ ކުރަމުން ދިޔަ ގޮތަށް އަދާ ކުރުމުގައި ދަތިތަކެއް ވަނީ މެދުވެރިވެފަ އެވެ. މި ގޮތުން ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުމުގެ ބަދަލުގައި ގޭގައި ނަމާދުކުރުމާއި ހުކުރު ނަމާދާއި ދެޢީދު ދެނަމާދު ވެސް ޖަމާޢަތުގައި ޤާއިމު ނުކުރުމާއި، މޫނު ނިވާކޮށްގެން (މާސްކު އަޅައިގެން) ނާއި އަތަށް އަންގި އަރުވައިގެން ނަމާދު ކުރުން ފަދަ ކިތައްމެ ކަމެއް ޢާއްމުވިއެވެ.

އަދި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ވެސް ވަނީ، އެހެން އަހަރުތަކާ ޚިލާފަށް އިދާރީގޮތުން ވަކި އުޞޫކުތަކެއް ކަނޑައަޅާފައެވެ. ބައެއް ޤައުމުތަކުގައި މިސްކިތްތައް ބަންދުކުރުމާއި ނަމާދުގެ ޖަމާޢަތް ހުއްޓާލައި ގިނަ ދުވަސްވަންދެން ތިބުމުގެ ބަދަލުގައި ގައި ދުރުކޮށް ތިބި ނަމާދު ކުރަން ފަށާފައި ވެއެވެ. މި ގޮތަށް ގައި ދުރުކޮށް ތިބެ ނަމާދު ކުރަމުންދާ ޤައުމުތަކުގެތެރޭގައި މިޞްރާއި ސަޢޫދީ ޢަރަބިއްޔާ އާއި އިންޑޮނޭޝިއާ ޕާކިސްތާނާއި މެލޭޝިޔާ ފަދަ ޤައުމުތައް ހިމެނެ އެވެ. އަދި މަޝްހޫރު މިސްކިތްތަކުގެ ތެތޭގައި އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުއްނަބަވީއާއި އަލްމަސްޖިދުލްއަޤުޞާއާއި މިޞްރުގެ ޖާމިޢުލްއަޒްހަރުގެ މިސްކިތް ހިމެނެ އެވެ.

ގައި ދުރުކޮށް ތިބެ ނަމާދު ކުރުމަކީ މިޒަމާނުގެ ފިޤުހީ މައްސަލައެއް ކަމުން މިކަމުގައި ތަފާތު ރައުޔުތައް ހުރުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ފިޤުހުވެރިޔަކު ވެސް ހާމަކުރާނީ އެ ބޭފުޅަކަށް ލިބިވަޑައިގެންފައިވާ ޢިލްމީ ހުއްޖަތުގެ މައްޗަށް ބުރަވެ އެބޭފުޅަކަށް ފެނިވަޑައިގަންވާ އެންމެ ރަނގަޅު ރައުޔެކެވެ. ޒަމާނީ މިފަދަ ކަންކަމުގައި ތަފާތު ރައުޔުތައް ހުރުމަކީ އިސްލާމީ ޝަރީޢަތުގައި އިޖުތިހާދު ކުރުމަށް ދީފައިވާ ތަނަވަސްކަން ދޭހަކޮށްދޭ ކަމެކެވެ. މި ކަރުދާހުގައި މި ބަލާލަނީ މި މައްސަލައިގެ ފިޤުހީ ފަސް މަންޒަރަށެވެ.

ފުރާނަ: އިސްލާމީ ނަޒަރަކުން

އިސްލާމީ ޝަރީޢަތުގެ އެންމެހާ އަޙުކާމުތަކެއް އެ މަޤުޞަދުތަކެއް ޙާޞިލް ކުރުމަށްޓަކައި ބާވާލެއްވުނު އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުން ހިމެނެ އެވެ. ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ ޤުރުނާނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާސޫރަތުގެ (195) އާޔަތުގެ މާނައިގައި ގައިވެއެވެ. "ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ."

އަދިވެސް އަލްމާއިދާ ސޫރަތުގެ (32) ގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުންފަދަ ކަމެއްގެ ގޮތުގަ އެވެ. އަދި އެންމެ ފުރާނައެއް ނެތިކޮށްލުމަކީ މުޅި އިންސާނިއްޔަތު ނެތިކޮށްލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

އެހެންކަމުން ހެޔޮ ޞިއްޙަތުގައި ދެމިހުރުމަކީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭނޭ އެންމެ މުހިންމު ކަމެވެ. ފުރާނަ ސަލާމަތްކޮށް ހެޔޮ ޞިއްޙަތުގައި ދެމިހުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަކީ ޝަރުޢުގައި އަންގަވާފައިވާކަމެވެ. އަދި ޙަދީސްގައި ބަޔާން ވެގެންވާ ގޮތުން އެ ދެ ނިޢުމަތަކާމެދު މީސްތަކުން ޣާފިލުވެފައިވާ ދެ ނިޢުމަތުގެ ތެރެއިން އެއް ނިޢުމަތަކީ ހެޔޮ ޞިއްޙަތެވެ. އަނެއް ނިޢުމަތަކީ ހުސްވަގުތެވެ.

ގައިން ގައިން އަރާ ބަލިމަޑުކަމުގެ ވަބާއެއް ދުނިޔެއަށް ޢާއްމު ވުމެގެން ދިއުމުގެ ސަބަބުން މުސްލިމުން ޖަމާޢަތުގައި އެއްތަންވެގެން އަދާކުރާ އަޅުކަމުގެ ކަންކަން ފުރިހަމަ ގޮތުގައި ޤާއިމުކުރުމަށް ލޮޅުން އެރިއެވެ. އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަކީ ޝަރީޢަތުގެ މަޤުޞަދެއް ކަމުން، ދީނީ ޝިޢާރު ޤާއިމު ކުރުމާއި ހެޔޮ ޞިއްހަތުގައި ދެމި ތިބުމާއި މި ދެކަންތައް އެއްވަގުތެއްގައި (އެއްކޮށް) ޖަމަޢަ ކުރެވޭނޭ ފިޤުހީ ނަޒަރިއްޔާއިން ނެރެވެންވާނެ ކަމަށް މިޒަމާނުގެ ފިޤުހުރުވެރިން ދެކެ ވަޑައިގަންނަވަ އެވެ. ފިޤުހުވެރި ކަމަކީ ވެސް އެއީއެވެ. އެއީ ޝަރުޢީ އަޙުކާމުތައް ޙާލަތަށް ( ވާޤިޢު) އަށް ފެއްތުން (ތަންޒީލު) ކުރުމެވެ.


އިސްލާމީ ޝަރީޢަތުގެ މަޤާޞިދުތަކަށް ނަޒަރު ހިންގާލުމުން މުޅި ޝަރީޢަތް ބާވާލެއްވިގެންވާނީ އަޅުތަކުންގެ މަޞްލަޙަތު ދެމެހެއްޓުމަށްކަން އޮޅުމެއް ނެތް ގޮތުގައި ސާފުވެ އެވެ. ހުރިހާ އަޅުކަމެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ޤާއިމު ކުރެވޭނީ އިންސާނާ ފުރަތަމަ ހެޔޮ ޞިއްޙަތެއްގައި ދެމިހުރެވިގެންނެވެ. މިހެން ކަމުން، ޙާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން، ގައިންގައިން އަރާ ބަލިމަޑުކަން ފަދަ ކަންކަން ފެތުރިގެންދާއިރު ހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ޝަރުޢީ އުޞޫލުތަކުގެ ނަޒަރުން ބަލާއިރު ލާޒިމު ކުރާނެ ކަމެކެވެ.

ބަލީގެ ސަބަބުން ނަމާދުގެ ޖަމާޢަތް ޤާއިމުކުރުމާއި ހުކުރު ކުރުން ފަދަ އިސްލާމްދީނުގެ މުހިންމު މަތިވެރި ޝިޢާރުތައް ގިނަ ދުވަސްތަކެއް ވަންދެން ތަޢުޠީލް (ހުއްޓާލާފައި) ބޭއްވުމަކީ ހަމަޖެހޭ ކަމެއްކަމުގައި ދަންނަބޭކަލުން ދެކެވަޑައި ނުގަންނަވައެވެ. މިހެންކަމުން ޞިއްޙަތަށް ރައްކާތެރިވުމާއެކު، ހަމަ އެވަގުތުގައި ޖަމާޢަތްތައް ވެސް ޤާއިމު ކުރެވޭނޭ މަގެއް ދަންނަބޭކަލުން ފިޤުހީ އިޖުތިހާދުގެ އަލީގައި ހޯއްދެވި އެވެ.
މިކަމަށް އޮތް ޙައްލަކީ، ބަލީގެ އަސަރު އޮތް ސަރަޙައްދުތަކުގައި މާސްކު އަޅައިގެންނާއި އަންގި ލައްވައިގެންނާއި ގައި ދުރުކަން ބަހައްޓައިގެން ނަމާދު ކުރުމެވެ. އަދި މުޅި މުޖުތަމަޢަށް ބަލިފެތުރިގެންވާ ހިނދެއްގައި ޖަމާޢަތް ހުއްޓާލުން ވެސް ޢިލްމުވެރިން ޖާއިޒު ކުރައްވާފައި ވެއެވެ. އެއީ އިސްލާމްދީނުގައި ފުރާނަ ރައްކާތެރި ކުރުމަށްޓަކައި ދެވިގެންވާ ޤަދަރަށް ރިޢާޔަތް ކުރައްވައިގެންނެވެ. އަދި މުޅި މުޖުތަމަޢުގެ މަތީ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައެވެ.

ނަމާދުގެ ސަފުތައް ހެދުމުގެ ފިޤުހީ ފަސްމަންޒަރު

ނަމާދުގައި ސަފުތައް ތަރުތީބު ކުރުމާއި އެކަކު އަނެކަކު ޖެހިގެން ގާތްގާތުގައި ސަފުތައް ހެދުމީ އިސްލާމްދީނުގައި ނުހަނު މަތިވެރި މަޤާމެއް ދީފައިވާ ކަމެކެވެ. އަދި އެއީ އިސްލާމީ އުންމަތުގެ ބަދަހި ކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކާއި އުޚުއްވަތްތެރިކަމާއި ވަޙުދަތު ރަމްޒުކޮށްދޭ މަތިވެރި ކަމެވެ. އަދި އެކަމަކީ ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމެކެވެ. ޤަސްތުގައި ސަފު ސީދާ ނުކޮށް ހުރެ ނަމާދު ކުރުމަކީ ފާފަވެރިވާނެ ކަމެއްގެ ގޮތުގައި އިމާމުލްބުޚާރީ ޞަޙީޙުގައި ޗެޕްޓާ (ތަބްވީބު) ކުރައްވާފައި ވެއެވެ. އަދި ބިލާލުގެފާނު ނަމާދުގެ ޤަމަތަށް ފަހު، ސަފުތައް ތަރުތީބު ކުރެއްވުމައި މީހުން ގާތްކުރައްވައި ހައްދަވާފައިވެއެވެ. ޢުމަރުގެފާނު ހަށަންބަން ތަކުބީރު ވިދާޅުވަނީ ސަފުތައް އެއްވަރުވެ ސީދާވެއްޖެ ކަން ޔަޤީން ކުރެއްވުމަށް ފަހުގަ އެވެ. ނަމާދުގެ ޖަމާޢަތުގެ ސަފުތައް ހެދުމަށް މިހާ މަތިވެރިކަމެއް ދެވިފައިވާއިރު، ނަމާދަށް އެގޮތައް ސަފު ހެދުމަކީ ދީނީ ގޮތުން ވާޖިބު ކަމެއްތޯ ނުވަތަ އެއީ ސުންނަތް ކަމެއްތޯ (މުސްތަޙައްބު) ކަމެއްތޯއާމެދު ދަންނަބޭކަލުންގެ މެދުގައި އިޚުތިލާފު އުފެދިފައިވެއެވެ. ވާޖިބުކަމެކޭ ބުނެވޭ ބަހުގެ މަފްހޫމަކީ އެކަމެއް ދޫކޮށްލުމުން ފާފަވެރިވުމެވެ. މުސްތަޙައްބު ކަމެކޭ ބުނެވޭ ބަހުގެ މަފްހޫމަކީ އެކަމެއް ކުރުމުން ގިނަގުނަ ޘަވާބުލިބުމެވެ. އަދި ދޫކޮށްލުމަކުން ފާފަވެރި ނުވުމެވެ.

މި ފުރުޞަތުގައި އަޅުގަނޑު މި ނަޤުލުކޮށްލަނީ ނަމާދުގެ ސަފުހެދުމާމެދު ދަންނަބޭކަލުންގެ މެދުގައިވާ ރައުޔުތަކާއި އެރައުޔުތަކުގެ ޚުލާޞާ ދަލީލުތަކުގެ މައްޗަށް ލިޔެވިފައިވާ ލިޔުމެއް ނަކަލުކޮށް މިމައްސަލައިގައި އަޅުގަނޑަށް ފެންނަ ރައުޔެވެ.

އާދެ! ސަފުތައް ހަދައި ތަރުތީބުކޮށް އެއްވަރު ކުރުމުގެ މައްސަލައިގެ ދީނީ ޙުކުމާމެދު ދަންނަބޭކަލުންގެ މެދުގައި ދެ ރައުޔެއްވެއެވެ.

ފުރަތަމަ ރައުޔު: ސަފު ހެދުމާއި ސަފުތައް އެއްވަރުކުރުމަކީ ސުންނަތް ކަމެކެވެ. މިއީ ހަތަރު މަޒުހަބުގެ ހަތަރު އިމާމުންގެ ރައުޔެވެ. މި ބޭކަލުންގެ ޙުއްޖަތްތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެއެވެ.

އަލްއިމާމުލްބުޚާރީއާއި އަލްއިމާމު މުސްލިމު އަނަސް ބުނު މާލިކުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރައްވާފައިވެއެވެ. (سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ تَمَامِ الصَّلاَةِ) متفق عليه. މާނައީ "ތިޔަބައިމީހުންގެ ސަފުތައް އެއްވަރުކުރާށެވެ. ފަހެ، ހަމަކަށަވަރުން ސަފުތައް އެއްވަރު ކުރުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިންވާ ކަމެކެވެ." އަދި އަލްއިމާމުލްބުޚާރީއާއި އަލްއިމާމު މުސްލިމުގެ އެހެން ރިވާޔަތެއްގައިވެއެވެ.(فَإِنَّ إِقَامَةَ الصَّفِّ مِنْ حُسْنِ الصَّلاَةِ) متفق عليه. "ފަހެ، ހަމަކަށަވަރުން ސަފުތައް ޤާއިމު ކުރުމީ، ނަމާދަށް ރިވެތިކަން ގެނެސްދޭނެ ކަމެކެވެ."
ބުނެވިދާނެ އެވެ. ކަމެއްގައި ފުރިހަމަކަމާއި ރިވެތިކަން ހުރުމަކީ އެކަމެއް އަދި ވާބިޖުވުމެއްނޫނެވެ. ފިޤުހުވެރިން ބަޔާންކުރައްވާފައިވާ ގޮތުން ޢަރަބި ބަހުގައި (التَّمَام ) (ފުރިހަމަކަން) މިލަފްޒުން ބައެއް ފަހަރު ވާޖިބުކަމުގެ މުރާދުވެސް ނެގިދެއެވެ. އެހެނީ އިމާމު އަބޫދާވޫދު ރިވާކުރައްވާފައިވާ ޙަދީސްގައި ބަޔާންވެގެންވެއެވެ. (لاَ تَتِمُّ صَلاَةُ أَحَدِكُمْ حَتَى يَسْبَغَ الوُضُوءَ كَمَا أَمَرَهُ اللهُ عَزَّ وَجَلَّ) رواه أبوداود. "ގަދަ ކީރިތިވަންތަ މާތް ﷲ އަމުރުކުރައްވާފައިވާ ފަދައިން ވުޟޫގެ ގުނަންތަކުގައި ރަނގަޅަށް ފެން ޖައްސައިގެން ވޫޟޫކޮށްގެން މެނުވީ ތިޔަބައިމީހުންގެ ތެރެއިން އެކެއްގެ ނަމާދު ވެސް ފުރިހަމަ ނުވާހެއްޓެވެ."

އަނެއްބައި ފަހަރު އެ ލަފްޒުން މުސްތަޙައްބުކަމުގެ މުރާދު ވެސް ނެގިދެއެވެ. އިމާމު އަބޫދާވޫދު ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ. (إِذَا رَكَعَ أَحَدُكُمْ فَقَالَ فِي رُكُوعِهِ سُبْحَانَ رَبِّيَ العَظِيمِ ثَلاَثَ مَرَّاتٍ فَقَدْ تَمَّ رُكُوعُهُ وَذَلِكَ أَدْنَاهُ وَإِذَا سَجَدَ فَقَالَ فِي سُجُودِهِ سُبْحَانَ رَبِّيَ الأَعْلَى ثَلاَثَ مَرَّاتٍ فَقَدْ تَمَّ سُجُودُهُ وَذَلِكَ أَدْنَاُه) (رواه أبوداود وقال مرسل، وصححه الألباني) " ތިޔަބައިމީހުންގެ ތެރެއިން މީހަކު، ރުކޫޢަށް ގޮސް ރުކޫޢުގައި އޮވެ (سُبْحَانَ رَبِّيَ العَظِيمِ) މިހެން ތިން ފަހަރު ކިޔައިފި ނަމަ އޭނާގެ ރުކޫޢު ފުރިހަމަވެއްޖެ އެވެ. އެއީ އޭގެ އެންމެ މަދުމިނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ސަޖިދައަށް ގޮސް، ސަޖިދައިގައި އޮވެ (سُبْحَانَ رَبِيَ الأَعْلَى) މިހެން ތިން ފަހަރު ކިޔައިފި ނަމަ އޭނާގެ ސަޖިދަ ފުރިހަމަވެއްޖެ އެވެ. އެއީ އޭގެ އެންމެ މަދު މިނެވެ.

އިމާމު އަބޫދާވޫދު ވިދާޅުވެފައިވެއެވެ. މިއީ މުރުސަލު ޙަދީސެކެވެ. ނަމަވެސް މި ޙަދީސް ފަޟީލަތުއްޝައިޚު ނާޞިރުއްދީނުލްއަލްބާމީ ޞައްޙަކުރައްވާފައިވެއެވެ. މި ޙަދީސްގެ ތަފްޞީލުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ތިން ފަހަރު ތަސްބީޙަ ކިއުމަކީ މުސްތަޙައްބު ކަމެއްކަމާއި ވާޖިބު ވެގެންވަނީ އެންމެ ފަހަރަކު ކިއުންކަމެވެ.

ދެވަނަ ރައުޔު: ނަމާދުގެ ސަފުތައްހަދައި ތަރުތީބު ކުރުމަކީ ވާޖިބުކަމެކެވެ. މި ރައުޔަށް ބުރަވެވަޑައިގަންނަވަނީ އަލްއިމާމުލްބުޚާރީއާއި އިމާމު އިބުނުލްޢަރަބީއާއި އިމާމު އިބުނު ރަޖަބެވެ.

މި ބޭކަލުންގެ ދަލީލުތަކުގެ ތެރޭގައި އައްނުޢުމާން ބުނު ބަޝީރުގެ އަރިހުން އަލްމުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީސް ހިމެނެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللهُ بَيْنَ وُجُوهَكُم) متفق عليه. " ހަމަކަށަވަރުން ތިޔަބައިމީހުންގެ ނަމާދުގެ ސަފުތައް ސީދާ ކުރާހުށިކަމެވެ. އެހެން ނޫން ނަމަ މާތް ﷲ ތިޔަބައިމީހުންގެ މޫނުތައް ދުރުކުރައްވާފާނެތެވެ." މިބޭކަލުން ވިދާޅުވަނީ މުސްތަޙައްބުކަމަކާ ބެހޭ ގޮތުން މިފަދަ ވަޢީދުގެ ބަސްފުޅެއް ނާންނާނެކަމުގައެވެ. މި ނޫންވެސް ބައެއް ޤަރީނާތައް މި ރައުޔުގެ ބޭކަލުން ބަޔާންކުރައްވާފައިވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ސަފުހަދައި ތަރުތީބު ކުރުމަކީ ވާޖިބުކަމެއްކަމުގައި ބެލެވޭ ނަމަ، އެނޫން ގޮތަކަށް ތިބެ ނަމާދު ކޮށްފި ނަމަ ނަމާދު ބާޠިލުވާނެތޯއާމެދު އުފެދޭ ސުވާލެވެ؟ މިކަމުގައި ވެސް ޢިލްމުވެރިންގެ ދެ ރައުޔެއް އޮވެއެވެ.

(ހ) ނަމާދު ބާޠިލެއް ނުވާނެއެވެ. މިއީ ފިޤުހުވެރިންގެ އިއްތިފާޤުކަމުގައި ބުނެވެއެވެ.
(ށ) ނަމާދު ބާޠިލު ވާނެ އެވެ. މިއީ ޙަންބަލީ މަޒުހަބުގެ ބައެއް ދަންނަބޭކަލުންގެ ރައުޔެވެ. އަދި އިމާމު އިބްނު ޙަޒްމުގެ ރައުޔަކީ ވެސް މިއެވެ.

މި ދެ ރައުޔުމުގެ ތެރެއިން ރާޖިޙު (ބޮޑަށް ބުރަވެވޭ) ރައުޔަކީ ނަމާދު ބާޠިލްނުވާނޭ ކަމަށް ބަޔާންކުރާ ރައުޔެވެ. އެހެނީ، އެއީ ވާޖިބު ކަމަކަށް ވިޔަސް ސަފުހަދައި ތަރުތީބު ކުރުމަކީ ސީދާ ނަމާދުން ބޭރުގެ ކަމަކަށްވާތީއެވެ. އެހެންކަމުން ނަމާދު އޭގެ ޒާތުގައި ޞައްޙަވާނެއެވެ.
އިމާމު އިނުބު ޙަޖަރު ވިދާޅުވިއެވެ: "ސަފު ހަދައި ތަރުތީބު ކުރުމަކީ ވާޖިބެއްކަމުގައި ބުނެވޭ ރައުޔާއެކު ވެސް، ސަފު ހަދައި ތަރުތީބު ނުކޮށް ނަމާދުރާ މީހާގެ ނަމާދު ވެސް ޞައްޙަވެގެންވެއެވެ. މިކަމުގެ މައްޗަށް އޮތް ދަލީލަކީ އަނަސްގެފާނުގެ ޙާދިސާއެވެ. އެޙާދިސާގައިވަނީ މަދީނާގެ އަހުލުވެރިން ނަމާދު ކުރާއިރު ރަނގަޅަށް ސަފުތައް ތަރުތީބު ނުކުރާތީވެ އެކަމާމެދު އަނަސްގެފާނު އިންކާރު ކުރެއްވިއެވެ. ނަމަވެސް އެމީހުންގެ އެ ނަމާދު އަލުން އިޢާދަކުރުމަށް ވިދާޅެއް ނުވެއެވެ". ނަމާދު ބާޠިލުވާ ނަމަ އެ ނަމާދު އަލުން އިޢާދަކުރުމަށް އެންގެވީހެވެ.

ގައިދުރުކޮށް ތިބެ ނަމާދު ކުރުން

ގައިދުރުކޮށް ތިބެ ނަމާދުކުރުމުގެ މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މި ޚިޔާލުތަފާތުވުމުގައި ވަނީ ދެ ރައުޔެކެވެ.

ފުރަތަމަ ރައުޔު: ( ޙާޖަތެއް މެދުވެރިވެގެން) ގައިދުރުކޮށް ތިބެ ނަމާދުކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ. މިއީ މިހާރުގެ ގިނަ ފިޤުހުވެރިންގެ ރައުޔެވެ. އަދި މިއީ އަލްއަޒްހަރު ޔުނިވަރސިޓީގެ އިސްލާމިކް ރިސާޗް އެކަޑަމީގެ ރައުޔުވެސް މެއެވެ. އަދި މިއީ ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ މެންބަރު ފަޟީލަތުއްޝައިޚު ޑޮކްޓަރ ސަޢުދު ބުނު ނާޞިރު އައްޝަޘްރީގެ ގެ ރައުޔެވެ އަދި ޤުބާ މިސްކިތުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ސުލައިމާނުއްރުޙައިލީ ގެ ރައުޔަކީ ވެސް މިއެވެ.

ދެވަނަ ރައުރު: އެއް ވެސް ޙާލެއްގައި ގައި ދުރުކޮށް ތިބެ ނަމާދު ކުރުމަކީ ޖާއިޒުވެގެންވާ ކަމެއްނޫނެވެ. މިއީ ބައެއް ޢިލްމުވެރިންގެ ރައުޔެވެ. މިރައުޔުގެ ބޭފުޅުން ވިދާޅުވާގޮތުން ގައި ދުރުކޮށް ތިބެ ނަމާދު ކުރުމަކީ އަލަށް އުފެދިގެން އުޅޭ ކަމެކެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ.

އަޅުގަނޑަށް ބުރަވެވޭ ގޮތް

ނަމާދުގެ ސަފުހެދުމާ މެދު ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ނަޒަރު ހިންގައި، މައްސަލައިގެ ފިޤުހީ ފަސް މަންޒަރާއި މިޒަމާނުގެ މި ދިމާވެގެން އުޅޭ ބަލިމަޑުކަމުގެ އަޞްލަށް ބަލައި އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ބަލިފެތުރިފައިވާ ރަށްތަކުގައި ނުވަތަ ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި، އެކަންކަން ފިލައި ދިއުމަށް ދާންދެން ގައި ދުރުކޮށް ތިބެ ނަމާދުކުރުމަކީ ޝަރުޢީ ގޮތުން ޖާއިޒުވެގެންވާ ކަމެއްކަމަށެވެ. މިގޮތަށް ދެކެނީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެއެވެ.

1- ފިޤުހީ ނަޒަރުން ބަލާއިރު ނަމާދުގެ ސަފުތައް ހަދައި ސަފުތައް ތަރުތީބު ކުރުމަކީ އަޞްލުގައި އެކަން އޮތް ގޮތެވެ. އެއީ ނުހަނު މަތިވެރި މާތް ސުންނަތެކެވެ. މުސްތަޙައްބު ކަމެކެވެ. ސަފުތައް ތަރުތީބު ނުކޮށް ނަމާދު ކުރުމަކީ މަކްރޫހަކަމެވެ. ނަމަވެސް ޟަރޫރީ ޙާޖަތެއް މެދުވެރިވެރިވެއްޖެ ހިނދެއްގައި އެ މަކްރޫހަކަން ފިލައިދާނެއެވެ. އެއީ ޝަރުޢުގައި ކަން އޮންނަ ގޮތެވެ. ގައިން ގައިން އަރާ ބައްޔަކީ އެފަދަ ޢުޒުރެއްކަމުގައި ވެއެވެ. ވީމާ ސަފުގައި އެކަކަށްވުރެ ގިނަ މީހުން ތިބޭގޮތަށް ގައި ދުރުކޮށް ތިބެ ނަމާދު ކުރުމަކީ ހުއްދަކަމެކެވެ. ކަށަވަރު ކުރަންޖެހޭ ޙަޤީޤަތަކީ އެވަރަށް ބަލީގެ ނުރައްކާ އޮތްތޯ ނުވަތަ ނޫންތޯއެވެ؟ އެރަށަކީ ނުވަތަ އެ ސަރަޙައްދަކީ ބަލީގެ ފެތުރުމުގެ ޖާގަ އޮތް ސަރަޙައްދެއްތޯއެވެ؟ އެކަމުގައި ބަސްބުނާނީ އެކަމުގެ ޚަބީރުންނެވެ. މާހިރުންނެވެ. އެވަރަށް ބަލިފެތުރިގެން ހިގައިދާނެކަމުގެ ނުރައްކަލެއް ބިރުވެރިކަމެއް ނެތް ނަމަ ސުންނަތުގައިވާ ގޮތައް ސަފުހެދުމުގެ ކަންކަން ދަމަހައްޓަންވާނެއެވެ. އެއްވެސް ޢުޒުރެއް ނެތް ހިނދެއްގައި މާތް ﷲގެ މަތިވެރި ނަބިއްޔާ ސުންނަތްތައް ދެމެހެއްޓުމުގައި ދެމިތިބުމަކީ އުޞޫލެއްގެ ގޮތުން މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ގައިން ގައިން އަރާ ބަލިފެތުރިފައިވާކަން، ނުވަތަ ފެތުރިދާނެކަމުގެ ޔަޤީނާ ގާތްކުރާ އިޙުތިމާލު އޮވެއްޖެ ނަމަ ގައި ދުރުކަން ބަހައްޓައިގެން ޖަމާޢަތުގައި ނަމާދު ކުރުމަކީ ކުރިން ދެންނެވި ގޮތަށް ޖާއިޒުވެގެންވާ ކަމެކެވެ.

2- ގައިންގައިން އަރާބަލިން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އެޅޭ އެންމެހާ ފިޔަވަޅުތަކަކީ ވެސް އެކަންކަމުގައި ﷲ ގެ ރުހިވޮޑިގަތުންވާ ކަންކަމެވެ. އެފިޔަވަޅުތަކުގެ ސަބަބުން ގައިން ގައިން ބަލި ފެތުރުމަށް ހުރަސް އެޅިގެން ދެއެވެ. ނަމާދުގެ ކައިރި ކައިރީގައި ތިބެ ސަފުހެދުމަކީ ސުންނަތުގައި ބަޔާންވެގެންވާ ފަދައިން މަތިވެރިކަމެއްގައިވިޔަސް، އެ އިރުޝާދުތަކަކީ ގިނަ ދަންނަބޭކަލުންގެ ނަޒަރުގައި މުސްތަޙައްބުކަމުގެ ތެރޭގައި ހިމެނޭ އިރުޝާދު ތަކެކެވެ. ޢުޒުރެއް މެދުވެރިވުމުގެ ސަބަބުން އެކަން ޙާޞިލްނުވިޔަސް ނަމާދުގެ ޞައްޙަކަމަށް ބުރުލެއް ނާރާނެއެވެ.

3- ޝަރުޢީ ގޮތުން ޤަބޫލުކުރެވިގެންވާ ޙާޖަތާއި ޙާލަތާއި ޢުޒުރުތައް މެދުވެރިވުމުން ނަމާދު ކުރާ ގޮތަށް ބަދަލު އާދެއެވެ. މިސާލަކަށް ހަނގުރާމައިގެ ޙާލަތުގައި މައިދާނުގައި ނަމާދު ކުރާ ގޮތް ވެސް ތަފާތުވެއެވެ. އަދި ބަލި މީހާގެ ނަމާދު ވެސް ތަފާތެވެ. ކޮޅަށް ހުރެ ނުކުރެވޭ މީހާ އިށީންދެ އިނދެ ނަމާދުކުރެވެއެވެ. އަދި ދަތުރުވެރިޔާ މަތިންދާ ބޯޓުގައި އިނދެ ނަމާދު ކުރާ ގޮތްވެސް ތަފާތެވެ. އަދި އިށީނދެ އިނދެ ނަމާދުކުރާ އިމާމުގެ ފަހަތުގައި ނަމާދު ފުރިހަމަކުރުންވެސް މެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ) " ތިޔަބައިމީހުނަށް ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތަޤުވާވެރިވާށެވެ!" އަދި އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. " ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދޫކުރެއްވި ކަންކަމުގައި ހިފަހައްޓާށެވެ! ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުން ހަލާކުވެދިޔަކަން ކަށަވަރީ އެއުރެންގެ ސުވާލުގިނަކަމުންނާއި އެއުރެންގެ ނަބީބޭކަލުންނާ ދެބަސްވެ އިޚުތިލާފުވުމުގެ ސަބަބުންނެވެ. ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަހީކުރައްވައިފިކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި އެކަމެއް ކުރުމަށް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރުކުރެއްވައިފި ކަމެއް، ފަހެ ތިޔައިމީހުންނަށް ކުޅަދާނެވީ މިންވަރަކުން ކުރާށެވެ. ( އަލްބުޚާރީ)، މި ޙަދީސުން ދިލާލަތުކޮށްދެނީ ޝަރުޢީގޮތުން އަދާކުރަންޖެހޭ ކަންކަން އަދާކުރުން ގުޅިފައިވަނީ ކުޅަދާނަކަންލިބިގެންވާ މިންވަރަކުން ކަމެވެ.

4- އަލްއިމާމުއްނަވަވީ "އަލްމިންހާޖު"ގައި ވިދާޅުވެފައިވެއެވެ. މިއީ އިސްލާމްދީނުގެ ޤަވާޢިދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޤަވާޢިދެކެވެ. އަދި އިސްވެ ދިޔަ ބަސްފުޅަކީ ކީރިތި ރަސޫލާގެ ފުރިހަމަ ޖާމިޢު ބަސްފުޅުތަކުގައި ހިމެނޭ ބަސްފުޅެކެވެ. އޭގެ ތެރެއަށް އެތައް އަޙުކާމުތަކެއް ވަދެއެވެ. މިސާލަކަށް ނަމާދާއި އޭގެ އަޙުކާމުތަކެވެ. ނަމާދުގެ ބައެއް ރުކުންތައް ނުވަތަ ޝަރުޠުތައް އަދާކުރުމަށް ނުކުޅެދިއްޖެ ނަމަ ކުޅަދާނަވީ މިންވަރަކުން އަދާކުރެވެއެވެ.

5- އަލްއިމާމު އިބުނުލްޖައުޒީ " އަލްމުޝްކިލް" ގައި ވިދާޅުވެފައިވެއެވެ. އަމުރުކުރެވިގެންވާ ކަންކަން އަދާކުރުން ވާޖިބުވެގެންވަނީ ކުޅަދާނަކަންލިބިގެންވީ މިންވަރަކުނެވެ. އިށީންދެ އިނދެ ވެސް ނަމާދު ނުކުރެވޭ މީހާ އޮށޯވެގެން އޮވެ ނަމާދު ކުރެވެއެވެ.

6- އަލްއިމާމު އިބުނު ރަޖަބު އެކަލޭގެފާނުގެ "ޖާމިޢު" ގައި ވިދާޅުވެފައިވެއެވެ. އަދާކުރުމަށް އަމުރުކުރެވިގެންވާ ކަމެއް ފުރިހަމައަށް އަދާކުރުމަށް ނުކުޅެދިގެންވާ މީހާ، ކުޅަދާނަވީ މިންވަރަކުން އެކަމެއް އަދާކުރުން ހުއްދަކަމުގައި ދަލީލުކުރެވެއެވެ. އަދި މިކަމަކީ ނަމާދާއި ޠަހާރަތުގެ ބާބުގައި ހުރި ކަންކަމެވެ.

7- ނަމާދުކުރާ އިރު ޤިޔާމުގައި ހުރުން ފަދަ ނަމާދުގެ އެތޭގައި ހިމެނޭ ރުކުނެއް ޤާއިމު ކުރުމަށް ޢުޒުރުވެރި ވެއްޖެ ހިނދެއްގައި، އިށީންގެ އިނދެ ނުވަތަ އޮށޯވެގެން އޮވެ ނަމާދު ކުރުން ފަދަ ލުއިފަސޭހަ ގޮތްތައް ފަސޭހަކޮށްދެއްވާފައިވާ އިރު، ސަފުހެދުން ފަދަ ނަމާދުން ބޭރުން ފުރިހަމަކުރަންޖެހޭ ސުންނަތްކަމެއްގައި ޝަރުޢީ ޢުޒުރުތަކެއް މެދުވެރިވެގެން ލުއިފަސޭހަކަން އޮތުން އައުލާވެގެންވެއެވެ. ވީމާ ގާތް ގާތުގައި ތިބެ ސަފުހަދައި އެއްވަރުކޮށް ތަރުތީބު ކުރުމަކީ މުސްތަޙައްބު ކަމެއްކަމުގައި ވިޔަސް، ވާޖިބެއްކަމުގައި ބެލި ނަމަވެސް ބަލި ފެތުރިގެން ދިއުމުން ސަލާމަތްވުމަށްޓަކައި ގައި ދުރުކުރުމަކީ ޖާއިޒު ވާނެ ކަމެކެވެ. އެކަން ބިނާވާލީ ބަލީގެ ޙާލަތު އޮތް މިންވަރުގެ މައްޗަށެވެ.

8- ގާތް ގާތުގައި ސަފުހެދުން ( ބަލި ފެތުރޭ ޙާލަތުގައި) ދޫކޮށްލެވެނީ ޙާޖަތަކާ ގުޅިގެންނެވެ. އެއީ ބަލީގެ ސަބަބުންނެވެ. އެބަލި ފެތުރުނަ ނުދިނުމަށްޓަކައެވެ. މި ފަދަ މަޤްބޫލު ޢުޒުރު މެދުވެރިވުމުން، އެކަން ބެލެވޭނީ ޟަރޫރީ ޙާލަތަކަށެވެ. އިމާމު އިބުނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ނަމާދުގެ ޤިޔާމްގައި ހުރުމާއި ކިޔެވުމާއި ރުކޫޢު ސުޖޫދު ފުރިހަމަ ކުރުމާއި ފެނުން ޠާހިރުވުން ފަދަ ކަންކަން ކުރުމަށް ނުކުޅެދިއްޖެ ޙާލަތުގައި (ކުޅަދާނަކަން ލިބިގެންވާ މިންވަރަށް ކުރެވޭއިރު،) ސަފުހެދުން ވެސް ހަމަ އެފަދަ އެވެ.

9- ގައިންގަޔަށް ބަލި ފެތުރުމާ ގުޅޭ ގޮތުން ތަޖުރިބާކާރުންނާއި ޞިއްޙީ މާހިރުންނާއި ޑޮކްޓަރުން ޔަޤީންކޮށްދޭ ނަމަ، އެބަހުގައި ހިފުމަކީ ޝަރުޢުގައި ޖާއިޒު ކަމެކެވެ. ޚަބީރުންގެ ބަހަކީ ޝަރުޢުގައި މަޤުބޫލުބަހެކެވެ.

10- އަޅުގަނޑު މިދަންނަވާ ރައުޔަށް ޝަރުޢުގެ ޤަވާޢިދުތަކުން ބާރު ލިބެއެވެ. ޝަރީޢަތުގެ ފިޤުހީ ޤަވާޢިދެއްގައި ވެއެވެ. (الحَاجَةُ تُقَدَّرُ بِقَدَرِهَا) " ޙާޖަތް މިންވަރު ކުރާނީ ބޭނުން ޖެހޭ ވަރަށެވެ." މިޤަވާޢިދުގެ ދަށުން ބަލާނަމަ ބަލިންފެތުރުމުން ސަލާމަތްވުމަކީ ބޭނުންޖެހިފައިވާ ކަމެކެވެ. އެބޭނުން ފުދޭ މިންވަރަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. އަދި އެހެން ޤަވާޢިދެއްގައިވެއެވެ. (إِذاَ ضَاقَ الأَمْرُ اِتَّسَعَ وَإِذاَ اتَّسَعَ ضَاقَ) (ދީނުގައި ކުރުމަށް އަންގަވާފައިވާ (ކަމެއް) ކުރުމަށް ދަތިވެއްޖެ ނަމަ، އެކަމެއް ކުރެވޭނޭ ގޮތައް ތަނަވަސް ( ލުއިފަސޭހަ) ވެދެއެވެ. އެކަމެއް ކުރުމަށް ތަނަވަސް ވެއްޖެނަމަ ( ދަތިކަން ފިލައިފި) ނަމަ، ލުއި ފަސޭހަކަން ފިލައިދެއެވެ. މި ޤަވާޢިދުގެ ދަށުން ދެންނެވޭނީ ނަމާދުގެ ގާތްގާތުގައި ޖެހިޖެހިގެން ސަފުހެދުމަކީ މަތިވެރިކަމެއްކަމުގައި ވިޔަސް ގައިންގައިން އަރާބަލީގެ ސަބަބުން އެމަތިވެރިކަން ޙާޞިލްކުރެވެން ނެތުމުން، ނަމާދުގެ ފަރުޟު ޖަމާޢަތުގައި އަދާކުރުމުގައި ސަފު ހެދެން އޮތް ލުއިފަސޭހަ ގޮތަށް ހަދައިގެން ނަމާދު ޖަމާޢަތުގައި ކުރެވިދާނެކަމެވެ. ޖަމާޢަތް ޤާއިމު ކުރުމަކީ ސަފުހެދުމަށްވުރެ މުހިންމު ކަމެކެވެ. ގޭގައި އެކަނި ނަމާދުކުރުމަށް ވުރެ ޖަމާޢަތުގައި ކުރުމަކީ އެތައް ގުނަ ސަވާބުހުރި ކަމެކެވެ. އަދިވެސް ފިޤުހީ ޤަވާޢިދެއްގައިވެއެވެ. (دَرْءُ المَفَاسِدِ مُقَدَّمٌ عَلَى جَلْبِ الْمَصَالِحِ) ފާސިދުކަންކަމުން ( ނުބައި ކަންކަމަށް މަގު ފަހިވާކަންކަމުން) އެއްކިބާވެގަތުން، މަޞްލަޙަތު ލިބިގަތުމުގެ މައްޗަށް އިސްވެގެންވެއެވެ. މި ޤަވާޢިދުގެ ދަށުން ދެންނެވޭނީ ގައިންގަޔަށް ބަލި ފެތުރުމަށް ޖާގަ ދިނުމަކީ ނުރައްކާތެރިކަމަށް މަގު ފަހިކުރުވާކަމެކެވެ. އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމެކެވެ. ވީމާ އެކަމުން ދުރުވުމަކީ މުހިންމު ކަމެއްކަމުގައެވެ.

11- މޫނު ފޮރުވައިގެން ނަމާދު ކުރުމަކީ މަކްރޫހަކަމެއްކަމުގައިވިޔަސް، ޢުޒުރެއް މެދުވެރިވުމުން އެ މަކްރޫހަކަން ފިލައި ދެއެވެ. މިހެންކަމުން ބަލީގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ތިބެ ޖަމާޢަތުގައި ނަމާދު ކުރުމަކީ ޖާއިޒުކަމެކެވެ.

12- ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އަތަށް އަންގި ލައްވައިގެން ތިބެ ނަމާދު ކުރުމަކީވެސް ޖާއިޒު ކަމެކެވެ. ސަޖިދަ ކުރަންޖެހޭ ގުނަންތަކާއި ތިމާއާ ދެމެދު ހުރަހެއް ހުރުމަކީ ބައެއް ޢިލްމުވެރިންގެ ނަޒަރުގައި މަކްރޫހަކަމެކެވެ. ނަމަވެސް ޢުޒުރު މެދުވެރިވުމުން އެމަކްރޫހަކަން ފިލައިދެއެވެ. ދެ ޞަޙީޙު ގައި ( ބުޚާރީއާއި މުސްލިމު) ގައި ރިވާވެގެންވާ ގޮތުން ހޫނު ގަދަ ދުވަސްތަކުގައި އަޞްޙާބު ބޭކަލުން، ހެދުން ފަތުރުއްވަވައި އޭގެ މައްޗަށް ސަޖިދަކުރައްވައެވެ. ވީމާ އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް ޢުޒުރުވެރި ޙާލަތެއްގައި އަތައް އަންގި ލައްވައިގެން ނަމާދުގައި ސަޖިދަކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ.

13- ބަލިމަޑުކަމެއް ނުވާ ރަށްރަށުގައި ސަފުހެދުމުގެ ކަންކަމުގައި ފަރުވާކުޑަކޮށްގެންނުވާނެއެވެ. ސުންނަތުގައި ބަޔާންވެގެންވާ މަގުން ސަފު ހެދުމަކީ ނުހަނު ގިނަ ގުނަ ޘަވާބާއި ދަރުމަހުރިކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދުޔަކީ އެންމެ މާތް ހަދުޔެވެ.
މިސްކިތްތަކުގައި ޖަމާޢަތް ހަދައި ނަމާދުން މިސްކިތްތައް ތަޢުމީރު ކުރުމަކީ ދީނުގެ މަތިވެރި މަޤުޞަދެކެވެ. އެ މަތިވެރިކަން ޙާޞިލްކުރެވޭނެ ހުރިހާ ކަމެއް ކުރުމަކީ ޝަރުޢީ ގޮތުން އިސްކަންދޭނެ ކަމެކެވެ. ގައިން ގަޔަށްއަރާ ބައްޔެއް ފެތުރިގައި ނުވާ ޙާލަތުގައި، ނުވަތަ އެފަދަ ކަމެއް ނެތް ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރާއިރު ގާތްގާތުގައި ސަފުހަދައި ސަފު އެއްވަރުކޮށް ތަރުތީބު ކުރުމުގެ މަތިވެރި ސުންނަތް ދަމަހައްޓަންޖެހޭނެއެވެ. އެކަމުގައި ފަރުވާކުޑަކޯސްގެންނުވާނެއެވެ. އެއީ ނަމާދަށް ފުރިހަމަކަމާއި ރިވެރިކަން ގެނެސްދޭ އަދި ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރިކަމެވެ.