ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖިއްދާއިން މާލެއަށް

ޝާމުކަރައިގެ ތާއޫންގެ އަސަރުގަދަ ހާދިސާ

ޠާޢޫނަކީ ގައިން ގަޔަށް އަރާ ބައްޔެވެ. އިސްލާމީ އުންމަތުގެ ކުރީކޮޅު ހިޖުރައިން 18 ވަނަ އަހަރު ޝާމްކަރައިގައި ޠާޢޫން ފެތުރިގެން ދިޔަ އެވެ. އެއީ އިސްލާމީ އުންމަތުގައި ގައިން ގަޔަށް އަރާ އެފަދަ ބަލިމަޑުކަމުގެ ބޮޑު ވަބާއެއް ފެތުރުނު ފުރަތަމަ ފަހަރެވެ. އެފަދަ ވަބާއެއް އެއިގެ ކުރިން އިސްލާމީ އުންމަތުގައި ތަޖުރިބާކޮށްފައި ނުވެއެވެ.

އެ ޠާޢޫން ފުރަތަމަ ފެތުރުނީ ޝާމްކަރައިގެ ޢިމަވާސް ކިއުނު އަވަށެއްގައެވެ. އެހެންކަމުން މި ޠާޢޫނަށް ނަން ދެ ވިފައިވަނީ " ޠާޢޫން ޢިމަވާސް" ގެ ނަމުންނެވެ. ޢިމަވާސަކީ ފަލަޞްޠީނުގެ ބައިތުލްމަޤުދިސްއާ ގާތުގައި އޮތް އަވަށެކެވެ. (ޔަހޫދީންގެ އިސްތިޢުމާރުގެ ސަބަބުން މި އަވަށް މިހާރުވަނީ ނެތިވެގެން ގޮސްފަ އެވެ. އެއީ އިސްލާމީ ތާރީޚެއް އޮތް އަވަށެކެވެ. އެ އަވަށް ބޭނުން ކުރެވެމުން ދިޔައީ ޝާމްކަރައިގައި އިސްލާމީ އަސްކަރިއްޔާގެ މަރުކަޒެއްގެ ގޮތުންނެވެ.)

އެވަށުގައި ބަލި ފެތުރުމަށް ފަހު، ދެން މުޅި ޝާމް ކަރައަށް ފެތުރިގެން ދިޔައީ އެވެ. މި ޠާޢޫންގައި އެއް މަސްދުވަހުގެ ތެރޭގައި މުސްލިމުންގެ ފަންސަވީސް ހާސް މީހުން މަރުވެދިޔަ ކަމަށް މުއައްރިޚުން ބަޔާން ކޮށްފައި ވެއެވެ. މިއީ އިސްލާމީ އުންމަތުގައި ހިންގައިދިޔަ އެންމެ ބޮޑު ހިތާމަވެރި އެއް ހާދިސާއެވެ. ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ޝާމްކަރައިގައި ތިއްބެވި ދަންނަބޭކަލުންނާއި ޢަސްކަރީ ކޮމާންޑަރުންގެ ގިނަ ބޭކަލުންނެއް އެ ޠާޢޫނު ބަލީގެ ޝިކާރައަކަށްވެ ޝަހީދުވެވަޑައިގެންފައި ވެއެވެ. އަދި އެތައް ތާބިޢީ ބޭކަލުންނެއް ވެސް ޝަހީދުވެވަޑައިގެންފައި ވެއެވެ.

މި ބަލީގެ ޝިކާރައަކަށްވި ބޭކަލުންގެ ތެރޭގައި މި އުންމަތުގެ އަމާނާތްތެރިޔާގެ ލަޤަބު ލިބިވަޑައިގެން ހުންނެވި މާތް ޞަޙާބީ އަބޫ ޢުބައިދާ ޢާމިރު ބުން އަލްޖައްރާޙު އާއި، މި އުންމަތުގައި ހުރި، ފިޤުހު ޢިލްމު (ޙަރާމް ޙަލާލު) ގެ ކަންކަމަށް އެންމެ މޮޅު ޢިލްމުވެރިޔާ މާތް ޞަޙާބީ މުޢާޒް ބުނު ޖަބަލާއި އެކަލޭގެފާނުގެ ދަރިކަލުން އަބްދުއްރަޙުމާން ބުނު މުޢާޒާއި އަލްފަޟުލު ބުނު އަލްއައްބާސް ބުނު ޢަބްދުލްމުއްޠަލިބް ފަދަ ބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

މި ހިތާމަވެރި ޙާދިސާގެ މައްޗަށް ލިޔެލާން މި ޤަސްދުކުރީ، މިއަދު ދުނިޔޭގައި ފެތުރިގެން މިއުޅޭ ކޯވިޑް-19 އޭ ކިއުނު ވައިރަހާ ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސް އެއިން ސަލާމަތްވުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ބާރެއް ދިނުމުގެ ގޮތުނެވެ. އަދި ކެއްތެރިވުމަށާއި އިމާންކަން ވަރުގަދަކޮށް ވަސީލަތްތަކުގައި ހިފައި މި އުންމަތުގެ ސަލަފުން ހިންގެވި މަގުން ހިގައި ﷲ ދުޢާ ކުރުމަށް މުއުމިނުންތަކުންނަށް ހިއްވަރު ދިނުމުގެ ގޮތުން ވެސް މެއެވެ.

ޢުމަރުގެފާނު ޝާމްކަރައިގައި

އެއީ ހިޖުރައިން 18 ވަނަ އަހަރެވެ. ނަބަވީ ޚިލާފަތުގެ ރަން ދައުރެވެ. އިސްލާމީ ފުތޫޙާތްތައް ވަނީ އިތުރުވެފަ އެވެ. ޝާމްކަރައާއި ހަމަ އަށް އިސްލާމީ ދައުލަތްވަނީ ފުޅާވެގެން ގޮސްފަ އެވެ. އެއިރު އިސްލާމީ އުންމަތުގެ ވެރިކަމުގައި ހުންނެވީ މާތް ޞަޙާބީ އަމީރުލްމުއުމިނީން ޝަހީދު ޢުމަރު ބުނު އަލްޚައްޠާބެވެ. އެކަލޭގެފާނު ޢާއްމު ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ޙާލު ބައްލަވައި އުންމަތުގެ ކަންކަން އިންތިޒާމުވުމަށްޓަކައި ޝާމްކަރައަށް ދަތުރުފުޅެއް ފެޓެވިއެވެ.

އެ ދަތުރުފުޅު ފެއްޓެވި އިރު، ޝާމްކަރައިގައި ޠާޢޫން ފެތުރިފައިވާކަމުގެ ޚަބަރެއް ލިބިވަޑައިގެންފައި ނެތެވެ. އެކަލޭގެފާނުގެ އަރިހުގައި މުހާޖިރުންގެ އިސް ބޭކަލުންނާއި އަންޞާރުންގެ އިސްބޭކަލުންނާއި ޤުރައިޝު ވަންހައިގެ އިސްކޮށްތިއްބެވި ހަރުކުލައިގެ ބޭބޭކަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އެކަލޭގެފާނު ޝާމް ކަރައިގެ އައްސޭރި ފަށަށް ވަޑައިގެން ސަރުޣު ކިޔުނު ސަރަޙައްދުގައި މަޑުކޮށްލެއްވި އެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ އިސްތިޤުބާލުގައި، ޝާމްކަރައިގައި ތިއްބެވި އިސްލާމުންގެ ވެރިން ތިއްބެވި އެވެ. އެބޭކަލުންގެތެރޭގައި މި އުންމަތުގެ އަމާނާތްތެރިޔާ މާތް ޞަޙާބީ އަބޫ ޢުބައިދާ ޢާމިރު ބުނު އަލްޖައްރާޙު އިސްކޮށް ހުންނެވިއެވެ.

ޢުމަރުގެފާނު ވަޑައިގަތުމުން، އެކަލޭގެފާނުގެ އިސްތިޤުބާލަށް ސަރުޣަށް ވަޑައިގެންނެވި ބޭކަލުން ދެންނެވީ، ޝާމްގައި ޠާޢޫނު ފެތުރިފައިވާ ކަމަށާއި މުޅި ބިމަށް ބަލި ފެތުރިފައިވާ ކަމާއި، ރަށްތަކުގެތެރެއަށް ޚަލީފާ ވަދެވަޑައި ނުގެންނެވުމަށެވެ. ނަމަވެސް ޝާމްކަރައިގެ އިސްލާމުންގެ ވެރިއަކަށް އެ ވަގުތު ހުންނެވި މާތް ޞަޙާބީ، އަބޫ ޢުބައިދާގެ ރައުޔު މިކަމުގައި ތަފާތެވެ. އަބޫ ޢުބައިދާ ޢުމަރުގެފާނަށް ދެންނެވީ ރަށުތެރެއަށް ވަދެވަޑައިގެން މީސްތަކުންގެ ޙާލު ބައްލަވައި ހިއްވަރު ދެއްވުމަށެވެ.

މިކަމުގައި ޚިޔާލު ތަފާތުވީ މިއީ އިސްލާމުން މީގެ ކުރީން ތަޖުރިބާކޮށްފައި ނުވާ ކަމަކަށްވުމާއެކުގަ އެވެ. އަދި ޠާޢޫން ބަލި ފަދަ ބައްޔެއް ފެތުރިއްޖެ ނަމަ ހަދާނެ ގޮތަކާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފައިވާ އިރުޝާދުތައް އަޑު އެއްސެވި އަޞްޙާބު ބޭކަލުން އެ މަޖްލިސްގައި އެވަގުތު ވަޑައިގެން ނެތުމުންނެވެ.
މުހާޖިރުންނާއި އަންޞާރުންގެ މަޝްވަރާ ޢުމަރުގެފާނު ޢަމަލުފުޅުކުރައްވާނެ ގޮތަކާމެދު ޚިލާފު ބޮޑުވުމުން، ވަކިވަކިން މުހާޖިރުންނާއި އަންޞާރުން އެއްކުރެއްވުމަށް ޢުމަރުގެފާނު އަންގަވައިފިއެވެ.

ޢުމަރުގެފާނު ޝާމްކަރައިގެ ރަށްތަކަށް ވަދެވަޑައިގަންނަވާނީތޯ ނުވަތަ މަދީނާއަށް އެނބުރި ވަޑައިގަންނަވާނީތޯ މި ދެގޮތުން ކުރެ، ކޮން ގޮތަކަށް ޢަމަލުކުރެއްވުމަށްތޯ މުހާޖިރުންނަށް ފެނިވަޑައިގަންނަވަނީ، މުހާޖިރުން ކުރެން މަޝްވަރާ އެއްސެވިއެވެ. އެބޭކަލުންގެ މެދުގައި ވެސް އެކަމާމެދު ޚިޔާލު ކަފިވިއެވެ. އެއިގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ. ގައިން ގަޔަށް އަރާ ބަލި ފެތުރިފައި އޮތް ތަނަށް ކަލޭގެފާނު ވަދެވަޑައި ނުގަންނަވާށެވެ. ކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައިގެންފި ނަމަ އެއީ މުޅި އުންމަތަށް ލިބޭނޭ ގެއްލުމެކެވެ.

އަނެއް ބައި ބޭކަލުން ދެންނެވީ މިއީ ﷲ ގެ ނިޔާ ކަމަށާއި އެކަމުން ފިއްލެވުމަށް ދުރަށް ވަޑައިނުގެންނެވުމަށެވެ. ދެން ޢުމަރުގެފާނު ގޮވައިލެއްވީ އަންޞާރުންނަށެވެ. އެބޭކަލުން އެ މަޖްލިހަށް ވަޑައިގެންފި އެވެ. އެބޭކަލުންގެ އަރިހުންވެސް އެދިވަޑައިގެންނެވީ މުހާޖިރުންގެ އަރިހުން އެދިވަޑައިގެންނެވި ގޮތަށެވެ. އަންޞާރުން ވެސް އެކަމުގައި ދެބަސްވެވަޑައިގެންނެވީ މުހާޖިރުންވެސް ދެބަސްވެވަޑައިގެންނެވި ފަދައިންނެވެ.

ޤުރައިޝުންގެ ހަރު ބޭކަލުންގެ ލަފާ

ގޮތެއް ނިންމެވުމަށް ދަތިފުޅުވެވަޑައިގެން އެންމެ ފަހުން، ޢުމަރުގެފާނު އެދިވަޑައިގެންނެވީ ޤުރައިޝު ވަންހައިގެ އިސްބޭކަލުން ވަޑައިގެންނެވުމަށެވެ. އެއީ ޤުރައިޝުންގެ ތެރެއިން އިސްލާމްވަޑައިގެން ތިއްބެވި ޢުމުރުން ދޮށީ ހަރުކުލައިގެ ބޭކަލުންނެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ފެށިގެން އިސްލާމީ ވެރިކަން ހިންގުމުގެ ދަރުބާރުގައި މަޝްވަރާ އެއްސެވުމުގައި އެބޭކަލުންނަށް ޚާއްޞަ ޤަދަރެއް ދެވިފައި އޮވެއެވެ. ކޮންމެ އަކަސް ޤުރައިޝުންގެ ހަރުކުލައިގެ ބޭކަލުންގެ ރައުޔު ހުރީ ޢުމަރުގެފާނު ޝާމް ކަރައިގެ ބިމަށް ވަދެވަޑައި ނުގެންނެވުމަށެވެ. އެއީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި މުހާޖިރުންނާއި އަންޞާރުންނާއި އިސްލާމީ ދައުލަތުގެ ކުރިއަށް ތިއްބެވި ބޭކަލުން، ގައިން ގަޔަށް އަރާ ބަލީގެ ޝިކާރައަކަށް ވެއްޖެ ނަމަ އެއީ މުޅި އުންމަތަށް ލިބޭނެ އެންމެ ބޮޑު ގެއްލުންކަމުގައި ވެދާނެތީ އެވެ.

ދެން، ޢުމަރުގެފާނު ޤުރައިޝުންގެ ހަރު ބޭކަލުން ދެއްވި ރައުޔުގައި ހިއްޕަވައި، ޝާމް ކަރައަށް ވަދެވަޑައި ނުގަންނަވަން ނިންމަވައި ފަތިހު މަދީނާއަށް އެނބުރި ވަޑައިގަންނެވުމަށް ދަތުރު ފައްޓަވާނެކަމަށް އިޢުލާން ކުރެއްވި އެވެ. އެހިނދު، ޝާމް ކަރައިގެ އިސްލާމުންގެ ވެރިޔާ އަބޫ ޢުބައިދާ ޢުމަރުގެފާނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.

"ﷲގެ މިންވަރުފުޅަށް ބިރުފުޅު ގަންނަވައި ކަލޭގެފާނު ފިއްލަވާ ވަޑައިގަންނަވަނީތޯއެވެ؟" މި ޢިބާރާތް އަޑު އައްސަވާފައި ޢުމަރުފާނު އަބޫ ޢުބައިދާއަށް ވިދާޅުވިއެވެ. "ކަލޭގެފާނު ނޫން އެހެން މީހަކު ތިހެން ވިދާޅުވި ނަމަ އެވެ. އަހަރުމެން މި ފިލަނީ ﷲ ގެ މިންވަރު ފުޅުން، އެކަލާނގެ މިންވަރު ފުޅަށެވެ." (އެބަހީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ސަބަބުތަކުގައި ހިފުމަށެވެ.)

ކީރިތި ރަސޫލާގެ އިރުޝާދު

މާތް ޞަޙާބީ ޢަބްދުއްރަޙުމާން ބުނު ޢައުފު ޢުމަރުގެފާނުގެ މަޖިލީހަށް ވަޑައިގެންފި އެވެ. ޢުމަރުގެފާނު ޝާމްކަރައަށް ނުވަންނަވައި މަދީނާއަށް އެނބުރި ވަޑައިގަތުމާމެދު މަޝްވަރާތައް ކުރިއަށް ދިޔަ މަޖްލީހުގައި ޢަބްދުއްރަޙުމާން ވަޑައިގެން ނެތެވެ. އެކަލޭގެފާނު އެވަގުތު ހުންނެވީ އެމަޖްލީހުން ބޭރުގައި އެހެން ކަމެއްގަ އެވެ. ޢަބްދުއްރަޙުމާން ވަޑައިގެން ޢުމަރުގެފާނަށް ދެންނެވި އެވެ. ޠާޢޫން ބައްޔާއި ގުޅިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ތިމަންކަލޭގެފާނަށް ޢިލްމު ލިބިވަޑައިގެންފައި ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީސް ކުރައްވާފައި ވެއެވެ. "އެތަނެއްގައި ޠާޢޫން ބަލި (އެބަހީ: (ގައިން ގަޔަށް އަރާ ބަލި) ފެތުރިފައިވާ ތަނަކަށް ތިޔަބައި މީހުން ނުވަންނާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި ޠާޢޫން ފެތުރިއްޖެ ނަމަ ތިޔަބައިމީހުން އެއަށް ފިލުމަށް އެތަނަކުން ނުނިކުންނާށެވެ."

މި ބަސްފުޅު އަޑު އެއްސެވުމާއެކު، ޢުމަރުގެފާނުގެ ހިތްޕުޅަށް ތަސައްލީއެއް ލިބިވަޑައިގެންފި އެވެ. އަދި ޢަބޫ ޢުބައިދާ ވެސް އެބަސްފުޅަށް އިޙުތިރާމް ކުރެއްވި އެވެ. އެއީ ކީރިތި ރަސޫލާގެ ބަސްފުޅަކަށްވާތީ އެވެ. ޢުމަރުގެފާނު އެނބުރި މަދީނާއަށް ވަޑައިގެންނެވުމަށްޓަކައި އަބޫ ޢުބައިދާއާ ކޮނޑާ ކޮނޑު ޖައްސަވައި ސަލާމް ކުރެއްވި އެވެ. އެ ބައްދަލުވުން ވެގެން ދިޔައީ އެ ދެބޭކަލުންގެ ފަހު ބައްދަލުވުމަށެވެ. އަބޫ ޢުބައިދާއަކީ މި އުންމަތުގެ އަމާނާތްތެރިޔާގެ ލަޤަބު ކީރިތި ރަސޫލާ އެބޭކަލަކަށް ދެއްވި ޞަޙާބީ އެވެ.

ޢުމަރުގެފާނު އަބޫޢުބައިދާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވައެވެ. އަބޫ ޢުބައިދާ ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. އަލްވަދާޢު ވިދާޅުވެ ޢުމަރުގެފާނު މަދީނާއަށް ދަތުރު ފައްޓަވައިފި އެވެ.

ޢުމަރުގެފާނު ފުރުއްވި ފަހުން ޝާމްގައި ޠާޢޫން އިތުރަށް ފެތުރި ވަރުގަދަވި އެވެ. މީހުން މަރުވެދަނީ އެވެ. ފަރުވާއެއް ނެތެވެ. ރަށްތަކުގެ ތެރޭގައި ވަނީ ރުއިމުގެ އަޑެވެ. ރައްޔިތުން މަރުވަނީ އެވެ. އަޞްޙާބު ބޭކަލުން މަރުވެދަނީ އެވެ. ވާނުވާއެއް ނޭނގެ އެވެ. ހަދާނެ ގޮތެއް ވެސް ނޭނގެ އެވެ. މީސްތަކުން އެއްކުރައްވައި އަބޫ ޢުބައިދާ އަސަރު ގަދަ ޚުޠުބާއެއް ދެއްވި އެވެ. އެ ޚުޠުބާގައި ވިދާޅުވިއެވެ.

"މީސްތަކުންނޭވެ! މިއީ ﷲ ގެ އިމްތިޙާނެވެ. މިއީ ޞާލިޙުންނަށް ހުރި ރަޙުމަތެކެވެ. ކެތްތެރިވާށެވެ. ﷲ އަށް ކުއްތަން ވާށެވެ. ހެޔޮ ޢަމަލު ކުރާށެވެ. ﷲ ގެ މިންވަރު ފުޅެވެ. މީގައި އަބޫ ޢުބައިދާއާއި އަބޫ ޢުބައިދާގެ ޢާއިލާއަށް ވެސް ވާންހުރި ކަމެއް ވާނެއެވެ." މި ގޮތުން ކެއްތެރިކަމަށް ބާރު އަޅުއްވައި ވަރަށް އަސަރުގަދަ ޚުޠުބާއެއް ދެއްވިއެވެ.

އަބޫ ޢުބައިދާ ޝާމްކަރައިން ނެރުއްވުމަށް ރޭވުން

ޢުމަރުގެފާނަށް ޝާމްކަރައިގެ ހިތާމަވެރި ޚަބަރުތައް ލިބިވަޑައިގެން، ކަންބޮޑުވެ ވަޑައިގެން، އެތަނުން އަބޫ ޢުބައިދާ ނެރުއްވައި އަބޫ ޢުބައިދާ ސަލާމަތް ކުރެވޭތޯ ރޭވުމެއް ރާއްވަވައި ސިޓީ ފުޅެއް ފޮނުއްވި އެވެ. އެ ސިޓީފުޅުގައި ލިޔުއްވިއެވެ.

"އަބޫ ޢުބައިދާ އެވެ! ތިމަންކަލޭގެފާނަށް ވަރަށް ބޮޑު ކަމެއް ޖެހިގެން ތިމަން ކަލޭގެފާނު ކަލޭގެފާނަށް އެބަ ބޭނުން ވެއެވެ. ވީމާ، މި ސިޓީ ލިބިވަޑައިގަތުމާއެކު ލަސް ނުކުރައްވައި ވީ އެންމެ އަވަހަކަށް މަދީނާއަށް ދަތުރު ފައްޓަވާށެވެ."

ޢުމަރުގެފާނުގެ ސިޓީ ފުޅު ކިޔުއްވާފައި، އޭގެ މަޤުޞަދު ވިސްނި ވަޑައިގެން ޖަވާބުގައި އަބޫ ޢުބައިދާ ލިޔުއްވިއެވެ.

"އަމީރުލް މުއުމިނީން އެވެ. ކަލޭގެފާނުގެ މަޤުޞަދު އަޅުގަނޑަށް ވަރަށް ސާފެވެ. ނަމަވެސް މުސްލިމުންގެ އެތައް ހާސް ބަޔަކާއި ޝާމްކަރައިގައި އޮތް އިސްލާމީ ލަޝްކަރު ދޫކޮށް އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރުމަށް އަޅުގަނޑު މިތަނުން ނުކުންނަށް ޤަސްތު ނުކުރަމެވެ. ހެޔޮ ދުޢާކޮށްދެއްވާށެވެ."

މި ސިޓީފުޅު ޢުމަރުގެފާނަށް ލިބިވަޑައިގަތުމާއެކު، އެ ކިޔުއްވާފައި ވަރަށް ބޮޑަށް ކީރިތި ކުރެއްވި އެވެ. އަރިހުގައި ތިއްބެވި ބޭކަލުން އެއްސެވިއެވެ. "އަބޫ ޢުބައިދާ އަވަހާރަވީތޯ އެވެ؟" ޖަވާބުގައި ޢުމަރުގެފާނު ވިދާޅުވި އެވެ. " ލަފާކުރެވޭ ގޮތުން އަބޫ ޢުބައިދާ އަވަހާރަ ވެދާނެ އެވެ." .

އަބޫ ޢުބައިދާ އަވަހާރަވުން

ޢުމަރުގެފާނުގެ ހިތްޕުޅުގައި އަބޫ ޢުބައިދާއާ މެދު އޮތް ލޯތްބެއްގެ ބޮޑުކަމުން، ޙީލަތެއް ހައްދަވާފައި ޝާމް ކަރައިން ނެރުއްވަން އުޅުއްވީ އެވެ. ނަމަވެސް އަބޫ ޢުބައިދާގެ ހިތްޕުޅުގައި އޮތީ އަމިއްލަ އެދުމާއި އަމިއްލަ ސަލާމަތަށް ވުރެ އެ ޙާލަތުގައި މުސްލިމުން ނިކަމެތި ޙާލުގައި ބައިތިއްބަވާފައި ދޫކުރައްވައި ވަޑައި ނުގެންނެވުމަށެވެ. ޙަޤީޤަތުގައި ވެސް އެއީ ކޮންފަދަ މަތިވެރި އަމާނާތްތެރިއެއް ތޯއެވެ؟

ގިނަ ދުވަސްތަކެއް ނުވެ، މާތް ޞަޙާބީ މި އުންމަތުގައި ހުރި އެންމެ ބޮޑު އަމާނާތްތެރިޔާ އަބޫ ޢުބައިދާ ޢާމިރު ބުން އަލްޖައްރާޙު ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރައްވައިފި އެވެ. މިކަން ވެގެން ދިޔައީ އިސްލާމުންގެ ހިތްތައް ޒަޚަމްކޮށްލި ހިތްދަތި ހިތާމަވެރި އަދި އަސަރުން ފުރިގެންވާ ޙާދިސާއަކަށެވެ. އަބޫ ޢުބައިދާ އަވަހާރަވީ ޚަބަރު ލިބިވަޑައިގަތުމުން، ޢުމަރުގެފާނު ވަރަށް ބޮޑަށް ކީރިތި ކުރެއްވި އެވެ. އަބޫ ޢުބައިދާ ދުނިޔެ ދޫކުރެއްވުމަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ފޫ ނުބެއްދޭވަރުގެ ބޮޑު ހިތާމައެކެވެ. އަވަހާރީ އިރު، އެކަލޭގެފާނަކީ އިސްލާމީ ދައުލަތުގެ ޢަސްކަރިއްޔާގެ އެންމެ މަތީ ކޮމާންޑަރެވެ. ޢުމަރުގެފާނަށް ދެވުނު ޙަމަލާގައި ޒަޚަމްވެވަޑައިގެންފައި ވަނިކޮށް، ޝަހީދުވެވަޑައިގަތުމުގެ ކުރިން ވިދާޅުވި އެވެ.

"އަބޫ ޢުބައިދާ ދުނިޔޭގައި ހުންނެވި ނަމަ ތިމަންކަލޭގެފާނަށް ފަހު އުންމަތުގެ ވެރިކަން ޙަވާލު ކުރައްވާނީ އަބޫ ޢުބައިދާއާ އެވެ."

މުޢާޒު ބުނު ޖަބަލު އަވަހާރަވުން

މާތް ޞަޙާބީ އަބޫ ޢުބައިދާއަށް ފަހު، ޝާމްކަރައިގެ މުސްލިމުންގެ ކަންކަން ހިންގެވުމާ ޙަވާލުވެ ވަޑައިގެންނެވީ މާތް ޞަޙާބީ މުޢާޒް ބުނު ޖަބަލެވެ. އަބޫ ޢުބައިދާއަށް ފަހު މުޢާޒު ބުނު ޖަބަލު މަސްއޫލިއްޔަތާއިގެން ޤާއިމުވެ ހުންނެވިއެވެ.
ބަލިމަޑު ކަމަށް ލުޔެއް ނާދެއެވެ. މުޅި ސަރަޙައްދަށް ބަލިމަޑުކަން ފެތުރި ވަރުގަދަ ވަމުންދިޔަ އެވެ. ފަރުވާއެއް ނެތެވެ. ފަރުވާ ދެވޭނޭ ގޮތެއްވެސް ނެތެވެ. ރަށްތަކުގައި އޮތީ ހާސް ކަމެވެ. ބިރުވެރިކަމެވެ. އިވެނީ ރުއިމުގެ އަޑެވެ.

މީސްތަކުންނަށް ހިއްވަރުދެއްވުގެ ގޮތުން މުޢާޒު ބުނު ޖަބަލު އަސަރުން ފުރިގެންވާ ތަޤުރީރެއް ދެއްވި އެވެ. އެ ތަޤުރީރުގައި ﷲއަށް ކުއްތަންވުމަށާއި ކެއްތެރިވުމަށާއި ހެޔޮ ދުޢާ ކުރުމަށް ވަޞިއްޔަތް ކުރެއްވި އެވެ. މިއީ ވަރުގަދަ އިމްތިޙާނެއް ކަމަށާއި ޞާލިޙުންނަށް ހުރި ރަޙުމަތެއްކަމުގައި ވިދާޅުވެ މީސްތަކުންނަށް ހިއްވަރު ދެއްވި އެވެ. ގިނަ ދުވަސްތަކެއް ނުވެ، މާތް ޞަޙާބީ އަދި މިއުންމަތުގައި ހުރި ޙަރާމްކަންކަމާއި ޙަލާލު ކަންކަމުގެ ފިޤުހަށް އެންމެ ބޮޑު ޢިލްމުވެރިޔާ، ބަލީގެ ޝިކާރައަކަށްވެ އަވަހާރަވެއްޖެ އެވެ. މިކަން ވެގެން ދިޔައީ މުޅި އުންމަތަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ.

އަމްރު ބުނު އަލްޢާޢްޞަގެ ވަރުގަދަ ނިންމުންތައް

މުއާޒުގެފާނަށް ފަހު، ޝާމްކަރައިގެ މުސްލިމުންގެ ވެރިއަކަށް ޢައްޔަންވީ މާތް ޞަޙާބީ ޢަމްރު ބުނު އަލްޢާއްޞެވެ. އެކަލޭގެފާނު މަސްއޫލިއްޔަތާއި ޙަވާލުވެވަޑައިގެން އަވަސްވެ ވަޑައިގެންނެވީ ޠާޢޫންގެ ވަބާއިން މުސްލިމުން ޙިމާޔަތް ކުރެވޭނޭ ގޮތެއް ހޯއްދެވުމަށެވެ. އަދި އަސަރުން ފުރިގެންވާ ޚުޠުބާއެއް ދެއްވި އެވެ. އޭގައި ވިދާޅުވިއެވެ. މިޠާޢޫން ބައްޔަކީ އެ ބަލި ވަދެއްޖެ ތަނެއް އަލިފާން ފަދައިން އަންދާލާ އެއްޗެކެވެ. އަދި އެ ޚުޠުބާގައި މީސްތަކުންނަށް ހިއްވަރު ދެއްވި އެވެ. އެއަށް ފަހު، ޠާޢޫން މިހާ ބާރު މިނެއްގައި ރަށްތަކުގައި ފެތުރެން މެދުވެރިވާ ސަބަބުތަކާ މެދު ވިސްނާ ވަޑައިގެންނެވި އެވެ.

އެންމެ ފަހުން އެކަލޭގެފާނަށް ވިސްނިވަޑައިގެންނެވީ ޠާޢޫން ފެތުރިގެން މިދަނީ މީހުން ގައި ގޯޅިވުމާއި ގިނަ މީހުން އެއްތަނަކަށް އެއްވުމާއި ބަލިޖެހިފައިވާ މީހުންނާ ގާތްވުމުގެ ސަބަބުންނެވެ. މިކަންކަމުގެ މައްޗަށް ވިސްނަވައި، އެކަލޭގެފާނު މީސްތަކުންނަށް އަމުރު ކުރެއްވީ އެއްތަނަކަށް ގިނަ މީހުން އެއްނުވުމަށާއި ހެޔޮ ޞިއްޙަތުގައި ތިބި މީހުން ބަލި ޖެހިފައިވާ މީހުންނާ ގާތް ނުވުމަށާއި ހެޔޮ ޞިއްޙަތުގައި ތިބި މީހުން ރަށްބޭރަށާއި ފަރުބަދަތަކުގެ މައްޗަށް ނިކުތުމަށެވެ.

ޠާޢޫން ފިލައްޖައުމަށް ދާންދެން އެގޮތުގައި ދެމި ތިބުމަށް އަމުރު ކުރެއްވި އެވެ. ބައެއް މުއައްރިޚުން ބަޔާން ކޮށްފައިވާ ގޮތުން ފަސް މީހުންނަށް ވުރެ ގިނައިން އެއްތާކަށް އެއް ނުވުމަށް ވެސް އަމުރުތަކުގައި ހިމެނެއެވެ. މާތް ޞަޙާބީ ޢަމްރުގެ ޙިކުމަތްތެރި ވަރުގަދަ ނިންމެވުންތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ނުވަނީސް ޠާޢޫން ބަލި ޝާމްކަރައިގެ ރަށްތަކުން ފިލައި ހިގައްޖެ އެވެ. މި ޒަމާނުގެ ނަޒަރިއްޔާތަކުގެ ދަށުން ނަމަ މިއީ ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމާއި ލޮކްޑައުން ކުރުމެވެ. ޠާޢޫން ބައްޔާ ދެކޮޅަށް އަމްރު ބުނު އަލްޢާއްޞް ޢަމަލުފުޅު ކުރެއްވި ގޮތުގެ ޚަބަރު ޢުމަރުގެފާނަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު އުފާފުޅު ކުރެއްވި އެވެ.

ޚަލީފާ ޢުމަރު ޝާމް ކަރައަށް އެނބުރި ވަޑައިގަތުން

ޝާމްކަރައިން ޠާޢޫނު ބަލި ފިލައި ދިއުމުން، ޢުމަރުގެފާނު އަމިއްލަފުޅަށް ޝާމް ކަރައަށް ވަޑައިގެންނެވި އެވެ. މާޔޫސްވެފައިވާ ރައްޔިތުންނަށް ހިއްވަރު ދެއްވި އެވެ. އަދި ޠާޢޫނުގައި އިސްލާމުންގެ ގިނަ ޢިލްމުވެރިންނާއި ޢަސްކަރީ ކޮމާންޑަރުން އަވަހާރަވުމާ ގުޅިގެން އިންތިހާއަށް ހިތާމަ ކުރެއްވި އެވެ. އަދި ޝާމް ކަރައިގެ މުސްލިމުންނާ މުޚާޠަބު ކުރައްވައި އަސަރުގަދަ ޚުޠުބާއެއް ދެއްވި އެވެ. އެ ޚުޠުބާގައި އެކަލޭގެފާނު ވެރިކަން ހިންގަވާ ގޮތް ހާމަކުރެއްވި އެވެ. އަދި މި ދަތުރުފުޅުގައި ދިމަޝްޤުގެ ވެރިޔަކަށް މުޢާވިޔަތު ބުނު އަބީ ސުފްޔާން ޢައްޔަން ކުރައްވައި ޝާމްކަރައިގެ ގިނަކަންކަން ތަރުތީބު ކުރައްވައި، މަރުވި މީހުން ގިނަކަމުން އެއުރެންގެ ތަރިކަ މުދަކާމެދު ގޮތް ނިންމުމަށް ދަތިވެފައި ހުރި މައްސަލަތައް ނިންމަވައި ދެއްވިއެވެ.

ބިލާލުގެފާނު ކީރިތި ކުރެއްވުން

ޢުމަރުގެފާނު މީސްތަކުންނާއެކު މަޖްލީހުގައި ހުންނަވަނިކޮށް ނަމާދު ވަގުތު ވަނުމުން، ޢުމަރުގެފާނުގެ އަރިހުން މީސްތަކުން އެދި ވަޑައިގަތީ ބިލާލުގެފާނުގެ އަރިހުގައި ބަންގިގޮވާލަ ދެއްވުމަށް ދެންނެވުމަށެވެ. ދެން ބިލާލުގެފާނު ބަންގި ގޮވުމުގެ ތެރޭގައި ބަންގީގައި މުޙައްމަދުގެފާނުގެ ނަންފުޅު ގަނެވޭ ހިސާބުން ގިސްލައި ކީރިތި ކުރައްވަން ފެއްޓެވިއެވެ.
އަދި ބިލާލުގެފާނު ކީރިތި ކުރެއްވުމާއެކު ޢުމަރުގެފާނު ވެސް ގިސްލައި ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި އެ މަޖްލީހުގައި ތިއްބެވި އެންމެހާ އަޞްޙާބު ބޭކަލުން ކީރިތި ކުރެއްވި އެވެ. އެއީ އެ ހިތާމަވެރި ވަގުތު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިން ހަނދުމަފުޅު ވެގެންވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެބޭކަލުންގެ ހިތްޕުޅުގައި އިތުރު އެކަލޭގެފާނަށް ނުހަނު މަތިވެތި މަޤާމެއް ދެވިފައި އޮވެއެވެ.

މިއީ ޢުމަރުގެފާނުގެ ވެރިކަމުގައި ޝާމްކަރައަށް ކުރެއްވު ފަހު ދަތުރުފުޅެވެ. ޝާމްކަރައިގެ ޠާޢޫންގެ ޙާދިސާއަކީ އިސްލާމީ ތާރީޚުގައި އައި ހިތާމަވެރި ޙާދިސާތަކުންކުރެ ހާދިސާ އެކެވެ. އަދި އެ އަހަރަކީ މަދީނާގައި ބަނޑުހައި ހޫނުކަން އައި އަހަރުވެސް މެއެވެ. ބަލިމަޑުކަމާއި އިޤުތިޞާދީ ހީނަރުކަން އިސްލާމީ އުންމަތަށް އައި އަހަރެކެވެ. ޠާޢޫންގައި ދުނިޔެ ދޫކުރެއްވި މާތް ޞަޙާބީ ބޭކަލުންނާއި އެންމެހާ މުސްލިމުންނަށް މާތް ﷲ ރަޙުމަތްލައްވައި ޝަހީދުންގެ ދަރަޖަ ދެއްވައި ސުވަރުގޭގެ މަތިވެރި މަޤާމު ދެއްވާނދޭވެ! މި ޙާދިސާއަކީ މިއަދުގެ އިސްލާމުން އެއިން ޢިބްރަތް ހޯދަންޖެހޭ ޙާދިސާއެކެވެ. ޢިބްރަތް ހޯދާނީ ބުއްދީގެ އަހުލުވެރިންނެވެ.

ޠާޢޫންގެ ޙާދިސާއިން ލިބޭ ފިލާވަޅުތައް:
1 - ބަލިމަޑުކަމުގެ ވަބާތަކަކީ އިމްތިޙާނެއްކަން.
2 - ބަލިމަޑުކަމުގެ ވަބާތަކުގައި ޞާލިޙު އަޅުންވެސް މަރުވެދާނެކަން
3 - އައިސޮލޭޓްކުރުމާއި ކަރަންޓީނު ކުރުމާއި ލޮކްޑައުން ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނަޒަރުން ޖާއިޒުކަމެއްކަން. އަދި
އެއީ، ގައިންގައިން އަރާ ބަލި ފެތުރިގެންދާއިރު، ޢަމަލު ކުރަންޖެހޭ ސުންނަތް ގޮތްކަން. އެހެނީ އެކަމުގައި ރަސޫލާގެ ބަސްފުޅު އޮތުމުގެ އިތުރުން ޢަމްރު ޢަމަލުކުރެއްވި ގޮތާމެދު ޢުމަރުގެފާނު އިންކާރު ނުކުރެއްވުމުން އެކަން ޝަރުޢުގެ ޤަވާޢިދުތަކުގެ ތެރެއަށް އެކަން ވަނީއެވެ. އެހެނީ ހަތަރު ޚަލީފާއިންގެ ޢަމަލުފުޅަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.
4 - ބަލިން ރައްކާތެރިވުމަށްޓަކައި ކުރިއާލައި ފިޔަވަޅު އެޅުމަކީ ލާޒިމު ކަމެކެވެ.
5 - ބަލި ފެތުރިގެންދާއިރު ކަންކަމުގައި އިސްވެ ތިބޭ މީހުން ބަލި މީހުން ދޫކޮށްފައި ނުދިއުމާއި އަމާނާތްތެރިވުމާއި މަސައްކަތުގައި ތެދުވެރިވުން.
6 - ބަލި ފެތުރިފައިވާ ތަނުން ސަލާމަތްކަމާއެކު ނިކުތުމާއި، ބަލި އޮތް ތަނަކަށް ސަލާމަތީ ފިޔަވަޅު އަޅައިގެންވާ ޙާލުގައި ވަނުމަކީ ޚާއްޞަ ޙާލަތްތަކުގައި ޖާއިޒު ކަމެކެވެ.