ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ޤުރުއާން މާއްދާ ކިޔަވައިދޭންވީ ގޮތް

ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ފޮތެވެ. ޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައްޔާއި ޙައްޤާއި ބާޠިލް ވަކިކޮށް ދެނެގަތުމަށެވެ. ދަރީންނަށް ޤުރުއާން އުނގަންނައި ދޭށެވެ. އެއިރުން ޤުރުއާން އެކުދިންނަށް ހުރިހާ ހެޔޮ ކަމެއް ދަސް ކޮށްދޭނެ އެވެ. ޤުރުއާނުގެ ކޮންމެ އަކުރެއް ކިޔެވުމަކީ 10 ހެޔޮކަން ހުރި ކަމެކެވެ.

ކީރިތި ޤުރުއާނަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ތަރުބަވީ ފޮތެވެ. ދުނިޔެއަށް އެންމެ ވަރުގަދަ އިޖުތިމާޢީ އިންޤިލާބު ގެނައި މުޤައްދަސް ފޮތަކީ ޤުރުއާނެވެ. އެއީ ދުނިޔޭގެ އެތައް ސައިންސްވެރިން ޙައިރާންކޮށްލި ވަރުގަދަ ޢިލްމީ މުޢުޖިޒާ އެވެ. ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވެއެވެ.

ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައްޔާއި ޔުނިވާސިޓީ މަރުޙަލާތަކުގައި ވެސް އުނގަނައިދޭން ޖެހެ އެވެ. ހަމަ އެކަނި ދީނީ ޢިލްމުގެ ފެކަލްޓީތަކުގައެއް ނޫނެވެ. ތަފާތު ޕްރޮގްރާމްތަކުގައި ވެސް ކިޔަވައިދޭން ވީއެވެ. އެއީ މުސްލިމުންގެ ވަރުގަދަ ޙަޟާރަތުގެ އަސާސެވެ. އެއީ އިސްލާމީ އުންމަތުގެ ފަޚުރެވެ. ނަބަވީ ހަދިޔާއެވެ. ނަބީބޭކަލުންގެ ވިރާސީ ރިސާލަތެވެ. ޤުރުއާން އުނގެނުމަކީ ކަޓު މުއްލާ ކަމެއްނޫނެވެ.

ނަމަވެސް ޤުރުއާން އުނގަންނައިދިނުމުގައި ތަޤުލީދީ -- ޓްރެޑިޝަނަލް-- ގޮތްތަކަށް ބަދަލު ގެންނަންޖެހޭ ކަމުގައި ދެކެމެވެ. ޤުރުއާން ތަޖުވީދުގެ ހަމަތަކުގެ ދަށުން ކިޔަވަން ދަސްކޮށް ދިނުމާއެކު ދަރިވަރުންނަން ޤުރުއާން އުނގަންނައި ދޭންވީ ސްކޫލްތަކުގެ މުޤައްރަރުތައް އެކުލެވިގެންވާ ގޮތުގެ މައްޗަށް ނަޒަރު ހިންގައި ބެލުމަށް ފަހު، އެ މުޤައްރަރުތަކާ ޤުރުއާން މާއްދާއާ ގުޅިލާމެހިގެންދާ ގޮތަށެވެ. ބައެއް ހުޅަނގުގެ ޤައުމުތަކުގައި ވެސް އެއްމާއްދާ އެއް އަނެއް މާއްދާއަކާ ގުޅުވައިގެން ދާ ގޮތައް މުޤައްރަރުތައް ހެދިފައި ހުރެއެވެ. އެއީ ވަރަށް ބޭނުންތެރި ގޮތެކެވެ.

އަޅުކަމާއި ނަމާދު ކުރުމުގައި ޤުރުއާނަކީ މުހިންމު ދައުރު އަދާކުރާ ފޮތެވެ. ނަމާދު ކުރުމަށް ކޮންމެހެން ބޭނުންވާ ވަރަށް ސޫރަތްތައް ހިތު ދަސްކުރުމުން ފުދޭނެއެވެ. މުޅި ޤުރުއާން އެއްކޮށް ހިތުން ދަސްކުރުމަކީ ދަރިވަރުންނަށް މުޤައްރަރުތަކުގެ ތެރެއިން ކޮންމެހެން މަޖްބޫރު ކަމެއްނޫނެވެ. އެއްކޮށް ހިތު ދަސްކުރުމަކީ އިޚުތިޔާރީ ކަމެކެވެ. ނަމަވެސް މުޅި ޤުރުއާނަށް ދަރިވަރުން ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

ޤުރުއާނުގައިވާ ޢަޤީދާ، އަޚުލާޤީ، އިޖުތިމާޢީ، އިޤުތިޞާދީ، ޢާއިލީ ގުޅުން، އިންސާނީ ކަރާމަތު، ޝޫރާ، ދައުލަތް ހިންގުން، ބައިނަލްއަޤުވާމީ ގުޅުން، ތިމާވެށި، ޓޮލަރެންސް، މި ފަދަ ދާއިރާތަކާ ގުޅޭ ބައިތައް ޤުރުއާން މުޤައްރަރުތަކުގައި ހިމެނިދާނެ އެވެ.

މިސާލަކަށް ޤުރުއާން މުޤައްރަރުގައިވަނީ ސޫރަތުލްފާތިޙާ ކިޔަން ދަސްކޮށް، ތަޖްވީދު ދަސް ކުރުން ކަމުގައިވާ ނަމަ، ޢަޤީދާގެ ފޮތުގައި އަންނަންވީ ހަމަ އެ ސޫރަތުން ދަލީލުތަކެވެ. އެއީ އެ ސޫރަތުގައި ޢަޤީދާގެ ތިން ބައިކަމުގައިވާ އުލޫހިއްޔަތާއި ރުބޫބިއްޔަތާއި އަސްމާއު ވައްޞިފާތު އެކުލެވިގެން ވެއެވެ.

އެއިރުން އެއޮތީ ޤުރުއާން މާއްދާއާއި ޢަޤީދާގެ މާއްދާއާ ގުޅުވާލެވިފައެވެ. ދެން ދަރިވަރުންގެ ގްރޭޑް މަތިވަމުންދާ ވަރަކަށް އެ ގްރޭޑެއްގައި ކިޔަވައިދޭ މާއްދާތަކުގެ މައުޟޫޢަށް ބަލާފައި އެއާ ގުޅުވައިގެން ހަމަ އެ ގްރޭޑްގެ ޤުރުއާން މުޤައްރަރުތައް ހެދިދާނެ އެވެ. ކޮންމެހެން ޤުރުއާން މުޤައްރަރުގައި ސޫރަތްތައް އެކީގައި ކިޔަވައި ދިނުން ލާޒިމެއް ނޫނެވެ. މިވެނި ސޫރަތެއްގެ މިވެނި އާޔަތަކުން އެވެނި އާޔަތަކަށް ކިޔަވައިދެވިދާނެ އެވެ.

މިސާލަކަށް ގްރޭޑް އަށެއްގައި އިސްލާމް މުޤައްރަރު ތަކުގައި ހުރީ ކައިވެންޔާއި ވަރީގެ ވާހަކަ އާއި ދަރަނީގެ މުޢާމަލާއާއި ޢިއްދާގެ ވާހަކަ އާއި ވަރީގެ ވާހަކައެވެ. ހަމަ އެ ގްރޭޑްގެ ޤުރްއާން މުޤައްރަރުގައި ގެންނެވެންވީ އެއިގެ ޙުކުމްތަކާ ގުޅޭ އާޔަތްތަކެވެ. މިސާލަކަށް ކައިވެންޏާއި ވަރީގެ އާޔަތްތައް އަލް ބަޤަރާ ސޫރަތުގެ (225) އިން (242) އަށް ކައިވެންޏާއި ވަރީގެ ޙުކުމްތަކާ ގޫޅޭ އާޔަތްތަކެވެ.

ދަރަނީގެ މުޢާމަލާތާ ގުޅޭނީ އަލްބަޤަރާ ސޫރަތުގެ (282) އެވެ. ޢިއްދާގެ ވާހަކަ އައްޠަލާޤު ސޫރަތެވެ. މިގޮތައް އެގްރޭޑެއްގައި އަންނަ މައްދާތަކާއި އެ މާއްދާތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޤުރުއާން މުޤައްރަރު ތައްޔާރު ކުރެވިއްޖެ ނަމަ ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ އެވެ.

ކޮންމެހެން ޤުރުއާން މުޤައްރަރު ގުޅިފައި އޮންނަންވީ އިސްލާމް މާއްދާއާ އެކަންޏެއްނޫނެވެ. ބަޔޮލޮޖީ، ޖޯގްރަފީ، ހިސާބު، މި ފަދަ މާއްދާތަކާ ޤުރުއާން ވަރަށް ބޮޑަށް ގުޅޭނެއެވެ. އެހެނިހެން މާއްދާތަކާ ގުޅިގެންދާ ގޮތައް ޤުރުއާން މުޤައްރަރު އެކުލަވާލެވިއްޖެމަ ވަރަށް ޢިލްމީ ދަރީންތަކެއް އުދެއްދިދާނެއެވެ. އެއިރުން ޤުރުއާނުގެ ހުރި ޝާމިލްކަމާއި ދުނިޔެ ބިނާކުރުމަށް ޤުރުއާން ހިއްވަރު ދޭ މިންވަރާއި އާޚިރަތް ބާއްޖަވެރިކުރުމަށް ބާރު އަޅާ މިންވަރު ދަސްވެގެންދާނެ އެވެ.

މިހާރު ކަންކަން ތަރުބީތު ވެފައި ހުންނަ ގޮތުން، ހަމަ އެކަނި ޤުރުއާން މުޤައްރަރުގެ ތެރެއިން މި އުނގަނައި ދެވެނީ ރީތިކޮށް ކިޔަވާށާއި ތަޖުވީދުގެ ބައިތަކެވެ. ޤުރުއާނުގެ ޙަޤީޤީ ރޫޙަށް ފުރިހަމަ ގޮތުގައި ވާޞިލެއް ނުވެވެއެވެ. މިހެން ދެންނެވިޔަސް ގިނަ ހެޔޮކަންކަން މުޤައްރަރުތަކުގެ ތެރޭގައި ހުރިކަން ވެސް ފާހަގަކުރަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތާއި ތައުފީޤު ދެއްވާށިއެވެ.