ދީނީ އިލްމުވެރިން

ރޯދަ މަސް އިހުޔާ ކޮށްދެވި އިލްމުވެރިނަށް ޝުކުރިއްޔާ!

މިއަދު ނިމިގެން މިދަނީ މިހާތަނަށް މުސްލިމުންނަށް ތަޖުރިބާކުރާ އެންމެ ތަފާތު ރޯދަ މަހެވެ. ދިވެހިންނަށް ވެސް މިއީ ފަހުގެ ތާރީހެއްގައި ތަޖުރިބާކުރަން ޖެހުނު އެންމެ ތަފާތު ރޯދަ މަހެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއެކު އެންމެން ވެސް މި ރޯދަ މަހު ތިބެންޖެހުނީ ގޭގަ އެވެ. ރޯދަ މަހަކީ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރާ މަހަކަށް ވިޔަސް މި ރޯދަ މަހު ކުރިމަތިވި އެންމެ ހިތްދަތި ކަމަކީ މިސްކިތްތައް ބަންދުކޮށް، ޖަމާއަތް މެދުކަނޑާލާފައި ވުމެވެ.

މިއީ ރާއްޖެ އިސްލާމްވި ފަހުން ވެސް މިސްކިތުގައި ޖަމާއަތުގައި ތަރާވީހު ނަމާދެއް ކުރުމުގެ ފުރުސަތު ނުލިބި ފާއިތުވެގެން ދިޔަ ފުރަތަމަ ރޯދަ މަހެވެ. މި ނޫންވެސް ރޯދައާއި ގުޅިފައިވާ އެތައް ކަމެއް މި އަހަރު ކުރިއަށް ނުގެންދެވުނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކުރިޔަށް ގެންދާ ރޯދަމަހުގެ ރޭތައް ދިރުވުމުގެ އިހުޔާ ފޯރަމް ކުރިން ބާއްވަމުން އައި ގޮތަށް މި އަހަރަކު ނުބޭއްވުނެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އެ ޕްރަގްރާމް ކޮންމެވެސް ސިފައެއްގައި ކުރިއަށް ގެންދިޔައެވެ. މީގެ އިތުުރުން މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ އިލްމުވެރިން ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ރޯދަ މަހެވެ.

ގޭގައި ތިއްބަވަން ޖެހި ވަޑައިގެންނެވި ނަމަވެސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ދީނުގެ އެކި މައްސަލަތަކާއި ގުޅޭ މައުލޫމާތު އިލްމުވެރިން ވިދާޅުވެ ދެއްވަމުން ގެންދެވި އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ދަރުހެއް އަޑުއަހާލުމުގެ ފުރުސަތު އެންމެނަށް ލިބުނެވެ.

ސުވާލާ ޖަވާބު ޕްރަގްރާމްތައް ފޭސްބްކް މެދުވެރިކޮށް އިލްމުވެރިން ކުރިއަށް ގެންދެވި އެވެ. މި މަސައްކަތުގައި ރާއްޖޭގައި ތިއްބެވި ވަރަށް ގިނަ އިލްމުވެރިންގެ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖެއިން ބޭރުގައި ތިއްބެވި ދިވެހި އިލްމުވެރިން ވެސް ވަރަށް ގިނަ ވަގުތު ހޭދަ ކުރެއްވި އެވެ.

ރޯދަ މަސް އިހުޔާ ކުރުމުގެ މަސައްކަތުގައި މިފަހަރު ތަފާތު ބޮޑުކޮށް އެންމެ ކުރީގައި ހުންނެވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިވަގުތު ސައުދީ އަރަބިއްޔާގައި ދިރިއުޅުއްވާ ޝަހީމް ގެންދެވީ ރޯދައިގެ ކުރިން ވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ދީނުގެ ޝިއާރުތައް ފާޅުކުރެވޭ ތަފާތު ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ހާއްސަކޮށް ކީރިތި ގުރުއާނަށް ލޯބި ޖެއްސުމަށް އެމަނިކުފާނު ފެއްޓެވި "ގުރުއާން ޗެލެންޖް" ވެގެން ދިޔައީ މިހާތަނަށް ރާއްޖޭގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދެވުނު އެންމެ ކާމިޔާބު ޗެލެންޖަށެވެ.

އެތައްހާސް ބަޔަކު އެ ޗެލެންޖްގައި ބައިވެރިވެ ކީރިތި ގުރުއާން ކިޔެވިއެވެ.

މި ރޯދަ މަހު ޝަހީމް ވަނީ 160 ވުރެ ގިނަ ޕްރާގްރާމް ކުރިއަށް ގެންދަަވާފަ އެވެ. ދީނީ އިލްމު ފެތުުރުއްވުމުހައި އެތައް ގަޑިއިރެއް އޭނާ ވަނީ ހޭދަ ކުރައްވާފަ އެވެ. ރާއްޖޭގެ ވަރަށް ގިނަ އޮންލައިން ނޫސްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޝަހީމް ވަނީ ދަރުސް ދެއްވާފަ އެވެ. ޝަހީމްގެ ދަރުސެއް ކުރިއަށް ނުގެންދާ އެންމެ ދުވަހެއް ވެސް ދޫކޮށްލައްވާފައި ނުވެ އެވެ.

ދުވާލަކު ތިން ލައިވް ކުރިއަށް ގެންދެވި އެވެ. ހުކުރު ދުވަސްތަކުގައި ހަތަރު ލައިވް ކުރިއަށް ގެންދެވި އެވެ.

ޝަހީމްގެ އެންމެ ފާހަގަ ކޮށްލެވުނީ "ރަމަޒާން ވިތް ޑޮކްޓަރު ޝަހީމް" މި ނަމުގައި ކޮންމެ ދުވަހެއްގެ ހަވީރު ގެނެސްދިން ހާއްސަ ޕްރޮގްރާމެވެ. މިއީ އިލްމީ ތަފާތު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޭނާ ގެނެސް ދެއްވި ޕްރޮގްރާމެކެވެ. އެ ފްރަގްރާމްގައި ކޮންމެ ދުވަހަކަށް ހާއްސަ މައުލޫއެއް އޮތީ ކަނޑައަޅާފަ އެވެ. އެގޮތުން މި އުންމަތް ދުށް މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ވާހަކަތަކާއި، އިސްލާމީ ޝަރީއަތުގައި ހިމެނޭ މުހިންމު ކަމުގެ މައްޗަށް ޝަހީމްގެ ދަރުސްތައް ބައްޓަން ކުރެއްވި އެވެ. އަދި ހަގީގީ އިސްލާމީ އިގްތިސޯދަކީ ކޮބައިކަން ފަދަ މުހިންމު މައުލޫމާތުތަކަށް ޝަހީމް ވަނީ ދަރުސް ދެއްވާފަ އެވެ.

މި ދަރުސްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. ވަގުތުން ދަރުސް ދެމުންދާއިރު އެތައް ސަތޭކަ ބަޔަކު ގެންދިޔައީ ބަލަމުންނެވެ. ބައެއް ޕްރަގްރާމްތައް 60،000 ވުރެ ގިނަ މީހުން ބަލާފައި ވެއެވެ.

އާންމުންގެ މެދުގައި އެންމެ ބޮޑަށް ސުވާލު ކުރެވޭ މައްސަލަތަކަށް ހާއްސަކޮށް އެކި ވީޑިއޯތައް ޝަހީމް ގެންދެވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުންނެވެ. އަދި އާންމުން ފޮނުވާ ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމަށް ހާއްސަކޮށްގެން ވެސް ޝޯތަކެއް ކުރިއަށް ގެންދިޔަ އެވެ.

ޝަހީމް ވަނީ ރޯދަ މަހު ބައެއް ޓީވީ ޗެނަލްތަކުން ގެނެސްދިން ދީނީ ޕްރަގްރާމްތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެ ޕްރޮގްރާމްތައް މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޝަހީމް ގެންދެވީ ޖަވާބު ދެއްވަމުންނެވެ. އަދި ޓެލެގްރާމް ޕޭޖެއް ހައްދަވާ އެ ޕޭޖް މެދުވެރިކޮށް ވެސް ޝަހީމް ވަނީ ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރު ކޮށްދެއްވާފަ އެވެ.

"މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން ގިބްލަ ހައްޖު އެންޑް އުމްރާގެ ފަރާތުން. ހާއްސަކޮށް ޓެކްނިކަލް ސަޕޯޓް. މާތްﷲ އަށް ހަމްދު ކުރަން މި ރޯދަ މަހު ރައްޔިތުންނާއި މިހާ ގާތުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިންވަރު ކުރެއްވީތީ. ކިތަންމެ ދުރުގައި ހުންނަން ޖެހުނު ނަމަވެސް މިއީ ދިވެހި ރައްޔިތުންނާ ވަރަށް ގާތުގައި ހުރުމަށް މެދުވެރިވީ ރޯދަ މަހެއް." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އޭނާގެ އަޑުން ކީރިތި ގުރުއާންގެ ސޫރަތްތައް ރެކޯޑް ކުރައްވާ އާންމު ކުރައްވަމުން ވެސް ގެންދެވި އެވެ.

މައުމޫނުގެ ވެރި ކަމުގައި ޖުލައި 14، 1980 ރޯދަ މަހުގެ ރޭތައް އިހުޔާކޮށް ދިރުވުމުގެ ގޮތުން ދީނީ ހާއްސަ ޕްރަގްރާމްތަކެއް ކުރިއަށް ގެންދަން ފެށި އެވެ. އަދި 2008 ވަނަ އަހަރުގެ ނިޔަލަށް އެ ޕްރަގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔަ އެވެ.

ރައީސް މައުމޫން ވެރިކަމުން ވަކިވެވަޑައިގެންނެވި ފަހުންވެސް ރައީސް މައުމޫން ގެންދެވީ އިހްޔާ ފޯރަމްތައް ކުރިއަށް ގެންދަވަމުންނެވެ. އުނދަގުލުގައި ވެސް އެކަން ކުރެއްވި އެވެ. މިއީ އެ ސިލްސިލާއަށް ނިމުން އައި އަހަރަށް ވެގެން ދިޔަ އެވެ.

ނަމަވެސް ރައީސް މައުމޫންވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ދަރުސްތަކެއް ކުރިއަށް ގެންދަވާފަ އެވެ. "ދީނާ ދުނިޔެ" މި ނަމުގައި ކޮންމެ ހަފުތާއަކު އެމަނިކުފާނު ގެންދެވީ ޔޫޓިއުބްގައި ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.

އެ ވީޑިއޯތައް މެދުވެރިކޮށް އެމަނިކުފާނު ގެންދެވީ ރޯދަ މަހަށް ހާއްސަ އަޅުކަންކަމާއި ގުޅޭ ތަފާތު މައުލޫމާތުތައް ހިއްސާ ކުރައްވަމުންނެވެ. އަދި ދީނީ ތަފާތު ކަންކަމާއި ގުޅޭ މައުލޫމާތު ވެސް ދެއްވިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ދީނީ އެންމެ ގިނަ ހަރަކާތްތައް އިންތިޒާމް ކުރަނީ ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެެރި އެއް ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތުއް ސަލަފްގެ ފަރާތުންނެވެ. މީގެ ކުރިން ކޮންމެ ރޯދަ މަހަކު މާލޭގެ މިސްކިތްތަކުގައި އަސުުރު ނަމާދަށް ފަހު ހާއްސަ ދަރުސްތައް ކުރިއަށް ގެންދެވެ އެވެ. އަދި ރަށްރަށުގައި ދަރުސްތައް އިންތިޒާމްކޮށް ކުރިއަށް ގެންދެ އެވެ.

މި އަހަރު ލޮކްޑައުންގައި ތިބެން ޖެހުނު ނަމަވެސް ސަލަފަށް ނިސްބަތްވާ އިލްމުވެރިން ތިއްބެވީ ރައްޔިތުންނާ ވަރަށް ގާތުގަ އެވެ. ކޮންމެ ދުވަހަކު އެ ޖަމިއްޔާއިން ވެސް އެތައް އިލްމުވެރިންނެއްގެ ދަރުސްތައް ދިނެވެ.

އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް ހަސަން މޫސާ ފިކުރީ ވަނީ "ރޯދައިގެ އިރުޝާދު" މި ނަމުގައި ކޮންމެ ދުވަހަކު ހާއްސަ ޕްރަގްރާމެއް ކުރިއަށް ގެންދަވާފަ އެވެ. އަވަސްގައި ރޯދަ މަހު ލިޔުނު ދީނީ އާޓިކަލްތަކަށް ވެސް ބޮޑު އެހީތެރިކަމެއް ދެއްވި އެވެ.

ޝައިހް އަބްދުއްސަލާމް ބިން ދާވޫދު ވަނީ "ކީރިތި ގުރުއާނުގައިވާ ވާހަކަތައް" މި ނަމުގައި އިބްރަތްތެރި ތަފާތު ވާހަކަތައް ގެނެސްދޭ ހާއްސަ ޕްރަގްރާމްތަކެއް ކުރިއަށް ގެންދަވާފަ އެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން އިބްރާހިމް ވަނީ ގުރުއާން ތަފްސީރުގެ ޒޫމް ކްލާސްތަކެއް ބާއްވާފަ އެވެ. ޝައިހް އަހުމަދު ސަމީރު ވަނީ "އަސްބާބް އަލް-ނުޒޫލް" މި ނަމުގައި ކޮންމެ ދުވަަހަކު ދީނީ ޕްރަގްރާމެއް ކުރިއަށް ގެންދަވާފަ އެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން "މި ހާލަތުގައި" މިނަމުގައި އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރަގްރާމެއް ވެސް ސަލަފުން ކުރިއަށް ގެންދެވި އެވެ.

މި ޕްރޮގްރާމްތައް މެދުވެރިކޮށް ބަލިމަޑުކަމުގެ މި ހާލަތުގައި އަމަލު ކުރާނެ ގޮތުގެ ތަފާތު އިރުޝާދުތައް ވެސް ދިނެވެ.

ހަފުތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު މައުލޫމާތު އިލްމުވެރިންގެ ދަރުސްތައް ވެސް ސަލަފުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ގެނެސް ދިނެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް ހަގީގީ ވާހަކަތަކާއި ތަފާތު ދީނީ ލިޔުންތައް ކޮންމެ ދުވަހަކު ގެނެސްދިނެވެ. އޭގެ ތެރޭގައި މިވަގުތު މަދީނާގަައި ހުންނެވި ޝައިހް މުޖްތަބާ ހަމީދު ގެނެސްދެއްވި ހަގީގީ ވާހަކަތައް ގިނަ ބަޔަކަށް ވަރަަށް ކަމުދިޔަ އެވެ.

ސަލަފުން ވަނީ ސުކޫލް ކުދިންނަށް އިނގިރޭސި ބަހުން ކުއިޒްއެއް އަދި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ދިވެހި ބަހުން ދީނީ ކުއިޒް މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ދަރުސްތައް ކޮންމެ ދުވަހަކު ދެއްވި އެވެ. ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އިލްމުވެރިޔާ ކަމަށްވާ އިލްޔާސް ވަނީ ކޮވިޑްގެ މި ހާލަތުގައި އަމަލުތައް ބަހައްޓަން ޖެހޭ ގޮތާއި، އަދި ދީނީ ގޮތުން ރައްޔިތުންނަށް މުހިންމު ތަފާތު މައުލޫތަކަށް ތަފާތު ދަރުސްތައް ދެއްވާފަ އެވެ.

މައްކާގައި މިވަގުތު ހުންނެވި ޝައިހް ޝަފީއު އަބްދުﷲ ފާހަގަ ކުރެވިފައި ވަނީ މި ރޯދަ މަހު އެންމެ ހަރަކާތްތެރި އިލްމުވެރިންގެ ތެރޭގަ އެވެ. ޝަފީއު ގެންދެވީ ކޮންމެ ދުވަހަކު ވެސް ރޯދައާ ގުޅޭ ތަފާތު މައުލޫތަކަށް ވީޑިއޯތައް ގެނެސް ދެމުންނެވެ.

އާންމުން ޝައުގުވެރިވާނެ ތަފާތު ވާހަކަތައް ހިމަނައިގެން ޝަފީއު ގެނެސްދެއްވި ދަރުސްތަކަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ދަރުސްތަކެކެވެ. މީގެ އިތުރުން ގިނަ ބަޔަކު ފޮލޯ ކުރާ އޭނާގެ ޓެލެގްރާމް ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ދީނީ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

ޝައިހް ފަޒްލޫން ވެސް ދީނީ މައުލޫތަކަށް މި ރޯދަ މަހު ދަރުސް ދެއްވި އެވެ. އަދި އެކި ނޫސްތަކުން ކުރިއަށް ގެންދިޔަ ދީނީ ޕްރަގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑު އަތޮޅުގައި ހުންންވައިގެން ޝައިހް އަނިލްވެސް ކޮންމެ ދުވަހަކު ދަރުސް ދެއްވި އެވެ. ޝައިހް ނިމާލް މުހައްމަދުވެސް ވަނީ ކޮންމެ ދުވަަހަކު ފޭސްބުކް މެދުވެރިކޮށް ދަރުހެއް ގެނެސް ދެއްވި އެވެ.

ޝައިހް އިބްރާހިމް ރަޝީދު ހަސަން ކުރިއަށް ގެންދެވި "ރަސޫލު ބޭކަލުންގެ ވާހަކަ" އަކީވެސް ރޯދަ މަހު ދިވެހިންގެ ތެރޭގައި މަގުބޫލް ޕްރަގްރާމަކަށްވި އެވެ. މި ނޫނަސް ވަރަށް ގިނަ އިލްމުވެރިން ގެންދެވީ މި ރޯދަ މަސް އިހުޔާ ކުރުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވަމުންނެވެ.