ސަލަފް ޖަމިއްޔާ

ދަރުސް ހުއްދައަށް އެދުމުން ޖަވާބެއް ނުދިން: ސަލަފް

Apr 13, 2021
4

ކޮންމެ ރޯދަ މަހަކު ޖަމިއްޔަތުއްސަލަފުން ގެނެސްދޭ ދަރުސް ސިލްސިލާ މި އަހަރުވެސް ބޭއްވުމަށް ނިންމާ އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އެދުނު ނަމަވެސް އެ ކަމަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މިއަދު ބުނީ ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ހާއްސަ ދަރުސް ސިލްސިލާ މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާ އެކަމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށްވެސް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށެވެ.

"ޖަމިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ހާއްސަ ސިލްސިލާއާމެދު ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާތީ ދަންނަވާލަން. މިވީ ތަނަށް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނެތްވާހަކަ ހިތާމަޔާއެކު ދަންނަވާލަން،" ސަލަފުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން ކޮންމެ ރޯދަ މަހަކު ސަލަފުން ގެންދަނީ ފުރުގާން މިސްކިތުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދަމުންނެވެ. އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި މި ސިލްސިލާތައް ކޮންމެ އަހަރަކު ކުރިއަށް ގެންދަނީ ވަކި ހާއްސަ މައުލޫއަކަށެވެ. އަސުރު ނަމާދަށް ފަހު ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.