ޓެކްސް ނެގުމަކީ ހަރާން / ހަރާމް ކަމެއް ކަމަށް ޝައިހު އިލްޔާސް ޖަމާލް، ވިދާޅުވުމާ ގުޅިގެން އޭނާއަށް ފާޑުކިޔުންތައް އަމާޒު ވެއްޖެ އެވެ.
ދައުލަތަށް ޓެކްސް ނެގުމާ ބެހޭ ގޮތުން އޭނާ ވާހަކަފުޅު ދައްކަވައި އެއީ ހަރާން ކަމެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި އިރު އޭނާއަކީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެނީ ދައުލަތަށް ނަގާ ޓެކްސް ފައިސާ ހިމެނޭ ގޮތުންނެވެ. ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތު، ބައިލައްކަ ރުފިޔާއާ ކައިރި އަދަދެއްގެ ލިބެ އެވެ.
ޓެކްހާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު / ޝައިހު އަޑު ހަރުކޮށް ވާހަކަފުޅު ދައްކަވާ ވީޑިއޯއެއް އާންމުވެ ޝޯޝަލް މީޑިޔާ ގައި ދަނީ ދައުރުވަމުނެވެ. އެހެންވެ ސަރުކާރަށް ތާއީދު ކުރާ މީހުނާއި ސަރުކާރާ ދެކޮޅު މީހުން ވެސް ގެންދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
އިލްޔާސް ޖަމާލްގެ ވީޑިއޯ ޝެއާ ކުރައްވާ، އެންމެ ފުރަތަމަ ފާޑު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަހީދު (ވައްޑޭ) އެވެ. އޭނާ ވިދާޅުވީ އިލްޔާސް ޖަމާލަކީ ދައުލަތަށް ނަގާ ޓެކުހުން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށެވެ.
"ޓެކްސް ހަރާމް އިރު ޓެކްސް ފައިސާއިން ތި ނަންގަވާ މުސާރަ ހަލާލު ތިޔަ ކުރައްވަަނީ ކޮން ބާވަތެއްގެ ދޮވުމަކުން ދޮވެގެންތޯ؟" ޓްވިޓާ މެދުވެރިކޮށް އޭނާ ސުވާލު ކުރައްވަފައި ވެއެވެ. ވައްޑޭ އުފެއްދި އެ ސުވާލާއި އޭނާގެ ފާޑު ވިދާޅުވުމާއެކު އެހެން ވެސް އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބޭފުޅުންނާއި އާންމުން ވެސް ވަނީ އިލްޔާސް ޖަމާލަށް ފާޑު ކިޔާފައި ވެއެވެ.
ޓެކްހާ ގުޅުވައި އެއީ ހަރާން ކަމެއް ކަމަށް އިލްޔާސް ޖަމާލް، ވިދާޅުވެފައި ވަނިކޮށް ކުރީގެ އިސްލާމިކު މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވުމުގެ އިތުރުން އިސްލާމީ ގައުމުތަކުގެ މައި ޖަމިއްޔާ، އޯއައިސީގެ އިލްމުވެރިންގެ ގޮފީގެ ވެރިޔާ ކަމާއި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުކަން ކުރެއްވެވި އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ޝައީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީހުގައި ކުރީއްސުރެ ތައާރަފު ވެފައިވާ މާލީ ނިޒާމެއް ކަމަށާއި ދައުލަތުގެ ވާޖިބަކަށްވާން ވާނީ ގައުމާއި ރައްޔިތުންނަށް މަންފާ ހުރި މަގުން އަދުލުވެރި ގޮތުގައި ޓެކްސްގެ ބޭނުން ކުރުން ކަމަށެވެ.