ދީން

ޝަހީމް އައްސަވަނީ: ދީން ހިމާޔަތް ކުރަންވި ވައުދު ކޮބާ؟

އިސްލާމްދީން ހިމާޔަތް ކުރާނެ ކަމަށް މި ސަރުކާރުން ވީ ވައުދު ފުއްދެމުންދޭތޯ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދަވައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޝަހީމް މިހެން ވިދާޅުވީ، އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާކޮށް ފޭސްބުކުގައި ދިވެހި ބަހުން ޕޭޖެއް ހިންގަމުންދާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ޝަހީމް ވިދާޅުވީ "ސިރޫ އާޓްސް" ގެ ނަމުގައި ހިންގަމުންދިޔަ ޕޭޖެއް ތިން ހަތަރު ފަހަރު ބަންދު ކޮށްލެވުނު ކަމަށާ އެކަން ކުރީ އެއީ ދީނީ ގޮތުން "ހަރުކަށި ފިކުރު" ފަތުރާ ޕޭޖަކަށްވާތީ ކަމަށް ބުނެ ކަމަށެވެ.

އެކަމަކު އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް "ޖުހާ" ގެ ނަމުގައި ހިންގަމުންދާ ޕޭޖު ބަންދު ކޮށްލުމުގެ ގާބިލްކަން ނެތީތޯ އޭނާ ސުވާލު ކުރައްވާފައި ވެއެވެ.

"މާތް ﷲ އަށް ފުރައްސާރަކޮށް ރަސޫލާއަށް ޖޯކު ޖަހާ ގުރުއާނަށް މަލާމާތްކޮށް ރަސޫލު ބޭކަލުންނަށް ބަދަު ބަސް ބުނެ، ދިވެހި ބަހުން ޝާއިއު ކުރަމުންދާ ޕޭޖް ބަންދު ކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެެފެއާޒާއި މިނިސްޓްރީ އޮފް ހޯމް އެފެއަޒުގައި އެދެމެވެ." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ އިސްލާމްދީން ހިމާޔަތް ކުރާނެ ކަމަށް ވި ވައުދުތައް ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި ދީނާ ޚިލާފު ކަންކަން ހުއްޓުވަން ހެދި ކޮމިޓީ ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ކޮމެޓީއެއް ރައީސް އުފެއްދެވީ ޖެނުއަރީ 22، 2019 ގަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ކޮމިޓީގެ މަސައްކަތްތައް ހިނގަނީ ސޯޝަލް ކައުންސިލްގެ ދަށުންނެވެ.

އަދި ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށިވެގެން ދާތީ ހިތާމަ ކުރައްވާކަމަށް ވެސް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރު ޝަހީމް ވިދާޅުވިއެވެ.

ސިރޫ އާޓްސް ޕޭޖް ތިން ހަތަރު ފަހަރު ބަންދުކޮށްލެވުނު... އެއީ ދީނީ ގޮތުން 'ހަރުކަށި ފިކުރު' ފަތުރާ ޕޭޖަކަށްވާތީޔޯ އެވެ؟ އެކަމަކު 'ޖުހާ ޕޭޖު' ބަންދުކޮށްލުމުގެ ޤާބިލްކަން ނެތީބާ؟ އިސްލާމްދީން ހިމާޔަތްކުރާނެ ކަމަށް ވި ވައުދުތައް ކޮބާތޯ؟ ދީނާ ޚިލާފު ކަންކަން ހުއްޓުވަން ހެދި ކޮމިޓީ ކޮބައިތޯ؟
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

"ސިރޫ އާޓްސް ޕޭޖް ތިން ހަތަރު ފަހަރު ބަންދުކޮށްލެވުނު... އެއީ ދީނީ ގޮތުން 'ހަރުކަށި ފިކުރު' ފަތުރާ ޕޭޖަކަށްވާތީޔޯ އެވެ؟ އެކަމަކު 'ޖުހާ ޕޭޖު' ބަންދުކޮށްލުމުގެ ޤާބިލްކަން ނެތީބާ؟ އިސްލާމްދީން ހިމާޔަތްކުރާނެ ކަމަށް ވި ވައުދުތައް ކޮބައިތޯ؟ ދީނާ ޚިލާފު ކަންކަން ހުއްޓުވަން ހެދި ކޮމިޓީ ކޮބައިތޯ؟ ރާއްޖޭގެ އިސްލާމީ ކަންކަން މިހާ ބަލިކަށިވެގެންދާތީ ނުހަނު ހިތާމަ ކުރަން." ޝަހީމް ވިދާޅުވި އެވެ.

އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާކޮށް ފޭސްބުކުގައި ދިވެހި ބަހުން ޕޭޖެއް ހިންގަމުންދާ މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރާއިރު "ޖުހާ" ގެ ނަމުގައި ހިންގަމުންދާ އެ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެ އެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެ އެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެކަމާއި ގުޅިގެން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.