ދީނީ އިލްމުވެރިން

އެމްޑީއެންގެ ތަހުގީގު ސާފުކޮށް ދިނުމަށް އެދި 20 އިލްމުވެރިންގެ ސިޓީއެއް

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ރިޕޯޓެއް ނެރުނު މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން މެދުވެރިކޮށް ސާފުކޮށް ދިނުމަށް އެދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ރާއްޖޭގެ 20 އިލްމުވެރިއަކު ސޮއިކޮށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީއެން ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ. އަދި އެ ޖަމާއަތާއި ދެކޮޅަށް ފިޔަވަޅު އަޅާ އެ ރިޕޯޓް ލިޔުނު މީހުންގެ މައްސަލަ ބެލުމަށް އިލްމުވެރިން ގޮވާލިއެވެ.

އިލްމުވެރިން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށްވާ އިސްލާމް ދީނުގެ މަތިވެރި ނިއުމަތް ނިގުޅައިގަތުމަށް ދީނުގެ އަދާވާތްތެރިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ދިވެހިން އަޅުވެތިކުރުމާއި ދިވެހި ދަރިންގެ ހިތުގައި ދީނާއި މެދު ޝައްކުތައް އުފެއްދުން ފަދަ އެތަށް ކަމެއް ހިނގަމުންދާއިރު އެކަންކަން އެބަޔަކު ކުރަނީ ތަފާތު ނަންނަމުގައި ކަމަށެވެ.

އެމްޑީއެންއޭ އޭ ކިޔާ މަދަނީ ޖަމިއްޔާއަކުން އިސްލާމްދީނާ ހިލާފަށް އެކުލަވާލާފައިވާ ރިޕޯޓެއްގެ މައްސަލަ 2019 ވަނަ އަހަރު ފަހުކޮޅު ފެންމަތިވެ މުޅި ރާޢްޖޭގެ ސަމާލުކަމަށް އައިއިރު މިމައްސަލަ އިސްލާމިކް މިނިސްޓްރީން ބަލާ ތަހުގީގު ކުރުމަށް ޕޮލިހަށް ހުށައަޅުއްވާފައިވާ ކަމަށާ އަދި އޭރު ގިނަ އަދަދެއްގެ ރައްޔިތުންތަކެއް، އެކި ރަށްރަށުގަޔާއި މާލޭގައިވެސް އިހުތިޖާޖުކުރުމުގެ ސަބަބުންނާއި އެމްޑީއެން ޖަމިއްޔާތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

"އޭގެ ފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަހްގީގެއް ހިންގައި ނިންމި ކަމެއް ޕޮލިހުން ހާމަކޮށްފައެއް ނުވެ. އަދި މިކަމުގެ މައުލޫމާތުވެސް އެއްވެސް ފަރާތަކަށް ހިއްސާކޮށްފައެއްވެސް ނުވެ. މިކަމަކީ ކޮންމެ މުސްލިމް ރައްޔިތަކުވެސް އަދި ވަކިން ހާއްސަކޮށް އަޅުގަނޑުމެން [ދިވެހިރާއްޖޭގައި ދީނީ ވައުޒު ބުނުމުގެ ހުއްދަ ތިޔަ މިނިސްޓްރީއިން ދެއްވާފައިވާ ފަރާތްތަކުގެ ހައިސިއްޔަތުން] ނުހަނު ކަންބޮޑުވާ ކަމެއް،"

މި ސިޓީގައި އިލްމުވެރިން ވަނީ އެމްޑީއެންގެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން މެދުވެރިކޮށް ސާފުކޮށް ދެއްވުމަށް އެދިފައެވެ.

ރާއްޖޭގެ 30 ޖަމިއްޔާއަކުން ދާދި ފަހުން ވަނީ އެމްޑީއެންގެ ހަރުކަށި، ހައްދުފަހަނަ އެޅި ރިޕޯޓް ލިޔުނު މީހުންގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށްވެސް ގޮވާލައްވާފައެވެ.