ދީނީ އިލްމުވެރިން

އުތެމައަށް ފިޔަވަޅު އެޅުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ދިފާއުކޮށް އެފަދަ ދެވަނަ ރިޕޯޓެއް ރާއްޖޭގައި ހިންގާ އުތެމަ ޖަމިއްޔާ އިން ތައްޔާރު ކޮށްފައި ވާތީ އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް އިލްމުވެރިންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ބައިވެރިވާ އިލްމުވެރިންގެ ގުޅުމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެތެމަ ޖަމިއްޔާއިން، ލާދީނީ ކަންކަމަށް ހިތްވަރުދީ ދިވެހި ފަސްގަނޑުގައި އެފަދަ ކަންކަން އާލާކުރުމަށް ބާރުއަޅައި ހިންގަމުން ގެންދާ ޢަމަލުތައް ކުށްވެރިކުރާ ކަމަށާ އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި އަޅުތަކުންގެ މައްޗަށް އެއްވެސް އަނިޔާވެރިކަމެއް ނުވާ ކަމަށާ މިއީ ހެޔޮ ނިޔަތެއްގައި އަދުލުވެރި ބަހެއް ބުނި ކޮންމެ ގައިރު މުސްލިމަކުވެސް އިގުރާރުވާ ކަމެކެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ އަދުއްވުންގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީ އެކަމަށް ހެކިވާ ކަމަށެވެ.

އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ދިވެހި ބިމުން ފުހެލުމަށް މަސައްކަތްކުރާ ބަޔަކު، ބޭރުންނާއި އެތެރެއިން ތަފާތު ހަމަލާތައް މެދުނުކެނޑި ދެމުންދާކަން އިލްމުވެރިންގެ ގުޅުމުން ވަނީ ފާހަގަކޮށްފައެވެ.

"..އެގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް [އެމްޑީއެން] ގެ ނަމުގައި ބަޔަކު ހިންގާފައިވާ ދީނަށް ފުރައްސާރަ ކުރުމުގެ ޖަރީމާތަކާ ދެކޮޅަށް، މާތް ﷲ ގެ ވާގިފުޅާއެކު ދިވެހި ލޮބުވެތި ރައްޔިތުންގެ ބުރަ މަސައްކަތާއި ކެނޑިނޭޅި ކުރި އިހުތިޖާޖުތަކުގެ ސަބަބުން ދިވެހި ސަރުކާރުން އެމްޑީއެން އުވާލަން ނިންމި ނިންމުމަކީ މުހިއްމު އިބްތިދާއީ ފިޔަވަޅެއް. އަދި އެއީ ދިވެހި ރައްޔިތުން އިސްލާމްދީނުގެ ދިފާޢުގައި ކުރެއްވި ބުރަ މަސައްކަތުގެ މޭވާއެއްގެ ގޮތުން މާތްﷲ މިންވަރު ކޮށްދެއްވި މަތިވެރި ކާމިޔާބީއެއްވެސް މެ،"

ނަމަވެސް، ގާނޫނީ ޝަހުސިއްގެ ނަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ބަޔަކަށް ހިންގޭނޭ އެންމެ ބޮޑު ޖަރީމާ ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަކީ އެ އަމަލުތައް ހިންގާ މީހުންގެ ކުރިމަތީގައި ކަމާ ބެހޭ މުއައްސަސާތައް ބަލިކަށިވެ ނިކަމެތިވެފައިވާ ކަމުގެ ތުހުމަތު ކުރުމަށް ދެވޭ ފުރުސަތެއް ކަމަށް އެ ގުޅުމުން ވަނީ ބުނެފައެވެ.

"..އެގޮތުން، 'އުތެމަ' ޖަމްއިއްޔާ ނިވާފަތްގަނޑެއްކަމުގައި ހަދައިގެން ތިބެ، އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަށް ތާއީދުކުރާކަން ހާމަކުރުމުގެ އިތުރުން، އެމްޑީއެންގެ އެ ރިޕޯޓުގައިވެސް ހިމަނާފައިވާ ފަދަ، އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނާވެސް ހިލާފު އެތައް ކަމެއް ހިމަނައިގެން، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ އަމަލުތަކަށް ގާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަންހުރި ބަޔާނެއް ނެރެފައިވާތީ، އުތެމައާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތަކުގެ އެ ޢަމަލުތަކަށް އިންކާރުކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،"

އިލްމުވެރިންގެ ގުޅުމުން ވަނީ ދީނާ ހިލާފު ކަންކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެ ގުޅުން ދެމި އޮންނާނެ ކަމަށެ ބުނެފައެވެ.

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ނުރައްކާތެރިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ.