ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިޔަވަޅުތައް ލުއި، މަގުމަތި ބާރު ބޮޑު

މައްޗަށް ހިފާފައި ހުރި ކޮވިޑްގެ ނަމްބަރުތައް މިހާރު ވަނީ ތިރިއަށް ސޮއްސާލާފަ އެވެ؛ އެހެންވެ އެ ބައްޔާ ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ރައްކާތެރި ކަމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކާއި ކާފިއު ވަނީ ސަރުކާރުން ލުއިކޮށްފަ އެވެ. އެޗްޕީއޭގެ ފިޔަވަޅުތަކުން ބައެއް މި މަހުގެ އެއް ވަނަ ދުވަހު ނަގައި ލުއި ދިނުމުން ވެރިރަށް މާލޭގެ މަގުމަތި މިހާރު ފެންނަނީ ވަރަށް ބޮޑަށް ބައިބޯވެފައިވާތީ އެވެ.

މަހެއްހާ ދުވަހަށް ދެމިގެން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ލިބުމުން މިހާރު ވަނީ މާލެ ސަރަހައްދު ހުޅުވާލާފަ އެވެ. މާލޭގެ މަގުތަކާއި ބާޒާރުތައް ހިމެނޭ އޭރިއާތައް ވަނީ ވަރަށް ބޮޑަށް ފުރިފަ އެވެ.

"ބަންދަށް" ފަހު މީހުން މަގުމައްޗައް ނުކުމެފައިވާ އިރު، ފިހާރަތަކާއި ކެފޭ / ރެސްޓޯރެންޓްތައް ވެސް ހުރިހާ އިރެއްގައި އޮންނަނީ ފުރިފަ އެވެ. އެހެން ނަމަވެސް އެއްވުމުގަ އާއި ހިނގާބިނގާވެ އުޅުމުގައި ގައިދުރުކަން ވަރަށް ބޮޑަށް ކުޑަވެ، މާސްކް އެޅުމުގައި ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްލާފައިވާތީ ފެނެ އެވެ.

ބައެއް ސަރަހައްދުތަކުގައި އާދަޔާހިލާފަށް މީހުން ބައިބޯ އިރު ފިހާރަތަކާއި ތަންތަނަށް ވަނުމަށް ހުއްދަ ދީފައި މިންވަރަށް ވުރެ ގިނައިން ވަދެ ތިބެ އެވެ. އަދި ކެފޭ ރެސްތޯރެންޓްތަކުން އެޗްޕީއޭގެ ފިޔަވަޅުތައް އަޅާފައި ވިޔަސް ހިދުމަތް ހޯދުމުގައި މީހުން ދަނީ ގައިޑްލައިންތަކާ ހިލާފުވަމުންނެވެ.

ކޮވިޑްގެ ކުރީގެ ރާޅުތަކުގައި މާލެ ސަރަހައްދު ބަންދު ކުރުމަށްފަހު ލުއި ދިނުމުން ވެސް ފެނިފައި ވަނީ އެ މަންޒަރެވެ. އޭގެ ސަބަބުން ނަތީޖާ ވަރަށް ބޮޑަށް ގޯސްވެފައި ވެއެވެ. ކުރިން ދިން ލުއިތަކުގައި ވެސް ފަރުވާ ކުޑަކޮށްލުމުން ކޮވިޑް ކްލަސްޓާތައް ގިނަވެ ނަމްބަރުތައް އުފުލިފައި ވެއެވެ.

ސަރުކާރުން މޭ 11 ގައި ހަރުކަށި ފިޔަވަޅުތައް އެޅީ ގިނަ ބަޔަކަށް ބަލިޖެހި އަދި ބަލި ޖެހޭ ނިސްބަތް ވަރަށް ބޮޑަށް މަތިވުމާއެކު ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ބޮޑުތަނުން މައްޗަށް ގޮސްގެނެވެ. އަލުން ލުއި ދިންއިރު އަނެއްކާ ވެސް ފެންނަމުން ދަނީ ކުރިން ވެސް ފެނުނު މަންޒަރެވެ.

"ގޭގެއަށް ޒިޔާރާތް ކުރުމާއި ބޭނުން ނެތް ގޮތުގައި ބޭރަން ދިޔުން އިތުރުވެ މަގުމައްޗައް ގިނަ ބަޔަކު އެއްވަމުން ދާ ތަން މިދިއަ ދެތިން ދުވަހު ފެނުނީ މީގެ ސަބަބުން ކުރިން ވެސް ކޮށްފައިވާ ތަޖުރިބާ ކުރަން ޖެހުމަކީ ކައިރި ކަމެއް،" ބައިބޯވުމާއި ގައިޑްލައިންތަކާ ހިލާފުވަމުން ދާދިއުމާމެދު މީހަކު ކަންބޮޑުވުން ފާޅު ކުރި އެވެ.

ފިޔަވަޅުތައް ލުއި ކުރި ނަމަވެސް ފަރުދީ ޒިންމާ ނަގައި ކޮވިޑް ފެތުރުން ހުއްޓުވަން އެންމެން މަސައްކަތް ކުރަންޖެހެ އެވެ. ގައިޑްލައިންތައް ފޮލޯ ކުރަން ޖެހެ އެވެ. އެއްފަހަރާ ގިނަ ބަޔަކު އެއްތާކުން ބައްދަލު ނުކުރުމާއި، ގައިދުރުކަން ބެހެއްޓުމާއެކު ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިއުން އިހުތިޔާރު ކުރަން ޖެހެ އެވެ.

"މިހާރު މިސްކިތްތައް ވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ހުޅުވާލާފައި. އެކަމަކު ގައިދުރުކޮށްގެން ނަމާދު ކުރަން އިސްކަން ނުދީ ނަމާދު ކުރާތަން ވެސް އެބަފެނޭ،" މީހަކު ބުންޏެވެ. ހުކުރު ދުވަހު މާލޭގެ މިސްކިތްތަކުގައި ހުކުރު ޖަމާއަތް ހެދި އިރުވެސް ގައިދުރުކަން ފެނުނީ ކުޑަކޮށެވެ.

މިދިއަ ބުރާސްފަތީގައި ދިން ލުއިތަކާއެކު މިހާރު މާލޭ ކާފިއު އޮންނަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އަށް ގަޑިއިރަށެވެ. ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ބޭރަށް ނުކުމެ އުޅެން އިތުރު ހުއްދައެއް ބޭނުމެއް ނުވެ އެވެ. އަދި ކެފޭ އާއި ހޮޓާ /ރެންޓޯރަންޓްތަކާއި ފިހާރަތައް ކާފިއު ނޫން ވަގުތު ހުޅުވައިގެން ހިދުމަތް ދެވެއެވެ.

ޑައިންއިން އާއި ޑެލިވަރީގެ ހިދުމަތަކަށް އިތުރު ހުއްދައެއް ބޭނުމެއް ނެތެވެ. މިސްކިތުގެ ޖަމާއަތް ގައިދުރުކަމާއެކު ހެދެ އެވެ. މި މަހުގެ 15 އިން ފަށައިގެން ދެކުނު އޭޝިއާގެ ގައުމްތަކުގެ ފަތުރުވެރިންނަށް ވެސް ރާއްޖެ އާދެވޭނެ އެވެ. އެކަމަކު އާ ލުއިތަކާއެކު މިދިއަ ތިން ދުވަހަށް ބަލާއިރު މީހުން ތޮއްޖޭ މިންވަރުން އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.