ކޮވިޑް ކޭހެއް ކޫއްޑޫ އެއާޕޯޓުން ނުފެނުނު ނަމަވެސް އެ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން ރަށަށް ދާނަމަ 14 ދުވަހު ކަރަންޓީނު ވާން ޖެހޭތީ އެއާޕޯޓް ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޫއްޑޫގެ ބައެއް މުވައްޒަފުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް މިއަދު އަވަސްއާ ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ބުނި ގޮތުގައި އެމީހުން މިވަގުތު މަސައްކަތް ކުރަމުން ދަނީ ވަރަށް އުނދަގޫ މާހައުލެއްގަ އެވެ.
އޭގެ ތެރެއިން އެކަކު އޭނާގެ ނަން ޝާއިއު ނުކުރަން ޝަރުތުކޮށް ބުނީ އެއާޕޯޓްގެ މުވައްޒަފުން މަސައްކަތް ކުރަނީ ކޮންމެ 14 ދުވަހަކުން ބަދަލުވާ އުސޫލަކުން ކަމަށާއި ކޮންމެ މުވައްޒަފަކު ވެސް ކޮންމެ ދުވަހަކު އަށް ގަޑިއިރު މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތަށް އުސޫލުތައް ހަމަޖެއްސީ ކޫއްޑޫ މަސް ކާރުހާނާއިން ކުރިން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާތީ ކަމަށެވެ.
މަސައްކަތް ކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް 14 ދުވަހު މަސައްކަތް ކުރުމަށްފަހު މުވައްޒަފަކު ރަށަށް ދާނަމަ ކަރަންޓީނުވާން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް އާއިލާގެ އެއްވެސް މީހަކާ ބައްދަލު ނުވެ އުޅެނިކޮށް އަނެއްކާ ވެސް އެނބުރި މަސައްކަތަށް ނުކުންނަން ޖެހޭ ކަމަށެވެ.
"މިކަހަލަ އުސޫލެއް ތަންފީޒު ކުރާތީ މުވައްޒަފުން މިތިބެނީ ވަރަށް ބޮޑަށް މާޔޫސް ވެފައި،" އޭނާ ބުންޏެވެ.
މައުލޫމާތު ދިން އެހެން މުވައްޒަފަކު ބުނި ގޮތުގައި ކޫއްޑޫން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މަސް ފެކްޓަރީންނެވެ. ފެކްޓަރީއާ އެއާޕޯޓާ ދެމެދު ދަތުރުފަތުރު ނުކުރެވޭ ގޮތަށް މާކުރިން ވެސް ހަމަޖައްސާފައިވާތީ މިހާތަނަށް އެއާޕޯޓުން ކޮވިޑް ކޭހެއް ފެނިފައި ނުވަނީސް މުވައްޒަފުން ޗުއްޓީއަށް ގޮސް ކަރަންޓީނު ވާން ޖެހުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ގޮތުގައި މުވައްޒަފުން ސިފަކުރާ ކަމަށް އޭނާ ބުންޏެވެ.
"[ކޮވިޑް] ކޭހެއް ނުފެންނަނީސް އަޅުގަނޑުމެން ކަރަންޓީނު ވާން ޖެހެނީ ކީއްވެގެންހޭ އަޅުގަނޑު މި އަހަނީ އެޗްޕީއޭ އާއި، އެއާޕޯޓު ހިންގާ ފަރާތުގައި! [އެކަމަކު] އެއަަށް އެދެވޭ ޖަވާބެއް ނުދެއްވާ،" އެ މީހާ ބުންޏެވެ.
އޭނާ އަދި ބުނީ ކަރަންޓީނު ވާން ޖެހޭ އުސޫލެއް ތައާރަފުކުރުމަށް ފަހު މުވައްޒަފު ކަރަންޓީ ނުވާނަމަ އެ މުއްދަތަށް މުވައްޒަފުންގެ މުސާރައިން ވެސް ކަނޑާ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ބައެއް ރަށްރަށް މޮނިޓަރިންގައި އޮތް އިރު އެފަދަ ރަށަކުން މުވަޒަފަކަށް އަނބުރާ ވަޒީފާ އަށް ނުދެވޭ ގޮތްވި މެދުވެރިވި ނަމަވެސް މުސާރަ އިން ކަނޑާ ކަމަށެވެ.
"ނަމަވެސް ރަށަށް ގޮސްފި ނަމަ، މުސާރައިން ވެސް ކަނޑާނެ. އެއްވެސް ކުއްޖަކަށް މަސައްކަތް ދޫކޮށްފައި ދާން ފަސޭހައެއް ނޫން އެހެން ހަދާތީ، އެހެންކަމުން ރަށްތަކުގައި މަސައްކަތް ކުރަން ދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް މިވަނީ ވަރަށް ހަނިވެފައި،" ކޫއްޑޫގެ މުވައްޒަފަކު ބުންޏެވެ.
އެ މީހުން ބުނާ ގޮތުން ކޫއްޑޫގައި މިވަގުތު މަސައްކަތް ކުރަނީ މަދު މުވައްޒަފުންކޮޅެކެވެ. އެ އަދަދު 30 އަށް ވުރެ އިތުރު ނުވާނެ ކަމަށް ވެސް ބުނެ އެވެ.
މުވައްޒަފުންގެ އެ ކަންބޮޑުވުންތައް އެއާޕޯޓުގެ މެނޭޖަރު މެދުވެރިކޮށް ސިޓީ އަކުން ހުށަހެޅި ނަމަވެސް މިއަދާ ހަމައަށް ވެސް އެޗްޕީއޭ އިން ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އަވަސްއާ ވާހަކަ ދެއްކި މުވައްޒަފުން ބުންޏެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފެކްޓަރީ އަކާއި އެއާޕޯޓަކާއި އަދި ރިސޯޓެއްގެ ގޮތުގައިވެސް ހިންގަމުންދާ ކޫއްޑޫ މޮނިޓަރިންގައި އޮންނަތާ މިހާރު ދެމަސް ދުވަސް ވެއްޖެ އެވެ. އެރަށުން މީގެ ކުރިން ވަނީ 200 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެކަމާ ގުޅިގެން މިފްކޯގެ އޮޕަރޭޝަންތަކަށް ވެސް ބައެއް ކަހަލަ ދަތިތައް ކުރިމަތިވި އެވެ. ނަމަވެސް ކޫއްޑޫގައި މިހާރު ވަނީ ކޮވިޑް ކޮންޓްރޯލް ކޮށްފަ އެވެ.