ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ޤައުމު ބިނާކުރުމާއި ދައުލަތް ހިންގުމުގެ ނަޒަރިއްޔާ

އިންސާނުންގެ ދިގު ތާރީޚުގައި އެކި މަރުޙަލާތަކުގައި ތަފާތު ޤައުމުތަކާއި ރަށްތަކާއި ދައުލަތްތަކުގެ ކަންކަން ހިނގައިދިޔަ ގޮތުގެ މަޢުލޫމާތު ތާރީޚީ ފަތްތުށްތަކުން ފެންނަން އެބަހުއްޓެވެ. އެ ދައުލަތްތަކުގެ ތާރީޚަށް ބަލާއިރު ކޮންމެވެސް މަރުޙަލާއެއް ނުވަތަ މަރުޙަލާތަކެއް އެހެން މަރުޙަލާތަކަށް ވުރެ، ކޮންމެވެސް އެއް ގޮތަކުން ޚާއްޞަ އެވެ.

އެއީ ކޮންމެ ޘަޤާފަތެއްގެ އަހުލުވެރި ބަޔަކު ހިންގި ދައުލަތެއް ކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ. އެގޮތުން ދައުލަތްތަކުގެ އެ ފަދަ މަރުޙަލާތައް އެ ގޮތް މިގޮތުން ފާހަގަ ކުރެވިގެން ދަނީ އެމަރުޙަލާއެއްގައި އެދައުލަތެއް ހިނގަންތިބޭ ބައެއްގެ ޢަމަލުތަކާއި އެބަޔަކު ގެންގުޅޭ ވިސްނުމާއި ސިޔާސަތުތަކުގެ ސަބަބުންނެވެ.

އާދެ! ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލާއިރު އެކި ޤައުމުތަކާއި ޤައުމުތަކުގައި ވެރިކަންކުރި ވެރިންގެ ވާހަކަ ބަޔާން ވެގެން ވެއެވެ. ގިނަ ޙަޟާރަތްތަކާއި ދައުލަތްތަކުގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. އެއުރެން ހޯދި ޢުމްރާނީ ކުރިއެރުންތަކުގެ ވާހަކަވެސް ބަޔާން ކުރައްވާފައި ވެއެވެ. ބައެއް މީހުންނާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ބަޔާންވެފައިވާއިރު އަނެއް ބަޔަކާ މެދު ޢިބުރަތް ޙާޞިލް ކުރެވޭ މިންވަރަށް ބަޔާން ވެފައި ވެއެވެ.

އެކި އެކި ޤައުމުތަކުގެ ވާހަކަ ޤުރުއާނުގައި ބަޔާންވެގެން ވާއިރު، އެންމެ ބޮޑަށް އަމާޒު ކުރައްވާފައި ވަނީ އެމީހުންގެ ޢަސްކަރީ ވަރުގަދަ ކަމާއި އިޤުތިޞާދީ ފުދުންތެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ވިޔަފާރިއާއި ކުރިއަރާފައިވާ މިންވަރަށެވެ.
ޤައުމުތައް ސިފަކޮށް ޤުރުއާނުގައި ބަޔާންކުރައްވާފައިވާ މާޒީގެ ތަޞްވީރަކަށް ނަޒަރު ހިންގާލަމާ ހިންގަވާށެވެ.

އަލްފަޖްރު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތްތަކުގެ މާނައިގައިވެއެވެ. (އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ. އެ ބިނާތަކަކީ، އެހެން ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ. އަދި ثمود ބާގައިމީހުންނާ މެދުގައިވެސްމެ އެވެ. އެއުރެންނީ، ވާދީގައި ހިލަ ކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ. އަދި لشكر ތަކުގެ ވެރި فرعون އާ މެދުގައިވެސްމެއެވެ.) އަލްފަޖްރު ، 7-10

މި ކުރު އާޔަތްތަކުގައި ބަޔާންކުރައްވާފައި އެވަނީ ތިން ޙަޟާރަތެއްގެ ވާހަކައެވެ. އާޔަތްތަކުގައި އެވަނީ ޢުމްރާނީ ގޮތުން އެމީހުން ގެނައި ކުރިއެރުމާއި ތަރައްޤީގެ ވާހަކައެވެ. އުޅެމުންދިޔަ ތަނަވަސްކަމުގެ ވާހަކައެވެ. އަސްކަރީ ވަރުގަދަކަމުގެ ވާހަކައެވެ. އެމީހުންގެ ކިއްލާތަކާއި ގަނޑުވަރުތަކުގެ ވަރުގަދަކަމާއި އުސްކަމުގެ ވާހަކައެވެ. އެންމެ އަޖައިބު ކަމަކަށް ފާހަގަވަނީ ބޮޑެތި ބިޔަ ފަރުބަދަތައް ކަނޑައިގެން ހަދާ ކިއްލާތަކުގެ ވާހަކައެވެ.

އާދެ! ޤައުމުތަކާއި ދައުލަތްތަކާއި ޘަޤާފަތްތަކާއި ޙަޟާރަތްތަކާ ބެހޭ ގޮތުން ޤުރުއާނުން ދައްކަވާ ދެއްވާފައިވާ ތަޞްވީރަށް ނަޒަރު ހިންގާލުމުން މި ޒަމާނުގައި ދައުލަތާއި ވެރިކަމެއް ހިންގައި ޤައުމެއް އިޤުތިޞާދީގޮތުންނާއި ޢުމްރާނީ ގޮތުން ތަރައްޤީ ކުރުމަށް ބޭނުންވާ ފަލްސަފީ މިސާލުތައް އެއިން ލިބިގަނެ ވެއެވެ. އިސްވެދިޔަ ޤައުމުތަކާއި އުންމަތުގެ ކުށަކީ އެމީހުން ދުނިޔެއަށް ގެނައި އަޖައިބު ކުރުވަނިވި ކުރިއެރުމާއި ޙަޟާރަތެއްނޫނެވެ.

ނަމަވެސް އެމީހުންގެ ކުށަކަށްވީ ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ޙަޟާރަތްތައް ބިނާ ކުރުމެވެ. އެމީހުންގެ އާދަޔާ ޚިލާފު ކުރިއެރުންތަކާއެކު ﷲ އަށް އީމާންވި ނަމަ އެމީހުންގެ ދައުލަތްތަކާއި ޙަޟާރަތު ޤިޔާމަތާ ޖެހެންދެން ދެމިގެން ދިޔައީހެވެ. ނަމަވެސް ވަޙީގެ މައްޗަށް ބިނާނުވި ދުނިޔޭގެ ކޮންމެ ޙަޟާރަތެއް ވެސް ވަނީ ތާޜީޚަށް ޖާގަދީ އިންސާނީ ވުޖޫދުން ފޮހެވިގެން ގޮސްފައެވެ. ފާރިސީންގެ ވަރުގަދަ ދައުލަތާއި ރޯމަނުންގެ ވަރުގަދަ ދައުލަތާއި ބާބިލްގައި އުފެދުނު ވަރުގަދަ ޙަޟާރަތާއި މިޞްރުގައި އުފެދުނު ޙަޟާރަތްތަކަކީ މީގެ މިސާލުތަކެކެވެ.

އިސްލާމްދީނަކީ ތަރައްޤީއާއި ޢުމްރާނީ ކުރިއެރުމަށް ގޮވާލާފައިވާ ދީނެވެ. އިސްލާމީ ޢަޤީދާގެ މަތީގައި ޤާއިމުވި ދައުލަތްތަކުންވަނީ ދުނިޔެ ޙައިރާންކޮށްލި ވަރުގަދަ ޙަޟާރަތެއް ޤާއިމުކޮށްދީފަ އެވެ. އުމަވީ ދައުލަތާއި އައްބާސީ ދައުލަތާއި ސްޕޭންގައި އުފެދުނު އިސްލާމީ ދައުލަތާއި ޢުޘްމާނީ ދައުލަތާއި ހިންދު ކަރައިގައި އުފެދުނު މުޣޫލުންގެ ދައުލަތަކީ، އިސްލާމީ ތާރީޚުގެ އިތުރުން އިންސާނީ ތާރީޚުގައި ވެސް ފާހަގަކޮށްކެވީ ދައުލަތްތަކެވެ.

އާދެ! ކުޑަވެސް ޝައްކެއްނެވެ. މާޒީއަކީ ޢިބުރަތުގެ ސުންބުއްޔެވެ. ދެން، އަދުގެ ޙާލަތަށް ނަޒަރު ހިންގާލަމާ ހިނގަވާށެވެ. މިއަދުވެސް ދައުލަތްތަކުގެ އަމާޒު މާޒީގެ ޙަޟާރަތްތަކާ ވަކި ތަފާތެއް ނޫނެވެ. ބޮޑެތި ބިނާތަކާއި ވަރުގަދަ ކިއްލާތަކާއި އަސްކަރީ ބާރުވެރިކަމާއި އިޤުތީޞާދީ ކުރިއެރުން ހޯދުމަށް ދައުލަތްތަކުން މަސައްކަތް ކުރެއެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. ނަމަވެސް އިންސާނީ ފިކުރާއި ޠަބީޢަތާއި ވިސްނުން ބަދަލެއް ނުވެއެވެ. ބަދަލުވީ ކަންކުރާ ގޮތެވެ. ކުރިން ބޮޑު ދުނިޔެއެއް ގޮތުގައި ދެކެމުން އައި ދުނިޔެ މިވަނީ ބަވަނަވެ ކުޑަ މުޖުތަމަޢަކަށް ވެފައެވެ. މުޖުތަމަޢުތައް ވެސް ވަނީ ބަދަލުވެފައެވެ. މުޖުތަމަޢުތަކުގައި އުޅޭ މީހުންނާއި އެއުރެންގެ ޙާޖަތްތަކާއި ބޭނުންތައްވެސް ވަނީ ބަދަލުވެފައެވެ. ކުޑަވެސް ޝައްކެއްނެތެވެ.

މިޒަމާނުގައި ޤައުމެއް ކުރިއަރުވައި ދައުލަތެއް ބިނާކުރެވިދާނެ ގިނަ ގޮތްތަކެއް ތަރުތީބު ކުރެވިދާނެއެވެ. ނަމަވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ވަރުގަދަ ދައުލަތެއް ޤާއިމު ކުރުން ބިނާވެގެންވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ:

(ހ) ސިޔާސީ ހަމަޖެހުން (Political Stability)
(ށ) ޤައުމީ ސަލާމަތާއި އަމަން އަމާންކަން (National Security)
(ނ) ވަރުގަދަ އިޤުތިޞާދު (Strong Economy)
(ށ) ބައިނަލްއަޤުވާމީ ގުޅުން (International Relation)

މި ދެންނެވި މައިގަނޑު ހަތަރު އަސާސެވެ. މި އަސާސްތަކުގެ މައްޗަށް ޚުލާޞާ ގޮތެއްގައި ނަޒަރު ހިންގާލާނަމެވެ.

ސިޔާސީ ހަމަޖެހުން

ދައުލަތެއް ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އެއް އަސާސަކީ އެދައުލަތެއްގައި ސިޔާސީ ހަމަޖެހުން ދެމި އޮތުމެވެ. އެއްވެސް ދައުލަތެއްގައި ސިޔާސީ ހަމަޖެހުން ދެމިގެންދާނީ ހަރުދަނާ ޤާނޫނު އަސާސީ އެއް އޮވެގެންނެވެ. އެ ޤާނޫނު އަސާސީއަކީ ޤައުމުގެ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ރިޢާޔަތްކުރެވިގެންވާ ޤާނޫނު އަސާސީ އެއްކަމުގައިވާންވާނެއެވެ. ސިޔާސީ ހަމަޖެހުން ޤާއިމުވެގެން ދިއުމުގެ އަނެއް ކަމަކީ އިންސާނީ ޙައްޤުތައް ކަށަވަރު ވެފައި އޮތުމާއި މިނިވަންކަން ލިބިދީފައި އޮތުމެވެ. މިދަންނަވަނީ މުޠުލަޤު މިނިވަންކަމެއްގެ ވާހަކައެއްނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދިރިއުޅުމުގެ މިނިވަންކަމެވެ. ފިޠުރީ ގޮތުން އިންސާނާއަށް ލިބިގެންވާ މިނިވަންކަމަށް އެހެނިހެން ޤައިދުތައް ކުރިމަތިކުރެވޭ ނަމަ، އޭނާގެ ކެތްތެރިކަން ކޮޅުންލާ ދުވަހެއް އަންނާނެއެވެ. ހަމަޖެހުން ގެއްލިގެންދާ ހިސާބަކީ އެއީއެވެ. ހަމަ މިމަގުން ދައުލަތުގައި އޮންނަ ސަރުކާރަކީ ޚުދު މުޚުތާރު ސިފަތަކުން އެއްކިބާވެފައިވާ، ރައްޔިތުންގެ ލޯބި ލިބިފައިވާ ސަރުކާރަކަށް ވާންޖެހޭނެއެވެ. ދައުލަތް ބިނާކުރުމުގައި ޙަޤީޤީ ބާރުވެރި ފަރާތަކީ ދުސްތޫރީ ގޮތުން ރައްޔިތުންނެވެ. ދައުލަތެއްގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮންނާނީ ސިޔާސީ ގޮތުން ޙަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ތަފާތުކުރުމެއް ނެތި ޖާގަ ދެވިގެންނެވެ.ތަފާތު ވިސްނުންތައް އޮތުމަކީ ޞުލްޙަވެރިކަމަށް މަގުފަހިކުރެވޭނެ ކަމެކެވެ. ފިކުރީ ތަފާތުވުންތަކަކީ މުޖުތަމަޢުގައި ވަޒަންހަމަ ކުރުމުގެ މައިގަނޑު ތަނބެވެ. ކަންކަމުގައި ފާޑު ނުކިޔޭ ނަމަ ކަންކަން ރަނގަޅު ކުރެވޭނެ ގޮތެއްނޯންނާނެއެވެ. ބިނާކުރަނިވި ފާޑުކިއުންތަކަކީ ސިޔާސީ ހަމަޖެހުމުގެ ރުކުނެކެވެ.

ޤައުމީ ސަލާމަތާއި އަމަންއަމާންކަން

އަމަންއަމާންކަމަކީ ދައުލަތެއް ތަރައްޤީކުރުމުގެ އެންމެ މުހިންމު އެއް އަސާސެވެ. އަމަން އަމާންކަން ދެމެހެއްޓޭނީ އަމަންއަމާންކަން ދަމަހައްޓަން ވަރުގަދަ ބާރުތަކެއް އޮވެގެންނެވެ. އެ ބާރުތަކުގެ މީހުންނަކީ ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. އަދި އަމަން އަމާންކަން ބަލަހައްޓާ މުއައްސަސާތަކަކީ ބޭނުންވާ ވަސީލަތްތައް ފުރިހަމަ ވެފައިވާ މުއައްސަސާތަކަކަށް ވާންޖެހޭނެއެވެ. އެ ބާރުތައް ވާންޖެހޭނީ ކޮންމެ ހިނދެއްގައި ވެސް އެތެރެއިންނާއި ބޭރުން ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން ޤައުމު ސަލާމަތްކުރެވޭނެ ފަދަ ޤާބިލު ބާރުތަކަކަށެވެ. ޢަމުދުން މިޒަމާނުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑެވެ. ޓެކްނޮލަޖީގެ ބޭނުންކޮށްގެން ފިކުރީ ގޮތުން ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަކުރުމުގެ ފަލްސަފާއެއް، ދައުލަތުގެ އަމްނާ ބެހޭ މުއައްސަސާތަކުގައި އޮންނަންވާނެއެވެ. މިޒަމާނުގައި ގިނަ ފަހަރު ކުދި ކުދި ޤައުތަކަށް އަސްކަރީ ގޮތުން ކުރިމަތިލާންޖެހޭ ފަދަ ޙާލަތްތައް ނާދިރުވެދާނެއެވެ. އެހެން ނަމަވެސް އަބަދުވެސް ދައުލަތް އޮންނާނީ ފިކުރީ ގޮތުން ކުރެވޭ ހަނގުރާމައިގެ ޙާލަތުގައެވެ. އެއަށް ތައްޔާރުވެގެން ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. ދައުލަތެއްގައި ފިކުރީ އަމާންކަން ޤާއިމު ވެފައި އޮތުމަކީ ދައުލަތުގައި އަމްނާއި އަމާންކަން ދެމިއޮތުމުގެ އެންމެ މުހިންމު ރުކުނެވެ. މިހެންކަމުން ޑިފެންސް ފޯސްއާއި ޕޮލިސްގެ އެންމެ މުހިންމު ސްޓްރެޓެޖީ އަށް ވާންޖެހޭނީ ދައުލަތުގެ ތެރޭގައި ފިކުރީ އަމާންކަން ޤާއިމު ކުރުމަށް މަސައްކަތްކުރުމެވެ. މިކަންކަމުގެ އިތުރުން ދުނިޔޭގެ އެކި އެކި ޢަސްކަރީ ކޯލިޝަންތަކާއި ޞުލްޙަ ބަލަހައްޓާ ލަޝްކަރު ތަކުގައި ބައިވެރިވުމަކީ ވެސް އެކަމުގެ މަންފާ ދައުލަތަށް އޮންނާނެކަމެކެވެ.

އިޤުތިޞާދު

އިޤުތިޞާދަކީ ޤައުމެއްގެ މައިބަދައެވެ. ފުދުންތެރި އިޤުތިޞާދެއް ނެތް ޤައުމެއްގައި ވަރެއް ނުހުންނާނެއެވެ. މިހެންކަމުން މިޒަމާނުގައި ވެސް ދައުލަތްތަކުން އެންމެ ބޮޑަށް މަސައްކަތްކުރަނީ އެދައުލަތްތަކަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވޭތޯއެވެ. ރައްޔިތުންގެ ބޭނުންތައް ފުރިހަމަގޮތުގައި ފުއްދާދެވޭތޯ އެވެ. މައިގަނޑު ގޮތެއްގައި މިޒަމާނުގައި ޤައުމެއްގެ އިޤުތިޞާދު ބައްޓަންވެގެންދަނީ އަސާސީ ފަސްކަމެއްގެ މައްޗަށެވެ.

- އާލާވެގެންދާ ޠަބީޢީ ޤުދުރަތީ ވަސީލަތްތައް: މީގެ މުރާދަކީ ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ކަންކަމެވެ. ބައެއް ޤައުމުތަކުގައި ދަނޑުވެރިކަމަކީ އިޤުތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެވެ. އަނެއްބައި ޤައުމުތަކުގައި މަސްވެރިކަމަކީ ވެސް އެފަދަ މުހިންމު ވަސީލަތެކެވެ.

- ޕެޓްރޯލްއާއި މަޢުދަނުތައް: އާލާވެގެންދާ ޠަބީޢީ ވަސީލަތްތައް މަދު ޤައުމުތަކުގައި ތެލާއި މަޢުދަނުތަކުގެ އިޤުތިޞާދަކީ އެންމެ ވަރުގަދަ އިޤުތިޞާދެވެ، މިސާލަކަށް ދަންނަވަނީ ނަމަ ޕެޓްރޯލަކީ ދަނޑުވެރިކަން ފަދަ ވަސީލަތްތައް މަދު ޤައުމުގައި މުހިންމު ނިސްބަތެއް އަދާކުރާ ވަސީލަތެކެވެ.

- ޠަބީޢީ މަންޒަރުތަކާއި ރީތީ މާޙައުލާއި ތާރީޚާއި ޘަޤާފަތުގެ މައްޗަށް ބިނާވެފައިވާ ޓޫރިޒަމް: މިއީ ވަރަށް ގިނަ ޤައުމުތަކުގެ އިޤުތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކުން ވެސް ޓޫރިޒަމްގެ ހިންގުމުގެ ވައްޓަފާޅި ބަދަލު ގެނެސް ތަނަވަސްކުރަންޖެހެއެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ޓޫރިޒަމްގައި ހުރި ޢައިބަކީ އެއްގޮތަކަށް ބައްޓަންވެފައިވުމެވެ. ރާއްޖޭގެ ރިޒޯޓްތައް ތަފާތު ގޮތްތަކުގެ މައްޗަށް ބައްޓަން ކުރެވިދާނެއެވެ. މިހާރު އޮތް ގޮތުން ރާއްޖެ ބޮޑަށް ސިފަވަނީ ހަނީ މޫން މަންޒިލެއްގެ ގޮތުގައެވެ. ނުވަތަ ވަރުބަލި ފިލުވާކަން ނިދަން އަރާ ތަނެއްގެ ގޮތުގައެވެ. މިދެންނެވީ ކަނޑު އަޑީގެ މަންޒަރުތައް ބަލަން މީހުން ނާންނަ ވާހަކައެއްނޫނެވެ. ދަންނަވަން މިއުޅެނީ ހަމަ އެކަނި އަރާމުކޮށްލަން އަންނަ ތަނަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމެވެ. ވިޔަފާރި މޯލްތަކާއި މަރުކަޒުތަކާއި ސިނަމާތަކާއި ޕްލޭ ސްޓޭޝަންތައް ވެސް ހިމެނިގެން އާރަށްތައް އުފެދެންޖެއެވެ. މީގެ އިތުރުން ކޮންވެންޝަނަލް ގޮތްތަކާއެކު، ހަލާލު ޓޫރިޒަމް ވެސް ތަޢާރުފްކުރަން ޖެހެއެވެ. އެއީ ދުނިޔޭގެ ޓޫރިޒަމް ބާޒާރުގައި އެންމެ ހިންގާ ދާއިރާތަކެވެ. ރާއްޖޭގެ ޓޫރިޒަމް އާ އުސްމިނަކަށް ގެނެވިދާނެ ތަޞައްވުރެއް ފަހުން ހުށައަޅާދޭނަމެވެ.

- ޚިދުމަތާއި އުފެއްދުންތެރިކަމުގެ ވަރުގަދަ ބިންގާ: އުފެއްދުންތެރިމަކީ ބައެއް ދައުލަތްތަކުގެ އެންމެ މުހިންމު ވަސީލަތެވެ. ޠަބީޢީ ވަސީލަތްތަކާއި ދަނޑުވެރިކަން ފަދަ ކަންކަން މަދު ޤައުމުތަކުގައި އުފެއްދުންތެރިކަމުގެ ބާޒާރު ފުޅަލެވެ. ޖަރުމަނު ވިލާތަކީ މީގެ ނަމޫނާއެކެވެ. ޖަރުމަނުވިލާތުގެ އިޤުތިޞާދުގެ 71% އަކީ ޚިދުމަތާއި އުފެއްދުންތެރިކަމެވެ.

- ޓެކްނޮލެޖީއާއި ޢިލްމީ މަޢުރިފާގެ ޚިދުމަތުގެ ބާޒާރު: މީގެ މިސާލަކީ ކޮމްޕިއުޓަރ ޕްރޮގްރާމްތަކާއި މި ބާވަތުގެ ތަކެތި އުފައްދައި ވިއްކުން އިޤުތިޞާދުގެ ތެރޭގައި ދައުރުކުރުމެވެ.

ބައިނަލްއަޤުވާމީ ގުޅުން

ދައުލަތްތަކުގެ ތާޜީޚަށް ނަޒަރު ހިންގާލާއިރު ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ޒަމާނުއްސުރެ އޮތްކަމެކެވެ. ޚާއްޞަކޮށް އިސްލާމީ ދައުލަތް މަދީނާގައި އުފެދުމަށް ފަހު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ އެކި ދައުލަތްތަކަށް ފަތްކޮޅުތައް ފޮނުއްވައި އިސްލާމްދީން ތަޢާރުފްކޮށް އަރުއްވައި ގުޅުންތައް ބަދަހިކުރެއްވިއެވެ. އެ ޤައުމުތަކުގެ ވެރިން އިތުރު އެކަލޭގެފާނަށް ވަރަށް އިޙުތިރާމް ކުރެއްވިއެވެ. ހަދިޔަދާ ބަދިޔާ ވެސް ބަދަލު ކުރެއްވިއެވެ.

ބައިނަލްއަޤުވާމީ ގޮތުން ގުޅުން ބަދަހިކުރުމުގައި ބަލަންޖެހޭ އެންމެ މުހިންމު އަސާސަކީ މުޅި ދައުލަތުގެ މަޞްލަޙަތެވެ. ދެވަނަ އަސާސަކީ އެންމެ އަވަށްޓެރި ޤައުމުތަކާ މެދު ޚާއްޞަ އެކުވެރިކަމެއް ގެންގުޅުމެވެ. ސަބަބަކީ އެއީ އަވައްޓެރިއާއަށް ވާތީއެވެ. ކަމެއް ދިމާވާ ޙާލަތުގައި ގާތުގައި ތިބޭ ފަރާތްތަކަކީ އެންމެ މުހިންމު މަދަދު ގާރުންނެވެ. މިހެންކަމުން މުޅި ދައުލަތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމާއި އަވަށްޓެރިނަށް އިސްކަން ދިނުމަކީ ދައުލަތުގެ ޚާރިޖީ ސިޔާސަތު ހަމަ މަގުން ކުރިއަށް ދާނެ ކަމެކެވެ. ޢާއްމު ގޮތެއްގައި ދައުލަތްތަކުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅިގެންދަނީ އެ ދައުލަތެއްގެ ދުސްތޫރުގައި ބަޔާންވެގެންވާ ގޮތުގެ މަތިންނާއި ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ. ރައްޔިތުންގެ ރޫޙު ހުންނަ ގޮތަކީ ޚާރިޖީ ސިޔާސަތަށް އަސަރު ކުރާ ކަމެކެވެ. މިސާލަކަށް ފަލަޞްޠީނަށް ތާއިދުކުރުމުގައި ރާއްޖޭގެ ރައްޔިތުންގެ ވިންދު ހުރި ގޮތް، އެއީ ފަލަޞްޠީނުގެ ކަންކަމުގައި ދިވެހިދައުލަތުގެ ސިޔާސަތު އެއިގެ މައްޗަށް ބިނާވާ ކަމެކެވެ.

ވަކި ދީނެއްގެ އަހުލުވެރިންނަށް ނިސްބަތްވާ ޤައުމަކަށް ވިޔަސް އެ ޤައުމަކުން ޚާރިޖީ ގުޅުން ބަދަހިކުރަންޖެހޭނީ ހަމަ އެކަނި އެދީނެއްގެ އަހުލުވެރިބަޔަކާއެއްނޫނެވެ. ޘަޤާފީ ގޮތުން ގިނަކަންކަން އެއްދީނެއްގެ އަހުލުވެރިންގެ މެދުގައި ގިނަވިޔަސް، ޚާއްރިޖީ ގުޅުމަކީ ހުރިހާ ދައުލަތްތަކާއެކު އޮންނަ ގުޅުމެވެ. ވަކި ދީނަކަށް ޚާއްޞަކަމެއްނޫނެވެ.

އާދެ، އިސްވެ މި ދެންނެވި އަސާސްތަކަކީ މިޒަމާނުގައި ޤައުމެއް ތަރައްޤީކޮށް ދައުލަތް ހިންގުމުގައި ޢަމަލުކުރަންޖެހޭ އެންމެ މުހިންމު އަސާސްތަކެވެ. މި އަސާސްތައް ނޫނަސް ދައުލަތް ހިންގުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. މިދެންނެވީ މައިގަނޑު ކަންކަމެވެ.