ތޭވީސް އަހަރުގެ މުއްދަތު ފާއިތުވެގެން ދިޔައީ އެވެ. އިސްލާމީ ރިސާލަތުގެ މަތިވެރި ނޫރު ޢަރަބި ކަރައާއި ދުނިޔޭގެ ކަންކޮޅުތަކަށް ވަނީ ފެތުރިގެން ގޮސްފަ އެވެ. ގިނިކަންޏާ ފެއްޓެވި މަތިވެރި ތައުޙީދުގެ ދަޢުވަތު ވަނީ ފެތުރިފަ އެވެ. ބަލި ނުކުރެވޭނޭ ފަދަ ވަރުގަދަ ދައުލަތަކާއި އަސްކަރީ ބާރެއް ވަނީ ތައުސީސް ކުރެވިއެވެ. ޢަޤީދާގެ މައްޗަށް އުފަން ކުރެވުނު ޙަޟާރަތުގެ ތަނބުތައް ވަރުގަދަ ވެފައި ވެއެވެ. ޢިލްމީ ފިކުރާއި ޢުމްރާނީ ކުރިއެރުމުގެ ބިންގާތައް އުންމަތުގައި ޤާއިމު ކުރެއްވިއެވެ. ބައިބައިވެފަ އޮތް މުޖުތަމަޢު އެއްބައިވަންތަވެ، އިޖުތިމާޢީ އަޚުލާޤިއްޔާތުގެ ވަރުގަދަ އިންޤިލާބެއް ވަނީ އައިސްފައެވެ.
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިޞްލާޙީ ޙަރަކާތުގެ ތޭވީސް އަހަރުގެ މުއްދަތުގެ ތެރޭގައި ޙައްޖުގެ ފަރުޟު އަދާ ކުރައްވާފައި ނުވެއެވެ. އެކަލޭގެފާނު ޤުރުބާނީ ވެވަޑައިގެންނެވީ އިސްލާމްދީނުގެ ހިދާޔަތުގެ ދަންމަރު އިންސާނިއްޔަތަށް ފެތުރުއްވުމުގަ އެވެ. މަދީނާއަށް ހިޖުރަކުރެއްވިތާ 10 ވަނަ އަށްވީ އަހަރު، އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޤަސްތު ކުރައްވައި އެކަން އިޢުލާން ކުރެއްވި އެވެ.
މި އުފާވެރި ޚަބަރު މަދީނާއާއި ވަށައިގެންވާ ސަރުޙައްދުތަކަށް ފެތުރިގެން ދިއުމުން އިތުރު އެކަލޭގެފާނުގެ އަރިހުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް ހާސް ބަޔަކު ޝައުޤުވެރިވި އެވެ. މިގޮތުން އެކި ސަރަޙައްދުތަކުން މަދީނާއަށް މީސްތަކުން ޖަމަޢަވާން ފެށި އެވެ. ކޮންފަދަ މަތިވެރި ނަސީބެއްތޯއެވެ؟ އެންމެ މާތް މަތިވެރި ނަބިއްޔާގެ އަރިހުގައި ތަލްބިޔާކިޔައި އެކަލޭގެފާނުގެ އަރިހުގައި ތަވާފުކޮށް، އެކަލޭގެފާނާއެކު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ލިބުމަކީ އާދައިގެ ކަމެއްނޫނެވެ.
ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. މަދީނާއަށް ވަޑައިގެން ނުވަ އަހަރުވީ އިރުވެސް އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާ ނުކުރައްވަ އެވެ. ނަމަވެސް 10 ވަނަ އަހަރުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވަން ޤަސްތު ކުރެއްވި ހިނދު، އެތައް ބަޔަކު ބޭނުންވީ އެކަލޭގެފާނުގެ އަރިހުގައި އެބަރަކާތްތެރި ދަތުރުގައި ބައިވެރިވެ، އެކަލޭގެފާނު އެ އަޅުކަން އަދާކުރައްވާ ގޮތައް އަދާ ކުރުމަށެވެ. ދެން ފަހެ، ތިމަން ބޭކަލުން އެންމެން އެކަލޭގެފާނުގެ އަރިހުގައި ނިކުތީ އެވެ.
އިސްލާމީ މުއައްރިޚުން ބަޔާންކޮށްފައިވާ ގޮތުން އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މުސްލިމުންނާއެކު މަދީނާއިން ނިކުމެވަޑައިގެންވީ ހިޖުރައިން 10 ވަނަ އަހަރު ޛުލްޤަޢިދާ މަހުގެ 25 ވީ ހޮނިހިރު ދުވަހުގަ އެވެ. ލައްކައަކަށް ވުރެ ގިނަ މުސްލިމުންނާއެކު އެކަލޭގެފާނު ތަލްބިޔާގައި މައްކާއަށް ވަދެޑައިގެންނެވީ ހައިބަތުން ފުރިގެންވާ މަތިވެރި ޤާފިލާގަ އެވެ. އެންމެ ފުރަތަމަ އިސްލާމްވީ ބޭކަލުންނާއި މާތް މުހާޖިރުންނާއި މަތިވެރި އަންޞާރުންނާއި މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނާއި ޢަރަބީންގެ ޤަބީލާތަކުގެ ޒަޢީމުންގެ ގިނަ ބަޔަކު އިތުރު އެކަލޭގެފާނުގެ ކަނާތް ފަރާތާއި ވައަށް ފަރާތާއި ފަހަތްޕުޅުގައި ޢިހުރާމްގައި ތިއްބެވިއެވެ. އިތުރުއެކަލޭގެފާނަކީ އެމީހުން ފަދަ ބޭކަލެކެވެ. އެއީ ރަސްކަލެއް ނޫނެވެ. ނަބިއްޔެކެވެ. ﷲގެ އަޅެކެވެ، ޞާލިޙު ބޭކަލެކެވެ.
ކީރިތި ރަސޫލާ އަދާކުރެއްވި ޙައްޖަށް، ޙައްޖަތުލް ވަދާޢު ކިއުނީ އެއީ އެކަލޭގެފާނު އުންމަތަށް އަލްވަދާޢު ވިދާޅުވި މޭރުމަކުން ޢަރަފާތުގައި ޚުޠުބާ ވިދާޅުވި ޙައްޖު ކަމަށްވުމާއި އަދި އެކަލޭގެފާނުގެ ހަމަ އެކަނި ޙައްޖު ކަމަށް ވުމުން ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޙައްޖަތުލްވަދާޢުގެ ޚާއްޞަ ވެގެން ވަނީ އެއީ އެންމެ މާތް ޙައްޖަށްވުމެވެ. އެއީ އިސްލާމީ އުންމަތުގެ އަހުލުވެރިން މާތް ނަބިއްޔާގެ އަމީރުކަމުގެ ދަށުގައި ކުރި ޙައްޖެވެ.
އަދި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ޙައްޖަތުލްވަދާޢުގައި އެއްލައްކަ ސާޅީސްހާސް މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުގައި ޙައްޖު ކުރެއްވި އެވެ. އެއިގެ ތެރޭގައި ކުރިން ދެންނެވި ފަދައިން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި ޢަރަބި ޤަބީލާތަކާއި ޤުރައިޝުންގެ ތެރެއިން އިސްލާމްވީ އެތައްބަޔަކާއި އެތައް އަންހެން ބޭކަނބަލުން ވެސް ހިމެނެއެވެ. އެކަލޭގެފާނު ގިނި ކަންޏާ ފެއްޓެވި ރިސާލަތުގެ ދަޢުވަތު ﷲ ގެ ރަޙުމަތުން ފުރިހަމަ ކުރައްވައި އަލްވަދާޢު އެ ވިދާޅުވީ ތައުޙީދުގެ ދިދަ މި ބިންމަތީގައި އުފުއްލަވާނެ އެތައް ލީޑަރުންނާއި އެތައް ޢާލިމުންނެއް ތަރުބިޔަތު ކުރައްވާފަ އެވެ.
ޙައްޖަތުލްވަދާޢު ޚުޠުބާގެ ފަހުން، މާތް ﷲ އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވާލެއްވި އެވެ. "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ދީން ފުރިހަމަ ކުރައްވައިފީމު އެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިޢުމަތްތައް ފުރިހަމަ ކުރައްވައި، އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީންކަމުގައި ރުހިވޮޑިގެންފީމު އެވެ."
މި އާޔަތް ބާވާލެއްވުމުން އެއްބަޔަކު އުފާކުރިއެވެ. އެއީ ދީން ފުރިހަމަކުރައްވައި ނިޢުމަތްތައް ފުރިހަމަ ކުރެއްވިކަމުގެ މައްޗަށެވެ. އަނެއްބަޔަކު، ހިތާމަ ކުރިއެވެ. ހިތާމަ ކުރި މީހުން ހިތާމަކުރީ، އެ އާޔަތުން ދޭހަކޮށްދޭ ސިއްރު ޙިކުމަތާމެދު އެވެ. އެހެނީ ދީން ފުރިހަމަ ކުރައްވައި ނިންމެވުމުން ދޭހަކޮށް ދެނީ މާތް ނަބިއްޔާގެ އަޖަލު ކުޑަތަން ވެއްޖެ ކަމެވެ. އިތުރު އެކަލޭގެފާނު މި އުންމަތާ ވަކިވެވަޑައިގަންނަވާ ވަގުތު ޖެހިއްޖެ ކަމެވެ. އެއީ އަޞްޙާބު ބޭކަލުންނާއި އުންމަތަށް ތަޙަމުލްކުރަން ދަތިވި ކަމެއްކަން ކަށަވަރެވެ.
މި މަޒްނޫނުގައި ކުރު ގޮތަކަށް މި ގެނެސްދެނީ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ހިމެނޭ މުހިންމު އަސާސްތަކެވެ. ކީރިތި ރަސޫލާ ޢަރަފާތުގައި ދެއްވި ޚުޠުބާ ފެއްޓެވީ ވަރަށް ވެސް އަސަރު ގަދަ ޢިބާރާތަކުންނެވެ. އެއީ އެހާ ގިނަ ޢަދަދެއްގެ މުސްލިމުންނާއެކު އެއް ތަނަކުން، އެއަށް ފަހު ބައްދަލު ނުވެދާނެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާ ވަގުތު އަތުވެއްޖެކަމުގެ އިޝާރާތް ދެއްވަމުންނެވެ. ޢަރަފާތުގައި ޖަބަލުއްރަޙުމާގައި ހުއްޓިވަޑައިގެން ޚުޠުބާ ފައްޓަވަމުން ވިދާޅުވިއެވެ.
"އޭ މާތް ﷲގެ އަޅުތަކުންނޭވެ! ﷲ އަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މި މަޤާމުގައި ތިޔަބައި މީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެ އެވެ." ހިތްތައް ފަޅައިގެން ކުދިކުދި ވެގެންދާ ފަދަ ޢިބާރާތެކެވެ. އަމިއްލަ ފުރާނައާއި އަނބިދަރީންނަށް ވުރެ އިތުރު އެކަލޭގެފާނު ދެކެ ލޯބިވާ އަޞްޙާބު ބޭކަލުންނަށް ތަޙައްމުލްކުރަން ދަތިވި ޢިބާރާތްތަކެވެ. އެބޭކަލުންގެ ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ.
ޚުޠުބާ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ "މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ ﷲ އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޙަރާމް ވެގެންނެވެ. އެއީ މި ދުވަސް (ޙައްޖު ދުވަސް) އާއި މި މަހާއި (ޙައްޖު މަސް) މި ރަށް (މައްކާ) ޙުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ޙަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ޙަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ! އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހާ ރިބަވީ މުޢާމަލާތްތައް ބާޠިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާޠިލު ކުރާ ރިބާ އަކީ ބޮޑު ބޭބެ ޢައްބާސް ބިން ޢަބްދުލްމުއްޠަލިބް ގެ ރިބަވީ މުޢާމަލާތެވެ. އެކަންކަން ބާޠިލްވެގެން ވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! ނުޙައްޤުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުން ބާޠިލްވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް ﷲ ގެ ޙަޟްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ވެގެންވެއެވެ. (ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ތަކެއްވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެކަނބަލުންގެ މައްޗަށް ވެސް ވާޖިބު ތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރިން ނޫން ބަޔަކާ އެއްދާންކުރުމެއްނެތެވެ. އަދި ފިރިން ނުރެހޭ މީހުން އެކަނބަލުންނާ މުޢާމަލާތު ކުރުމެއްވެސް ނެތެވެ. ފިރިން ނުރެހޭ މީހުން ފިރިންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެފަދަ ކަމެއް އެކަނބަލުން ކޮށްފި ނަމަ އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތް ﷲ އިޒުނަ ދެއްވާފައިވެއެވެ. އެކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ އެކަނބަލުންނަށް ހެޔޮކޮށް ހިތައި ހެޔޮ ގޮތުގައި ޚަރަދު ބަރަދު ދިނުން ހުއްޓެވެ.
އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެކަނބަލުންނަކީ ތިޔަބައިމީހުންނާ ﷲ ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ ﷲގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! އެންމެހާ މުސްލިމުންނަކީ އަޚުންނެވެ. އެކަކު އަނެކެއްގެ މުދާ އަޚާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެން ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ. ތިމަން ކަލޭގެފާނު ވަކިވެގެން ދަނީ ދެ އެއްޗެއް ދޫކުރައްވާފަ އެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ. އޭގައި ހިފަ ހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ ﷲ އެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށިންނެވެ. ﷲގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެ އަށް ތަޤުވާވެރިވި މީހާއެވެ. ތަޤުވާވެރިކަމުން މެނުވީ ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރި ކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބައެކެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! މާތް ﷲ ވަނީ ތަރިކަ މުދާ ބަހަންވީ ގޮތް ކަނޑައަޅުއްވާފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ޙައްޤު ލިބުން ހުއްޓެވެ. ވާރިސަކަށް މުދަލުން ވަޞިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ޢަދަދަކުން ވަޞިއްޔަތް ކުރުމެއް ވެސް ނެތެވެ. ޒިނޭކުރި އަންހެނާގެ ދަރިލައްވާހުށީ ތައްމައްޗަށެވެ. އޭނާއަށް ވަނީ ﷲ ކަނޑައަޅުއްވާފައިވާ ޢުޤޫބާތެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ފަރާތުން ލަޢުނަތް ހުއްޓެވެ. ވައްސަލާމް!
ދެން އެއްވެފައި ތިބި މުސްލިމުން ދެންނެވިއެވެ. ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވައިފި އެވެ. ތިމަންމެން އެކަމުގެ މައްޗަށް ހެކިވަމުއެވެ. ދެން ވިދާޅުވި އެވެ. މިތަނަށް ޙާޟިރުވި މީހުން، ޙާޟިރު ނުވާ މީހުންނަށް މި ވާހަކަތައް ފޯރުކޮށްދޭށެވެ.
ޙައްޖުގެ ޚުޠުބާގައި އެކަލޭގެފާނު އިއްވެވި އަސަރުގަދަ ނަސޭޙަތްޕުޅުތަކަކީ އިންސާނީ ޙައްޤުތަކުގެ އިސްލާމީ ޗާޓަރެވެ. އެ ޚުޠުބާގައިވަނީ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމަތު ރައްކާތެރިކުރުމާއި މީސްތަކުންގެ މެ3ދުގައި ހަމަހަމަކަން ޤާއިމު ކުރުމާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އަނބިންނަށް ހެޔޮކޮށް ހިތުމާއި ފިރިންނަށް ހެޔޮކޮށްހިތުމާއި މުދަލާއި އަބުރު ޙިމާޔަތްކުރުމާއި ނަސްލީ ތަފާތު ނައްތާލުމާއި ރިބަވީ މުޢާމަލާތްތައް ނައްތާލުމާއި މިފަދަ އެތައް އަސާސެއް ޤާއިމު ކުރައްވާފައެވެ. ކީރިތި ރަސޫލާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ އެތައް ޤަރާރެއްގެ ރިފަރެންސެކެވެ.
ކީރިތި ރަސޫލާ ޙައްޖުގެ ފަރުޟު އަދާކުރެއްވުމަށް ފަހު މަދީނާ އަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަޖަލު ކުޑަތަންވަމުން ދިޔައެވެ. މުޢާޒް ބިން ޖަބަލު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްދީނަށް ގޮވާލައްވަން ޔަމަނަށް ވަޑައިގަންނަވަން ކީރިތި ރަސޫލާ އެދިވަޑައިގެންނެވި އެވެ. އަދި ތިމަންކަލޭގެފާނު ދަތުރަށް ނިކުންނަވަން މަދީނާގެ ރައްބޭރަށް ނިކުމެވަޑައިގަތުމާ ހަމައަށް ކީރިތި ރަސޫލާ ތިމަންކަލޭގެފާނުގެ އަރިހުގައި ނިކުމެވަޑައިގެންނެވި އެވެ. އަދި ތިމަންކަލޭގެފާނަށް އަލްވަދާޢު ވިދާޅުވަމުން ސަލާމް ކުރައްވައި ވިދާޅުވިއެވެ.
"އޭ މުޢާޒެވެ! ފަހަރުގައި ކަލޭގެފާނު ޔަމަނުން މަދީނާއަށް އެނބުރި ވަޑައިގަންނަވާއިރު، ތިމަންކަލޭގެފާނާ ބައްދަލު ނުވެދާނެ އެވެ. އެހެން ވެއްޖެ ނަމަ ތިމަން ކަލޭގެފާނުގެ މިސްކިތަށް ޒިޔާރަތް ކޮށްދެއްވާށެވެ! ތިމަންކަލޭގެފާނުގެ ޤަބުރުފުޅުވާނީ އެތަނުގަ އެވެ."
އެ ވާހަކަ އަޑު އައްސަވައި މުޢާޒް ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. ކަން ވީ ވެސް އެހެންނެވެ. މުޢާޒް ޔަމަނުން އެނބުރި ވަޑައިގެންނެވި އިރު އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފި އެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވީ ހިޖުރައިން 11 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 12 ވީ ހޯމަ ދުވަހުގަ އެވެ. އެއީ ޙައްޖަތުލްވަދާޢުގެ ދެމަސް ދުވަސް ފަހުންނެވެ. އެކަލޭގެފާނުގެ ސުވަރުގެ ވަޑައިގަތް ދުވަހަކީ އިސްލާމީ އުންމަތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. މަދީނާގެ ތެރޭގައި އޮތީ ގިސްލާ ރުއިމުގެ އަޑެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރީ އިމާމަކާ ނުލަ އެވެ.
ތިން ދުވަސް ފަހުން ފަސްދާނު ލެވުނީ ސުވަރުގެ ވަޑައިގެންނެވި މަޤާމުގަ އެވެ. އެއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން މުއުމިން ތަކުންގެ މަންމަ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގަ އެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ޙާލަތާއި އެދުވަހުގައި ކަންހިގާދިޔަ ގޮތުން މައްޗަށް މައްޗަށް އެހެން މަޒްމޫނެއް ލިޔާހުށީމެވެ. މާތް ﷲ އިތުރު އެކަލޭގެފާނުގެ ޝަފާޢަތް އަޅަމެން އެންމެނަށް މިންވަރު ކުރައްވާނދޭވެ! އާމީން.