ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ރަސޫލާ ޤާއިމު ކުރެއްވި ދައުލަތުގެ އިޤުތިޞާދު

އިޤުތިޞާދަކީ ކޮންމެ މުޖުތަމަޢެއްގެ ވެސް މައިބަދައެވެ. އަލްޤުރައިޝް ސޫރަތުގައި ބަޔާންވެގެންވާ ގޮތުން މާތް ﷲ ޤުރައިޝުންނަށް ދެއްވި ނިޢުމަތްތައް ހަނދާން ކޮށްދެއްވަމުން، އެމީހުންގެ ފިޔަފާރީގެ ޤާފިލާތަކުގެ ވާހަކައާއި އެމީހުންނަށް އިޤުތިޞޯދީ ފުދުންތެރިކަން ދެއްވައި އަމާންކަން ދެއްވި ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ.

އެ ސޫރަތުން ބަޔާންކުރައްވާފައިވަނީ ފިނިމޫސުމާއި ހޫނު މޫސުމުގައި ޤުރައިޝުންގެ ކުރަމުން ދިޔަ ބައިނަލްއަޤުވާމީ ފިޔަފާރީގެ ޤާފިލާތަކުގެ ވާހަކައެވެ. އަދި އަމަން އަމާންކަމުގެ ކުރިއަށް އިޤުތިޞާދީ ފުދުންތެރިކަމުގެ ވާހަކަ ގެންނަވާފައި ވެއެވެ. އެއިން ދޭހަކޮށްދެނީ އިޤުތިޞާދީ ފުދުންތެރިކަމަކީ އަމަންއަމާންކަމުގެ އަސާސްކަމެވެ. އެތަނެއްގެ އިޤުތިޞޯދަކީ ހީނަރު އިޤުތިޞާދެއް ނަމަ އެތަނެއްގެ ރައްޔިތުން އުޅެމުންދާނީ ފަޤީރުކަން މަތީގައެވެ. ފަޤީރުކަމަކީ ނާމާންކަމަށް މަގު ފަހިކުރުވާ ކަމެކެވެ.

އިސްލާމީ ރިސާލަތު ބާވާލެއްވުނީ ހަމަ އެކަނި އާޚިރަތަށްޓަކައެއް ނޫނެވެ. ދުނިޔެ ތަޢުމީރު ކުރުމާއި ތަރައްޤީކުރުމާއި އެކު އާޚިރަތް ހޯދުމަށެވެ. ވަޒަންހަމަ ފިޠުރީ އުޞޫލުތަކެއްގެ މަތީގައި އިންސާނާ ލައްވާފައިވެއެވެ. އެހެންކަމުން ދީނަކީ އަޅުކަމާއި މުޢާމަލާތުގެ ދީނެވެ. ދައުލަތާއި އިޤުތިޞާދާއި ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ދީނެވެ.

އިސްލާމީ ދައުލަތަކީ ޢަރަބި ޖަޒީރާގައި މުޅިން އަލަށް އުފަންވެގެން ދިޔަ ދައުލަތެއްކަމުން ދައުލަތުގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ޤާއިމުކުރެއްވުމަށް ވަރުގަދަ އަސާސްތަކެއް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤާއިމު ކުރެއްވިއެވެ. އިސްލާމީ ދައުލަތް ޤާއިމުވެގެން ދިޔައީ މަދީނާގައެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ނަބިއްޔާގެ އިތުރުން ދައުލަތުގެ އެންމެ މަތީވެރިޔާއެވެ. އަދި ޢަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާވެސް މެއެވެ. މިޒަމާނުގެ ގޮތުން ދަންނަވަނީ ނަމަ، ޤައުމުގެ ރައީސެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤާއިމު ކުރެއްވި ދައުލަތުގައި އިޤުތިޞާދީ އަސާސްތަކެއް ޤާއިމު ކުރެއްވިއެވެ. އިތުރު އެކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގެ ނަމަކީ ޔަޘްރިބެވެ. ނަމަވެސް އެތަނުގެ ނަން ބަދަލު ކުރައްވައި އެރަށަށް މަދީނާގެ ނަމުން ނަން ދެއްވިއެވެ. އެތަނުގައި މިސްކިތް ބިނާ ކުރެވުނެވެ. އެ މިސްކިތްވެގެން ދިޔައީ އަޅުކަމުގެ މަރުކަޒުގެ އިތުރުން ތަޢުލީމު ދޭ މަރުކަޒުގެ ގޮތުގައެވެ.

އަދި މަޝްވަރާ ކުރާ ބަރުލަމާނުގެ ގޮތުގައެވެ. އަދި ދައުލަތް ހިންގާ އިދާރާ ކަމުގައެވެ. އަދި މެހުމާނުންނަށް އިސްތިޤުބާލު ކުރައްވާ މެހްމާންޚާނާކަމުގަ އެވެ. މަދީނާގެ މާނައަކީ (ސިޓީ) އެވެ. އަލްމަދީނަތުއްނަބަވިއްޔާގެ މާނައަކީ ނަބަވީ ސިޓީއެވެ. އެޒަމާނުގައި ވެސް ރަށެއް ސިޓީ އަކަށް ބަދަލުވަނީ ވަކި ކަންކަމެއް އެތަނުގައި ފުރިހަމަވެގެންނެވެ. އެތަނުގެ އާބާދީ އަށް ވެސް ބަދަލުތަކެއް އައިސްގެންނެވެ. މިކަންކަން ފުރިހަމަ ވުމަށް ފަހު ޔަޘްރިބު ނަން މަދީނާއަށް ބަދަލުވެގެން ދިޔައެވެ. މަދީނާ ވެގެން ދިޔައީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤާއިމު ކުރެއްވި ދައުލަތުގެ ވެރިރަށަށެވެ.

މަދީނާގެ އިޤުތިޞާދު

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތް ޤާއިމު ކުރެއްވިއިރު، އެތަނުގެ އިޤުތިޞާދު އޮތީ ޔަހޫދީންގެ އަތްމަތީގައެވެ. ވިޔަފާރީގެ ބާޒާރު ވެސް އޮތީ މުޅިން ޔަހޫދީންގެ އަތް މަތީގައެވެ. އަދި ފައިސާ ވެސް ހުރީ އެމީހުންގެ އަތް މަތީގައެވެ. ލޯނު ދޫކުރަނީ ވެސް އެމީހުންނެވެ. އަދި އެލޯނުތަކުން ރިބަވީ ގިނަ މުޢާމަލާތްތަކެއް އެމީހުން ހިންގަމުން ދިޔައެވެ. އަދި ޢާއްމު ގޮތެއްގައި މަދީނާގެ އިޤުތިޞާދު ބިނާވެފައި އޮތީ ބަކަރި ހުއި ހެއްޕުމާއި ވިޔަފާރިއާއި ނަޢަމްސޫފީގެ ވިޔަފާރިއާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މައްޗަށެވެ. ޔަހޫދީންގެ އަތްމަދީގައި އޮތް އިޤުތިޞާދު މުސްލިމުންގެ އަތްމައްޗަށް ފުރޮޅާލެއްވުމަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިކުމަތްތެރި ފިޔަވަޅު ތަކެއް އެޅުއްވިއެވެ. މިގޮތުން ކުރެއްވި ކަންކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަވެއެވެ.

(ހ) ބާޒާރު ޤާއިމު ކުރުން: ބަނީ ޤައިނުޤާޢު (ޔަހޫދީން)ގެ ބާޒާރުތަކުގެ ތެރޭގައި މުސްލިމުންނަށް އެއްވެސް ޖާގައެއް ނުލިބުމުން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގެ ތެރޭގައި ހިންގަވައި، ހުސްބިމަކަށް ވަޑައިގެން އެތަނުގައި ފައިންޕުޅުން ޖައްސަވައި ވިދާޅުވީ މިއީ ތިޔަބައިމީހުންގެ ބާޒާރެވެ. މިތަނަކީ ފިޔަފާރީގެ މަރުކަޒުކަމުގައި ހަދާށެވެ. އެއަށް ފަހު މުސްލިމުން އެތަނުގައި ފޭލިގެ ޖަހައި އެތަނަކީ ބާޒާރު ކަމުގައި ހަދައި ހުރިހާ ވިޔަފާރީގެ މުޢާމަލާތުތައް އެތަނުގައި ކުރިއަށް ދާނެ ގޮތް ޤާއިމު ކޮށްފިއެވެ. އަދި މަދީނާ ހުރަސްކޮށް ދާ ބައިނަލްއަޤުވާމީ ފިޔަފާރީގެ ޤާފިލާތައް ވެސް މަރުކަޒު ކުރާ ތަނަކަށް އެތަންވެގެން ދިޔައެވެ. އަދި އެތަނަކީ ޓެކްސް ފްރީ ބާޒާރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ޢަޠާއު ބިން ޔަސާރު ވިދާޅުވިއެވެ. " މަދީނާގައި ބާޒާރެއް ޤާއިމުކުރެއްވުމަށް ކީރިތި ރަސޫލާ ޤަސްތުކުރެއްވި ހިނދު، ޤައިނުޤާޢު (ޔަހޫދީން) ވަންހައިގެ ބާޒާރަށް ވަޑައިގަތުމަށް ފަހު، ދެން މަދީނާގެ ތެރެއަށް ނިކުމެވަޑައިގެން، މަދީނާގެ ބާޒާރުގެ ބިމުގައި ފައިންޕުޅުން ޖައްސަވައި ޙަދީޘްކުރެއްވިއެވެ. މިއީ ތިޔަބައިމީހުންގެ ބާޒާރެވެ. މިތަނުގައި އެހެންމީހަކަށް ދަތިނުކޮށް ތިޔަބައިމީހުން ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދާށެވެ. އަދި މިތަނުގައި ކުރެވޭ ވިޔަފާރީއަށް ( ޚަރާޖު) ޓެކްސް ނެގުމެއް ނެތެވެ." މިފިޔަވަޅު އެޅުއްވީ ޔަހޫދީން ޙިޞާރުކޮށްފައިވާ މަދީނާގެ އިޤުތިޞާދު މިނިވަންކޮށް އިސްލާމީ މުޖުތަމަޢުގެ އިޤުތިޞާދު އިސްލާމުންގެ އަތް މައްޗަށް ފުރުޅާލެއްވުމުގެ މަޤުޞަދުގައެވެ. އަދި އަމިއްލަ ވަންތަކަން ޤާއިމު ކުރުމުގެ މަޤުޞަދުގައެވެ. މީގެ ސަބަބުން ޔަހޫދީންގެ އަތްމަތީގައި އޮތް އިޤުތިޞާދު ހީނަރުވެގެން ދިޔައެވެ. މިއީ މިޒަމާނުގެ ފަލްސަފާއިން ބަލާ ނަމަ އަމިއްލަ އިޤުތިޞާދު ޤާއިމުކުރުމާއި ޓްކްސް ފްރީ މާކެޓް އުފެއްދުމާއި، އެހެނިހެން ވެސް އިޤުތިޞާދީ ކަންކަން ކުރުމުގައި ނަމޫނާ ލިބިގަނެވޭނެ ފިލާވަޅެކެވެ. އަދި ދައުލަތުގައި ވިޔަފާރީގެ މަރުކަޒުތަކާއި މޯލްތަކާއި ސެންޓަރތައް ޤާއިމުކުރުމުގެ އަސާސީ ނަމޫނާއެކެވެ.

ވިޔަފާރީގެ މަރުކަޒުތަކުގައި ވާދަވެރިކަން ހުއްދަ ކުރެއްވިއެވެ. ވިޔަފާރީގެ މުޢާމަލާތުގައި މަކަރު ހަދައިފި މީހަކީ މުސްލިމުންގެ ތެރެއިންވާ މީހެއްނޫންކަން ކަނޑައެޅުއްވިއެވެ. ތެދުވެރިކަމާއި އަމާނާތްތެރިވުމަށް ބާރު އެޅުއްވިއެވެ. މީހެއްގެ ނުރުމުގައި އެމީހެއްގެ މުދާ ބޭނުން ނުކުރަން އެނގެވިއެވެ. ތަފާތު ދީންތަކުގެ އަހުލުވެރިންގެ މެދުގައި ވިޔަފާރީގެ މުޢާމަލާތް ހުއްދަކުރެއްވިއެވެ. ލޯން ނެގުމާއި ރަހުނު ބެހެއްޓުން ހުއްދަކުރެއްވިއެވެ. އިސްރާފު ކުރުން މަނާކުރެއްވިއެވެ. ޙަލާލު ގޮތުގައި މުދާ ހޯދުމާއި މިލްކުކުރުމަށް އެނގެވިއެވެ. އިންވެސްޓްކުރުމަށް ބާރު އެޅުއްވިއެވެ. ދަރަނީގެ މުޢާމަލާތުތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުއްވިއެވެ. ރަހުނު ނުވަތަ މޯ ގޭޖް ކުރުމުގެ ނިޒާމު ކަނޑައެޅުއްވިއެވެ. ވިޔަފާރީގެ މުޢާމަލާތުގެ އެތައް ގޮތެއް ތަޢާރުފް ކުރެއްވިއެވެ.

(ށ) ބިން ދިރުވައި އާރާސްތު ކުރުން: މަދީނާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަން އޮތެވެ. ނަމަވެސް ދައުލަތް ޤާއިމުވުމަށް ފަހު، ރައްޔިތުންނާއި ދައުލަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި އިޤުތިޞާދު ފުޅާކުރަންޖެހުނެވެ. މިކަމުގައި އެޅުއްވީ ވެސް ވަރަށް ޙިކުމަތްތެރި ފިޔަވަޅުތަކެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވިއެވެ. " ހަނަފަސް ބިމެއް ދިރުވައިފި މީހަކަށް އެތަން މިލްކުވާނެއެވެ" މީގެ ސަބަބުން މީސްތަކުން ނިކުމެ، ބިންތައް ދިރުވައި އެތަންތަން އާރާސްތުކޮށް އެތަންތަނުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަންފަށައިފިއެވެ. ދަނޑުވެރިކަމުގައި ފުޅާދާއިރާއެއްގައި އަންހެން ކަނބަލުންވެސް މަސައްކަތްކުރިއެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިންޤިލާބެއް އައިސް އެއިގެ ވިޔަފާރި ވެސް ފުޅާވެގެން ދިޔައެވެ. އަދި ދައުލަތުގެ ފަރާތުން ގޮވާން ކުރުމަށް ބާރު އެޅުއްވިއެވެ.
(ނ) ނަޢަމްސޫފީގެ ވިޔަފާރި ފުޅާކުރުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމު ވެގެން ދިޔަ އިރުވެސް އެތަނުގައި ނަޢަމްސޫފީގެ ވިޔަފާރި އޮތެވެ. ހުއިހެއްޕުން އޮތެވެ. ނަމަވެސް އެކަންކުރުމުގައި މުޖުތަމަޢުގައި އިޙުތިކާރު
(Monopolize) ކުރުން އޮތެވެ. އެކަންކަން ހުއްޓުވައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިކުމަތްތެރި ފިޔަވަޅުތައް އެޅުއްވިއެވެ. އަދި ނަޢާމް ސޫފީގެ ވިޔަފާރި ދަމަހައްޓައި ފުޅާކުރަން ބޭނުންވާ ވަސީލަތްތަކަކީ ވަކި މީހެއްގެ އެއްޗެހިތަކެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެއީ އެންމެން ޝާމިލުވާ، އަދި އަގު ނަގަން ނުޖެހޭ އެއްޗެއްކަމުގައި ހެއްދެވިއެވެ. އިތުރު އެކަލޭގެފާނު ޙަދީސްކުރައްވިއެވެ. "އަލިފާނުގެ ބޭނުން ހިފުމާއި ހުއިހެއްޕުމަށް ބޭނުންވާ ( ވިނަ ކާނާ) އާއި ފެނާއި މި ތިންކަމުގައި މުސްލިމުނަށް ބައިވެރިވެވޭނެއެވެ. " އެއިގެ މާނައަކީ މިއީ ގަންނަންޖެހޭ ތަކެއްޗެއްނޫނެވެ. އަވައްޓެރިޔާ އަތުގައި މިއިން ވަސީލަތެއްވާނަމަ އަނެއްމީހާއަށް އަގެއްނެތި ފޯރުކޮށްދިނުމަކީ ޖާއިޒު ކަމަކަށް ވެގެން ދިޔައެވެ. މީގެ ސަބަބުން މި ދާއިރާގެ ވިޔަފާރިއަށް ވަރަށް ބޮޑު އިންޤިލާބެއް އައެއެވެ.

(ރ) އުފެއްދުންތެރިކަން ކުރިއެރުވުން: ކުރާ މަސައްކަތެއް އެންމެ ކޮލިޓީގައި ކުރުމަށް ބާރު އެޅުއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " އެމީހަކު ކުރާ ކަމެއް ވީހާވެސް ފެންވަރު ރަނގަޅުކޮށް ކުރާމީހާ ދެކެ ﷲ ލޯބިވޮޑިގެން ވެއެވެ. " އެހެންކަމުން މަސައްކަތުގެ ދާއިރާގައި މުސްލިމުން ކުރިއަރައިދިޔައެވެ. އަދި އަތްތެރި މަސައްކަތަކީ ފާހަގަ ވެގެން ދިޔަކަމެކެވެ. ބައެއް އަޞްޙާބު ބޭކަލުންގެ އަނބިއަނބި ކަނބަލުން ވެސް އަތްތެރި މަސައްކަތުގައި އުޅުއްވިއެވެ. އެތަކެތި ހަދައިގެން ފިޔަފާރި ކުރެއްވިއެވެ. މީގެ ސަބަބުން މުސްލިމުންގެ މުޖުތަމަޢު ތަނަވަސް ވެގެން ދިޔައެވެ. ޖީބަށް ވަންނަ ފައިސާ އިތުރުވެގެން ދިޔައެވެ. މުޖުތަމަޢަށް އުފާވެރިކަން ލިބިގެން ދިޔައެވެ.

(ބ) މަސައްކަތްތަކުރުމަށް ހިތްވަރު ދެއްވުން: އެއްވެސް މީހަކީ ކަމެއްނެތި، އަނެއް މީހުންގެ މައްޗަށް ބަރޯސާވެގެން އުޅޭ މީހަކަށް ވެގެން ނުވާނެކަމަށް އެންގެވިއެވެ. އެންމެ ހެޔޮ އެއްޗަކީ އަމިއްލަ އަތުން ޤާއިމު ކުރާ އެއްޗެއްކަމުގައި ޙަދީސްކުރެއްވިއެވެ. އަދި ދާއޫދުގެފާނުގެ ސިޔާސަތަކީ ވެސް އެއީ ކަމާއި އެކަލޭގެފާނުގެ ފަރިއްކުޅުއްވާ ތަކެއްޗަކީ އަމިއްލަ މަސައްކަތްތުން އެކަލޭގެފާނު ހޯއްދެވި ތަނަވަސްކަމެއްކަމުގައި ހަދީޘްކުރެއްވިއެވެ. މި ސިޔާސަތުގެ ސަބަބުން ކޮންމެ މީހަކުވެސް މަސައްކަތްކުރަން ފެށިއެވެ. މިޒަމާނުގައި މިކަންކަންކަމުން މިސާލު ލިބިގަންނަން ޖެހޭނެއެވެ. އިޤުތިޞާދުގައި މުސްތަޤިއްލުކަން އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ފަރުދީ ލެވަލްގައި ވެސް އަދި ޖަމާޢަތުގެ ލެވަލްގައިވެސް އަދި ދައުލަތުގެ ލެވެލްގައި ވެސް މިކަން އޮންނަންވާނީ އެގޮތަށެވެ.

(ޅ) ޓެކްސް ނެގުން ތަޢާރަފްކުރުން: ޙަޤީޤަތަކީ އިސްލާމީ ދައުލަތުގެ އިޤުތިޞާދީ އެއްވަސީލަތަކީ ޓެކްސް އެވެ. ޓެކްސްގައި އެކި ބަވާތް ބާވަތުގެ ޓެކްސް ހުރެއެވެ. އެއިގެ ތެރޭގައި އިސްލާމީ މުޖުތަމަޢުގައި އުޅެމުން ދިޔަ ޣައިރު މުސްލިމުން އަތުން ނަގަމުން ދިޔަ ( ޖިޒްޔަ) ޓެކްސްއާއި ބިމުން ނަގަމުން ދިޔަ ( ޚަރާޖު ) ޓެކްސް އެވެ. އަދި ވިޔަފާރީގެ މުޢާމަލާތު ތަކުން ނަގަމުން ދިޔަ ( ޟަރީބާ) ޓެކްސް ހިމެނެއެވެ. އިސްލާމީ މުޖުތަމަޢުގައި ރަސޫލާގެ ޙަޔާތްޕުޅުގައި ޖިޒުޔަ ޓެކްސް ތަޢާރަފް ވެގެން ދިޔައެވެ. އެ ޓެކްސްއަކީ އެމީހުންނަށް އިސްލާމީ މުޖުތަމަޢުގައި އުޅުމުގެ އެންމެހާ ޙައްޤުތަކެއް ފަހިވާ ގޮތައް ދައުލަތަށް ދޭ އެއްޗެކެވެ. ބިމުންނެގި ޓްކްސް ތަޢާރުފް ވެގެން ދިޔައީ ވެސް ރަސޫލާގެ ޙަޔާތްޕުޅުގައެވެ. ޚައިބަރުގެ ބިން ފަތަޙަކުރެއްވުމަށް ފަހު އެތަނުގެ ފައިދާއިން ކޮންމެ އަހަރަކު ވެސް ވަކި ޕަސެންޓެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ގޮތަށް ކަނޑައަޅުއްވައި އެބިން އެތަނުގެ އަހުލުވެރިންނަށް ދޫކޮށްލެއްވިއެވެ. އިސްލާމީ އިޤުތިޞާދުގެ ޓްކްސްގެ ނިޒާމު އެންމެ ބޮޑަށް ފުޅާވެގެން ދިޔައީ އަމީރުލްމުއުމިނީން ޢުމަރު ބިން ޚައްޠާބުގެ ވެރިކަމުގައެވެ. އެވެރިކަމުގައި މަދީނާ ހުރަސްކޮށްދާ ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތަކުގެ ވިޔަފާރިންވެސް ޓެކްސް ނެންގެވިކަމަށް ވެއެވެ.

(ކ) ޒަކާތުގެ ނިޒާމު ތަޢާރަފްކުރުން: ޒަކާތަކީ އާދަޔާ ޚިލާފު މާލީ ނިޒާމެކެވެ، މުޖުތަމަޢުން ފަޤީރުކަން ނެތިކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ވަސީލަތެވެ. އެއީ އިސްލާމީ އިޖުތިމާޢީ ފަންޑެވެ. މިޒަމާނުގައި ވެސް ދައުލަތުން ހިލޭ އެހީދޭ ފަންޑު ފަދައިން އިސްލާމީ ދައުލަތުގައި އޮންނަ ނިޒާމަކީ އެއީއެވެ. ޒަކާތުގެ ނިޒާމު ދަމަހައްޓަނީ ދައުލަތުންނެވެ. ފަޤީރުންނާއި މިސްކީނުންނާއި ޢާމިލުންނާއި ދަރަނިވެރިންނާއި އަޅުންމިނިވަންކުރުމަށާއި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާއެކު އެކުވެރިކޮށް އުޅޭ މީހުންނަށާއި ދަތުރުމަތީގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށާއި ﷲގެ މަގުގައި ހޭދަކުރުމަށް ޒާކާތުގެ ނިޒާމުގެ ތެރެއިން ޚަރަދު ކުރުން ފަރުޟު ކުރެއްވިއެވެ. މިޒަމާނުގައި ވެސް މިނިޒާމު ތަރައްޤީކުރެވި، ޒަކާތަށް ޚާއްޞަ އޮފީހެއް ހަދައި، ޤާނޫނީ އުޞޫލެއްގެ ދަށުން ޒަކާތުގެ ފައިސާ ދައުލަތުގެ ފަރާތުން އިންވެސްޓްކޮށްފި ނަމަ އެއީ ދުވަހަކުވެސް ނިމުމެއް ނާންނާނެ އަހަރުން އަހަރަށް ޖީލަކުން ޖީލަކަށް ވާރުތަވެގެންދާނެ ވަރުގަދަ މާލީ ނިޒާމެކެވެ.

(އ) ފައިއާއި ޣަނީމާ މުދާ: ފައިއުއާއި ޣަނީމާ މުދަލަކީ ރަސޫލާ ޤާއިމު ކުރެއްވި ސަރުކާރުގެ ބައިތުލްމާލަށް (ސެންޓްރަލް ބޭންކް) އަށް ވަންނަ އެއްޗެކެވެ. އެއިގެ ބޭނުންކުރަންވީ ގޮތް ވެސް އަންގަވާފައިވެއެވެ. ފައިއު މުދަލަކީ ހަނގުރާމައަކާ ނުލައި އިސްލާމީ ދައުލަތުގެ ދުޝްމަނުން ދޫކޮށްފައިވާ މުދަލެވެ. އެއާމެދު ޢަމަލުކުރަންވީ ގޮތް ކީރިތި ރަސޫލާގެ އިޚުތިޔާރަށް ދޫކުރައްވާފައިވެއެވެ. އަލްޙަޝްރު ސޫރަތުގެ ހަތްވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. (ރަށްރަށުގެ أهل ވެރިންގެ ކިބައިން، اللَّه، އެކަލާނގެ رسول އާއަށް فَىء މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، اللَّه އަށާއި، رسول އާއަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށް خاص ވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި دور ވޭވެ ހުރިޔަނުދިނުމަށްޓަކައެވެ. އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.)
ޣަނީމާ މުދަލަކީ ހަނގުރާމައަށް ފަހު، އިސްލާމީ ދައުލަތުގެ ދުޝްމަނުން އަތުން ލިބޭ މުދަލެވެ. ކީރިތި ޤުރުއާނުގެ އަލްއަންފާލް ސޫރަތުގައި ސާޅީސް އެއްވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. (ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) رسول އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّر ން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلم ންނަށެވެ. އަނެއްބައި خاص ކުރެވިގެންވަނީ، މި آية ގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. اللَّه އާއި، رسول އާގެ ބައި އެއީ އެއްބައެކެވެ.)

(ވ) ބައިތުލްމާލު ޤާއިމު ކުރެއްވުން: ބައިތުލްމާލުގެ މާނައަކީ (ފައިނޭންސް ހައުސް) މިހާރުގެ ގޮތުން ނަމަ ދައުލަތުގެ ޚަޒާނާ ޤާއިމު ކުރެއްވިއެވެ. އެތަނަށް ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިއުއާއި ޣަނީމާއާއި ޞަދަޤާތާއި ވަޤުފާއި ޚަރާޖު ފަދަ ތަކެތި ޖަމާ ކުރައްވައެވެ. އަދި އެތަކެތި މުސްލިމުންނަށް ބަހަންޖެހޭ ވަގުތާ ޖެހެންދެން އެތާނގައި ބަހައްޓަވައެވެ. އަދި ޢަދުލުވެރިގޮތުގައި ބައްސަވައެވެ.

(މ) އައުޤާފުތައް އުފެއްދުމަށް ބާރު އެޅުއްވުން: ހަޤީޤަތަކީ އައުޤާފު މުދަލަކީ ދައުލަތުގެ މާލީ ވަސީލަތަކަށް ހަދަންޖެހެއެވެ. އެއީ ވަރަށް ބޮޑު ފައިދާއެއް ޤައުމަށް ކުރާ ކަމެކެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް ވަޤުފު އުފެއްދުމާއި ހިބަކުރުމާއި ޞަދަޤާތް ކުރުމަށް ބާރު އެޅުއްވިއެވެ. އަދި މުސްލިމުންނަށް ފައިދާވާނޭ ގޮތަށް ދެމި ހުރި ޞަދަޤާތަކީ ( ވަޤުފަކީ) މަރުވުމަށް ފަހު ވެސް ޘަވާބާއި ދަރުމަ ލިބޭނޭ ކަމެއްކަމުގައި ބަޔާންކުރެއްވިއެވެ. މިހެންކަމުން ވަރަށް ގިނަ އަޞްޙާބު ބޭކަލުން އެބޭކަލުންގެ އެކި އެކި ވަސީލަތްތައް ވަޤުފުކުރައްވާފައިވެއެވެ. އެއިން އިޤުތިޞާދީ ގޮތުން މުޖުތަމަޢުގައި ފުދުންތެރިކަން އުފެދިގެންދިޔައެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފެއްދެވި ދައުލަތުގެ އިޤުޞާދު މުޅިން ސުމަކުން ފަށައިގެން ކާމިޔާބުގެ އުސްމިނަށް ވާޞިލްވެވުނީ މާލީ ފަސާދައަށް ޖާގަ ނުދެއްވުމުގެ ސަބަބުންނެވެ. ޒަކާތް ނަގަންދިޔަ މީހާ، ޒަކާތް ހިފައިގެން އައިސް ޒަކާތުގެ ބައި ބައިތުލްމާލަށް ލުމަށް ފަހު، މިއީ ތިމަންނާއަށް ލިބުނު ހަދިޔާއެކޭ ބުނެ، ބައެއް ތަކެތި ހިފައިގެން ދާން އުޅުމުން ރަސޫލާ ޙަދީޘްކުރެއްވީ " ތިބާގެ މަންމަގެ ގޭގައި ތިބާ ހުރިނަމަ ތިބާއަށް ހަދިޔާއަކަށް ތިޔަ ލިބުނީ ހެއްޔެވެ؟ " އެއަށް ފަހު އެތަކެތި ބައިތުލްމާލަށް ނެންގެވިއެވެ.

އިސްލާމީ އިޤުތިޞާދީ ދައުލަތުގެ އިޤުތިޞާދު ބިނާވެފައި އޮންނަންޖެހޭނީ އަމިއްލަވަންތަކަމުގެ މައްޗަށާއި އުފެއްދުންތެރިކަމާއި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ މައްޗަށެވެ.

އިސްލާމީ ދައުލަތުގެ ވިޔަފާރީގެ މުޢާމަލާތްތައް އިސްލާމިކް ޓްރާންސެކްޝަންސް (ފިޤުހުލްމުޢާމަލާތު)ގެ ގޮތްތައް ވަރަށް ގިނައެވެ. އިސްލާމްދީނާއި ޙަޟާރަތުގައިވާ އިޤުތިޞާދީ ނިޒާމު މިއަދުގެ މުސްލިމުން ކުރިއަރުވަންޖެހެއެވެ. މިއަދުގެ މުސްލިމުން ބޮޑަށް މަޝްޣޫލުވެފައިވަނީ ފަރުޢީ ފިޤުހީ ޚިލާފުތަކުގައެވެ. އެ ޚިލާފުތައް ދޫކޮށް އިސްލާމީ ޤައުމުގެ އިޤުތިޞާދީ ޙަޟާރަތު ކުރިއަރުވަންޖެހެއެވެ. ރަސޫލާގެ ޙަޔާތްޕުޅުގައި ޤާއިމު ކުރެއްވި އިޤުތިޞާދީ ބިންގާތައް ފަހުން ވަޑައިގެންނެވި ވެރިން ވަރުގަދަ ކުރެއްވިއެވެ. އަދި ވަކީން ޚާއްޞަކޮށް ޢުމަރު ބުނި ޚައްޠާބުގެ ވެރިކަމުގައި ވަރަށް ގިނަ ބަދަލުތައް ގެންނެވިއެވެ. ޢުމަރުގެފާނުގެ ވެރިކަމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޣައިރު މުސްލިމުން ދަށްކަމުން ދިޔަ ޓެކްސް އެމީހުން މުސްކުޅި ޢުމުރަށް ދިޔައިމަ ދައުލަތުން އެމީހުންނަށް ހިލޭ އެހީދޭ ގޮތަށް ހަމަ ޖެއްސެވިއެވެ. އަދި އިސްލާމީ ދައުލަތުގައި ފުރަތަމަ ފަހަރަށް ވަކި މުސްތަޤިއްލު ފައިސާ ފޮތި އުފެއްދެވިއެވެ. އެ ޒަމާނުގެ ތަރައްޤީވެފައިވާ ފާރިސީ އަދި ރޫމީންގެ ދައުލަތްތަކުގައި ހުރި ފަދަ ފައިނޭންސް ޑިޕާޓްމެންޓް އިސްލާމީ ދައުލަތުގައި އުފެއްދެވިއެވެ. އިސްލާމީ ދައުލަތުގެ ބިން ފުޅާވެގެން ދިޔުމުން ރަށް ތައް ބިނާކުރައްވައި މަގު ތަކާއި ދަތުރުކުރާނެ ދިގު ރާސްތާ ތައް ހެއްދެވިއެވެ. އިސްލާމީ ޢުމްރާނީ އިޤުތިޞާދީ ޙަޟާރަތަކީ ހާދަ ފުރިހަމަ ޙަޟާރަތެކެވެ. މިއަދު މުސްލިމުން ފަރުޢީ ޚިލާފުތައް ހަނދާންނައްތާލައި މިކަންކަން އާލާކޮށް ދިރުވައި އެމަގުން ދައުލަތުގެ ކަންކަން ކުރިއަރުވަން ޖެހެއެވެ. އެއިރުން މުސްލިމުންނަކީ ފުދުންތެރި ބަޔަކަށް ވާނެކަމީ ޔަޤީންކަމެކެވެ.

ރިކޮމެންޑޭޝަންސް:

- ރަސޫލާ ޤާއިމު ކުރެއްވި އިޤުތިޞާދީ އަސާސްތަކަކީ މިޒަމާނުގައި ވެސް ބޭނުން ހިފިދާނެ ނަމޫނާ އަސާސްތަކެއްކަމުން، އެކަންކަމުގެ މައްޗަށް މިޒަމާނުގެ މުއައްސަސާތަށް ހޭލުންތެރިކުރުވުން.
- ދައުލަތުގެ އިޤުތިޞާދީ ވަސީލަތްތައް އިތުރުކޮށް، ބޮޑެތި މަޝްރޫޢުތަކަށް ދިއުން.
- ޓްކްސް ފްރީ ނުވަތަ ޑިއުޓީ ފްރީ ވިޔަފާރީގެ މަރުކަޒުތައް ގިނަކުރުން.
- ވިޔަފާރީގެ މުޢާމަލާތުތައް އިސްލާމީ ނަޒަރިއްޔާތަކާއި އިޤުތިޞާދީ ފަލްސަފާގެ ދަށުން ވަޒަންކުރުން
- އިސްލާމިކް ލޯ އޮފް ޓްރާންސެކްޝަންސް އަށް ޒުވާނުން ހޭލުންތެރިކުރުން
- މިނިވަން ވިޔަފާރީގެ ނިޒާމު އުފެއްދުން
- އަމިއްލަ އިޤުތިޞާދީ ފުދުންތެރިކަމަށް މަސައްކަތްކުރުން
- މޯލްތަކާއި ވިޔަފާރީގެ މަރުކަޒު ތައް ޤާއިމުކޮށް ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެހި އިތުރުވާ ގޮތައް އިޤުތިޞާދު

ބައްޓަންކުރުން

- ޒަކާތުގެ ނިޒާމުން އިސްވެސްޓްކުރެވޭނޭ ގޮތް ހޯދުން
- ދައުލަތުން ވަޤުފު އުފެއްދުން.
- ފިރިހެނުން ފަދައިން އަންހެނުންނަށް ވެސް ފިޔަފާރީގެ ފުރުޞަތު ފަހިކުރުން
ކުރިއަށް އޮތް ތަނުގައި ވެސް ސިލްސިލާގޮތެއްގައި އިޤުތިޞާދީ މަޒުމޫނުތައް ލިޔާނަމެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެޅިގެން ދިޔަ ބައެއް މުހިންމު ބިންގާތަކުގެ ވާހަކައަކީ އިސްލާމީ ދައުލަތެއްގެ އިޤުތިޞާދީ ނަމޫނާކަމުން އެއަށް އަލިއަޅުވާލީއެވެ. ކުރިއަށް ހުރި މަޒްމޫނުގައި އިތުރު ވާހަކަތައް އަންނާނެއެވެ.