ތަޢާރުފް: މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. ޒަކާތް ފަރުޟުވެގެން ދިއުމުގެ ސަބަބުން އިސްލާމީ އުންމަތުގެ އިޖުތިމާޢީ ޙާލަތު ރަނގަޅުވެގެން ދިޔައެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން ޙާލަތާއި ވަގުތާ ޙައްޤުވެރިންގެ ޙާޖަތާއި މަޞްލަޙަތަށް ބަލައި އެންމެ ބޮޑަށް ތަނަވަސްކޮށް ފުޅާ ކުރެވެން އޮތް ހަމަ އެކަނި ރުކުނު ކަންވެސް ފާހަގަ ކުރަމެވެ. މިގޮތުން ޙައްޤުވެރިންގެ މަފްހޫމަށް ގިނަ ޤައުމުތަކުގައި ދުނިޔޭގެ އަދުގެ ޙާލަތާ ގުޅިގެން ތަނަވަސް ބަދަލުތައް ގެނެސް ޢަމަލު ކުރަމުންދާ ކަން ވެސް ފާހަގަކުރަމެވެ. ދުނިޔޭގައި އެންމެ ފާހަފަ ކޮށްލެވޭ ޒަކާތުގެ މުއައްސަސާއެއް އޮތް އިސްލާމީ ޤައުމަކީ ކުވައިތެވެ. ކުވައިތުގެ ޒަކާތު ހައުސް އަކީ މުޅި އިސްލާމީ ދުނިޔެއަށް އޮތް ނަމޫނާއެކެވެ.
އޯއައިސީ އިން އެ މުއައްސަސާއަށް 2019 ގައި އިނާމު ދީފައިވެއެވެ. ދެން އެންމެ ރަނގަޅު ޒަކާތުގެ ނިޒާމެއް އޮންނަނީ ސޫދާނުގަ އެވެ. ސޫދާންގެ ޒަކާތު ޗެމްބަރ އަކީ ވަރަށް ކާމިޔާބު މުއައްސަސާއެކެވެ. މީގެ އިތުރުން ޔޫއޭއީ އާއި ބަޙުރައިން އާއި ސަޢޫދީ ޢަރަބިއްޔާ އާއި މެލޭޝިޔާގެ ޒަކާތުގެ ނިޒާމު ވެސް ވަރަށް ހަރުދަނާއެވެ.
އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖެއަށް އެންމެ މުނާސިބު އެއް މޮޑެލްއަކީ ކުވައިތުގެ ހުންނަ ފަދަ ޒަކާތު ހައުސް އެއް އުފެއްދުމެވެ. (މޯލްޑިވްސް ޒަކާތު ހައުސް) ގެ ނަމުގައި ޤާނޫނެއްގެ ދަށުން މުސްތަޤިއްލު އިދާރާއެއް އުފެއްދިދާނެ އެވެ. އެ އިދާރާ ހިންގަން ދައުލަތުން ފައިސާ ދޭކަން ނުޖެހޭނެ އެވެ. އެ އިދާރާގެ ހުރިހާ ކަމަކަމާއި އެއިދާރާގެ މުވައްޒަފުންގެ މުސާރަވެސް ދޭނީ ސީދާ ޒަކާތު ފަނޑުންނެވެ. އެހެނީ އެ ފަދަ އިދާރާއެއް އުފެއްދިއްޖެ ނަމަ އެ އިދާރާއެއް ވެގެންދާނީ ޒަކާތުގެ "ޢާމިލް" އަށެވެ. ޢާމިލުންނަކީ ޒަކާތް ނަގައި ބަހާ މީހުންނެވެ.
މިޒަމާނުގައި މުއައްސަސާ ވެގެންދާނީ ޢާމިލުގެ މަޤާމުގައިވާ ތަނެއްކަމުގައި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ ގެ ޤަރާރު 3/18/ 163 ގައިވެއެވެ. އަދި މުއައްސަސާއިން ޒަކާތުގެ ބެހެނިވެރިންގެ ޙައްޤުގައި އިންވެސްޓްވެސް ކުރެވޭނެ އެވެ.
މިޒަމާނުގެ މަޝްހޫރު ބައެއް ފިޤުވެރިން ދެކިލައްވަނީ ޒަކާތުގެ ބެހެނިވެރިންގެ ޙާޖަތްތަކާއި މަޞްލަޙަތަށްޓަކައި ޒަކާތު ފައިސާއިން ކަމާބެހޭ ފަރާތުން އިންވެސްޓް ކުރެވޭނެ ކަމުގައެވެ. ސަބަބަކީ އިންވެސްޓްކޮށް ފައިދާ އިތުރު ނުކޮށް މި ޒަމާނުގައި އަހަރަކު އެއް ފަހަރު ދެވޭ ކުޑަ ލާރިކޮޅަކުން ޙާޖަތްތައް ފުރިހަމަކަމާއެކު ނުފުއްދޭތީ އެވެ. އިންވެސްޓް ކުރެވިއްޖެ ނަމަ ޒަކާތުގެ ބެހެނިވެރިންނަށް ދާއިމަށް ޙައްލު ލިބޭނެ އެވެ. މުޖުތަމަޢުން ފަޤީރުކަން ނައްތާލެވޭނެ އެވެ.
ފަޤީރުން މުއްސަނދިންނަށް ހަދައި އެމީހުންނަކީ ޒަކާތް ހޯދާ މީހުންގެ ބަދަލުގައި ޒަކާތް ނެރޭ މީހުންނަށް ވެގެންދާނެ އެވެ. މިތަނުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ އިންވެސްޓްކުރުން ހުއްދައީ ޒަކާތުގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާއަށެވެ. ވިޔަފާރިވެރިޔާ އަމިއްލައަށް އޭނާގެ ޒަކާތުގެ ފައިސާ އިންވެސްޓްކުރުން ހުއްދައެއް ނުވާނެއެވެ.
ޒަކާތަކީ އިސްލާމްދީނުގައި ބަޔާންވެގެންވާ އާދައާ ޚިލާފު މާލީ ނިޒާމެކެވެ. ފަޤީރުކަމުގެ ޙައްލެވެ. އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމު ކުރުމަށްޓަކައި ކަނޑައެޅިގެންވާ މާލީ ނިޒާމެކެވެ. ދުނިޔޭގެ އެހެން ވަޟުޢީ އެއްވެސް ފަލްސަފާއެއްގައި އަދި ޤާނޫނެއްގައި ވެސް ޒަކާތުގެ ނިޒާމު ފަދަ އިޖުތިމާޢީ މާލީ ނިޒާމެއް ނުވެއެވެ. ޒަކާތް ޙައްޤު ގޮތުގައި ނެރެވި ހައްޤުގޮތުގައި އޭގެ އަހުލުވެރިންނަށް ފޯރުކޮށްދެވިއްޖެ ނަމަ އިސްލާމީ އުންމަތުގައި އެއްވެސް ފަޤީރެއް ނުހުންނާނެއެވެ.
ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި ޒަކާތް ފަރުޟު ކުރައްވައި އޭގެ ޙައްޤުވެރިންނަކީ ކޮބައިކަން ބަޔާން ކުރައްވާފައި ވެއެވެ. (ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރި ކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަން ކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.) މި އާޔަތުގައި މާތް ﷲ ވަނީ ޒަކާތް ފަރުޟުވެގެންވާ ކަމާއި ޒަކާތް ޙައްޤުވަނީ ކޮން ބަޔަކަށް ކަން ވެސް ބަޔާން ކުރައްވާފަ އެވެ. ﷲ ގެ އަމިއްލަ ޒާތުފުޅުން އެކަލާނގެވަނީ ޒަކާތް ޙައްޤުވާ ފަރާތްތައް ކަނޑައަޅުއްވާފަ އެވެ. އެކަމުގެ ތެރެއަށް އެހެން ބަޔަކަށް ތަދައްޚުލްވުމުގެ ފުރުޞަތެއް ނެތެވެ.
ޒަކާތަކީ މުއްސަނދިންގެ އަތުން ދައުލަތުން ނަގަންޖެހޭ ޙައްޤެކެވެ. ޒަކާތް ބެހުމުގެ ކަންކަން ވެސް ކުރަންޖެހޭނީ އިސްލާމީ ޙުކޫމަތުންނެވެ. ނުވަތަ ޙުކޫމަތުން ކަނޑައަޅާ ފަރާތަކުންނެވެ. ޒަކާތުން އެކަނި ދައުލަތެއް ނުހިންގޭނެ އެވެ. ޒަކާތަކީ މުޖުތަމަޢުގެ ވަކި ބައެއްގެ ޙައްޤެކެވެ. ޒަކާތަކީ ވަކި ބަޔަކަށް ޚާއްޞަ ވެގެންވާ ހަޤެއް ކަމުން ދައުލަތް ހިންގުމުގައި އެހެނިހެން މާލީ ވަސީލަތްތައް އިތުރުކުރަންޖެހޭނެ އެވެ. މިގޮތުން ދައުލަތުގެ މާލިއްޔާތު އިތުރުކުރުމަށް ދައުލަތުގެ ފިޔަފާރި އިތުރު ކުރުމާއި އެކި އެކި މަޝްރޫޢުތައް ޤާއިމު ކުރުމާއި ތަފާތު ދާއިރާތަކުން ޓެކްސް ނަގަން ޖެހެއެވެ. ޒަކާތުގެ މައުޟޫޢަކީ ވަރަށް ޝައުޤުވެރި މައުޟޫޢެކެވެ. މި ޒަމާނުގެ މަފްހޫމުތަކުގެ ތެރެއިން ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ މުޖުތަމަޢަށް ދިރުން ލިބިގެންދާނެ އެވެ.
މި ސިލްސިލާ މަޒްމޫނުތަކުގައި ހިމަނާލަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގެ ފިޤުހު އުޞޫލުލްފިޤުހު ޑިޕާޓްމަންޓްގައި ޕީއެޗްގައި އަޅުގަނޑު ލިޔުނު ފޮތުގައިވާ ބައެއް ހުށަހެޅުންތަކެވެ.
އެ ދިރާސާއަކީ ވަރަށް ގިނަ ޤައުމުތަކުގައި ޒަކާތް ނަގައި ބަހާ ގޮތުގެ މައްޗަށް ބަލައި ޢިލްމީ ދިރާސާތަކަށް ފަހު ރާއްޖޭގައި ހަރުދަނާ ޒަކާތުގެ ނިޒާމެއް ޤާއިމު ކުރުމުގެ މައްޗަށް ލިޔެވިފައިވާ ދިރާސާއެކެވެ. މަޒްމޫނު ތަކުގެ ގޮތުގައި މި ހުށަހަޅާލަނީ އިތުރު މަޢުލޫމާތު ހިމަނައިގެން ޚާއްޞަކޮށް ޒަކާތުގެ ބެހެނިވެރިންނާ ބެހޭ ބައިތަކުގެ ޚުލާޞާތަކެވެ. މިބައިތަކުގައި ބެހެނިވެރިންނާ ގުޅޭ ގޮތުން ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ނަޒަރިއްޔާތަކާއި މިޒަމާނުގެ އިޖުތިހާދާއި ރާއްޖޭގައި ޢަމަލު ކުރަމުން އައި ގޮތާއި އަދި ޒަކާތު ފަންޑުން މުސްތަޤުބަލުގައި ޢަމަލުކުރުމަށް އަޅުގަނޑަށް ފެންނަ ތަޞައްވަރު ހިމަނާފައިވާނެ އެވެ. އެންމެހާ ހުށައެޅުންތަކަކީ ވެސް ޢިލްމީ ދިރާސާތަކަށް ފަހު އަދި އިންޓަރނޭޝަނަލް ފިޤުހު އެކަޑަމީ ތަކުގެ ނިންމުންތަކުގެ އަލީގައި ހުށައަޅާ ހުށަހެޅުންތަކެކެވެ.
އަޅުގަނޑު ބުނަމެވެ. މިޒަމާނުގެ ޙާޖަތްތައްވަނީ އިތުރުވެފައެވެ. ފަޤީރުކަމާއި އެނޫންވެސް ކަންކަމުގެ މަފްހޫމަށް އިހުޒަމާނުގައި ޢަމަލު ކުރި ގޮތަށް މިހާރަކު ޢަމަލެއް ނުކުރެވޭނެ އެވެ. މިހެންކަމުން ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ތަނަވަސް ކުރަން ޖެހެއެވެ.
މިއިން ކޮންމެ ބައެއްގެ މަފްހޫމް އިހުޒަމާނާއި މިޒަމާނުގައި ތަފާތެވެ. އެހެންކަމުން އިހުޒަމާނުގެ ގޮތަށް ޕްރެކްޓިސް ކުރާ ނަމަ ބޮޑެތި ގޮންޖެހުން މެދުވެރިވާނެ އެވެ. މިނިވަން ކުރާނެ އަޅުންނެއް ނެތެވެ. ﷲ ގެ މަގުގައި ހަނގުރާމައަށް ގޮސް ޖިހާދު ކުރާ ޙައްޤު މުޖާހިދުންނަކީ ކޮބައިކަން ސާފެއް ނޫނެވެ. ނަމަވެސް އަޅުން މިނިވަން ކުރުމުގެ މަފްހޫމު ފުޅާކޮށްފި ނަމަ މަސްތުވާތަކެތީގެ ވަބާގެ އަޅުވެތިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުން ރިހެބިލިޓޭޓް ކުރުމަށް ޒަކާތުން ޚަރަދު ނުކުރެވެންވީ ސަބަބެއްނެތެވެ. ނުވަތަ ހަށިވިއްކުމުގެ ޝިކާރައަކަށްވެފައިވާ ކުދިން އެ އަޅުވެތިކަމުން ސަލާމަތް ކުރަން ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. ނުވަތަ އަސީރުން މިނިވަންކުރުމަށާއި ކިޑްނެޕް ކުރެވިފައިވާ ފަރާތްތައް ސަލާމަތްކުރުމަށް ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. މިއީ ހައްތަހާ ވެސް ޢިލްމީ ގޮތުން ބަހުޘްކުރެވިދާނެ ކަންކަމެވެ.
އެގޮތަށް ޖިހާދު ކުރުމުގެ މަފްހޫމް ތަނަވަސް ކޮށްފި ނަމަ އިސްލާމްދީނުގެ ދިފާޢުގައި ލިޔަމުންދާ ނޫސްވެރިޔާ ވެސް މުޖާހިދަކަށް ވާނެ އެވެ. އިސްލާމީ ޙައްޤު މަޢުލޫމާތު ފޯރުކޮށްދޭ ޓީވީ ޗެނަލްގެ މަސައްކަތް ވެސް ޖިހާދުގެ ތެރެއަށް ވަދެގެންދާނެ އެވެ. އެހެނީ އެއީ ﷲ ގެ މަގުގައި ކުރެވޭ ކަންކަމެވެ. އަދި މިބައިން ރާއްޖޭގެ ޢަސްކަރިއްޔާއައި ފުލުހުންގެ ތެރޭގައި ވަސީލަތްތައް އިތުރުކުރުމާއި މީހުން ބިނާ ކުރުމަށް ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. އެއީ އިސްލާމީ އަސްކަރިއްޔާ އެވެ.
މިކަމުގެ ތަފުޞީލު ފީ ސަބީލިﷲ ބަޔާ ބެހޭ މަޒްމޫނުގައި އަންނާނެ އެވެ. ކުރިއަށް ހުރި މަޒްމޫނުތަކުގައި ޒަކާތުގެ ޙައްޤުވެރިންގެ ތަފްޞީލްތައް އަންނާނެއެވެ. މަޒްމޫނުތައް ލިޔަމުންދާނީ ޒަކާތުގެ ޙައްޤުވެރިންގެ ތަރުތީބުންނެވެ.
ޒަކާތުގެ ބެހެނިވެރިން ކީރިތި ޤުރުނުގައި ބަޔާންކުރައްވާފައިވެއެވެ. އެއީ އަށް (8) ބައެކެވެ.
1 - ފަޤީރުން
2 - މިސްކީނުން
3 - ޢާމިލުން
4 - މުއައްލަފަތު ޤުލޫބު
5 - އަޅުން
6 - ދަރަނިވެރިން
7 - ފީ ސަބީލިﷲ
8 - އިބުނު ސަބީލް
ފަޤީރަކީ ކާކު؟
ޝަރުޢީ މާނައިގައި ފަޤީރަކީ ކާކުކަން ކަނޑައެޅުމުގައި ފިޤުހީ މަޒުހަބުތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވެއެވެ.
ޙަނަފީ މަޒުހަބުގެ ދަންނަބޭކަލުންގެ ނަޒަރުގައި ފަޤީރަކީ އޭނާގެ އަތުގައި ޒަކާތުގެ ނިޞާބަށް ވުރެން ދަށުގައި ފުދުންތެރިކަން ހުރެ އިތުރު އެހީއަށް ބޭނުންވާ މީހާއެވެ. (އިބުނުލްހުމާމު، 202).
މާލިކީ މަޒުހަބުގެ ފިޤުހުވެރިންގެ ނަޒަރުގައި ފަޤީރަކީ އޭނާގެ ޙާޖަތްތައް ފުރިހަމަ ކުރުމުގައި ފުދުންތެރިކަން ނެތް މީހާ އެވެ. (އިބުނުޖައްޒީ، 2000: 132)
ޝާފިޢި މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ފަޤީރަކީ އެއްވެސް ވަރެއްގެ ފުދުންތެރިކަމެއް ނެތް މީހާއެވެ.(އައްޝާފިޢީ،2001: 182)
ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ފަޤީރަކީ ފުދުންތެރިކަމެއް ނެތްމީހާ ކަމުގައެވެ. (އަލްމަރުދާވީ، 1997: 195).
ޝަރުޢީ ނަޒަރުން ފަޤީރަކީ ކާކުކަން ބަޔާން ކުރުމުގައި މަޝްހޫރު ހަތަރު މަޒުހަބުގެ ފިޤުހީ ނަޒަރިއްޔާތަށް ބަލާއިރު މައިގަނޑު ގޮތެއްގައި ޚިލާފު އުފެދިފައި ވަނީ ޙަނަފީ މަޒުހަބާއި ޖުމުހޫރުންނާ ދެމެދުގަ އެވެ. ޙަނަފީ މަޒުހަބުގައިވާ ގޮތުން ފަޤީރަކީ ޒަކާތުގެ ނިޞާބަށް ވުރެން ފުދުންތެރިކަން ދަށް މީހާ އެވެ. އެހެން މަޒުހަބުތަކުގައި ފަޤީރު ކަނޑައެޅުން ނިޞާބާ ގުޅުވާފައި ނުވެއެވެ. އެ މަޒުހަބުތަކުގައި ބުރަވެފައިވަނީ ފުދުންތެރިކަން ކުޑަކަމާއި ޙާޖަތުގެ މައްޗަށެވެ. (ޢަޒްމާން، 107).
މިގޮތުން އަޅުގަނޑުގެ ނަޒަރުގައި މިޒަމާނަށް އެންމެ އެކަށީގެންވާ މަފްހޫމަކީ ޖުމުހޫރުން ގެންނަވާފައިވާ މަފްހޫމެވެ. އެއީ ޙާޖަތުގެ މައްޗަށް ބިނާ ކުރުމެވެ. އެހެން ކަމުން ފަޤީރަކީ ކެއުންބުއިމާއި ފޭރާމާއި އުޅޭނެތަނާއި އެނޫންވެސް ދިރިއުޅުމަށް ބޭނުންވާ ޟަރޫރީ ކަންކަމުގައި އޭނާއާއި އޭނާގެ ބެލުމުގެ ދަށުގައިވާ މީހުން އިތުރު ފުދުންތެރިކަމުގެ ބޭނުންޖެހިފައިވާ މީހާއެވެ. އިހުޒަމާނާ ބަލާފަ މިޒަމާނުގައި ބެނުންތަކާއި ޙާޖަތްތައްވަނީ އިތުރުވެފަ އެވެ. އެހެންކަމުން ފަޤީރުންގެ މަފްހޫމު ޝަރުޢީ ގޮތުން ބަޔާންކުރާއިރު މިޒަމާނުގައި އާދަކާދަތަކާއި ޙާލަތާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ރިޢާޔަތް ކުރެވެން ޖެހޭނެ ކަމުގައި އަޅުގަނޑު ދެކެމެވެ.
މިސްކީނަކީ ކާކު؟
ފަޤީރުންގެ މަފްހޫމަކީ ކޮބައިކަމާމެދު ފިޤުހީ މަޒުހަބުތަކުގެ މެދުގައި ބަހުޘްކުރެވިފައިވާ ފަދައިން މިސްކީނުގެ މަފްހޫމާ މެދުގައި ވެސް ޢިލްމުވެރިން ބަހުޘްކުރައްވާފައިވެއެވެ.
ޙަނަފީ މަޒުހަބުގެ ފިޤުހުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިސްކީނަކީ އޭނާގެ އަތުގައި އެއްވެސް އެއްޗެއްނެތިގެން ކެއުން ބުއިމަށާއި އޮރިޔާން ނިވާކުރާނެ ފޭރާމަށް ބޭނުންޖެހި ސަލާން ޖަހާ ޙާލަތުގައި ހުރިމީހާ އެވެ. (އިބުނުލްހުމާމު، 202).
މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މިސްކީނަކީ ފަޤީރަށް ވުރެން ވެސް ބޮޑަށް ޙާލުގައި ޖެހިފައިވާ މީހާއެވެ. (އިބުނު ޖައްޒީ، 2000: 132).
ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މިސްކީނަކީ ކޮންމެވެސް ވަރަކަށް އޭނާގެ އަތުގައި ފުދުން ތެރިކަން ހުރެމެ އިތުރު އެހީއަށް ބޭނުންވާ މީހާ ކަމުގަ އެވެ. (އައްޝާފިޢީ،2001: 3، 182).
ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންވަނީ މިސްކީނަކީ އޭނާގެ ގިނަ ޙާޖަތްތައް ފުއްދޭވަރުގެ ފުދުންތެރިކަން ހުރިމީހާ ކަމުގައި އެވެ. (އަލްމަރުދާވީ، 3، 195).
އަލްއިމާމު އިބުނު ރުޝްދު ވިދާޅުވެފައި ވެއެވެ. ފަޤީރުންނާއި މިސްކީނުންނަކީ ކޮބައި ކަމާއި އެ އިޞްޠިލާޙުގެ ތަފާތަކީ ކޮބައިކަމާމެދު ޢިލްމުވެރިން އިޚުތިލާފުވެ ވަޑައިގެންފައިވެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ފަޤީރަކީ މިސްކީނަށް ވުރެން ފުދުންތެރިކަމުގެ ޙާލަތު ރަނގަޅު މީހާއެވެ. މިއީ މާލިކީ މަޒުހަބުގެ ޢިލްމުވެރިންގެކުރެ ބަޣުދާދުގެ ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ.
އަނެއްބަޔަކު ދެކެވަޑައިގަންނަވަނީ މިސްކީނަކީ ފަޤީރަށް ވުރެން ޙާލަތު ރަނގަޅު މީހާ ކަމުގައެވެ. މިއީ އިމާމު އަބޫޙަނީފާއާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ރައުޔެވެ. އަދި މިއީ އިމާމު ޝާފިޢީގެ ވެސް އެއް ރައުޔެވެ. އިމާމު ޝާފިޢީގެ އެހެން ރިވާޔަތެއްގައި ވާގޮތުން ފަޤީރާއި މިސްކީނަކީ އެއް މާނައެއް ދޭހަވާ ދެ ލަފުޒެވެ. އެއީ އިބުލްޤާސިމުގެ ރައުޔެވެ. އެއީ ލޮޣަވީ ނަޒަރިއްޔާއެކެވެ.ޝަރުޢީ ދިލާލަތެއް އޮތް ކަމެއްނޫނެވެ. ( އިބުނު ރުޝުދު، 1995: 2، 544)
އިސްވެ ދިޔަ ވާހަކަތަކުން ދޭހަވަނީ މިސްކީނުންނަކީ ކޮންމެވެސް ވަރެއްގެ ފުދުންތެރިކަމެއް ހުއްޓަސް ދިރިއުޅުމުގެ ޟަރޫރީ ކަންކަމުގައި އިތުރު އެހީތެރިކަން ބޭނުންވާ ބައެއްކަމުގައެވެ. އެހެންކަމުން މައިގަނޑު ގޮތެއްގައި ރިޢާޔަތްކުރެވިފައިވަނީ "ޙާޖަތަށެވެ" ބޭނުންޖެހިފައިވާ މިންވަރަށެވެ.
ފަޤީރުންނާއި މިސްކީނުންނަށް ޒަކާތް ޙައްޤުވުމުގެ ޝަރުޠު
ފަޤީރުންނާއި މިސްކީނުންނަށް ޒަކާތް ޙައްޤުވުމުގެ ޝަރުޠުތަކެއް ލައްވާފައި ވެއެވެ. އޭގެ ތެރޭގައި އިސްލާމުން ކަމުގައި ވުމާއި ހާޝިމްގެފާނު (ޢަބްދުލްމުއްޠަލިބްގެ ދަރިފަސްކޮޅު) ވަންހައިގެ ބަޔަކު ކަމުގައި ނުވުން ހިމެނެއެވެ. (އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢާއިލާގެ މެމްބަރުންނެވެ.) އެބޭކަލުންނަކީ ހަނގުރާމައިން ލިބޭ މުދަލުގެ ފަސްބައިކުޅަ އެއްބައި ޙައްޤުވާ ބަޔަކަށްވުމާއެކު ޒަކާތުގެ މުދަލުން އެބޭކަލުންނަށް ދިނުން ޖާއިޒު ވެގެން ނުވެއެވެ.
މީގެ އިތުރުން މައިންބަފައިންނާއި ދަރިންނާއި އަނބިންނަށް ޒަކާތު ފައިސާ ނެރޭ މީހާ އަމިއްލައަށް އެ ފައިސާއިން ދިނުން ހުއްދަ ނޫންކަމުގައި ވެއެވެ. އެހެނީ އެމީހުންގެ މައްޗަށް ޚަރަދު ކުރުމަކީ ދަރިން ނުވަތަ ފިރިމީހާގެ މައްޗަށް ޝަރުޢީ ގޮތުން ވާޖިބުވެގެންވާ ކަމެކެވެ. މައިންބަފައިންނާއި ދަރިންނާއި އަނބިން ފިޔަވައި ގާތް ތިމާގެ މީހުންގެ ތެރޭގައި ތިބި އެހެން ފަޤީރުންނަށް ތިމާގެ ޒަކާތުގެ ފައިސާއިން ޚަރަދު ކުރުމަކީ ޖާއިޒު ކަމެކެވެ. އަޞްލަކީ ޒަކާތު ފައިސާ ދައުލަތާ ޙަވާލު ކުރުމެވެ. ޒަކާތް ބެހުމުގެ ކަންކަން ގެންދިއުމަކީ ދައުލަތުގެ ވާޖިކެވެ. ބައެއް ޤައުމުތަކުގައި ވަކި މިންވަރެއް އަމިއްލައަށް ބެހުމަށް ޤާނޫނުގެ ދަށުން ހުއްދަ ދީފައިވެއެވެ.
ފަޤީރުންގެ ތެރޭގައި ތިބި އަމިއްލައަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަމާއި ހުނަރު ލިބިފައިވާ މީހުންގެ މައްޗަށް އައުލާވެގެންވަނީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމެވެ. ދިރިއުޅުމަށްޓަކައި އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއްގައި ﷲ ބަރަކާތް ލައްވައެވެ. ގައިގައި ވަރު ހުރި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ހުރި މީހުންނަށް އެއީ ފަޤީރުން ކަމުގައި ވިޔަސް ޒަކާތުން ދިނުމަކީ ޢިލްމުވެރިން ހުއްދަ ނުކުރާ ކަމެކެވެ. މި ގޮތަށް ހުއްދަ ނޫނީ ފަޤީރުންނާއި މިސްކީނުންގެ ބައިން އެކަންޏެވެ. އެހެން ބައިތަކުން އެފަދަ މީހުންނަށް ދިނުން ހުއްދަވެގެން ވެއެވެ.
ޒަކާތުން ދެވޭ މިންވަރު
ފަޤީރުންނާއި މިސްކީނުންނަށް ޒަކާތުން ޙައްޤުވާ މިންވަރާމެދު ވެސް ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއް ދުވަހާއި ރެއެއްގެ ކަންކަން ހަމަޖެއްސޭ ވަރު ދިނުމަށެވެ. އަނެއް ބަޔަކު ވިދާޅުވަނީ ޙާޖަތްތައް ފުދޭ މިންވަރަށެވެ. އަނެއް ބަޔަކު ވިދާޅުވަނީ ފަންސާސް ދިރުހަމެވެ. ނުވަތަ އޭގެ އަގާ އެއްވަރަށް ދީނާރެވެ. އަނެއް ބަޔަކު ވިދާޅުވަނީ ދިރިއުޅުމަށްޓަކައި މުޅި ޢުމުރުގައި ވެސް ބޭނުން ކުރެވޭ ފަދަ ވަސީލަތެއް ގަނެވޭ ވަރަށެވެ. އަނެއް ބަޔަކު ވިދާޅުވަނީ ޒަކާތުގެ ނިޞާބުގެ މިންވަރުކަމުގަވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ޒަކާތުން ދޭ އިރު އެއުރެން ތަނަވަސްވާ މިންވަރަށް ދޭށެވެ. (އަލްޤަރުޟާވީ،2007:14) މި ހުރިހާ ރައުޔެއްގެ މައްޗަށް ބުރަވުމުން އަންނަނިވިކަންކަން ފާހަގަވެއެވެ. (އަބްދުއްލަޠީފު، 34-35).
1 - ފަޤީރު މީހާއާއި މިސްކީނުގެ ޙާޖަތްތައް ފުއްދޭ މިންވަރަށް ދިނުމެވެ.
2 - ފަޤީރުންނާއި މިސްކީނުންނަށް ޒަކާތުން ދިނުމުގައި ދިރިއުޅުމުގެ ޙާލަތު އެއްޤައުމުން އަނެއް ޤައުމަށް ތަފާތު ކަން ދަންނަން ޖެހޭނެއެވެ. އެހެންކަމުން ޒަކާތުން ދިނުމުގައި އާދަކާތަތަކާއި ޢުރުފަށް ބަލަން ޖެހޭނެ އެވެ.
3 - އެއް އަހަރަށް ފުދޭ ވަރަށް ވެސް ދެވިދާނެއެވެ.
4 - ކޮންމެހެން ނިޞާބުގެ މިންވަރު ދިނުން ލާޒިމެއް ނޫނެވެ. ބަލަން ޖެހޭނީ އެމީހުންގެ ޙާޖަތުގެ މިންވަރެވެ. ޙާޖަތްތައް ފުއްދޭ ވަރަށް ދިނުމަށެވެ.
ދިވެހިރާއްޖޭގެ ޙާލަތު
ދިވެހި ރާއްޖޭގައި ޒަކާތުގެ އޮފީހުގެ ނަމުގައި ދިވެހި ސަރުކާރުން 1983 ގައި އޮފީހެއް އުފެއްދެވި އެވެ. އެއިގެ ކުރީގެ ކަންކަން ރަސްމީކޮށް މާ ފުޅާކޮށް އެނގޭކަން ނެތެވެ. ޒަކާތާ ބެހޭ އޮފީހުން ޒަކާތުގެ ކަންކަމުގައި މީހުން ހޭލުންތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފެންނަން އެބަހުއްޓެވެ. ޒަކާތާ ބެހޭ އޮފީސް ހުރިގޮތަށް ހުރި ނަމަ ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔައީހެވެ. ޒަކާތާ ބެހޭ އޮފީސް އުފެއްދެވި އަހަރުގައި ޒަކާތަށް ލިބިފައިވަނީ ގާތް ގަނޑަކަށް އެއް މިލިއަން ރުފިޔާއެވެ. (1,79,053,67) އެއީ މާލެ އިން (817,226,96) އަތޮޅުތަކުން ( 261,826,72) (ޒަކާތުގެ އަހައްމިއްޔަތު، 1983: 19) އެވެ. 1984 ޒަކާތް ބެހި އިރު، މުއްލަފަތު ޤުލޫބުގެ ބަޔާއި (އަޅުން މިނިވަންކުރުން) މިބައި ތަކަށް ބައެއް އަޅައިފައި ނުވެއެވެ.
ޒަކާތާ ބެހޭ އޮފީސް ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒުގެ ޔުނިޓަކަށް ބަދަލުވިއެވެ. އެއަށް ފަހު މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒުގެ ދަށް ދިޔައެވެ. އަދި 1996 އިސްލާމީ ކަންތައްތަކާ ބެހޭ މަޖްލިސް އުފެދި އެތަނުގެ ޔުނިޓަކަށް ޒަކާތާ ބެހޭ ކަންކަން ބަދަލުވެގެން ދިޔައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލީހުން ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައްޔާއި މީހުން ހޭލުންތެރިކޮށް ޒަކާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމުގައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެން އެބަހުއްޓެވެ. (2008) ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު އުފެދި އެތަނުގެ ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރުން ފެށިގެން ރާއްޖޭގައި ޒަކާތުގެ ނިޒާމު އިތުރަށް ތަރައްޤީ ކުރަން މަސައްކަތް ކުރެވިފައިވާނެ އެވެ. (2008) ގައި ޒަކާތަށް ލިބުނީ (14,928,734) ރުފިޔާ އެވެ. (ރިޕޯޓް، 2008).
(2008) ޒަކާތުގެ ބެހެނިވެރިންގެ އުޞޫލުތައް މުރާޖިޢާކޮށް ފަޤީރުންގެ ޙާޖަތަށް ބަލައި ޒަކާތު ފަނޑުން ގިނަ ޚިދުމަތް ދިނުމުގެ މަގު ފަހިކުރެވުނެވެ. މިގޮތުން ގެނެވުނު ބަދަލުތަކުގެ ތޭރޭގައި ފަޤީރުންނާއި މިސްކީނުންގެ މަފްހޫމު ތަނަވަސް ކުރުމާއި ފީ ސަބީލިﷲ ގެ މަފްހޫމު ތަނަވަސް ކުރުން ހިމެނެ އެވެ. އެއީ ފަޤީރުންގެ ޙާޖަތަށް ބަލައި އަދި އިސްލާމީ މަސައްކަތްތައް ފުޅާކުރުމުގެ މަޤުޞަދުގަ އެވެ. ފީ ސަބީލިﷲ ގެ ބައިން ވާޢިޒުންނަށް އުޖޫރަ ދިނުމާއި ކިޔަވާކުދިންނަށް އެހީވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އެކި ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުނެވެ. އަދި މީގެ އިތުރުން މުއައްލަފަތު ޤުލޫބުގެ ބަޔަށް ވެސް ރާއްޖޭގައި ޢަމަލު ކުރަން ފެށުނެވެ. މީގެ ދަށުން ރާއްޖޭގައި ތިބެ އަލަށް އިސްލާމްވާ ބޭރު މީހުންނަށް ޒަކާތު ފަނޑުން މާލީ ގޮތުން އެހީތެރިވުން ފެށުނެވެ.
އަދި (2012) އިން ( 2015) ޢިލްމީ އިޖުތިހާދުގެ އަލީގައި ގިނަ ބަދަލުތަކެއް ގެނެވިފައިވާނެއެވެ. މިގޮތުން ޙާޖަތަށް ބަލައި ފަޤީރުންނާއި މިސްކީނުންގެ މަފްހޫމް އިތުރަށް ތަނަވަސްކުރުމާއި ފީ ސަބީލިﷲ ގެ ބައި ތަނަވަސްކުރުމާއި ޒަކާތުގެ ކަންކަމުގައި ލަފާ ދޭނެ ޚާއްޞަ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެއް އެކުލަވާލުމާއި އިތުރު ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވާލުމާއި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާ ބެހޭ ޤާނޫނެއްވެސް އެކުލަވާލެވި އޭޖީ އޮފީހަށް ފޮނުވިފައިވާނެއެވެ. (2015- 2018) އަށް ޒަކާތު ފަންޑަށް އާދަޔާ ޚިލާފު ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. ގިނަ ގުނަ ޚިދުމަތްތަކެއް ދެވިފައިވެއެވެ. ޒަކާތުގެ އެންމެހާ ކަމެއް ކުރިއަށް ދަނީ ޒަކާތާ ބެހޭ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އެކޮމިޓީގައި މިނިސްޓްރީ އޮފް ފިނޭންސާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މަދަނީ ކޯޓާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިޔަފާރިވެރިންގެ ޖަމިއްޔާއާއި ފަދަ ދައުކަތުގެ މުއައްސަސާތަކުން މަންދޫބުން ތިއްބަވައެވެ. ޤާނޫނެއްގެ ދަށުން ޒަކާތް ނެރެވި އޭގެ ހައްޤުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ވަކި އިދާރާއެއްގެ ދަށުން ހަމަޖެހިޖެ ނަމަ ރާއްޖެއިން ފަޤީރުކަން ނައްތާލެވިދާނެ ކަމީ ޔަޤީންކަމެކެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ޚާއްޞަގޮތެއްގައި 1978 އިން ފެށިގެން ޒަކާތުގެ ކަންކަމަށް މީހުން ހޭލުންތެރިކޮށް އިދާރީ ގޮތުން ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ލިޔެކިއުންތަކުން ފެންނަން އެބަ އޮތެވެ. އެގޮތުން އުފެދުނު އުޞޫލުތަކުގެ މައްޗަށް ފަހުން ކަންކަން އާރާސްތުވަމުން ތަރައްޤީވަމުން އައެވެ.
ރާއްޖޭގައި ފަޤީރުންނާއި މިސްކީނުންގެ މަފްހޫމް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 2009 ގައި ނެރުއްވާފައިވާ ސާކިއުލާ (C)D1-2009/84) ގައި ބަޔާންވެގެންވާ ގޮތުން ފަޤީރަކީ ޟަރޫރީ ޙާޖަތްތައް ފުއްދޭ ވަރަށް އޭނާގައި އަތުގައި ފުދުންތެރިކަން ނެތްމީހާ އެވެ. މިސްކީނަކީ ކޮންމެވެސް ވަރަކަށް ފުދުންތެރިކަން ހުއްޓަސް އެއިން ޟަރޫރީ ޙާޖަތްތައް ނުފުއްދޭ މީހާއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢަމަލުކުރާ ރައުޔަކީ ޢިލްމުވެރިންގެ މެދުގައި ފަޤީރުންނާއި މިސްކީނުން މާނަ ކުރުމުގައި އުފެދިފައިވާ ޚިލާފުތަކުގެތެއިން އިޚުތިޔާރު ކުރެވިފައިވާ ހަރުދަނާ ރައުޔެއްކަމުގައި ދެކެމެވެ. ފަޤީރުންނާއި މިސްކީނުންގެ މަފްހޫމު ޖުމޫރު ޢިލްމުވެރިންގެ ނަޒަރުގައި ބިނާވެގެންވަނީ ޙާޖަތުގެ މައްޗަށެވެ. މިނިސްޓްރީގެ ރައުޔުގައި ޙާޖަތަށް ރިޢާޔަތް ކުރެވިފައިވެއެވެ.
ޙާޖަތުގެ މައްޗަށް ބިނާކޮށް ފަޤީރުންނާއި މިސްކީނުންގެ ބައިގެ ދަށުގައި ރާއްޖެއިން ގިނަ ބަޔަކު ތަރުތީބު ކޮށްފައިވެއެވެ. 1987 ގައި ރައީސުލްޖުމޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ (އިސްލާމްދީނުގައި ޒަކާތް) މިފޮތުގައި ބަޔާންވެގެންވާ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ތެރޭގައި ޔަތީމުންނާއި ފިރިމަރުވެފައިވާ މީހުންނާއި އަޅާލާނެ މީހެއް ނެތް ޢުމުރުން ދުވަސްވީ މީހުންނާއި އެކި އެކި ޢުޒުރު ތައް މެދުވެރިވެފައިވާ މީހުންނާއި ބަލިމީހުންނާއި ޟަރޫރީ ޙާޖަތްތައް ނުފުއްދި ތިބި މީހުންނާއި ކިޔަވާ ކުދިންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުންނާއި ޖަލަށްލެވިފައިވާ މީހުންގެ ޢާއިލާތަކާއި ގެއްލިފައިވާ މީހުންގެ ޢާއިލާތައް ހިމަނާފައިވެއެވެ. (ރައީސުލްޖުމުހޫރިއްޔާގެ އޮފީސް،1987، 53). މި އެންމެންނަކީ ފަޤީރުންނާއި މިސްކީނުންގެ ބާބުގެ ދަށުން ދިވެހިރާއްޖޭގައި ޒަކާތް ޙައްޤުވާ މީހުންގެ ގޮތުގައި ބެލޭވޭ މީހުންނެވެ.
އިސްވެ ބަޔާންވެ ދިޔަ ފަރާތްތައް ފަޤީރުންނާއި މިސްކީނުންގެ ބައިގައި ރާއްޖެއިން ހިމަނާފައިވަނީ ފިޤުހުވެރިންގެ މެދުގައި އުފެދިފައިވާ ބަހުޘްގެ މައްޗަށް ބިނާކޮށް ޙާޖަތައް ބަލައިގެންނެވެ. މިއީ ވަރަށް ވެސް ފުރިހަމަ އިޖުތިހާދެއްކަމުގައި އަޅުގަނޑު ދެކެމެވެ. އިސްވެ ދެންނެވި ފަރާތްތައް ފަޤީރުންނާއި މިސްކީނުންގެ ބައިގައި ހިމަނާފައިވީ ނަމަވެސް އެއިން ކޮންމެ ބަޔަކަށް ޒަކާތުން ފައިސާ ދެވެނީ ވަކި ކަހަލަ ޝަރުޠުތަކާއެކުގައި ވެސް ބަޔާންވެގެންވެއެވެ.
ޚާއްޞަ ކޮށް ޒަކާތުގެ ފައިސާއިން ތަޢުލީމު ދިނުމަށާއި ސްކޫލު މަދުރަސާތަކުގެ ކުތިންގެ ތެރޭގައި އުޅުނު ދަތިޙާލުގައި އުޅުނު ކުދިންނަށް ފޮތް ފަންސުރު ގަނެދިނުމަށް ޚަރަދު ކޮށްފައިވާކަން ރާއްޖޭގެ ތާރީޚުން ފެންނަން އެބަ އޮތެވެ. 2008- 2018 ގައި ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފީ ސަބީލިﷲ ބައި ފުޅާކޮށް ފަޤީރުންނާ މިސްކީނުންގެ މަފްހޫމު ފުޅާކޮށް މުއައްލަފަތު ޤުލޫބް ބަޔަށް ޢަމަލު ކުރަންފެށުނެވެ. ނަތީޖާއަކީ ގިނަ ކަންކަންކަމަށް ޚަރަދު ކުރެވުމެވެ. މިގޮތުން ފަޤީރުންގެ މަތީ ތަޢުލީމަށް ވެސް ފަނޑު ކުރަންފެށުމާއި ﷲގެ މަގުގައި ކުރެވޭ ގިންކަންކަމަށް ހޭދަކުރުމާއި ފަޤީރުންގެ ބޮޑެތި ބަލި ތަކުގެ ފަރުވާއަށް ވެސް ފަނޑު ކުރަންފެށުނެވެ. އަދި ޙާޖަތަށް ބަލައި ބޯން މެރޯ ހެދުމަށް ބޭނުންފައިތިބި، އެކަމަށް މާލީ ގޮތުން ކުޅަދާނަކަމެއް ނެތް ފަރާތްތަކަށް ވެސް ފަންޑު ކުރެވުނެވެ.
ތަރައްޤީ ކުރަން ފެންނަ ގޮތް
އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށް ފެތޭ ގޮތައް ބާވާލައްވާފައިވާ ދީނެކެވެ. ފަޤީރުންނާއި މިސްކީނުންގެ ޙާޖަތްތައް ހުރިހާ ޒަމާނެއްގައި ފުއްދައި ދެވޭނެ ފަދަ އުޞޫލުތަކެއްގެ މައްޗަށް ޤާއިމުވެގެންވާ ދީނެވެ. ފަޤީރުންނާއި މިސްކީނުންގެ ޝަރުޢީ މަފްހޫމާމެދު ދަންނަބޭކަލުންގެ ރައުޔުތަކާއި ދިވެހިރާއްޖެގައި ޢަމަލު ކުރަންދާ ގޮތާއި ކަންކަން ދިރާސާ ކުރުމަށް ފަހު، ކަމާގުޅޭ އެކި ކަންކަމަށް ނަޒަރު ހިންގައި އަންނަނިވި ގޮތައް ފަޤީރުންނާއި މިސްކީނުންގެ ބައިން ޚަރަދު ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ ވިސްނުން ބިނާކޮށްފައިވަނީ ދުނިޔޭގެ މިއަދުގެ ޙާލަތާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ފަޤީރުންނާއި މިސްކީނުންގެ ޙާޖަތްތަކަށް ރިޢާޔަތްކޮށް ދާއިރާގެ ޢިލްމުވެރިން ހުށައަޅުއްވާފައިވާ ތަފާތު ހުށައެޅުއުންތަކުގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީން ޒަކާތުގެ ކަންކަމާ ބެހޭ ގޮތުން 2007 ވަނަ އަހަރުގައި ނެރުއްވާފައިވާ ޤަރާރު އާއި، ހަމަ އެ އެކަޑަމީން 1986 ގައި ނެރެފައިވާ ޤަރާރު އާއި މިޞްރުގެ ދާރުލްއިފްތާއު ގެ ނިންމުންތަކާއި އެކި އެކި ޢިލްމީ މަޖްމަޢުތަކުގެ. ނިންމުންތަކުގެ މައްޗަށެވެ.
ފަޤީރުންނާއި މިސްކީނުންނަށް ބޯހިޔާވަހިކަން ދިނުމަށް ފަންޑުކުރުން
ރާއްޖޭގައި ނަމަ ސޯޝަލް ހައުސިންފަދަ މަޝުރޫޢުތަކަށް ހިލޭ ފަޤީރުންނަށް ޚާއްޞަކޮށް ފަނޑު ކުރެވިދާނެއެވެ. ނުވަތަ އެޔަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް އެފަދަ ފަރާތްތަކަށް ދައްކާދެވިދާނެއެވެ. މިކަމުގައި ފަޤީރުންނާއި މިސްކީނުން ކަނޑައަޅާނެ ހަރުދަނާ އުޞޫލެއް ހަދަންވާނެއެވެ. ފުދުންތެރިކަން ހުއްޓަސް މިފަދަ ކަމެއްގައި އެހީތެރިކަންބޭނުންވާ ފަޤީރުންނާއި މިސްކީނުން ތިބެއެވެ. މި ގޮތައް އެފަދަ ފަރާތްތަކަށް އެހީތެރިކަން ދެވިއްޖެ ނަމަ ރިބަވީ މުޢާމަލާތްތަކުން ވެސް ފަޤީރުންނާއި މިސްކީނުން ސަލާމަތް ކޮށްދެވިދާނެ އެވެ. މިސާލަކަށް އަންނަންހުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓަކީ ފަންސަވީސްހާސް ރުފިޔާ ކަމުގައި ވަނީ ނަމަ ނިކަމެތި ފަޤީރު ޢާއިލާތަކަށް ޒަކާތު ފަނޑުން މިސާލަކަށް ފަސް މިލިއަން ރުފިޔާ ކަނޑައެޅުނަސް އެއިން އެތައް ޢާއިލާއަކަށް އެހީތެރިކަން ލިބިގެންދާނެ އެވެ. ފަޤީރުންގެ ޙާޖަތްތައް ޒަމާނާ އެއްގޮތައް ޕްރެކްޓިސް ކުރެވެން ޖެހެއެވެ.ބޯހިޔާ ވަހި ކަމަކީ އިންސާނީ އަސާސީ ޙައްޤެކެވެ. އަމިއްލަ ބޯހިޔާ ވަހިކަމެއް ނެތް ފަޤީރު މީހާއަށް އެކަމުގައި އެހީވުމަކީ މުހިންމު ކަމެކެވެ. އެކަމަކު ބޯހިޔާވަހިކަން ހުރި ބަޔަކަށް ލަގްޒަރީ ދިރިއުޅުން ހޯދައިދިނުމުގައި އިތުރު ބޯހިޔާވަހިކަމެއް ހޯދުމަށް އެހީއެއް ނުވެވޭނެއެވެ. ޒަކާތު ފަންޑުން ކޮންމެ އަހަރަކު ފަޤީރުންނަށް ކަނޑައަޅާ ޕަސެންޓް އެއީ މިސާލަކަށް ދިހަ މިލިޔަން ރުފިޔާގައިވާ ނަމަ އެ ދިހަ މިލިއަން ތަފާތު ދާއިރާތަކަށް ބެހިދާނެއެވެ. މިގޮތުން ފަޤީރުންގެ މަތީ ތަޢުލީމަށް، ފަޤީރުން ޙައްޖަށް ފޮނުވަން، ފަޤީރުންގެ ބޭސް ފަރުވާއަށް، ފަޤީރުންގެ ބޯ ހިޔާ ވަހިކަމަށް، ފަޤީރުން މުއްސަނދިކުރުމަށް ކުދި މަޝްރޫޢު ތަކަށް ފައިނޭންސްކުރަން މިގޮތަށް އެކި ދާއިރާތަކަށް ބަހާލެވިދާނެއެވެ. މިދެންނެވީ މިސާލުތަކެވެ.
ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ޚަރަދުކުރުން
ކިޑްނީ ބަދަލުކުރުން ފަދަ ގުނަން ޓްރާންސްޕްލާންޓް ކޮށްދިނުމާއި ބޮޑެތި ބަލިތަކަށް ފަނޑު ކުރެވިދާނެއެވެ.
1 - ޒުވާނުންގެ ތެރޭގައި ތިބި ފަޤީރުންނާއި މިސްކީނުން ކައިވެނިކޮށްދިނުމަށް ޚަރަދުކުރުން: ޒުވާނުންގެތެރޭގައި ނިކަމެތި ޒުވާނުން އުޅެއެވެ. ފައިސާ ނެތިގެންކައިވެނި ނުކުރެވޭ ޒުވާނުން އުޅެއެވެ. އެފަދަ ފަރާތްތަކަށް އެހީތެރިކަން ދެވިދާނެއެވެ. އެއިގެ ސަބަބުން އެމީހުންނަކީ ޢިއްފަތްތެރި ބަޔަކަށްވާނެއެވެ.
2 - ރަނގަޅު ސްކޫލްތަކުގައި ފަޤީރުންގެ ދަރިންނަށް ކިޔަވައިދީ މަތީ ދަރަޖަ ހޯދާ ކުދިންނަށް މަތީ ތަޢުލީމު ދިނުމަށް ޚަރަދު ކުރުން.
3 - ފަޤީރުންނާއި މިސްކީނުންނަށް ހުނަރުވެރިކަން ދަސްކޮށްދޭ މުއައްސަސާތައް އުފެއްދުން.
4 - ފަޤީރުންނާއި މިސްކީނުންގެ އެކި އެކި މަޝްރޫޢުތަކަށް ފައިނޭސްކުރުން.
5 - ފަޤީރުންނާއި މިސްކީނުންނާއި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ފުދޭމިންވަރުކަމަށް ކަމާ ބެހޭ ފަރާތްތަކަށް ފެންނަ މިންވަރެއް ޒަކާތުން ދިނުން.
6 - ފަޤީރުންގެތެރޭގައި ތިބި އެކި އެކި ހުނަރުވެރިންނަށް ވަސީލަތްތައް ގަނެދިނުން. ( މިސާލަކަށް: ފަހަން ދަންނަ މީހަކަށް ފަހާފޮށި ގަނެދިނުމާއި ވިޔަފާރި ކުރުމުގެ ތަޖުރިބާ ހުރި މީހަކަށް ފައިނޭންސް ކޮށްދިނުމާއި) މިބާވަތުގެ ކަންކަން ކޮށްދެވިދާނެއެވެ. އެއީ ފަޤީރުކަމުން ތަނަވަސްކަމުގެ ތެރެއަށް ގެނައުމަށްޓަކައެވެ.
7 - އިންވެސްޓްކުރުން: ފަޤީރުންނާއި މިސްކީނުންގެ ޟަރުރީ ޙާޖަތްތައް ފުއްދުމަށް ފަހު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތައްޓަކައި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ އުޞޫލުތަކަކާއެކު ޒަކާތުގެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ކަންކަމަށް އިންވެސްޓުކުރުން
8 - އިންޓަރެސްޓަކާ ނުލައި ފަޤީރުންނާއި މިސްކީނުންނަށް ލޯނު ލިބޭނެ ގޮތްތައް ހަމަޖެއްސުން.
ރިކޮމެންޑޭޝަން:
1 - ދިވެހިރާއްޖޭގެ ޒަކާތު ފަންޑު ތަރައްޤީކުރަންފެށި ގޮތައް ކުރިއަރަމުން އަންނަ އައުން ދަމަހައްޓަވާނެއެވެ. އިތުރަށް ކުރިއެރުވުމަށް އިސްތިރާތީޖީ އެކްޝަން ޕްލޭނެއް އެކުލަވާލެވެންވާނެއެވެ.
2 - ޒަކާތުގެ ޙައްޤުވެރިން ނުވަތަ ބެހެނިވެރިންގެ މަފްހޫމް ތަނަވަސްގޮތެއްގައި މާނަކުރެވެންވާނެއެވެ.
3 - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި އުފައްދާފައިވާ ޒަކާތުގެ ޝަރީޢާ އެޑްވައިޒަރީ ކޮމެޓީ އެކްޓިވްކޮށް ޒަކާތު ފަންޑު ތަރައްޤީކުރުމުގައި ބައިނަލްއަޤުވާމީ އިސްލާމީ ފިޤުހު އެކަޑަމީތަކުގެ ނިންމުންތައް ރީޢާޔަތްކުރަންވާނެއެވެ.
4 - ޑްރާފްޓްކޮށް ހުށައަޅާފައިވާ ޤާނޫނު ވެސް ވުޖޫދަށް ގެނެވޭތޯ މަސައްކަތްކުރަންވާނެއެވެ.
5 - ޒަކާތް ދައްކާ ފިޔަފާރިވެރިޔާ އަތުން ޓެކްސް ނެގުމުގައި ޒަކާތަށް ދެއްކިވަރު ޓެކްސް އިން އުނިކޮށް ވިޔަފާރިވެރިންނަށް ލުއިހޯދަ ދެވެންޖެހެއެވެ.
6 - ޙާލަތާއި މީހުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ފަޤީރުންންނާއި މިސްކީނުންގެ މިއަދުގެ ޙާޖަތްތައް ކުރީގެ ޤަރުނުތަކުގެ ޙާޖަތްތަކާއި މުޅިން ތަފާތެވެ. ވީމާ އަދުގެ ޙާޖަތްތައްކަށް ރިޢާޔަތްކޮށް ޒަކާތުގެ ފައިސާ އިންވެސްޓްކުރެވޭނެ ގޮތް ހެދުން.
7 - ދިވެހިރާއްޖޭގެ ޒަކާތު ފަންޑު އެކްޓިވްކޮށް ކުރިއަށް ގެންދިޔަ ގޮތައް ގެންދަންވާނެއެވެ. ތަޤުލީދީ ނުވަތަ ޓްރެޑިޝަނަލް ނަޒަރިއްޔާތަކުގެ ކަސްތޮޅުގައި ތާށިވެފައި އޮވެގެން ނުވާނެއެވެ.
8 - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ކޮންމެ އަހަރަކު ޒަކާތާ ބެހޭ ސެމިނަރ އެއް ބޭވެންވާނެއެވެ.
9 - އިސްލާމީ ކުއްލިއްޔާތަކުގެ މުޤައްރަރުތަކުގައި ޒަކާތުގެ ނިޒާމު ޒަމާނުގެ އުޞޫލުތަކާ އެއްގޮތައް ކިޔަވައިދިނުން. (މިކަންވާނީ އިސްލާމީ ޔުނިވަރސިޓީގައި ފަށާފައެވެ. )
10 - ޒަކާތް ދެއްކުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ޚުޠުބާތައް އިތުރުކުރުމާއި ކުންފުނިތަކުން ޒަކާތް ނެރޭނެ ގޮތް ކިޔައި ދިނުމާއި ޓީވީ ރޭޑިއޯ ޕްރޮގްރާމްތަކުގައި ޒަކާތުގެ މައުޟޫޢަށް މުހިންމުކަން ދިނުން. ދެން އަންނަ މަޒްމޫނުގައި ބަޔާންވެގެންވާނީ ޢާމިލުންގެ ވާހަކަ އެވެ.