ޖިއްދާއިން މާލެއަށް: ރަމަޟާން މަހުގެ މަތިވެރިކަން

ރަމަޟާން މަހަކީ، އެއީ ހެޔޮކަމުގެ މައްސަރެވެ. ޤުރުއާނުގެ މައްސަރެވެ. ނަޞްރުގެ މައްސަރެވެ. ފަތަޙައިގެ މައްސަރެވެ. ބަރަކާތްތެރިވެގެންވާ ދުވަސްތަކާއި ރޭތަކެވެ. ރަމަޟާންމަހަކީ މައްސަރުތަކުގެ ތެރެއިން ﷲ މަތިވެރި ކުރައްވާފައިވާ މައްސަރެވެ. އެމަހުގައި ކުރެވޭ އެންމެހައި ހެޔޮ ކަންކަމެއްގެ ސަވާބާއި ދަރުމަވަނީ އިތުރު ކުރައްވާފައެވެ. އެ މައްސަރު މާތް ކުރެއްވުމުގެ އެންމެ މަތިވެރި އެއް ސަބަބަކީ އެމަހުގައި ޤުރުއާން ބާވާލެއްވުމެވެ. ރަމަޟާންމަހުގެ މަތިވެރިކަމުގެ ވާހަކަ ކީރިތި ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެން ވެއެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެއް ރޯދަ މަހުން އަނެއް ރޯދަ މަހަށް އިންތިޒާރު ކުރައްވައެވެ. ރަމަޟާންމަހުގެ ރޯދަ ހިފުން މާތް ﷲ ވަނީ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައެވެ. އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގެ މާނައިގައިވެއެވެ: "އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމައްޓަކައެވެ.'' މިއާޔަތުގައި ބަޔާންކުރައްވާފައިވަނީ ރޯދަ ފަރުޟު ކުރައްވާފައިވާ ޙިކުމަތެވެ. އެއީ ތަޤުވާވެރިވުމަށެވެ. ތަޤުވާވެރި ވުމަކީ ﷲ އަމުރުކުރައްވާފައިވާ ކަންކަން އަދާކުރުމާއި ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމެވެ.

ފަރުޟު ރޯދަ އަކީ އިސްލާމްދީނުގެ އެންމެ މަތިވެރި ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅެއްގައި ވެއެވެ. "އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙައްމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި ޒަކާތްދިނުމާއި ރަމަޟާން މަހު ރޯދަހިފުމާއި، ކުޅަދާނަވެގެންވާ މީހާ ގެފުޅައް ޙައްޖުވުމެވެ.'' (އަލްބުޚާރީ: 7)

ރަމަޟާންމަހާ ބެހޭގޮތުން އުފާވެރިކަމުގެ ޚަބަރު ދެއްވަމުން އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެ އެވެ. އެ މަހުގައި ރޯދަ ހިފުން ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވެއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވެއެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އެމަހުގައި ޝައިޠާނުންގެ ތެރެއިންވާ މާރިދުންތައް ކަސްތޮޅު އެޅުވެއެވެ. އެމަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހެޔޮކަންކަމުން މަޙްރޫމްވެގެންފިއެވެ." (އައްނަސާއީ: 2091 )

އަދި ވެސް އިތުރު އެކަލޭގެފާނު ޙަދީސް ކުރައްވާފައިވެއެވެ. ''ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާންގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދިގެން ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ." (އަލްބުޚާރީ: 1802)

އަޅުގަނޑުމެން ރޯދަ މަހަށް މަރުޙަބާ ކިޔަންވީ ހިއްވަރަކާއެކު ހެޔޮ ޢަމަލުގެ މައިދާނުގައި ކުރިއަރައި ދިއުމުގައެވެ. ސުވަރުގޭގެ މަތިވެރި މަޤާމުތައް ޙާޞިލްކުރުމަށްޓަކައެވެ. އާލު ޢިމްރާން ސޫރަޔުގެ 33 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ."

މިހެންކަމުން ޙަޤީޤީ ކާމިޔާބުގެ މަންޒިލަކީ މަތިވެރިވެގެންވާ ސުވަރުގެއެވެ. މުއުމިނުންގެ އަމާޒަކަށް ވާންވީ އެމަތިވެތި މަޤާމު ޙާޞިލްކުރެވޭތޯ ގަދަ އަޅައި މަސައްކަތްކުރުމެވެ. ސުވަރުގެ ޙާޞީލްވަނީ ﷲ ތައުފީޤު ދެއްވި އަޅަކަށެވެ. ﷲގެ ރުހިވޮޑިގަތުމާއި މަޣުފިރަތު ހޯދަން އުޅޭ އެއްވެސް މީހަކު އެކަލާނގެ ރަޙުމަތުން ދުރު ނުކުރައްވާނެތެވެ. އެކަލޭގެ ޙަޟްރަތަށް އަތް އުފުލައިފި މީހަކު މާޔޫސް ނުވާނެއެވެ. ފާފަތައް ފުއްސަވައި ދެއްވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވާ އަޅަކަށް އިޖާބަ ދެއްވާނޭ ކަމަށް އެކަލޭގެ ވަޢުދުވެވޮޑިގެންފައިވެއެވެ. ޠާހާ ސޫރަތުގެ 83 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ." ރަމަޟާން މަހަކީ އިސްތިޣުފާރުގެ މައްސަރެވެ. ރަޙުމަތާއި މަޣުފިރަތާއި ނަރަކައިން މިންޖު ކުރެއްވުމުގެ މައްސަރެވެ. ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޢަޒުމް ކަނޑައަޅަންވާނެއެވެ.

ރަމަޟާންމަހުގެ އަދަބު އަޚުލާޤުގެ ތެރޭގައި ތެރޭގައި އެހެން މުސްލިމުންނަށްޓަކައި ހިތް ސާފުކުރުމާއި ޣީބަ ބުނުމުން ދުރުހެލިވުން ހިމެނެއެވެ. ޖަމާޢަތުގައި ނަމާދުކުރަން އާދަކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމާއި އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދިނުމުގައި ބައިވެރިވުމަކީ ޘަވާބާއި ދަރުމަ އިތުރުވެގެންދާނެ ކަންކަމެވެ. ރަމަޟާންމަހުގައި ރޯއްދަވީލުން ދިނުމަކީ ވެސް ސުވަރުގެއަށް ވަނުމަށްޓަކައި ހުޅުވޭ ދޮރެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރައްވާފައިވެއެވެ. އަދި ތަރާވީޙު ނަމާދުގައި ބައިވެރިވުމާއި ދަމު ނަމާދުގައި ބައިވެރިވުމާއި ޢާއިލާގެ މެންބަރުންނާއި ދަރިންނަށް މިކަންކަމަށް ބާރު އެޅުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. އައްތަޣާބުނު ސޫރަތުގެ 6 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." މިހެންކަމުން ހެޔޮކަންކަމަށް އަނބި ދަރިންނަށް ބާރު އެޅުމަކީ ވަރަށް މުހިންމުކަމެވެ.

ހާރު ކެއުމާއި ހާރުކެއުން ލަސްކުރުމަކީ ވެސް ސުންނަތެކެވެ. ރަމަޟާންމަހުގައި ބަންގި ގޮވުމާއެކު ރޯދަ ވީއްލުން އަވަސް ކުރުމަކީ ސުންނަތެވެ. ރޯދަ ވީއްލުމުގެ ވަގުތުގައި ކުރެވޭ ދުޢާ އިޖާބަ ކުރައްވައެވެ. މިހެންކަމުން ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލުމުގެ ކުރިން ހެޔޮ ދުޢާކުރުމަށް އަވަސް ވެގަންނަންޖެހޭނެއެވެ. ޢަރަބި ބަހުން ވެސް ދިވެހި ބަހުން ވެސް ދުޢާކުރެވޭނެއެވެ. އިނގިރޭސި ބަހުން ވެސް ދުޢާކުރެވޭނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއްނޫނެވެ. ރޯދަ ގެއްލޭ ކަންކަމާއި ރޯދަ މަހުގެ މަތިވެރިވެރިކަމާއި ނުގުޅޭ ކަންކަމުން އެއްކިބާވާންޖެހޭނެއެވެ. ރޯދަ މަސް އެމީހަކާ ބައްދަލުވެ އެ ރޯދަ މަހުގައި އެމީހެއްގެ ފާފަތައް ނުފޮހެވޭ މީހާ އަކީ ބަދު ނަސީބު މީހެކެވެ. މިހެންކަމުން މިކަންކަމާ މެދު ވިސްނައި ހެޔޮ ޢަމަލު ކުރުން މަތީ ދެމި ތިބެން ޢަޒުމް ކަނޑައަޅަންވާނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާށިއެވެ.