ތަރާވީޙު ނަމާދު ކުރަން ދާންވީ ކޮން މިސްކިތަކަށް؟

އަޅުގަނޑުގެ ގޭދޮށު މިސްކިތުގައި ތަރާވީޙުގައި ކުރަނީ އެގާރަ ރަކުޢަތެވެ. ނަމަވެސް އެހެން މިސްކިތެއްގައި ވިހި ރަކުޢަތް ކުރެއެވެ. އަޅުގަނޑު ދާންވީ ކޮން މިސްކިތަކަށް ހެއްޔެވެ؟

ތަރާވީޙު ނަމާދުގައި ވިހި ރަކުޢަތައް ވުރެ މަދު ނުކުރެވޭނޭ ކަމަށް ދުށުމާއި އެގާރަ ނުވަތަ ތޭރަ ރަކުޢަތަށް ވުރެ ގިނަ ނުކުރެވޭނޭ ކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި މިއިން ގޮތަކައް ދެކި އަނެކުން ކުށްވެރި ކުރުމަކީ ޝަރުޢުގެ ދަލީލުތަކާ ޚިލާފަށް ކުރެވޭ ކަމެކެވެ. ޞައްޙަ ޙަދީޘްތަކުން ދަލީލު ކޮށްދެނީ ރޭގަނޑުގެ ނަމާދުގެ ރަކުޢަތުގެ ޢަދަދަކީ ތަނަވަސް ވެގެންވާ އެއްޗެއް ކަމެވެ. ކަނޑައެޅިގެން ވަކި ޢަދަދެއް މިކަމުގައި ޝަރުޢުގައި ކަނޑައަޅުއްވާފައި ނެތެވެ. ކީރިތި ރަސޫލާގެ އަރިހުން އެކަލޭގެފާނު އެގާރަ ރަކުޢަތް ކުރެއްވިކަމާއި ބައެއް ފަހަރު ތޭރަ ރަކުޢަތްކުރެއްވި ކަމަށް ސާބިތުވެފައިވެއެވެ. ރޭގަނޑުގެ ނަމާދާ ބެހޭ ގޮތުން އެކަލޭގެފާނާ ސުވާލު ކުރެއްވުނު ހިނދު، ޙަދީޘްކުރައްވާފައި ވެއެއެވެ.

"ރޭގަނޑުގެ ނަމާދުވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. ފަޖުރުލައިފާނޭ ހެން ހީވެއްޖެ ނަމަ އެއް ރަކުޢަތުން ވިތުރި ކޮށްލާށެވެ" ރޯދަމަހުގައި ވިޔަސް، އެނޫން ދުވަސްތަކުގައި ވިޔަސް މިކަމުގައި ވަކި ޢަދަދެއް ކަނޑައަޅުއްވާފައި ނެތެވެ.

މިހެންކަމުން ޢުމަރުގެފާނުގެ ޒަމާނުގައި އަޞްޙާބު ބޭކަލުން ބައެއް ފަހަރު ތޭވީސް ރަކުޢަތް ކުރައްވާފައި ވެއެވެ. އަނެއްބައި ޙާލަތްތަކުގައި އެގާރަ ކުރައްވާފައި ވެއެވެ. މިހުރިހާ ގޮތްތަކެއް އަޞްޙާބު ބޭކަލުންގެ އަރިހުން ސާބިތުވެފައި ވެއެވެ.

ބައެއް ސަލަފުން ރޯދަ މަހުގައި ތިރީސް ހަ ރަކުޢަތް ކުރައްވައި ތިން ރަކުޢަތުން ވިތުރި ކުރައްވާފައި ވެއެވެ. އަދި ބައެއް ބޭކަލުން ސާޅީސް އެއް ރަކުޢަތް ކުރައްވާފައި ވެއެވެ. ޝައިޚުލްއިސްލާމް އިބުނުތައިމިއްޔާ އާއި އެހެނިހެން ދަންނަބޭކަލުން މިޚަބަރުތައް ޢިލްމުވެރިންގެ ކިބައިން ނަޤުލު ކުރައްވާފައި ވެއެވެ. އަދި މިކަމަކީ ތަނަވަސް ވެގެންވާ ކަމެއް ކަމުގައި ޝައިޚުލްއިސްލާމް ބަޔާން ކުރައްވާފައި ވެއެވެ.

އަދި ވެސް ޝައިޚްލްއިސްލާމް ބަޔާން ކުރައް ވައެވެ. ކިޔެވުން ދިގުކޮށް، ރުކޫޢު ސުޖޫދު ދިގު ކުރާނަމަ، ހެޔޮ ކަން ބޮޑީ ރަކުޢަތްތަކުގެ ޢަދަދު މަދުކޮށްލުމެވެ. ކިޔެވުން ކުރުކޮށް ރުކޫޢު ސުޖޫދު ދިގު ނުކުރާމީހާ ރަކުޢަތްތަކުގެ ޢަދަދު އިތުރު ކޮށްލާނީ އެވެ.

ކީރިތި ރަސޫލާގެ ސުންނަތް ދިރާސާ ކުރުމުން އެންމެ މާތް ގޮތަކީ އެގާރަ ނުވަތަ ތޭރަ ރަކުޢަތް ކުރުން ކަމުގައި ފެނިގެން ދެއެވެ. އެއީ އިތުރު އެކަލޭގެފާނުގެ ޢަމަލުފުޅު ގިނަ ފަހަރު އެގޮތަށް އައިސްފައިވީތީ އެވެ. އެކަލޭގެފާނު ނަމާދު ކުރައްވާފައި ވަނީ ވަރަށް ދިގުކޮށް ކިޔަވާ ވިދާޅުވެ، ރުކޫޢު ސުޖޫދު ވަރަށް ދިގު ކުރެއްވުމާއެކުގަ އެވެ.

އިސްވެ ބަޔާންވެ ދިޔަ ވާހަކަތަކުން ބަޔާންކޮށްދެނީ ވިއްސަށް ވުރެ މަދުވިޔަސް އެގާރަ ނުވަތަ ތޭރަ އަށް ވުރެ އިތުރު ވުމަކުން ޝަރުޢީ ގޮތުން މައްސަލައެއް ނެތެވެ. ވިހި ރަކުޢަތްކުރުމަކުން ނުވަތަ މިދެންނެވި ޢަދަދު ތަކަށް ވުރެ އިތުރުވުމަކުން ވެސް މައްސަލައެއް ނެތެވެ.

އިމާމާ އެކު ތަރާވީޙް ކުރާ މީހާ އަށް އެންމެ މާތް ގޮތަކީ އިމާމާ އެކު ނިންމުމެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅުގައި ވެއެވެ. "އިމާމާ އެކު ނަމާދުކުރާ މީހާ، އިމާމު ނިމެންދެން އިމާމާއެކުހުރެ ނިންމައިފި ނަމަ ރޭގަނޑެއްގެ އެއްކޮށް އަޅުކަންކުރި ސަވާބު ލިބޭ ހުއްޓެވެ."