އެއްމާބަނޑު އަށްކުދިން ވިހޭ ނާދިޔާ ސުލޭމާން

ނާދިޔާ ޑެނީސް ދާއޫދް ސުލޭމާން އުފަންވެފައިވަނީ ޖުލައި 11، 1975 ގައި ކެލިފޯނިއާގެ ފުލާޓަންގަ އެވެ. އޭނައަކީ މުދައްރިސެއް ކަމަށްވާ އެންޖެލާ ވިކްޓޯރިއާ އަދި ރެސްޓޯރަންޓެއް ހިންގާ އަސީރިއާ އިރާގީ ދަރިފަސްކޮޅުގެ އެޑްވާޑް ދާއޫދު ސުލޭމާނުގެ ހުރި ހަމައެކަނި ދަރިފުޅެވެ.

މީޑިއާގައި "އޮކްޓޮ މޮމް" ގެ ނަމުން މަޝްހޫރު ވެފައިވާ ނާދިޔާ 1993 ވަނަ އަހަރު ނޮގާލީޒް ހައި ސްކޫލުން ކިޔަވާ ނިމުމަށް ފަހު ޗައިލްޑް އެންޑް އެޑޮލިސަންޓް ޑިވެލޮޕްމަންޓުން ބެޗްލާ އޮފް ސައިންސް ޑިގްރީއެއް ހާސިލް ކުރި އެވެ. އަދި ސަރުކާރުގެ ނަފްސާނީ ހޮސްޕިޓަލެއްގައި ތިން އަހަރު ވަނދެން ވަޒީފާ އަދާކުރި އެވެ.

ނާދިޔާ 1996 ގައި ކުރި ކައިވެނި ރޫޅިގެން ގޮސްފައިވަނީ ދެމަފިރިންނަށް ކުދިން ނުލިބުމުގެ ސަބަބުން ކަމަށް އޭނާގެ ފިރިމީހާ "އިންސައިޑް އެޑިޝަން" މަޖައްލާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

އިން ވިޓްރޯ ފާޓިލައިޒޭޝަން ހަދައިގެން ވިޔަސް ނާދިޔާ ހުރީ ދަރިމައިވާން ބޭނުންވެފަ އެވެ. ނަމަވެސް އޭނާގެ ފިރިމީހާ އެގޮތަށް ބޭނުން ނުވީ އެވެ. ދެމަފިރިން ވަރިއަށް އެދި 2001 ގައި ހުށަހެޅި ނަމަވެސް ރަސްމީގޮތުން ވަރި ސާބިތުކޮށްފައި ވަނީ 2008 ގައެވެ.

ފިރިމީހާގެ ކައިރިން ވަރިވުމަށް ފަހު ހެދި ފުރަތަމަ އިން ވިޓްރޯއިން އޭނައަށް ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. އަދި އޭގެ ފަހުން ވެސް އިން ވިޓްރޯ ހަދައިގެން އިތުރު ފަސް ކުދިން ލިބުނެވެ. އެ ހިސާބުން ވެސް އޭނަ ބޭނުންވީ އިތުރު ދަރިން ހޯދާށެވެ. ނާދިއާ ބޭނުންވީ ބޮޑު އާއިލާއެއް ހޯދާށެވެ.

ނާދިއާ ސުލޭމާން މުޅި ދުނިޔޭގެ ނޫސްތަކާއި ޓީވީތަކުގެ ސަމާލުކަން ދަމައިގަނެ ހެޑްލައިންތައް ފަތަހަކޮށްފައި ވަނީ އެމެރިކާގެ ކެލިފޯނިއާގެ ކެއިސަރު ޕާމަނެނެންޓް މެޑިކަލް ސެންޓަރުގައި ހަ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިން ނުވަތަ "އޮކްޓުޕްލެޓްސް" ވިހެއި ހިސާބުން ނެވެ. ސިޒޭރިއަން ހަދައިގެން ވިއްސާފައިވާ ކުދިންތައް ވިހާފައިވަނީ ދުވަސް ހަމަ ނުފުރަ އެވެ.

ނާދިއާ އެއް ފަހަރާ އަށް ކުދިން ވިހެއުމަށް ފަހު އެތައް ދަތި އުނދަގުލަކާ ކުރިމަތިލި ނަމަވެސް އޭނާ ވަނީ ދަރިންގެ ހައްގުގައި އެ ހުރިހާ ދަތި އުނދަގުލަކުން އަރައިގަންނަން މަސައްކަތްކޮށް ކާމިޔާބު ހޯދާފަ އެވެ. ފަހުން އެހެން ކައިވެންޏެއް ނުކުރި ނަމަވެސް އެއްމާބަނޑު އަށް ކުދިންނާއެކީ ކުރިން ލިބިފަވާ ކުދިން ވެސް ބަލާ ބޮޑުކުރި އެވެ.

ނާދިއާއަށް ލިބިފައިވާ އެއްމާބަނޑު އަށް ކުދިންނަކީ އެމެރިކާގައި އެގޮތަށް މީހަކު ވިހެއި ދެވަނަ ފަހަރަށް ވާއިރު އަދި ހުރިހާ ކުދިނަށް މިއަހަރު 10 އަހަރު ފުރިފަވާއިރު އިންސާނުންގެ ތާރީހުގައި ވިހާފައިވާ އެއްމާބަނޑު 8 ކުދިން މިިހާ ދުވަސް ވަންދެން ދުނިޔޭގައި ތިބި މިއީ ފުރަތަމަ ފަހަރެވެ.

ކުރީކޮޅު ކިތަންމެ ގޯސްކޮށް ދިޔަނަމަ ވެސް އެ ކުދިންގެ ފޮޓޯތަކުން ފެންނަ އުފާވެރި މޫނުތަކާއި 16 ކުދިން ބަލާ ބޮޑު ކުރުމުގައި ނާދިޔާގެ ޒިންމާ އަދާކޮށްފައިވާ މިންވަރު ކިތަންމެހާވެސް ރަނގަޅު ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.