ގައިގެ ހަންގަނޑު ބޭނުން ގޮތަކަށް ދަމާލެވޭ މީހެއް!

އިނގިރޭސި ވިލާތުގެ ގެރީ ޓާނާއަށް އޭނާގެ ހަށިގަނޑުގެ ހަންގަނޑު ވަރަށް ބޮޑަށް ދަމާލެވެއެވެ. ހާއްސަކޮށް އޭނާގެ ބަނޑުގެ ހަނގަނޑު 15 އިންޗިއަށް ދަމާލެވެ އެވެ. ގެރީއަށް އެ ރެކޯޑު ލިބިފައިވަނީ އޮކްޓޯބަރު 29، 1999 ގައެވެ.

ގެރީއަށް މިކަންތަށް ކުރެވޭ ސަބަބަކީ އެއްލާޒް-ޑެންލޯޒް ސިންޑްރޯމް ކިޔާ ބައްޔެއް އޭނާގެ ގައިގާ ހުންނާތީ އެވެ. އެ ބައްޔަކީ ހަށިގަނޑުގެ ކަނެކްޓިވް ނުވަތަ ގުޅުވައިދޭ ޓިޝޫތަކަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހާގެ ގައިގެ ހަންގަނޑަށާއި ލިގަމެންޓުތަކާއި އަދި ބައެއް ފަހަރު އެތެރެހަށީގެ ގުނަވަންތަކަށް ވެސް އޭގެ އަސަރު ކުރެއެވެ.

ބަލި ޖެހުމުން ވާގޮތަކީ ހަންގަނޑާއި ކަނެކްޓިވް ޓިޝޫތަކުގެ ދެމޭ ބާރު ހިފަހައްޓައިދޭ މާއްދާ ކަމަށްވާ ކޮލާޖެންގެ މައްސަލަ ދިމާ ވެއެވެ. އެހެން ވުމުގެ ސަބަބުން އާދަޔާ ހިލާފަށް ގައިގެ ހަންގަނޑު ދޫވެ ހަށިގަނޑުގެ ކަށިތަކާއި ހުޅުތައް މަޑުވާ ގޮތް ވެއެވެ. ބަލީގެ އެންމެ ސީރިއަސް ކޭސްތަކުގައި ލޭ ނާރުތަކުގެ ބާރު ކެނޑި ފުރާނައަށް ނުރައްކާތެރިވާ ފަހަރު ވެސް އާދެއެވެ.

ގެރީ ޓާނާ ގިނީޒް ވޯލްޑް ރެކޯޑްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ގައިގެ ހަންގަނޑު ވަރަށް ބޮޑަށް ދަމާލެވޭކަން އޭނައަށް ވަރަށް ކުޑައިރު ވެސް ފަހާގަ ވެފައިވާ ކަމަށެވެ.

އޭނަ ބުނިގޮތުގައި އޭނަގެ ބޮޑު ބޭބެއިން އެމީހުންގެ އެކުވެރިންނަށް ގެރީގެ އާދަޔާހިލާފުކަން ދައްކާލަން އެ ގެއަށް ގެންގޮސް ވެސް ހަދައެވެ.

ގެރީ ޓާނާ އުފަންވި އިރު އޭނަގެ އެއްވެސް މައްސަލައެއް ހުރިކަމުގެ ނިޝާނެއް ފެންނަން ނެތް ނަމަވެސް އޭނަ ވިއްސި ފޫޅުމާ ކުޑަކުޑަ ގެރީގެ ހަންގަނޑު ދޫވެފައި ހުރިކަން ފުރަތަމަވެސް ވަނީ ފާހަގަކޮށްފަ އެވެ. ހަށިގަނޑުގެ ހަންގަނޑު ދަމާ ނުލެވޭ ހިސާބެއް ވޭތޯ އެހުމުން ގެރީ ބުނަނީ ރަނގަޅު ހަންގަނޑެއް އިންނަ ކޮންމެ ދިމާލަކުން ވެސް ދަމާލެވޭ ކަމަށެވެ. ހަންގަނޑު ދަމާ ނުލެވެނީ ފަޔާއި އަތްތިލައިން ކަމަށް ވެސް އޭނާ ބުންޏެވެ.