ޖިޔޯތީ: ދުނިޔޭގެ އެންމެ ކުރު އަންހެނާ

ދުނިޔޭގެ އެންމެ ކުޑަ އަންހެން މީހާގެ ރެކޯޑު ހާއްސަ ކަން ލިބިފައިވަނީ ޑިސެމްބަރު 16، 1993 ގައި އިންޑިއާގެ މަހަރަޝްތުރާގެ ނާގްޕޫރްއަށް އުފަންވެފައިވާ ޖިޔޯތީ ކިސާންޖެ އަމްޖެ އަށެވެ. އޭނާގެ އިސްކޮޅުގެ ކުރު ކަމުގެ އަސްލަކީ މަދުން ނޫނީ ނުފެންނަ އެކޮންޑްރޮޕްލޭސިއާ ކިޔާ ޖެނެޓިކް ބައްޔެކެވެ.

އިސްކޮޅުގައި އެންމެ 62.8 ސެންޓިމީޓަރު (2 ފޫޓު 0.6 އިންޗި) އަދި ބަރުދަނުގައި އެންމެ ފަސް ކިލޯ ހުންނަ ޖިޔޯތީއަށް 18 އަހަރު ފުރުނު ދުވަހު އޭނައަކީ ދުނިޔޭގެ އެންމެ ކުޑަ އަންހެން މީހާ ކަމަށް ގިނީޒް ވޯލްޑް ރެކޯޑްސްއިން ރަސްމީކޮށް ފާހަގަ ކުރުމުގެ ކުރިން އޭނާއަކީ ދުނިޔޭގެ އެންމެ ކުޑަ ޒުވާނާ އެވެ

ކައްކާއެއްގެ ވަޒީފާ އަދާކުރާ ޖިޔޯތީއަކީ އިންޑިއާގެ ސެލެބްރިޓީއެއް ވެސް މެއެވެ. އެގޮތުން 2009 ޑޮކިއުމެންޓަރީ ބޮޑީޝޮކް: ޓޫ ފީޓް ޓޯލް ޓީން އަދި ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާން ހުށަހަޅައިދޭ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ ބިގްބޮސްގެ ހަ ވަނަ ސީޒަންގައި އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ.

އޭގެ އިތުރުން މިހާރު އެންމެ މަޝްހޫރު ބިރުވެވެރި އިނގިރޭސި ޓީވީ ސީރީޒް އެމެރިކަން ހޮރޯ ސްޓޯރީގެ ހަތަރުވަނަ ސީޒަން ފްރީކް ޝޯގައި 2014 ވަނަ އަހަރު މަ ޕެޓީޓްގެ ބައި ކުޅެފައި ވަނީ ޖިޔޯތީ އެވެ. ތިން އަހަރުގެ ކުޑަ ކުއްޖެއްގެ އިސްކޮޅު ހުންނަ 25 އަހަރުގެ ޖިޔޯތީ އެންމެ އުންމީދު ކުރަނީ ބޮލީވުޑްގެ އެކްޓަރެސްއަކަށް ވުމަށެވެ.

މަހަރަޝްތުރާގެ ޕޫނޭ ޑިސްޓްރިކްޓްގެ ލޮނަވާލާގައި ހުންނަ ސެލެބްރިޓީ ވެކްސް މިއުޒިއަމްގައި އޭނަގެ ބުދެއް ހަދާފައި ހުރެއެވެ.

ޖިޔޯތީ އޭބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފަވަނީ އޭނަ ކަހަލަ މީހުން ކިތަންމެ އިސްކޮޅުން ކުރުވިޔަސް އެކްޓް ކުރަން އިނގޭނެ ކަމަށެވެ. އަދި އިސްކޮޅުން ދިގު ވީމައޭ ކިޔާފަ އިސްކޮޅުން ކުރު މީހުންނަކީ އެމީހުންނަށް ވުރެ ދަށު ދަރަޖައެއްގެ މީހުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

ޖިޔޯތީ އޭނާގެ އިސްކޮޅާމެދު ހިތްހަމަޖެހެ އެވެ. އަދި އޭގެ ސަބަބުން އޭނާއަށް ގިނެސްގެ ރެކޯޑް ލިބުމުން އަމިއްލަ ނަފްސައް އޮތް އިތުބާރު އިންތިހާއަށް ބޮޑުވެގެން ދިޔަކަމަށް ވެސް އޭނާ ބުނެއެވެ.

އިސްކޮޅުން ކުރުވީމަ އެއްވެސް އުނދަގުލަކާ ކުރިމަތިވޭތޯ އެހުމުން ޖިޔޯތީ ބުނީ އޭނައަށް އެންމެ އުނދަގޫ ކަމަކަށް ވަނީ އަންނައުނު ހޯދާށެވެ. އޭނަ އަންނައުނު ލަނީ އަމިއްލައަށް ފަހައިގެނެވެ. އަދި ކުރިން މީހުން އޭނައާ ދިމާލަށް ބަލާތީ އުނދަގޫ ވިޔަސް މިހާރު އެއްގޮތަކަށް ވެސް އުނދަގޫ ނުވާ ކަމަށް އޭނަ ބުނެ އެވެ.