ދުނިޔޭގެ އެންމެ ދިގު މަތިމަހުގެ ވެރިޔާއަކީ އިންޑިއާގެ ޖެއިޕޫރަށް ނިސްބަތްވާ ރާމް ސިންގް ޗޯހާން އެވެ. އޭނާ ބުނާ ގޮތުގައި 18 ފޫޓު ބައި ދިގު އޭނާގެ މަތިމަސް ދިގު ކުރަން ފަށާފައިވަނީ 1970 ވަނަ އަހަރުގަ އެވެ.
އެންމެ ދިގު މަތިމަހުގެ ދުނިޔޭގެ ރެކޯޑު ހާސިލްކޮށްފައިވާ ރާމް 62، ގިނެސް ވޯލްޑް ރެކޯޑްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި މީހުންގެ ތައުރީފު އޭނަގެ މަތިމަހަށް ވަރަށް ބޮޑަށް އޮވެއެވެ.
"އިންޑިއާގައި ފިރިހެނުންގެ ވަރުގަދަ މަތިމަހެއް ހުރުމަކީ ފިރިހެނެއްގެ ފިރިހެންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް. އަހަރެންގެ މަތިމަހުގެ ސަބަބުން އަހަރެން ވަރަށް ފަހުރުވެރިވަން،" މަތިމަހުގެ ދިގުމިނުގައި 18 ފޫޓާއި 6 އިންޗި ހުންނަ ރާމް ބުންޏެވެ.
އޭނާ ބުނާގޮތުގައި 1970 ވަނަ އަހަރު މަތިމަސް ދިގު ކުރަން ފެށި ގޮތަށް 2010 ގައި ރިކޯޑް ކާމިޔާބުކުރި ފަހުން އޭނަގެ ރެކޯޑު އެއްވެސް މީހަކަށް ވައްޓާލެވިފައެއް ނުވެއެވެ.
މަތިމަހާއި ތުނބުޅި ބެލެހެއްޓުމުގައި ރާމް ގެންގުޅެނީ ތަފާތު ދެ ގޮތެކެވެ. ރާމްގެ މަތިމަސް ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމައްޓަކައި ކޮންމެ ދުވަހެއްގެ ދެ ގަޑިއިރާއި ބައި ހޭދަ ކުރެއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް މަތިމަހުގައި ފުނާއަޅާ ސާފު ކުރެއެވެ. އަަދި ކޮންމެ ދިހަ ދުވަހަކުން ރާމް ރަނގަޅަށް މަތިމަސް ދޮވެލަ އެވެ.
ދުޅަހެޔޮ ސިއްހަތެއްގައި މަތިމަސް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ޒައިތޫނި ތެލާއި މަސްޓަޑް ތެލާއި ކާށިތެލުގެ މިކްސްއެއް ކޮންމެ ދުވަހަކު މަތިމަހުގައި ބޭނުން ކުރެއެވެ. އަދި ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ޗަކައިގެ ބާވަތެއް އަޅާފަ ހުންނަ ފެނަކުން އޭނަގެ ތުނބުޅި ދޮވެލަ އެވެ.
އެ ހުރިހާ ކަމަކަށް ވެސް ގިނަ ވަގުތު ހޭދަވާއިރު ރާމްއަށް އެހީތެރިވެދެނީ އޭނަ އަނބިމީހާ އާޝާ އެވެ. އާޝާ ބުނާ ގޮތުގައި އެންމެ ފުރަތަމަ ރާމްގެ ތުންބުޅިއާމެދު އޭނަ ނުރުހުން ވިއެވެ. ސަބަބަކީ ތަނަކަށް ދާން ތައްޔާރުވާން ގިނަ ވަގުތު ނަގާތީ އާއި މަގުމަތިން ދާއިރު މީހުން އޭނައާ ދިމާލަށް ދެ ލޯ ބޮޑު ކޮށްގެން ބަލާތީ އެވެ.
ނަމަވެސް ފަހުން ރާމްގެ މަތިމަހުގެ ސަބަބުން މީހުން އޭނައަށް ކުރާ އިހްތިރާމާއި އޭނައަށް ލިބެމުން ދިޔަ މަޝްހޫރުކަން ފެނިފައި މަތިމަހާމެދު ރުހެން މަޖުބޫރުވީ އެވެ. އާޝާ ބުނާގޮތުގައި މިހާރު ރާމްގެ މަތިމަހަކީ އާއިލާގެ ވެސް ބައެކެވެ. އަދި ރާމް އޭނަގެ މަތިމަހާމެދު ފަހުރުވެރި ވާވަރަށް މިހާރު އާޝާ ވެސް ފަހުރުވެރި ވެއެވެ.
މަތިމަސް ދިގު ކުރަން ފެށި އިރު ރާމްއަށް މަތިމަސް ހިރުވާތީ ކިތަންމެ އުނދަގޫވި ނަމަވެސް އޭނާ އެކަމަށް ކެތްކޮށް އޭނަގެ ލަނޑުދަނޑި ވަނީ ހާސިލްކޮށްފަ އެވެ.