ތުރުކީގެ ރައްޔިތެއް ކަމަށްވާ ސުލްތާން ކޫސެން އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ދިގު މީހާއެވެ. ދުނިޔޭގެ އެންމެ ދިގު މީހާގެ ރެކޯޑް ލިބިފައިވާ ސުލްތާންގެ އިސްކޮޅުގައި 8 ފޫޓު 2.82 އިންޗި ހުރެ އެވެ.
ސިކުނޑީގައި އިންނަ އިންސާނާގެ ހެދިބޮޑުވުމާއި ގުޅުންހުރި ޕިޓުއިޓަރީ ގްލޭންޑަޖެހޭ އެކްރޮމެގަލީ ކިޔާ ބައްޔެއްގެ ސަބަބުން އުމުރުން 36 އަހަރުގެ ސުލްތާންއަށް އާދަޔާ ހިލާފު ދިގު އިސްކޮޅެއް ލިބިފައިވީ ނަމަވެސް ބަލީގެ ސަބަބުން އޭނާއަށް ހިނގާބިނގާވެ އުޅެން ޖެހިފައިވަނީ ދަނޑިގަނޑެއްގެ އެހީގަ އެވެ.
ސުލްތާންގެ ބައްޔާއި އިސްކޮޅުގެ ސަބަބުން އޭނާއަށް ތައުލީމު ހާސިލް ކުރުން މެދުކަނޑާލުމަށް ފަހު ޕާޓް ޓައިމް ދަނޑުވެރިއެއްގެ ގޮތުގައި ވަޒީފާ އަދާކުރި އެވެ.
ސުލްތާން ބުނާގޮތުގައި އޭނާގެ އިސްކޮޅުގެ ސަބަބުން އޭނާއަށް އެހެން މީހުންނަށް ވުރެ ދުރު ބަލަން ފަސޭހަވެ ގޭތެރޭގައި އާއިލާ މީހުން އަތް ނުފޯރައިގެން އުޅޭ އެއްޗެއް ނަގައިދީ، އަނދާފައި އިންނަ ބޮތްކެއް ބަދަލު ކޮށްލައި އަދި ކުރުކޮށް ތިބޭ މީހުންނަށް ކުރަން ފަސޭހަ ނޫން އެތައް ކަމެއް ކޮށްލުން އެއީ ވަރަށް ވެސް ފަސޭހަ ކަމެކެވެ.
ނަމަވެސް އިސްކޮޅުގެ ސަބަބުންވާ އުނދަގޫތަކުގެ ތެރޭގައި އަވަހަށް ތަނަކަށް ދާންޖެހިއްޖެ ހާލަތެއްގައި އާދައިގެ ކާރަކަށް އެރުން އެއީ އޭނާއަށް ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި އޭނާއަށް ހެޔޮވަރު އަންނައުނު ހޯދުމާއި އޭނާއަށް ހެޔޮވަރުގެ ބޫޓެއް ހޯދުމަކީ އެންމެ އުނދަގޫ ކަންތަކުގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ.
ސުލްތާންގެ ބައްޔަށް ފަރުވާ ކުރުމަށްޓަކައި 2010 ވަނަ އަހަރު ޔުނިވާސިޓީ އޮފް ވާޖީިއާގެ މެޑިކަލް ސްކޫލުން "ގަމާ ނައިފް" ޓްރީޓްމަންޓް ހަދާފައިވާއިރު އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް އުފައްދަމުން ދިޔަ ގްރޮއުތް ހޯމޯން މައިތިރި ކުރުމަށް ބޭސް ކާން ފެށި އެވެ. އަދި 2012 ވަނަ އަހަރު އޭނާއަށް ލިބެމުން ދިޔަ ފަރުވާ ކާމިޔާބުވެ އާދަޔާ ހިލާފަށް އިތުރުވަމުން ދިޔަ އޭނަގެ އިސްކޮޅު ހުއްޓުމަކަށް ގެނެވުނެވެ.
ޖެހިގެން އައި އަހަރު ސުލްތާން ސީރިއާއަށް އުފަން މާވް ދީބޯއާއި ކައިވެނި ކުރި އެވެ. އަދި 2014 ވަނަ އަހަރު މެޖިކް ސާކަސް އޮފް ސަމޯއާ އާއި ގުޅި ދުނިޔެ ވަށައިގެން ދަތުރު ކޮށްފައި ވެއެވެ.
ދުނިޠެގެ އެންމެ އިސްކޮޅުން ދިގު މީހާގެ ރެކޯޑުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އަތްތިލައިގެ ރެކޯޑު ލިބިފައިވަނީ ވެސް ހަމަ ސުލްތާން ކޫސެން އަށެވެ.