މިއަދު ރާއްޖެއަށް އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ!

މިއަދު، 3 ޖޫން 2019، ހޯމަ ދުވަހަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު، ރާއްޖެއަށް އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ އެވެ. މި ގޮތުން މާލެއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 4 މިނެޓު ފަހުންނެވެ. މި ވަރުން ހަމަ ލޮލަށް ހަނދު ފެންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ދިވެހިރާއްޖޭގައި ހަނދުމަހުގެ ކަލަންޑަރު ތައްޔާރު ކުރުމުގައި ބަލާ މިންގަނޑަށް ރިއާޔަތް ކުރާ އިރު، ހަނދު މަހެއްގެ 29 ވަނަ ދުވަހު، ހަނދު އޮއްސެނީ އިރު އޮއްސުމުގެ ފަހުން ކަމަށް ވާ ނަމަ، ދެން އަލި ވިލޭނީ އާ މަހުގެ ފުރަތަމަ ދުވަހަށެވެ. އެހެންކަމުން ކަލަންޑަރުތަކުގައި އޮންނާނީ މާދަމާއަކީ (4 ޖޫން 2019، އަންގާރަ ދުވަހަކީ) 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. ކަލަންޑަރު ހެދުމުގައި މި އުސޫލަށް އަމަލު ކުރި ނަމަވެސް، އަމަލީ ގޮތުން ރަމަޟާން މަހާއި ޝައްވާލު މަސް ފެށުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ކަނޑައަޅާފައިވާ އުސޫލު ތަފާތެވެ.

ދިވެހިރާއްޖެއާއި، އަދި އިސްލާމީ ވަރަށް ގިނަ އެހެން ގައުމުތަކުގައި ވެސް ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދެއްކުމާއެކު، ހަމަ ލޮލަށް ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަވެ، އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ހަނދުގެ މައްސަލަ ނިންމުމުގައި ފަލަކީ ހިސާބުގެ އެހީތެރިކަން ހޯދައެވެ. މި ގޮތުން އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭކަމަށް ފަލަކީ ހިސާބުން ދައްކާ ނަމަ، އެ ގައުމުތަކުގައި އޮންނަ އުސޫލަކީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.

ހަނދުމަސް ފެށުމުގައި، ހަމައެކަނި ފަލަކީ ގޮތުން މާރަހަ ވުމަށް ބަލާ ބައެއް ގައުމުތަކާއި މުސްލިމް ޖަމާޢަތްތަކުން އަމަލު ކުރާ އުސޫލަކީ، އެ ޤައުމަކަށް ފަޖުރުލުމުގެ ކުރީން ފަލަކީ ގޮތުން މާރަހަ ވެއްޖެ ނަމަ، ދެން އިރު އަރާ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވަނީ، ހޯމަ ދުވަހު (މިއަދު) ރާއްޖޭ ގަޑީން ހަވީރު 15:02 ގައެވެ. އެހެންވީމާ މާރަހަ ވުމަށް ފަހު ދެން އިރު އަރާނީ އަންގާރަ ދުވަހަށް ކަމަށް ވާތީ މިފަދަ ގައުމުތަކާއި ޖަމާޢަތްތަކުން ދެކޭ ގޮތުގައި އަންގާރަ ދުވަހަކީ ދިވެހިރާއްޖެ ފަދަ ބައެއް ޤައުމުތަކަށް ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ.

އެހެން ނަމަވެސް ފާހަގަ ކޮށްލަން ޖެހެނީ މާރަހަ ވުމަށް އެކަނި ރިޢާޔަތް ކުރާ ފަރާތްތަކުގެ މެދުގައި ވެސް އުސޫލީ ތަފާތުތަކެއް ހުރި ކަމެވެ. މި ގޮތުން މިފަދަ ބައެއް ފަރާތްތަކުން ދެކެނީ މުޅި ދުނިޔެއަށް ވެސް ދުވަސް ކަނޑައެޅުމުގައި ބަލަން ޖެހޭނީ ޖީއެމްޓީގެ މެންދަމު 12 އަށް ކަމުގައެވެ. އެހެންކަމުން މިފަދަ ފަރާތްތަކުން ނިންމައިފައިވަނީ ޖީއެމްޓީގެ ނިސްބަތުން އަންގާރަވިލޭރޭގެ މެންދަމު 12 ޖެހުމުގެ ކުރީން މާރަހަ ވެއްޖެ ނަމަ އަންގާރަ ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ.

އަދި ޖީއެމްޓީގެ ނިސްބަތުން އަންގާރަވިލޭރޭގެ މެންދަމު 12 ޖެހުމުގެ ފަހުން މާރަހަ ވެއްޖެ ނަމަ ބުދަ ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ. ޖީއެމްޓީއަށް ބަލާއިރު މާރަހަ ވަނީ ހޯމަ ދުވަހުގެ ހެނދުނު 10:02 ގައެވެ. އެހެންކަމުން ޖީއެމްޓީއަށް ބަލައިގެން މާރަހަވުމަށް ރިޢާޔަތް ކުރާ ފަރާތްތަކުން ބަލާނީ މާދަމާއަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ.

މި އުސޫލަށް އަމަލު ކުރާ ޖަމާޢަތެއް ކަމުގައިވާ ހިޖްރީ ކޮމިޓީ އޮފް އިންޑިޔާއިން ވަނީ މާދަމާއަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައި އެކަން އިއުލާން ކޮށްފައެވެ. މި ޖަމާޢަތުގެ އެންމެ އިސް އެއް މުސްތަޝާރަކީ އަވަށްޓެރި މަލިކުގެ ބޭފުޅެއް ކަމުގައިވާ ޢަލީ މަނިކުފާނެވެ.

މާރަހަވުމަށް އެކަނި ރިޢާޔަތް ކުރާ ޖަމާޢަތްތަކާއި ޤައުމުތަކުގެ ތެރެއިން އަނެއް ބަޔަކު ދެކޭ ގޮތުގައި މުޅި ދުނިޔެއަށް ވެސް ދުވަސް ކަނޑައެޅުމުގައި ބަލަން ޖެހޭނީ ބައިނަލްއަޤްވާމީ ގޮތުން ހަފްތާގެ ދުވަސްތައް ވެސް ވަކިކޮށް ކަނޑައަޅާ ރޮނގަށެވެ. ނުވަތަ އިންޓަނޭޝަނަލް ޑޭޓް ލައިނަށެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި މަސް ފެށޭ ދުވަހަކީ ހަފްތާގެ ކޮން ދުވަހެއް ތޯ ކަނޑައެޅުމުގައި ވެސް، ހުކުރު ނަމާދުގެ ވަގުތާއި ހޮނިހިރު ދުވަހުގެ މެންދުރުނަމާދުގެ ވަގުތު ތަފާތުކޮށް ވަކިކުރުމުގައި ރިޢާޔަތްކުރާ ރޮނގަށް ރިޢާޔަތް ކުރަން ޖެހޭނެއެވެ. އެހެންކަމާއެކު މިފަދަ ފަރާތްތަކުން ނިންމައިފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ހަފްތާގެ ދުވަސްތައް ވަކި ކުރާ ރޮނގަށް ރިޢާޔަތްކޮށްގެން، ދުނިޔޭގެ އެންމެ އިރުމަތީގެ ޤައުމުތަކަށް ފަޖުރުލުމުގެ ކުރީން ފަލަކީ ގޮތުން މާރަހަ ވެއްޖެ ނަމަ، ދެން އިރު އަރާ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ.
މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވަނީ، ދުނިޔޭގެ އެންމެ އިރުމަތީގައި ހުރި ޤައުމުތަކުގެ ނިސްބަތުން ބަލާއިރު ހޯމަ ދުވަހުގެ ރޭގަނޑު 23:02 ގައެވެ. އެހެންވީމާ މާރަހަ ވަނީ ދުނިޔޭގެ އެންމެ އިރުމަތީގައި ހުރި ޤައުމުތަކަށް އަންގާރަ ދުވަހުގެ ފަޖުރުލުމުގެ ކުރީންނެވެ. މާރަހަވުމުގެ ފަހުން ދެން އަލި ވިލޭނީ އަންގާރަ ދުވަހަށެވެ. ވީމާ މިފަދަ ގައުމުތަކާއި ޖަމާޢަތްތަކުން ކަނޑައަޅައިފައިވަނީ އަންގާރަ ދުވަހަކީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގައި ފަލަކީ ގޮތުން ޢަމަލު ކުރާ އުޞޫލަކާއި، ހަމަލޮލުން ހަނދުބެލުމުގެ އުޞޫލަކާ އޮވެއެވެ. އާއްމުކޮށް ސަޢުދީ ޢަރަބިއްޔާގައި ފަލަކީ އުސޫލު ބޭނުން ކުރަނީ ކަލަންޑަރު ހެދުމަށެވެ. ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ސަޢުދީ ޢަރަބިއްޔާގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން މާރަހަ ވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވަނީ މައްކާ ގަޑިން މިއަދު 13:02 ގައެވެ. އެހެންކަމުން މާރަހަވަނީ މައްކާއަށް އިރު އޮއްސުމުގެ ކުރީންނެވެ. އަދި މައްކާއަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 6 މިނެޓް ފަހުންނެވެ. މި އުސޫލުން ބަލާއިރު އަންގާރަ ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ. ދެން އޮތީ ސަޢުދީ ޢަރަބިއްޔާގައި އޮންނަ ހަމަލޮލުން ހަނދު ބެލުމުގެ އުޞޫލެވެ.

އެއީ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ރެއެއްގައި ހަނދު ފެނިއްޖެ ކަމަށް އަދުލުވެރި މީހަކު ހެކި ބަސް ދިނުމެވެ. މައްކާއަށް މިއަދު ހަނދު އޮއްސެނީ އޮއްސުމުގެ ފަހުން ކަމަށް ވިޔަސް، ހަމަލޮލަށް ހަނދު ފެނުމަކީ ނާދިރު ކަމެކެވެ. އެހެންނަމަވެސް ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ގާތްގަނޑަކަށް ނޯންނަ ބައެއް ފަހަރުވެސް ހަނދު ފެނިއްޖެ ކަމަށް ބައެއް މީހުން ހެކި ދިނުމުގެ ސަބަބުން ހަނދުމަސް ފެށުނީ ކަމަށް ވަރަށް ގިނައިން ސަޢުދީ ޢަރަބިއްޔާގައި ނިންމައިފައި ވެސް އެބަ ހުށްޓެވެ. ވީމާ، މިފަދަ ގޮތަކުން ބަޔަކު ހެކި ދީފި ނަމަ، މާދަމާއަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމުގައި ސަޢުދީ ޢަރަބިއްޔާއިން ކަނޑައެޅުމުގެ ފުރުސަތު އެބަ އޮތެވެ.

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއަށް ވެސް އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނަ ދުވަހެއް ނަމަ، ދިވެހިރާއްޖެއިން ހަނދާ މެދު ރަސްމީކޮށް ނިންމާ ނިންމުން އިޢުލާން ކުރުމުގައި ސަޢުދީ ޢަރަބިއްޔާއިން ނިންމަނީ ކިހިނެއް ތޯ ވަރަށް ބޮޑަށް ބަލައެވެ. އެހެންކަމުން ސަޢުދީ ޢަރަބިއްޔާއިން މާދަމާއަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފި ނަމަ، ދިވެހިރާއްޖެއިން ވެސް މާދަމާއަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެން ނޫނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ 5 ޖޫން 2019 ވާ ބުދަ ދުވަސް ކަމުގައި ކަނޑައަޅާނެ ކަމަށް ގަބޫލު ކުރެވެއެވެ.