އާ އީދު ހެދުންތަކެވެ. އާއިލާ އާއި ގާތްތިމާގެ މީހުނާއެކު އަވަށްޓެރި ގައުމަކަށް ނޫނީ ރާއްޖޭގެ ރަށަކަށް އީދު ކުޅިވަރު ބަލާލަން ދަތުރެއް ދިއުމެވެ. އެކި ގޭގޭގެ ދައުވަތަށް ދިއުމުން ލިބޭ މީރު ކެއުންތަކެވެ. މީރު ބޯކިބަލާއި ކޭކާއި ޗޮކްލެޓުގެ ރަހަތަކެވެ. މަޖާ ކުރުމާއި ސަމާސާ ކުރުމެވެ. ދުވަހެއް ފުރިހަމަ ވާނީ މިހާ ވަރަށެވެ.
މުސްލިމުންގެ ފިތުރު އީދަކީ މާތް ވެގެންވާ ރޯދަ މަހުގެ އަޅުކަމުން އަވަދިވެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނާއި އަދި އެކުވެރި ރަހްމަތްތެރިންނާއެކު ހިތް ހަމަޖައްސާލަން ލިބޭ އުފާވެރި ތިން ދުވަހެވެ. ރޯދަ މަހުގެ ރޯދައިގެ ދަތުރު ނިމުމަކަށް އައިސް އާ ދުވަހަކަށް އަރާ އިރާއެކީ އީދުގެ އުފާވެރި އަޑުތަކުން ޖައްވު ގުގުމާލުމަށް ދުނިޔޭގެ ކޮންމެ މުސްލިމަކު ވެސް އިންތިޒާާރު ކުރެ އެވެ. އެހެން ގައުމުތަކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އީދު ދުވަސް ކުލަގަދަކޮށް ފާހަގަ ކުރެ އެވެ. މަގުމަތިން ދިމާވާ ދަންނަ ކޮންމެ މީހަކު އަދި ގިނަ ފަހަރަށް ނުދަންނަ މީހުން ވެސް ހިނިތުންވެލާފައި "އީދު މުބާރަކް" މި ދެ ލަފްޒު ނުބުނާނެ މީހަކު މަދުވާނެ ދުވަހެކެވެ. ރޯދަ މަހުގެ ފަހުކޮޅު އަޅުކަމުގައި އަވަދިނެތި އުޅެމުން ވެސް އީދަށް ޖައްސާލާނެ ރަށެއް ނުވަތަ ތަނެއް ރާވައިގެން ތިބެ އެދުވަހަކަށް އިންތިޒާރު ކުރަމުން އައި ދުވަސް އެންމެ ފަހުން ޖެހުނީ އެވެ.
ކެއުމަކީ އީދުގެ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އެއް ބައެވެ. ނަމަވެސް އީދަކީ ހަމަ އެކަނި ކެއުމާއި އުފާކުރަން އޮންނަ ދުވަހެއް ނޫނެވެ. އެއީ މާތްކަން ބޮޑު އަޅުކަން ވެސް އޭގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. ނިކަމެތި މީހުންނާމެދު ވިސްނާލާ ޒަކާތުގެ މާތް އަޅުކަން އަދާ ކުރާ ދުވަހެވެ. އާދަކާދައިގެ މަތިން އެކަން ކުރާނީ ހެނދުނު ކުރާ އީދު ނަމާދުގެ ކުރިން ނެވެ. ގާތްގަނޑަކަށް ހުރިހާ މުސްލިމުން ވެސް އީދު ފާހަގަ ކުރަނީ އިސްލާމީ ސަަގާފަތުގެ ދަށުން ނެވެ. ނަމަވެސް ގައުމުގެ ގޮތުން އެއް ބައްރުން އަނެއް ބައްރަށް އީދުގެ ސަގާފަތްތާއި އާދަކާދައިގެ ތަފާތުތައް ހުންނަ ފަހަރު ވެސް އާދެއެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް
އެހެން ކޮންމެ ގައުމެއް ފަދައިން ޔޫއޭއީގެ އާއިލާތަކުގައި ވެސް އީދުގެ ފުރަތަމަ ދުވަސް އާއިލާ އެންމެނާާއެކީ ފާހަގަ ކުރުން އެއީ ލާޒިމު ކަމެކެވެ. އީދު ނަމާދަށް ފަހު މެންދުރުގެ ޖާފަތް ގިނަ ފަހަރަށް އޮންނަނީ އެބައެއްގެ މާމަ އަދި ކާފަ އާއި އެކުގަ އެވެ. އެ ގެއަކަށް އާއިލާގެ ހުރިހާ އެންމެން ޖަމާވެ އެވެ. އަދި ހިނިތުން ވެފައިވާ މޫނުތަކާއެކީ ކެއުން ފަށަ އެވެ.
ޔޫއޭއީގައި ބަތްޕެން ޒާތުގެ ކެއުމެއް މަހާއެކު ހަދ އެވެ. އެއީ ހާއްސަ ހަރީސެކެވެ. އަދި ބަލަލީތު، ފޮނިކޮށް ހަދާފައި ހުންނަ ވާމިޗެލީ ނޫޑުލްސްއާއެކު ބިސްގަނޑެއް އެއީ ކޮންމެހެންވެސް މޭޒުމަތީގައި ހުންނަން ޖެހޭ ކެމެކެވެ.
ޔޫއޭއީ އެކުވެރިއަކު ހުރިނަމަ އޭނާއަށް "ޢަސަކުމް މިން އަވަދާ" މިހެން ބުނެ އީދުގެ ސަލާމް ކުރާށެވެ. އޭގެ ލަފްޒީ މާނައަކީ "ދެން އަންނަ އީދެއްގައި ވެސް ތިބާ އަހަރެމެންނާ އެކުގައި ވާށި" އެވެ.
އިންޑިއާ އަދި ޕާކިސްތާން
އީދަށް ތައްޔާރުވުމުގެ ގޮތުން އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުގެ އަންހެނުން ރޯދަ މަހުގެ އެންމެ ފަހު ދުވަހު އަތްތިލަތައް ހީނާފަތަށް ދެ އެވެ. އެކި ޑިޒައިންތަކުން އަތްތިލަތައް ޒީނަތްތެރި ކޮށްލައެވެ.
އެ ދެ ގައުމުގެ އަންހެނުންނަށް އީދު ފުރިހަމަވެގެން ދަނީ ހީނާފަތުގެ ޑިޒައިންތަކާއި ކުލަގަދަ ހެދުންތަކާއި އަލިގަދަ ގަހަނާ އާއި އަތުގަ އަޅާ އުޅާތަކުން ނެވެ. ގްރޫޕް ހަދާފައި ނުކުމެ ހުރިހާ ބާޒާރުތައް ފުރާލަ އެވެ. އަދި ވަންނަ ބާޒާރުތަކުގެ ވިޔަފާރިވެރިންގެ ޖީބުތައް ފުރާލައި ދެއެވެ.
އީދު ވިލޭރޭ ހުރިހާ ގެތަކެއް އެކި ކުލަކުލައިގެ ބޮކިތަކުން ދިއްލާލަ އެވެ. އަދި އީދު ދުވަހު ހުރިހާ ހިސާބެއްގައި ވަނީ މީރު މަޓަން ބިރިޔާނީގެ ވަސް ހިފާފަ އެވެ. އަދި އެމީހުންގެ ހާއްސަ ފޮނި ކެއުމެއް ކަމަށްވާ ވާމިޗެލީ ބޭނުން ކޮށްގެން އޭގެ ތެރެއަށް ކިރާއި ހިކި މޭބިސްކަދުރާއި އެކި ބާވަތުގެ ބަދަން އަޅައިގެން ހަދާފައި ހުންނަ ކެއުމަކީ ހާއްސަ ކެއުމެކެވެ.
އިންޑޮނޭޝިއާގެ އީދު
އިންޑޮނީޝިއާގެ ރައްޔިތުން އީދަށް ކިޔަނީ "ލެބަރާން" އެވެ. އަދި ފިތުރު އީދުގެ ބަންދަކީ އެ ގައުމުގެ ރައްޔިތުންނަށް އެންމެ މުހިންމު ބަންދެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން އިންޑޮނޭޝިއާގެ ރައްޔިތުން ވެސް އީދު ފާހަގަ ކުރަނީ އަޅުކަމާއެކީ އެކި ކަހަލަ އެއްވުންތަކާއި އާއިލާ އެންމެން އެއްތަންވެ އުފާ ކުރުމުގަ އެވެ.
އެ ގައުމުގެ އެންމެ ފާހަގަކުރެވޭ އެއް ސަގާފަތަކީ "މުޑިކް" ގެ ނަން ދީފައިވާ ސަގާފަތެވެ. އެ ސަގާފަތުގެ ދަށުން ބޮޑެތި ސިޓީތަކަށް ވަޒީފާ އަދާކުރަން އަދި ކިޔަވަން ގޮސް ތިބޭ ހުރިހާ އެންމެން އެމީހުންގެ އާއިލާތަކާއެކު އީދު ހޭދަކުރަން އެނބުރި ދެއެވެ. ހުރިހާ އެންމެން އެނބުރި އާއިލާ ކައިރިއަށް ދާއިރު މަގުތައް އޮންނަނީ ތޮއްޖެހި ބާރުވެފަ އެވެ. އަދި އެމީހުން ދިއުމަށް ފަހު ބޮޑެތި ސިޓީތައް އޮންނަނީ ފަޅުވެފަ އެެވެ.
އޭގެ އިތުރުން އެ ގައުމުގެ ފާހަގަ ކުރެވޭ އަނެއް ކަމަކީ "ހަލާލް ބިހަލާލް" ގެ ސަގާފަތުގެ ދަށުން އީދު ތެރޭގައި ނުވަތަ އީދުގެ ފަހުން އެންމެން ވެސް އެމީހެއްގެ އާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރި ރަހްމަތްތެރިންނާއި އަވައްޓެރިންގެ ފަރާތުން ކުރެވިފައިވާ ކުށަކަށް އަދި ދެވިފައިވާ ދެރައަކަށް މައާފަށް އެދޭ އެދުމެވެ.
ތުރުކީ ވިލާތުގެ އީދު
ތުރުކީގެ ރައްޔިތުން ފިތުރު އީދު ފާހަގަ ކުރަނީ "ރަމަޟާން ބައިރަމީ" (ރަމަޟާން އީދު) އަދި "ޝެކަރް ބައިރަމީ" (ފޮނި ކާތަކެތީގެ އީދު) ގެ ގޮތުގަ އެވެ. އެ ދުވަހު ކުދި ބޮޑު ހުރިހާ އެންމެން އެމީހުންގެ އާ އީދު ހެދުން ލައިގެން ނިކުމެ އީދު ނަމާދަށް ފަހު އެންމެނަށް އީދުގެ ތަހުނިޔާ ކިޔައެވެ. އަދި ތުރުކީގެ ހާއްސަ ފޮނި ކެއުމެއް ކަމަށްވާ ބަކްލަވާ އާއި ތުރްކިޝް ޑިލައިޓްސް އެންމެންގެ މެދުގައި ބަހާ ހަދަ އެވެ.
ތުރުކީގެ ރައްޔިތުން ފިތުރު އީދު ދުވަހު އާއިލާ މީހުންނާއި ބައްދަލު ކުރާއިރު ދުވަސްވެފައި ތިބި އާއިލާ މީހުންގެ ހިތް ހަމަޖައްސައި ދިނުމަށް ހާއްސަ އިސްކަމެއް ދެއެވެ. އަދި އެމީހުންނަށް ހެޔޮ ދުއާ ކޮށްދީ އެމީހުންގެ ހެޔޮ ދުއާއަށް އެދެ އެވެ.
އީދުގެ ތެރޭގައި ކުޑަކުދިންގެ ހިތް ހަމަޖައްސައި ދިނުމަށް "ކަރަގޯޒްވެ ހައްޝިވަތު" ގެ ހިޔަނި ޝޯތައް ބާއްވަ އެވެ. މުނިފޫހި ފިލުވުމުގެ އެ ހަރަކާތުގައި ދަމާފައި ހުންނަ ފޮތިގަނޑެއްގެ ފަހަތުން އަލިގަދަ ބޮތްކެއް އަޅުވަ އެވެ. އަދި ކަރުދާސް ފަދަ އެއްޗަކުން ހަދާފައި ހުންނަ ކުރެހުންތަކެއް ބޭނުން ކޮށްގެން އެކުދިންނަށް އެކި ކަހަލަ ވާހަކަތައް ހުށަހަޅާ ދެއެވެ.
މޮރޮކޯގައި އީދު ފާހަގަ ކުރުން
މޮރޮކޯގައި ވެސް އީދު ނަމާދަށް ފަހު އާއިލާ އެންމެން އެއްތަނަކަށް އެއްވުން އެއީ އެމީހުންގެ ސަގާފަތެކެވެ. އަދި އެ ގައުމުގެ ހާއްސަ ހުރިހާ ދުވަހެއް ފާހަގަ ކުރުމާއި އެއްގޮތަށް ފިތުރު އީދުގައި ވެސް މީރު ކެއުން މުހިންމު ރޯލެއް އަދާކުރެއެވެ.
އާންމު ގޮތެއްގައި އީދުގެ އެއް ދުވަސް ކުރިން މޮރޮކޯގެ އަންހެންވެރިން ކާނާ ތައްޔާރު ކުރަން ފަށަ އެވެ. އެ މީހުންގެ ހާއްސަ ކާނާގެ ތެރޭގައި ތަވައެއްގައި ފިހެފައި ހުންނަ މިސެމެން އަދި ބަޣްރީރް ޕޭންކޭކު ހިމެނެ އެވެ. ހެނދުނުގެ ނާސްތާއަށް މިސެމެން އާއި ބަޣްރީރް ކާއިރު އެއާއެކީ މެއަށް ތާޒާކަން ގެނެސްދޭ ހާއްސަ މިންޓް ސައެއް އެއާއެކު ބޭނުން ކުރެއެވެ.
އިދު ދުވަހު ފިރިހެނުން ރީތި ޖަލާބާ ކުރުތާ ލައިގެން ބަލްޣާ ބޫޓަށް އަރައިގެން ނިކުންނަ އިރު އެމިހުންނާއެކީ އަންހެންވެރިން ރީތި ކަފްތާން ހެދުންތައް ލައިގެން ނިކުމެ އެވެ.