ބަހުސެއް: މީރީ ހަވާދުލީ ބިސްތަ، ސޯސްލީ ބިސްތަ؟

ހަވާދު ލީ ބިހާއި ސޯސް ލީ ބިހުގެ ރަހަ ވަޒަން ކުރުމަށް އަވަސް ނިއުސް ރޫމުން ތައްޔާރުކޮށްފައިވާ ވިޑިއޯ | އަވަސް

ހަވާދުލީ ބިހަކީ އަބަދުވެސް ދިވެހިންނަށް ވަރަށް މީރު، ލޯބި ކުރާ ހާއްސަ ހެދިކާއެކެވެ. ހާއްސަ ދިވެހި އުފެއްދުމެކެވެ. ރޯދަ މަހެއްގައި ވިއްޔާ ރޯދަ ވިއްލާ ސުފުރާއަށް "މަޖުބޫރު" އެއްޗެކެވެ. އެ ނޫން މަހެއްގައި ވިޔަސް ސައި ހޮޓަލަކަށް އަރާ، ނުކައި ދޫކޮށްލެވޭ ވަރެއް ނުވެ އެވެ. ހައެއްކަ ހަވާދުލީ ބިސް ޓޫތު ޕިކަކަށް ހަރާލައިގެން ކައި ނުލެވުނިއްޔާ ހިތެއް ނުފުރޭނެ އެވެ. މިކަމަށް އެއްވެސް ބަހުސެއް ނެތެވެ. ހަވާދުލީ ބިހަކީ ދިވެހިންގެ އެންމެ ފޭވަރިޓެވެ.

ހަވާދުލީ ބިހުގެ ޓްރެންޑްވެސް އެކި ދުވަހު އެކި ގޮތަށް ބަދަލުވަމުން ގޮސް މިހާރު ދެ ވައްތަރެއްގެ ހަވާދުލީ ބިހެއް ހަދަ އެވެ. ފެނު ކެއްކި ފުށްގުޅައިގެ ތެރެއަށް އެއް މަސްގަނޑެއް އަޅާފައި ހުއްޓަސް ދެ ވައްތަރު ތަފާތު ވަނީ އޭގެ ވަށައިގެން އުނގުޅާ ބާވަތެވެ. ބައެއް ފަހަރު ދިވެހި ހަވާދު ލައިގެން ހަވާދުލީ ބިސް ހެދި ނަމަވެސް މިހާރު ޓޮމާޓޯ ޕޭސްޓް ލައިގެން ހަވާދުލި ބިސް ހެދުމަކީ ވެސް ވަރަށް އާންމު، ނޫނީ އެންމެ ގިނައީ އެ ގޮތެވެ.

މި ދެ ވައްތަރަށް ވެސް ކިޔަނީ ހަވާދުލީ ބިހެވެ. މި ދެ ވައްތަރުގައި ބައެއް މީހުންނަށް އެއްވެސް ތަފާތެއް ނެތެވެ. އަނެއް ބައި މީހުންނަށް މާ ބޮޑު ތަފާތެއް ނެތެވެ. އަދި ބައެއް މީހުނަށް ހަވާދުލީ ބިސް ކިޔައިފިއްޔާ ކޮންމެ ފާޑަކަސް ހަމަ މީރެވެ.

އެކަމަކު ހަވާދުލީ ބިހުގެ ހަގީގީ ފޭނުންނަށް މިކަން ބޮޑު ކަމަކަށްވެ އެވެ. ދިވެހި ހަވާދުގައި ނޫނީ ހަވާދުލީ ބިހެއް އެ މީހުނެއް ނުހަދަ އެވެ. އަނެއްބައި މީހުންނަށް އެންމެ ކަމުދަނީ ފަހުގެ ޓްރެންޑާ އެއްގޮތަށް ޓޮމާޓޯ ޕޭސްޓް އިން ސޯސް ލައިގެން ހަދާ ހަވާދުލީ ބިހެވެ.

ރޯދަ މަސް ނިމެން ދަނިކޮށް ހަވާދުލީ ބިހާ ގުޅޭ އެކަހަލަ "ޒުވާބެއް" އަވަސް ނޫސްވެރިންގެ ތެރޭގައި ވެސް ހިނގައިފި އެވެ. އެހެންވެ އޭގެ ތެރެއިން މީރީ ކޯންޗެއްތޯ ބަލައި ކޮޅެއްގައި ޖައްސަން ރޭވީ އަވަސް ނޫސްވެރިޔާ އަހުމަދު މުހައްމަދު (އޭޑީ) ގެއަށް ގޮސް ދެ ވައްތަރުގެ ހަވާދުލީ ބިސް ވެސް އަމިއްލައަށް ތައްޔާރުކޮށް ރަހަ ބަލާ ގޮތަށެވެ.

ހަވާދުލީ ބިސް ހަދަން ބޭނުންވާ ތަކެތި ގަނެގެން ދެ ވައްތަރުގެ ބިސް ވެސް އެ ގޭގޭގައި ތައްޔާރު ކުރީ އެވެ. ދެ ވައްތަރަށް ވެސް މޮޑުނީ އެއް މަސްގަނޑެކެވެ. އޭރުން ހަގީގަތުގައި ވެސް މީރީ ހަވާދުލީ ބިސްތޯ ތޯ ނުވަތަ ސޯސްލީ ބިސްތޯ ދެނެގެނަންނަން ފަސޭހަވާނެ ކަމަށް ބަލައިގެނެވެ. ދެ ވައްތަރުގެ ބިސް ތައްޔާރު ކުރަން މަސްގަނޑު މޮޑުމަށް ފަހު ރޯ ފުށުގެ ތެރެއަށްލައި ބިސް ގުޅައި ހަދައި ފެނު ކެއްކީ އެވެ.

ސޯސްލީ ބިސް ހެދުމަށް ފިޔާ މީރުކޮށްލައި، ޓޮމާޓޯ ޕޭސްޓު ދަޅެއް ކަނޑައި އޭގެ ތެރެއަށް ފެން އެޅީ އެވެ. އެއަށް ފަހު ޕޭސްޓް ތެރެއަށް ބިސް އަޅައި އެއްކޮށްލީ އެވެ. ވަރަށް ފަސޭހައިން އެކަން ކޮށްލެވުނެވެ. ފެންނަ ފެނުމަށް ވަރަށް މީރުވާނެ އެވެ.

ހަވާދުލީ ބިސް ހެދުމަށް ބޭނުން ކުރީ ދެކުނުގެ ގއ. ވިލިނގިލިން ގެނެސްފައި ހުރި ހަނާކުރި ދިވެހި ހަވާދެވެ. އެ ހަވާދު މިކްސްޗަރުގައި ރަނގަޅު ހަވާދުގަނޑަކަށް ބަދަލު ކުރުމަށް ފަހު ފިޔާ މީރުކޮށްފައި ހުރި ތެލީގެ ތެރެއަށް އޮއްސާލީ އެވެ. އެެ ތެލީގެ ތެރެއަށް ކުޑަ ރޯ ކިރުކޮޅެއް އަޅައިލުމަށް ފަހު ކުޑަ އިރުކޮޅަކު މަޑުކޮށްލާ، އޭގެ ތެރެއަށް ބިސްތައް އަޅާލީ އެވެ. ބިސްތައް ހަވާދުގަނޑުގެ ތެރޭގައި މޮޑެވި ކެކެން ފެށުމުން ބަލައިލަން ވަރަށް ފައްކަލެވެ.

ތައްޔާރުކޮށް ނިމުމުން މި ދެ ވައްތަރުގެ ބިސް މޭޒުމަތީގައި އަތުރާލާފައި ހުންނަ އިރު ކުލަ އާއި ވަސް ވެސް ވަރަށް ތަފާާތެވެ. ފެންނަ ފެނުމަށް ދެ ވައްތަރުވެސް ހަމަ ވަރަށް މީރުވާނެ އެވެ.

ނިއުސް ރޫމެއްގައި ފެށުނު ޒުވާބު ސިޓިން ރޫމެއްގައި ނިންމަން ވެގެން އޭޑީގެ އެޕާޓްމަންޓްގެ ސިޓިން ރޫމްގެ މޭޒެެއްގައި ސުފުރާއެއް ހަދައި އެތުރީ އެވެ. ދެން އެންމެން ވެގެން ފަހަރަކު ވައްތަރެއްގެ ރަހަ ބެލީ އެވެ. އެވެ. ޖަޖް ކުރުމުގައި އޭޑީމެން ގޭގެ މީހުން ވެސް ބައިވެރިކޮށްގެނެވެ. އެންމެނަށް ވެސް މީރުވެފައި މާ ބޮޑަށް ވެސް ތަފާތުވީ ދިވެހި ހަވާދުލައިގެން ތައްޔާރުކޮށްފައިވާ ބިހެވެ. ސޯސް އުނގުޅި ބިސް ވެސް ނުބައީއަކީ ނޫނެވެ. އެވެސް މީރެވެ. އެކަމަކު ދިވެހި ރަހަތަކުގައި ހުންނަ ކުޅި މީރު ކަމެއް ސޯސްލީ ބިހަކު ނުހުރެ އެވެ. އެހެން ކަމުން ހަގީގީ ހަވާދުލީ ބިހަކީ ހަމަ ދިވެހި ހަވާދުލީ ބިހެވެ. ދެން އެހުންނަނީ ހަވާދުލީ ބިހެއް ނޫނެވެ. އެ ސޯސް އުނގުޅި ބިހެވެ. މިހާ ހިސާބުން ވަކި ގޮތެއް ނިންމުނީ އެވެ. ހަވާދުލީ ބިސްތަށި ވެސް ހުސްވީ އެވެ.