ފޮޓޯ ސްޓޯރީ: މާރުކޭޓް ފުރިފައި

ވެރިރަށް މާލޭގެ މާސް މާރުކޭޓް ކުރިމައްޗަށްވާ ގޮތަށް އޮންނަ ލޯކަލް މާރުކޭޓާއި ވަޅޯ މަސް މާރުކޭޓް ތެރޭގައި އަބަދުވެސް ވަރަށް ގިނަ އަދަދަކަށް މީހުން އުޅެ އެވެ. މީހުން މަދު އެއްވެސް ވަގުތެއް ނުދެ އެވެ. ކައިރިކައިރީގައި ޖެހިޖެހިގެން ގޮޅިތައް ހުންނައިރު ހިނގުމަށް ހަނި މަގުތަކެއް އޮވެ އެވެ. އެހެނެވެ މާރުކޭޓްތެރެެ ފުރިފައި ނޯންނަ ވަގުތެއް ނުދެ އެވެ. އެކި އުމުރުގެ ދެ ޖިންސުގެ މީހުންނެވެ. އުމުރުން ދުވަސްވީ މީހުން ގިނަ އެވެ.
ކޮރޯނާވައިރަސްގެ ނުރައްކާ ރާއްޖޭގައި ވެސް ބޮޑުވެފައިވާއިރު މި މަންޒަރަކީ މި ހާލަތުގައި އެންމެ ރަނގަޅު މަންޒަރެއް ނޫނެވެ. އެއްވެ އުޅުމާއި މީހުން ގިނަ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރަމުންދާއިރު މި ސަރަހައްދުން ފެނިގެން ދަނީ އެއާ މުޅީން އިދިކޮޅެވެ. އިލްތިމާސްތަކާ ދެކޮޅުވާން ޖެހެނީ ވެސް ޒަރޫރީ ބޭނުންތަކަށެވެ. ބޭނުންވާ ކާބޯތަކެތި ގަތުމަށެވެ. އެހެންކަމުން މާރުކޭޓަށް ނުގޮސް ފަހަރުގައި ތިބެން އުނދަގޫ ވެދާނެ އެވެ. އެކަމަކު އެކަމަށް ކުރެވޭނެ ކަންކަން ހުންނާނެ އެވެ.
ފުރަތަމަ ކަމަކީ ތިމާގެ އަމިއަލަ ނަފުސުގެ ރައްކާތެރިކަމެވެ. މާރުކޭޓަށްދާ ބައެއް މީހުން ރައްކާތެރިވުމުގެ ގޮތުން މާސްކު އަޅައިގެން އުޅޭ މަންޒަރު މަދުމަދުން ފެނެ އެވެ. އަދި ހޭންޑް ސެނެޓައިޒާ ބޭނުން ކުރާ މަންޒަރު ވެސް ފެނެ އެވެ. ނަމަވެސް އެއީ ވެސް ނިސްބަތުން ވަރަށް މަދު ބައެކެވެ. އެކަމަކު، ގޮޅިތަކުގައި ތިބޭ ގިނަ ބިދޭސީން މާސްކު އަޅައިގެން ތިބޭކަން ފާހަގަ ކުރެވެ އެވެ.
-- ފޮޓޯ: އަބްދުﷲ ޝަފީޢު (އަބޯ) | އަވަސް
-- ފޮޓޯ: އަބްދުﷲ ޝަފީޢު (އަބޯ) | އަވަސް
ރައްކާތެރިވުމުގެ ގޮތުން ގޮޅީގައި ހުންނަ ކޮންމެ އެއްޗެއްގައި އަތްލައި ނުހެދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަތްލައި ހެދި ނަމަވެސް ރަނގަޅަށް އަތް ދޮންނަން ވާނެ އެވެ. އަދި، ގަނެގެން ގެންދާ ތަކެތި ވެސް ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.

މީގެއިތުރުން މި ދުވަސްވަރު ދުވަސްވީ މީހުން މާރުކޭޓަށް ދިޔުމާއި ކުޑަކުދިން މާރުކޭޓަށް ގެންދިޔުން ހުއްޓާލަން ޖެހެ އެވެ. އެއީ ހައި ރިސްކު މީހުންނެވެ. ކާތަކެތި ގަންނަން ޖެހުނަސް އެމީހުން ނުފޮނުވޭތޯ ބަލަންޖެހެ އެވެ. މިކަމުގައި ރައްކާތެރިވެވޭނީ އެއްވެސް ފަރުދީ ޒިންމާ އަދާކޮށް ވީހާވެސް ބޮޑަށް ގެއިން ނުނުކުމެ ގޭގައި ތިބެގެނެވެ.