2017 ވަނަ އަހަރުވީ ބޮޑެތި ބަދަލާއެކު ސިޔާސީ މައިދާން އެ ފުށް މިފުށަށް ޖެހުނު އަހަރަކަވެ. ސިޔާސީ ހަތުރުން މިތުރުންނަށްވި އެވެ. މުޅި އަހަރުވީ އިޖުތިމާއީ ގޮތުން، ގައުމަށް ސިހުން ގެނުވި މަރުތައް ގިނަ އަހަރަކަށެވެ.

Photo: Alexey Vladimir

ނަންބަރުން އަވަސް

40k

comments

13k

posts

40m

views

126k

facebook

23k

twitter

ސިޔާސީ ދާއިރާ ދެއްކީ ބޮޑެތި ބަދަލާއި ހައިރާންކަން

ބޮޑު އެއްބަސްވުން: ސިޔާސީ ހަތުރުން، މިތުރުންނަށް!

މި އަހަރުގެ މުޅި ސިޔާސީ މަސްރަހު އަނބުރާލި އެންމެ ބޮޑު އެއް ކަމަކީ މިހާތަނަށް ސިޔާސީ ހަތުރުން ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިތުރުންނަށްވުމެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ސިޔާސީ އެންމެ ހަތުރުން ގޮތުގައި ތިބި އެ ދެ ރައީސުން އެކުގައި މަސައްކަތް ކުރުން ސަރުކާރުގެ މެންބަރުން ސިފަ ކުރެއްވީ "ތެލާ ފެނާ" އެއްވުން ކަމަށެވެ. އެ ދެ ރައީސުންގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމްއާއި އަދާލަތު ޕާޓީގެ ރައީށް ޝޭހް އިމްރާން އަބްދުﷲ އެކު އެއް ގަނޑެއްގައި ހަތަރު ލީޑަރުން ސޮއިކޮށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށީ މި އަހަރު މާޗު މަހުގެ 24 ވަނަ ދުވަހުގަ އެވެ. މުޅި އަހަރު ސަރުކާރަށް ކުރިމަތިލާން ޖެހުނު ހުރިހާ ސިޔާސީ ހަމަލާތަކެއް ފެށިގެން އައި އެ އިގުރާރާ ހިސާބުންނެވެ. އެގެ ފަހުން ޖޭޕީގެ ހަރުގެ، މ. ކުނޫޒުގައި ހަތަރު ޕާޓީން އެއްކޮށް ޖަލްސާތައް ބާއްވަން ފަށާ، މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްތައް ފެށި އެވެ.

ސަރުކާރަށް މެޖޯރިޓީ ގެއްލުމާއެކު، ގޮނޑިތައް ހުސްވުން

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު، މަޖިލީހުގައި ގާނޫނު ހެދުމަށް ވުރެ އަޑު ގަދަވީ، ސިފައިން ރަޔަޓު ގިޔަރުގައި މަޖިލީހުގެ ތެރެއަށް ވަދެ މެންބަރުންތައް އެ އިދާރާއިން ބޭރުކޮށް މަޖިލީސް ހިސޯރު ކުރި ވާހަކައެވެ. 24 ޖުލައި ވެގެން ދިޔައީ ދައުލަތުގެ ތިން ވަނަ ބާރަށް ހިތު ހުރި ގޮތަކަށް އެހެން މުއައްސަސަަތަކުން ހިތި ދުވަހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މެންބަރުން މަޖިލީހަށް ވަނަ ނުދީ ހިފެހެއްޓުމަށް ފުލުހުން ގޮސް މެންބަރުންގެ ޓައިއާ ގަމީހުގައި ހިފާ ދަމާ، މަޖިލީހަށް ވަނުމަށް ހުރަސް އަޅާފައިވާ އިރު، ފާރު މަތިން އަރައިގެން ވަދެވުނު މެންބަރުން ވެސް ދަމާހަދާފައި ނެރުނީ އެވެ. މަޖިލީހުގެ ބާރު ކެނޑިގެން ދިޔަ އެވެ.
ސިފައިންގެ ބާރު ބޭނުން ކުރަން ޖެހުނީ އިދިކޮޅު އިއްތިހަދާއެކު މަޖިލީހުގައި ސަރުކަރު ފަޅީގައި ހުރި 13 މެނެްބަރުން އިދިކޮޅާ ގުޅި، 45 މެންބަރުންގެ ސޮޔާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭރު ކުރަން މަސައްކަތް ފެށުމުންނެވެ. ސަރުކާރަށް މަޖިލީހުގައި އޮތް ބޮޑު މެޖޯރިޓީ ގެއްްލުނީ އެވެ. އެހާ ހިސާބުން ޖަލްސާތައް މެދު ކަނޑާލާ މަޖިލީހުގައި ތަޅު އަޅުވުމަށް ފަހު، ދެން ފެނިގެން ދިޔައީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ފާސް ކުރި ތަނެވެ. އެހާ ހިސާބުން ފަހަރަކު މެންބަރަކު ވަކި ކުރަމުން ގޮސް 13 މެންބަރުންގެ ގޮނޑި ގެއްލުވާލާ މަޖިލީހަށް ބޮޑު ހުސްކަމެއް އައެވެ. އިދިކޮޅު އަޑު އެއްކޮށް ކެނޑުނެވެ.
އެ "ހަނގުރާމަތަކުގެ" އިތުރުން މަޖިލީހުގެ މަސައްކަތަށް ބަލާއިރު އެންމެ ބޮޑު މަސައްކަތަކަށް ކުރީ ޗައިނާއާ އެކު މިނިވަން ވިޔާފާރީގެ އެއްބަސްވުމެއް ގާއިމް ކުރަން ފުރުސަތު ދިނުމެވެ. އޭގެ އިތުރުން ތެލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަ ކުރުމާއި ހައި ކޯޓު ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމާއި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ފާހަގަ ކުރެވެ އެވެ. މި އަހަރުު މަޖިލީހުން މުޅިއަކު ނިންމީ 45 މައްސަލައެވެ.

ކައުންސިލް އިންތިހާބު: ބޮޑު ޕީޕީއެމްއަށް ބޮޑު ބައްޔެއް

2017 ވަނަ އަހަރު ފެށިގެން އައީ ޕީޕީއެމްއަށް އުފާވެރި ދުވަސްތަކާއެކުގައެވެ. މުސްތަޝާރު، ރައީސް ޔާމީންގެ ބެލުމުގެ ދަށުން ޕާޓީ މެކުހަށް ޖަހާ، ކޮންމެ ހަފްތާއަކު އެތަށް ހާސް ބަޔަކު ޕީޕީއެމްއަށް ސޮއި ކުރުމުގެ ހަފްލާތައް ބާއްވަ އެވެ. "އަސްލު ސައިޒު" ދައްކާލާ ޖަލްސާތައް ބާއްވަ އެވެ. ނަމަވެސް މެއި މަހު ހަވަނަ ދުވަހު އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ޕީޕީއެމް "ސައިޒު" ކޮށްލީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިންނެވެ. ވޯޓު ގުނަން ފެށުމާއެކު އިލެކްޝަން ކޮމިޝަންގެ ނަތީޖާ ޝީޓުތައް ރީންދޫ ކުލައިން ފުރާލި އެވެ. ސިޓީ ކައުންސިލްތަކުގެ 23 ގޮނޑީގެ ތެރެއިން އެންމެ ޕީޕީއެމްއަށް އަތުޖެހުނީ އެންމެ ގޮނޑިއެކެވެ. ބޮޑެތި ރަށްތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށެވެ. ބޮޑު ޕީޕީއެމްއަށް ބޮޑު ތަފާތަކުން ބަލިވުމުން، އެ ޕާޓީ ހާސްކަމެއްގެ ތެރެއަށް ވެއްޓި، އިދިކޮޅު ފަރާތްތަކަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. ޕީޕީއެމްއަށް އޮތީ އާ ސްޓެޓަޖީތަކެއް ހޯދައިގެން ކުރިޔަށް ދިޔުމެވެ.

ސިޔާސީ "ކުށްވެރިން"ގެ ލިސްޓަށް އިތުރު ބޮޅުތަކެއް!

ރައީސް ޔާމީންއަށް ފާޑު ކިޔުން އަމާޒުވާ އެންމެ ބޮޑު ސަބަބު ފަށަން ޖެހެނީ، ރައީސް މުހައްމަދު ނަޝީދާއި ޝޭހް އިމްރާންއާ ކާނަލް ނާޒިމްއާ ހަމައިންނެވެ. ސިޔާސީ ފަރާތްތައް ބަންދުކޮށް ދައުވާ ކުރާ މައްސަލަ އެވެ. މި އަހަރަކީ ވެސް އެކަން އިންތިހާ ދަރަޖައަކަށް ހިނގި އަހަރެކެވެ. އިދިކޮޅު ދެ ޕާޓީގެ ލީޑަރުން މިހާރު ވެސް ޖަލަށްލާފައިވާ އިރު، އޮގަސްޓު މަހު 24 ވަނަ ދުވަހަކީ އެ ލިސްޓަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އިތުރުވީ ދުވަހެވެ. މިހާރު ރައީސް ނަޝީދެކޭ އެއްފަދައިން ގާސިމް ވެސް އުޅުއްވަން ޖެހިވަޑައިގަންނަވަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި ރައީސް މައުމޫންގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ޖުލައި މަހު 18 ވަނަ ދުވަހު ހައްޔަރުކޮށް، މިއަދާ ހަމަޔަށް ހުރީ ބަންދުގަ އެވެ.
ލީޑަރުންގެ އިތުރުން ސިޔާސީ އެހެން ފަރާތްތަކަށް ވެސް މިއީ ބިރުވެރި އަހަރެކެވެ. އިދިކޮޅުން ސަރުކާރަށް ފޮނުވި ހަމަލާތަކުގެ ބަދަލުގައި މަޖިލީހުގެ އިދިކޮޅު ހުރިހާ މެންބަރުންނަށް ވެސް ދައުވާތައް ކުރެވިގެންދިޔަ އެވެ. އަދި އެކި ފަހަރުގެ މަތިން ފުލުހަށް ހާޒިރުކުރެ އެވެ. އޭގެ ސަބަބުން ބައެއް ދުވަސްތަކުގައި މެންބަރުންނަށް މަޖިލީހަށް ހާޒިރުވުމަށް ވެސް ދަތިތަކެއް ކުރިމަތިވި އެވެ.

ޗައިނާއާ ގާތްވެ، އިންޑިޔާގެ ގުޅުމަށް ނުތަނަވަސްކަން!

ޒަމާނުއްސުރެއް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިޔާއާ އެންމެ ބީރައްޓެހިވީ މި ސަރުކާރުންނެވެ. ދެ ގައުމުގެ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް ލޮޅުންތަކެއް އަރާ ހީނަަރުކަން ވެސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެކި ގޮތްގޮތަށް ކުރުވި އެވެ. ނަމަވެސް މި އަހަރު ނިމޭ އަތަށް އެޅިތަނާ ސަރުކާރުން އިންޑިޔާއާ އެންމެ ސިޔާސީ ގޮތުން ވެސް ވާދަވެރި ޗައިނާއާއެކު ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެގެން ދިޔައީ ސީދާ އިންޑީޔާ ހިތަށް ފޮނުވާލި "ހަންޖަރަކަށެވެ."
އިންޑީޔާގެ ޓީވީތަކާއި ނޫސްތައް އަދި ގާނޫން ހަދާ މަޖިލީހުގައި ވެސް ރާއްޖެއާ މެދު އޮތް ކަންބޮޑުވުންތަކުގެ އަޑު ގަދަވި އެވެ. އިންޑިޔާއާ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، މަސްރަހު ފިނި ކުރުމަށް ވަފުދެއް ވެސް ފޮނުވަން ނިންމި އެވެ. ނަމަވެސް ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ޗައިނާއާ ބަދަހިވަމުން އަންނަ ގުޅުމަށް ފާޑު ކިޔާ، އިންޑިޔާ ކޮޅަށް އަރަމުން ދެ އެވެ. މިހާރުވެސް ޖީއެމްއާރްގެ މައްސަލާގައި އިންޑިޔާ ރުޅި ގަދަވެފައި ވަނިކޮށް ރައީސް ނަޝީދު ސަރުކާރުން އިންޑީޔާގެ ޓާޓާ ކުންފުންޏާ ހަވާލު ކުރި ބައެއް ފްލެޓު އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ އެކުންފުނި އަތުން ވަނީ އަތުލައިފަ އެވެ. އަހަރު ނިމިގެން ދަނީ ދެގައުމުގެ ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ހީނަރުވެގެނެވެ. އޭގެ ފުރިހަމަ ބޭނުން އިދިކޮޅު ފަރާތްތަކުން ހިފައިގެނެވެ.

ޝަރުއީ ދާއިރާގައި ސިޔާސީ ބޮޑެތި ހުކުމާއި ސިހުން

ސުޕްރީމް ކޯޓުގެ ބޮޑެތި ހުކުމްތައް

ނިމިގެންމިދާ އަހަރު ފާހަގަވެގެން ދިޔައީ، ސުޕްރީމް ކޯޓުން ބޮޑެތި ދުސްތޫރީ މައްސަލަތަކެއް ބަލައި، ބޮޑެތި ނިންމުންތަކެއް ހިމެނޭ ހުކުމްތައް އިއްވި އަހަރެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަށް ބަދަލު އައުމާއެކު، ސުޕްރީމް ކޯޓަށް ދައުލަތުގެ ބަންޑާރަ ނައިބު ދުސްތޫރީ މައްސަލަތަކެއް ހުށަހަޅުއްވައި، ދައުލަތުން ބޭނުންވި ހުކުމް ހޯއްދެވި އެވެ.
އެގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލެވެނީ، މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައެޅި އެޅުމެވެ. މަޖިލީހުގެ މެންބަރުންގެ ވޯޓުން އިތުބާރު ނެތް ކަމަށް ފާސްކުރުމުން ކުރިން އެ ބޭފުޅެއްގެ މަގާމު ގެއްލުނު ނަމަވެސް އެ ހުކުމަށްފަހު، މަޖިލީހުގެ ވޯޓަށްފަހު އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަންޖެހެ އެވެ. އެއަށްފަހު އެ ބޭފުޅަކު މަގާމުން ދުރުކުރޭތޯ ކަނޑައަޅާނީ އެ ކޯޓުންނެވެ. ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވެސް ވަކިކުރުމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ. މި ހުކުމްގެ ދަށުން އެއްވެސް މައްސަލައެއް މިހާތަނަށް ސުޕްރީމް ކޯޓަށް ބަލަން ނުޖެހެ އެވެ.
މި ބޮޑު ބަދަލަށްފަހު ދެން ބަދަލު ގެނައީ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ. އެ މެންބަރަކު އިންތިހާބުވާ ޕާޓީން ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވި އެވެ. އެ ހުކުމަށް ރިޔާއަތްކޮށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލާފަ އެވެ.
ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެންބަރަކު، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ދިގު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެ މައްސަލާގައި ހުކުމެއް އިއްވުމުގެ ބަދަލުގައި ކޯޓުން އެންމެފަހު ވަގުތު ވަނީ މައްސަލާގައި އިތުރަށް ނިންމާނެ ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. އެ މައްސަލަ ބޭރުކޮށްލަން ނިންމި ނިންމުމާއެކު، އިދިކޮޅާއި ސަރުކާރުން އެކަން ދެ ގޮތަށް މާނަކޮށް، އަދިވެސް އެކަމުގައި ގޮތެއް ރަނގަޅަށް ވަނީ ސާފު ނުވެ އެވެ.

މެންބަރުން ކޯޓުތަކަށް ހިނގަން ޖެހުނު އަހަރެއް!

ދެހާސް ސަތާރަ ފާހަގަވެގެންދާނެ މިއީ ބޮޑު ސަބަބެކެވެ. ރާއްޖޭގެ ތާރީހުގައި ވެސް މަޖިލީހުގެ މެންބަރުންތަކަކަށް އެއް ފަހަރާ އެންމެ ގިނައިން ދައުވާ ކޮށްފައިވަނީ މި އަހަރު އެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ދައުވާ ކުރަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ. މައްސަލާގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.
މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއަށް ރިޝްވަތު ތުހުމަތުކޮށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލާގައި ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުމެއް ދަންވަރުގެ ވަގުތުގައި ކުރިމިނަލް ކޯޓުން އިއްވި އެވެ. ފާރިސް މައްސަލާގެ ޝަރީއަތް ކުރިއަށްދާއިރު އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ އުފުލައި ޝަރީއަތް ހިންގަމުން ވެސްދެ އެވެ.
ނިމިގެންމިދާ އަހަރު، އެންމެ ގިނަ މައްސަލަތަކެއްގައި ކޯޓަށް ވަޑައިގަންނަވަން ޖެހުނު މެންބަރަކަށް ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒު އަބްދުﷲ ވާނެ އެވެ. އޭނާގެ މައްޗަށް ތިން މައްސަލައެއްގައި ދައުވާކޮށް މައްސަލަ ކޯޓުގައި އެބަ އޮތެވެ. އޭގެ ތެރެއިން އޭނާގެ ފޯނުގެ ޕިންކޯޑް ފުލުހުންނަށް ނުދިން މައްސަލާގައި ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެ އެވެ. އެއީ އެފަދަ މައްސަލައެއް ކޯޓުން ބެލި ފުރަތަމަ ފަހަރެވެ. އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފަ އެވެ. ދައުވާ އުފުލި 12 މެންބަރުންގެ ތެރޭގައި ވެސް ރިޔާޒު ހިމެނިވަޑައިގަންނަވާއިރު، ދައުލަތުގެ މުވައްޒަފަކާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ބުނެ ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށް މައްސަލަ ކޯޓަށް ފޮނުވާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބޮޑު ބަދަލެއް

އަދުލު އިންސާފުގެ ނިޒާމަށް ގެންނަން މަސައްކަތް ކުރަމުންދިޔަ ބޮޑު ބަދަލު މި އަހަރުގެ ތެރޭގައި ވަނީ ގެނެވިފަ އެވެ. ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ވަރަށް ބޮޑަށް ރައްކާތެރިކޮށްދޭ، ހެޔޮ އެތައް ބަދަލަކާއެކު ފާސްކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މި އަހަރުގެ ތެރޭގަ އެވެ. އެއާއެކު، ކޯޓުތަކުގައި ޝަރީއަތް ހިންގާ އުސޫލަށް ބޮޑެތި ބަދަލުތަކެއް އައެވެ. ޝަރީއަތްތައް އަވަހަށް ހިންގަން މަޖުބޫރިވި އެވެ. ކޮންމެ ކަމަކަށް ވެސް ވަކި މުއްދަތެއް ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. އެ މުއްދަތުތަކުގެ ތެރޭގައި ކޯޓުތަކުން މައްސަލަ ނިންމަންޖެހެ އެވެ. ޖިނާއީ މައްސަލަތަކުގައި، ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުންތައް ބާއްވަން ފެށުމަކީ ޝަރީއަތް ހިންގުމަށް ގާނޫނާއެކު އައި އެންމެ ބޮޑު ބަދަލެވެ. އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތަށް އަދި ދައުވާ ލިބޭ މީހާއަށް ވެސް ގިނަ ފުރުސަތުތަކެއް ލިބޭއިރު، އިބްތިދާއީ އަޑުއެހުމަށްފަހު ޝަރީއަތް ފެށުމަށް ވެސް 30 ދުވަހުގެ މުއްދަތެއް ތައްޔާރުވުމަށް ލިބެ އެވެ.

ސިއްސުވާލި ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތައް

މިއަހަރަކީ ބޮޑެތި ގިނަ ހާދިސާތަކެއް ހިނގި އަހަރެކެވެ. މަރުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ވެސް ގިނަ އަހަރެކެވެ. އެއާއެކު އެފަދަ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ވެސް މި އަހަރު ފެށިގެން ދިޔަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގައި މިހާތަނަށް ހިނގާފައި ނެތް ބާވަތުގެ ކުށެއް ކަމަށްވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސާލާގެ ޝަރީއަތެވެ. އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހުންގެ މައްޗަށް ރިލްވާން ރަހީނުކުރި ކަމުގެ ތުހުމަތުކޮށް މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ފަށާފަ އެވެ. ރިލްވާންގެ އެކުވެރި، ބްލޮގާ ޔާމީން ރަޝީދުގެ މަރަކީ މި އަހަރު އެންމެ ސިއްސުވާލި ހާދިސާ އެެވެ. ޔާމީން މަރާލި ކަމަށް ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާ އުފުލައި، އެ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ވެސް ދަނީ ކުރިއަށެވެ.
އޭގެއިތުރަށް މި އަހަރުގެ ތެރޭގައި ހިނގި، އަނިޔާވެރި މާރާމާރީއެއް ކަމަށްވާ ލިޓަސް ސާވިސް ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގައި ހަތް މީހަކާއި ކުޑަ ކުއްޖަކަށް ދައުވާކޮށް އެ އެންމެންގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ވެސް ފަށާފަ އެވެ. ހަމައެހެން، ހއ. އިހަވަންދޫގައި އަނިޔާވެރި ގޮތަކަށް އިސްމާއީލު އުމަރު (އިއްސެ) މަރާލި މައްސަލާގައި ތިން ބިދޭސީއަކަށް ދައުވާކޮށް އެ މައްސަލަ ވަނީ ކޯޓުގައި ފަށާފަ އެވެ. ޓާމިނަލް ކެފޭ ތެރޭގައި ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ވެސް ހަތަރު މީހެއްގެ މައްޗަށް ޝަރީއަތް ވަނީ ފަށާފަ އެވެ.
މަރުތައް ގިނަ އަހަރު މަރުގެ ހުކުމް އިއްވާނެ ކަމުގެ ވާހަކަތައް ވަރަށް ބާރަށް ދެކެވުނު ނަމަވެސް އެކަން މި އަހަރުގެ ތެރޭގައި ހާސިލެއް ނުވި އެވެ. ނަމަވެސް ކޯޓުތަކުން މި އަހަރުގެ ތެރޭގައި ވެސް މަރުގެ ހުކުމްތައް ވަނީ އިއްވާފަ އެވެ. އެގޮތުން، ވިލިމާލޭގައި 2011 ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަސީފާއި، ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު މަރަން ކުރިމިނަލް ކޯޓުން އޭޕްރީލް މަހު ހުކުމްކުރި އެވެ. ދަށު ކޯޓުތަކުގެ މަރުގެ ހުކުމްތަކަށް ތާއިދުކޮށް އިއްވި ހުކުމްތަކަށް ބަލާއިރު، ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން 2015 ވަނަ އަހަރު އިއްވި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވެ އެވެ. މއ. އައިޝާ ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުން މަރަން ހުކުމްކުރި ދެ މީހުންގެ ތެރެއިން އެކަކު މަރަން ވެސް މިއަހަރުގެ ތެރޭގައި ހައިކޯޓުން ތާއިދުކުރި އެވެ.
އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ގޮތުގައި ފާހަގަކުރެވިފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ގިނަ ދައުވާތަކެއް މި އަހަރުގެ ތެރޭގައި އުފުލި މައްސަލަތަކުގެ ޝަރީއަތްތައް މި އަހަރު ފެށި އެވެ. އެގޮތުން މިކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާތަކެއް އުފުލި އެވެ. އަދީބުގެ މައްޗަށް ނުވަ ރަށެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ޒިޔަތުގެ މައްޗަށް 30 ރަށެއްގެ މައްސަލާގައި ދައުވާ ވަނީ އުފުލާފަ އެވެ. މިއީ އެކެއްގެ މައްޗަށް އެއް ފަހަރާ މިހާ ގިނަ ދައުވާތައް އުފުލި ޝަރީއަތް ހިންގޭ ފުރަތަމަ ފަހަރެވެ. މި މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.
މޭޑޭގެ ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝޭހް މުހައްމަދު އިމްރާންގެ މައްސަލާގައި އިސްތިއުނާފު ދެ ކޯޓުން ވެސް ގޮތް ނިންމާފައިވަނީ މި އަހަރުގެ ތެރޭގަ އެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ 12 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެފަ އެވެ.

ބޮޑެތި މަރާއި މައްސަލަތައް ގިނަ އަހަރެއް

ރައުދާގެ މަރާއެކު ދުނިޔެއަށް ސިހުން

ނިމިގެންމިދާ އަހަރު އެތައް ހިތްދަތި ހާދިސާތަކެއް ހިނގާފައިވާއިރު، ގައުމު ރޮއްވާލީ، ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލްގެ ކުއްލި މަރާއެކު އެވެ. ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަމުންދިޔަ ރައުދާ އާތިފްގެ މަރާއެކު އެތައް ސުވާލުތަކެއް ފެންމަތިވެގެން ދިޔަ އެވެ. އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބަންގްލަދޭޝްގެ އިދާރާތަކުން ނިންމި ނަމަވެސް އާއިލާއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އެ މަރުގައި ޝައްކުތަކެއް ހުރިކަން ފާހަގަކޮށް އާއިލާގެ ގިނަ ތުހުމަތުތަކެއް ފެންމަތިވެގެން އައެވެ. ބޮޑު ތަހުގީގެއް ރައުދާގެ މަރުގެ މައްސަލާގައި ބަންގްލަދޭޝްގައި ހިންގި އެވެ.
ރައުދާގެ މަރާއެކު އެހެން ހިތާމަވެރި ހާދިސާތައް ވެސް ރާއްޖޭގައި ހިނގާފައިވެ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް ރިޕޯޓް ކުރެވުނެވެ. އެ ދުވަސްވަރު އުމުރުން ޅަ ޒުވާނުން އަމިއްލައަށް މަރުވެފައިވެ އެވެ.

ގައުމު ސިއްސުވާލީ ބޮޑެތި މަރުތަކުން

އެ ދުވަހުގެ އިރު އަރައިގެން އައީ، ބިރު ފިއްކަނޑުވާލުމަށްފަހު އެވެ. މިދިއަ އަހަރު ރާއްޖޭގައި އެންމެ ގިނަ ޒަހަމްދީ ޒުވާނަކު މަރާލީ އެވެ. ބްލޮގާ ޔާމީން ރަޝީދަށް ފަރާލައިގެން އޭނާއަށް ހަމަލާދީ މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. އެ މަރާއެކު އާއިލާ ފުން ހިތާމައަކަށް ގަންބުވާލިއިރު، ރާއްޖޭގެ ހާލަތާމެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ޔާމީންގެ މަރަކީ ބޭރުގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބިގެން ދިޔަ މަރެކެވެ. އެ މަރުގެ ތަހުގީގު ނިންމައި، މިހާރު ބަޔަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
ދެހާސް ސަތާރަވަނަ އަހަރަކީ މާރާމާރީތައް ގިނަ އަހަރެކެވެ. މާރާމާރީތަކުގެ މަރުވި މީހުން ވެސް ގިނަ އަހަރެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ، އަނިޔާވެރި މާރާމާރީއެއް ކަމަށްވާ ލިޓަސް ސާވިސް ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލަ އެވެ. އެހެން މީހެއް ކަމަށް ހީކޮށް އަނަސް މަރާލާފައިވާއިރު އަނަސްގެ މަރަކީ އެތައް ބަޔަކަށް ސިހުން ގެނައި މަރެކެވެ. އޭނާގެ އެތައް މިތަނަށް ވަޅިން ބަޔަކު ހަމަލާދީފައިވަނީ، މީހުން އާންމުކޮށް މަގުމަތީ އުޅޭ ގަޑިއެއްގައި ހާމަކޮށް ބޮޑު ގޮތަކަށެވެ. އެ މަރުގެ ދުވަސްކޮޅެއް ކުރިން ޓާމިނަލް ކެފޭ ތެރޭގައި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ ބޮލަށް ވަޅި ހަރައި އޭނާ ވެސް މަރާލާފައިވެ އެވެ. ހއ. އިހަވަންދޫގައި އަނިޔާވެރި ގޮތަކަށް އިސްމާއީލު އުމަރު (އިއްސެ) މަރާލި މައްސަލައަކީ ވެސް 2017 ވަނަ އަހަރުގެ ބޮޑު މައްސަލައެކެވެ.
އެކުގައި ނިދާފައި ތިއްބައި ދެމަފިރިން ކަމަށްވާ ގާސިމް ޝާހިދާއި ރަޒީނާ އިބްރާހިމް މަރުވި ހާދިސާއަކީ ހައިރާންކޮށްލި ހިތްދަތި ހާދިސާއެކެވެ. އެ ދެމަފިރިންގެ މަރުގެ ހަގީގަތް އަދިވެސް ނޭނގެ އެވެ. ހަމައެހެން، ފިލްމީ ތަރި އަލީ އަހުމަދު (އައްޔަ) ކޮޓަރީގައި ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ހާދިސާއިން ފިލްމީ ދާއިރާ ރޮއްވާލި އެވެ.

ބޮޑު ރޯގާއެއްގައި ހަތް މީހުން މަރު

ރާއްޖޭގައި މިފަހުން އެންމެ ރޯގާއެއް ފެތުރި ގައުމުގައި ސިއްހީ އެލާޓް އިއުލާން ކުރަން ޖެހުނީ މި އަހަރުގެ ތެރޭގަ އެވެ. އާދައިގެ ހުމެއް ފެތުރެނީ ކަމަށް ހީކޮށް ތިއްބައި، ހުމުގެ އަސަރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ ހޮސްޕިޓަލްތަކުގައި ފްލޫ ކްލިނިކްތައް ހުޅުވަން ޖެހުނެވެ. ކްލިނިކަށް ދައްކާ މީހުންގެ ގައިން އެޗް1އެން1 ނުވަތަ ސްވައިން ފްލޫއަށް ޕޮޒިޓިވް މީހުން ފެންނަން ފެށުންވީ ބޮޑު ބިރުވެރި ކަމަކަށެވެ. ރަށްތަކަށްވުރެ ބޮޑަށް މި ބިރު މާލޭގައި ބޮޑުވިއިރު މުޅި މާލޭގައި ހުމާއެކު މާސްކް އެޅުވި އެވެ. މި ރޯގާގައި މާބަނޑު މީހަކާއި އިތުރު ހަ މީހުން މި ދުނިޔެ ދޫކުރި އެވެ. ރޯގާގެ ބިރުވެރި ހާލަތު ތިން ހަފުތާއަށް ދިގު ދެމިގެން ދިޔަ އެވެ.

ފްލެޓް ދިން ގޮތް، ބޮޑު ޝަކުވާއަކަށް

އެތައް ބަޔަކު އިންތިޒާރުކޮށްގެން ތިބި ފްލެޓްތައް ދޫކުރި ގޮތަކީ ޝަކުވާ ބޮޑުވެ ބޮޑު މައްސަލަ ގަނޑަކަށްވި ކަމެކެވެ. ސަރުކާރުން 2014 ވަނަ އަހަރު ހުޅުވާލި ބޯހިޔާވެރިކަމުގެ މަޝްރޫއުގެ ދަށުން މި އަހަރު ފްލެޓްތައް ބަހާލި ގޮތުން އެތައް ބައެއްގެ ނުރުހުމާއި ރުޅިވެރިކަން ސަރުކާރަށް އަމާޒުވި އެވެ. ބޮޑެތި ތުހުމަތުތައް ކުރި އެވެ. އެތައް ބަޔަކު ހައުސިން މިނިސްޓްރީއަށް އެއްވެ ޝަކުވާކުރި އެވެ. އެތައް ބަޔަކު އިންތިޒާރުކޮށްގެން ތިބި އެ ފްލެޓްތަކަށް 15،000 އަށްވުރެ ގިނަ މީހުން ކުރިމަތިލީިއިރު ޝަރުތު ހަމަވެ ފްލެޓް ލިބުނީ 661 މީހުންނަށެވެ. ނަމަވެސް އެމީހުންގެ ލިސްޓް އާންމުކުރީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުކޮށްފަ އެވެ. އެމީހެއްގެ ނަމެއް، ލިބުނު ޕޮއިންޓްގެ އަދަދެއް ނެތެވެ. ހުރީ ހަމައެކަނި ފޯމް ނަންބަރެވެ. އެ މައުލޫމާތުތައް އާންމުކުރުމަށް ގިނަ ބަޔަކު ޑިމާންޑްކޮށް، ނޫސްވެރިން ސުވާލުކުރުމުން ވެސް ހައުސިން މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް އާންމު ނުކުރާނެ ކަމަށް ބުނެފަ އެވެ.

އިގްތިސޯދު ރަނގަޅު، ވިޔަފާރިއާ ޓޫރިޒަމްގައި ރާއްޖެ ހަރަކާތްތެރި

އެފްޓީއޭ އެއްބަސްވުން

ޗައިނާ އާއި ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމުން ވެގެން ދިޔައީ މުޅި ދުނިޔެ ސިއްސުވައިލި ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއާއެކު ރާއްޖޭން ސޮއިކުރި ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއްބަސްވުމަށް ދާން ނިންމީ ރާއްޖޭގެ އިގްތިސާދު ހުޅުވައިލުމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭން 64 ދާއިރާއެއް ހުޅުވާލާނެ އެވެ. މީގެ ބަދަލުގައި ޗައިނާއިން ހުޅުވާލާނީ 98 ދާއިރާ އެކެވެ.
ދެ ގައުމަށް ވެސް ފައިދާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުން، ރާއްޖޭން ހުޅުވާލާ ދާއިރާތަކުގެ ތެރޭގައި ޓެކްސް އެޖެންޓުންނާއި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ބައެއް ދާއިރާތައް އަދި މާކެޓިން އަދި ސޭލްސް ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި މީގެ އިތުރުން އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގައި ބޭރު މީހުންނަށް ވިޔަފާރި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ބައެއް ދާއިރާތައްވެސް އެފްޓީއޭއާއެކު ޗައިނާގެ ވިޔަފާރިތަކަށް ހުޅުވާލާފައިވުމެވެ. މިގޮތުން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހޮޓެލް އެންޑް ރެސްޓޯރެންޓް ދާއިރާ އާއި ލިވަބޯޑް ހިންގުމާއި އޮޕަރޭޓް ކުރުމުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އެންޑް ޓްރެވަލް ރިލޭޝަން ސާވިސަސްގެ ދާއިރާ އާއި ޓްރެވަލް އެޖެންސީ އަދި ކޮމިޔުނިކޭޝަންގެ ދާއިރާ އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ޓޫރިސްޓު ގައިޑުންގެ ހިދުމަތް ދިނުމާއި ޑައިވް ސެންޓަރު ހިންގުން އަދި ލޮޖިން އާއެކު ޔޮޓް މެރީނާ ސާވިސަސް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ލޯކަލް ޓްރާންސްޕޯޓުގެ ހިދުމަތް ހިމެނެ އެވެ.
ރާއްޖޭން ހުޅުވާލާ ދާއިރާތައް
- ޓެކްސް އެޖެންޓުން
- އިމާރާތް ކުރުމުގެ ދާއިރާ
- ހޮޓެލް އަދި ރެސްޓޯރެންޓް ހިންގުން
- ޓްރެވަލް އެޖެންސީ ހިންގުން
- ޑައިވް ސެންޓަރު ހިންގުން
- ޔޮޓްމެރީނާ ހިންގުން
ޗައިނާ އިން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އާއި އެކައުންޓިން އަދި އޮޑިޓިން ދާއިރާގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ފޮޓޯގްރަފީ ދާއިރާ އަދި ޕެކޭޖިންގެ ހިދުމަތް ދިނުމާއި ރެންޓަލް އެންޑް ލީޒިން ހިދުމަތްތައް ހިމެނެ އެވެ. މީގެ އިތުރުން ސިނަމާ އާއި ތިއޭޓަރުގެ ހިދުމަތުގެ އިތުރުން ފްރެންޗައިޒިންގެ ހިދުމަތް އަދި ބޭންކިންއާ ގުޅުންހުރި ހިދުމަތްތައް ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އަދި ޓްރެވަލް އެޖެންސީ ދާއިރާ އެޕާޓްމަންޓް ބިލްޑިން އާއި ރެސްޓޯރެންޓް ހެދުމާއެކު، އެއާ ޓްރާންސްޕޯޓް ހިދުމަތް ހިމެނެ އެވެ. އަދި ޕެސެންޖާ ސާވިސަސް ހިމެނެ އެވެ.
ޗައިނާއިން ހުޅުވާލާ ދާއިރާތައް
- ފޮޓޯގްރަފީ ދާއިރާ
- ޗައިނާގައި ޓްރެވަލް އެޖެންސީ ހިންގުން
- ޕެކޭޖިން ދާއިރާ
- ރިއަލްއެސްޓޭޓް
- ފްރެންޗައިޒިން
- އޮޑިޓިން އެންޑް ފައިނޭންސް
އެފްޓީއޭ- އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އެކްސްޕޯޓް ކުރާ މަހާއި މަހުގެ ބާވަތްތައް ހުރިހާ ސީފުޑް ބާވަތްތަކެއް ހިމެނޭ ގޮތަށް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރަން ރާއްޖެއަށް ވަނީ ހުއްދަ ދީފަ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި ޗައިނާ ޓެރިފް ޝެޑިއުލްގައި ހިމެނޭ މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގައި ހިމެނޭ 27 ބާވަތެއްގެ ޑިއުޓީ ކަނޑާލައި ޗައިނާއަށް އެތެރެ ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން ޖުމުލަ 296 މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގެ ބާވަތްތައް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވާނެ އެވެ.
- ދިވެހި ޓްރެވަލް ކުންފުނިތައް ޗައިނާއަށް
ޗައިނާ- ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި ޓްރެވަލް އެޖެންސީތަކަށް ޗައިނާގައި އޮފީސް ހުޅުވައިގެން ޗައިނާގެ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ވިޔަފާރި އެ އެޖެންސީތަކަށް ކުރެވޭ ގޮތަށް ހުއްދަ ލިބޭނެ އެވެ. ދިވެހި ޓްރެވަލް ކުންފުނިތައް ވިޔަފާރި ކުރަން ހުއްދަ ލިބޭ ސިޓީތަކުގެ ތެރޭގައި ބެއިޖިން އާއި ޝެންހާއީ އަދި ޓިއެންޖިން ހިމެނެ އެވެ. ޗައިނާގެ ތިން ސިޓީއެއްގައި ދިވެހި ކުންފުނިތައް ގާއިމްވެ ތިބެ، ޓްރެވަލް ސާވިސް ދިނުމުގެ ފުރުސަތު ފްރީޓްރޭޑް އެގްރިމެންޓުން ތަނަވަސް ކުރަން ނިންމާފައިވާއިިރު، ޗައިނާއަކީ ރާއްޖެއަށް މިހާރު ވެސް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ.
މި ބަދަލާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެފްޓީއޭގައި ހިމަނާފައިވާ ކަންތައްތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ގެއްލުމެއް ނުވާނެ ކަމަށާއި މިއީ ދިވެހިންނަށް ހުޅުވިގެންދާ އާ ދޮރެއް ކަމަށެވެ. އަދި ދިވެހި ޓްރެވަލް ކުންފުނިތައް ޗައިނާގައި އޮޕަރޭޓް ކުރަން ހުޅުވާލާފައިވާ ފުރުސަތަކީ ޗައިނާ ސަރުކާރުން އެއްވެސް ގައުމަކަށް މިހާތަނަށް ދިން ފުރުސަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ބޮޑު ފުރުސަތެއް. ޗައިނާގައި އޮފީސް ހަދައިގެން ހިންގުމަކީ. މިއީ ރާއްޖެއަށް ހާއްސަ ހުއްދައެއްގެ ދަށުން ލިބޭ އިނާޔަތެއް. ވަރަށް ބޮޑު ފައިދާއެއް ވާނެ،" ޒަމީރު ވިދާޅުވި އެވެ. އެފްޓީއޭގައިވާ ގޮތުން ޗައިނާގެ ތިން ސިޓީއެއްގައި ދިވެހި ޓްރެވަލް އެޖެންޓުންނަށް އޮފީސް ހުޅުވައި އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ވިޔަފާރި ކުރެވޭނެ އެވެ.
- އާމްދަނީއިން 7.8 މިލިއަން ޑޮލަރު ގެއްލުން
އެފްޓީއޭ އެއްބަސްވުމުގެ ސަބުން ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމުން ދައުލަތުގެ އާމްދަނީ އިން 7.8 މިލިއަން ޑޮލަރު (120.3 މިލިއަން ރުފިޔާ) އުނިވެ، އެކަމުގެ އަސަރު އާމްދަނީއަށް ކުރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އަދި ފުރަތަމަ އަހަރު ހަތަރު މިލިއަން ޑޮލަރު އުނިވާނެ އެވެ. މި އެއްބަސްވުމުން ޑިއުޓީ އުނިކުރާނީ ޗައިނާއިން ރާއްޖެ ގެންނަ 8،626 މުދަލުންނެވެ. އަދި ރާއްޖެ އިން ޗައިނާއަށް އެތެރެ ކުރާ މުދަލުގެ ތެރެއިން 8،277 ބާވަތަކުން ޑިއުޓީ އުނިކުރާނެ އެވެ.
- ޗައިނާ މުދަލުގެ ފެންވަރު ބަލަން ލެބެއް ހެދުން
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގައިވާ ގޮތުން، ޗައިނާ އިން ރާއްޖޭގައި "ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ ލެބެއް" ގާއިމް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މި ލެބްގެ ބޭނުމަކީ ޗައިނާއިން ރާއްޖެ ގެންނަ އުފެއްދުންތަކުގެ ކޮލިޓީ ބަލައި ހުއްދަ ދިނުމެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ރާވައި ހިންގާ ތަޖުރިބާ އާއި ތަމްރީން ޕްރޮގްރާމްތަކުގައި ރާއްޖޭން ބައިވެރިވާން ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ. ޗައިނާއިން ރާއްޖެއަށް ރޯ މެޓީރިއަލް ގެނެސް ރާއްޖޭގައި އުފެއްދުންްތައް އުފެއްދުމާއި އެހެން ވެސް ގިނަ ޗައިނާގެ ވިޔަފާރިތައް ރާއްޖޭގައި ހުޅުވޭނެތީ ވިޔަފާރިތަކުގެ ފައިސާ އިތުރުވެ، ބީޕީޓީ ނޫނީ ވިޔަފާރި ފައިދާގެ ޓެކްހުގެ އާމްދަނީ އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ރެކޯޑު ބަޖެޓް

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ބަޖެޓު މިދިޔަ އަހަރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފާސްކޮށްފަ އެވެ. ބަޖެޓުގެ ޖުމްލަ އަކީ 28 ބިލިއަން ރުފިޔާ އެވެ. ބަޖެޓްގައި ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 24.9 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ބަޖެޓް ޑެފިސިޓަކީ 2.5 ބިލިއަން ރުފިޔާ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓެވެ.
2018 ގެ ހަރަދުތައް:
* ރިކަރަންޓް ހަރަދަށް 56 ޕަސެންޓް، (16.1 ބިލިއަން ރުފިޔާ)
* ސަބްސިޑީއަށް 12 ޕަސެންޓް
* 43 ޕަސެންޓް ކެޕިޓަލް ހަރަދު
* ޕީއެސްއައިޕީއަށް 59 ޕަސެންޓް

ވިޔަފާރީގެ ބޭނުމަށް މި އަހަރު ބޮޑު 20 ފަޅު ހިއްކަން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ސަރުކާރުން ބަޖެޓުގައި ހިމަނައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، ވިޔަފާރީގެ ބޭނުމަށް އަންނަ އަހަރު 10 ހެކްޓަރަށްވުރެ ބޮޑު، 20 ފަޅު ހިއްކުމަށް 107 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމާއެކު، ނުވަ މަޝްރޫއަށް ހަތް ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އެއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ 3.7 ބިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީ އާއި ޓްރަސްޓް ފަންޑުތަކުން ލިބޭނެ 4.3 މިލިއަން ރުފިޔާ ހިމަނައިގެންނެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި އަންނަ އަހަރު ހިންގުމަށް ހުށަހަޅާފައިވާ 522 މަޝްރޫއުގެ ތެރޭގައި މިހާރު ވެސް ހިންގަމުން ގެންދާ 430 މަޝްރޫއެއް ވެސް ހިމެނެ އެވެ. މިހާރު ހިންގަމުންދާ މަޝްރޫއުތަކަށް 5.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން މުޅިން އަލަށް ފަށާނެ 93 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެނބޫދޫ ފަޅުގެ ބިޔަ މަޝްރޫއު

އެނބޫދޫ ފަޅު ހިއްކައިގެން ހިންގާ އިންޓަގްރޭޑެޓް ރިސޯޓުގެ ބިޔަ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ބެލެވޭ އެނބޫދޫ ފަޅުގެ މި ޕްރޮޖެކްޓުގެ އަގު އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. އެނބޫދޫ ފަޅުގައި ހަތް އަކަ ކިލޯމީޓަރު ސަރަހައްދެއް ހިއްކަގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް ހަދަން ސަރުކާރުން މި ފަޅު ކުއްޔަށްދީފައިވަނީ 50 އަހަރަށެވެ. އެނބޫދޫ ފަޅުގައި ގިނަ ހިދުމަތްތަކާއެކު 10 ރިސޯޓެއް ތަރައްގީކުރާއިރު، މީގެ ތެރެއިން ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވާނެ އެވެ.
ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ކުންފުނިން ގުޅިގެން ތަރައްގީ ކުރާ އެނބޫދޫ ފަޅު މަޝްރޫއުން 7،000 ވަޒީފާގެ ފުރުސަތު ހުޅުވޭއިރު، މީގެ ބޮޑު ބައެއް ހާއްސަކުރާނީ ދިވެހިންނަށް ކަމަށް މި މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން ބުނެފައިވެ އެވެ.
އެނބޫދޫ ލެގޫން މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ.

ފުރަތަމަ ފަހަރަށް ބޮންޑް ވިއްކުން

ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ސޮވަރިން ބޮންޑު މިދިޔަ އަހަރު ސަރުކާރުން ވިއްކާފައިވެ އެވެ. ބޭރަށް ބޮންޑް ވިއްކުމުގައި މަސައްކަތް ކޮޑްފައިވަނީ ޖަރުމަނުގެ، ޑޮއިޗޭ ބޭންކާ ޑިވެލޮޕްމަންޓް ބޭންކް އޮފް ސިންގަޕޫރު (ޑީބީއެސް) އިންނެވެ. ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާފައިވަނީ ހަމަޖެހިފައިވާ ރޭޓެއްގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ފަށާ ގޮތަށެވެ.

އޭޑީސީ ނަގަން ފެށުން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަން ފަށާފައިވަނީ މި އަހަރު އެވެ. 2016 ވަނަ އަހަރު ފާސްކުރި ގާނޫނަކުން ނަގަން ފެށި، މި ފީއާއެކު އޭޑީސީ އިން މި އަހަރު ޖުމްލަ 575 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތޭރަ އަށްވުރެ ގިނަ ރިސޯޓު ހުޅުވި

މި އަހަރުގެ ނިޔަލަށް 13 އަށްވުރެ ގިނަ ރިސޯޓު ހުޅުވާފައިވެ އެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ޖުމްލަ 20 ރިސޯޓު ހުޅުވާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 50 ރިސޯޓު ހުޅުވުމެވެ. މި އަމާޒަށް ވާސިލްވުމަށް ކުރި މަސައްކަތުން ރާއްޖޭގެ އެނދުގެ އަދަދު ވަނީ 40،000 އަށްވުރެ އިތުރުވެފަ އެވެ.
2017 ގައި ހުޅުވި ބައެއް ރިސޯޓުތައް:
* ގއ. ކޫއްޑޫ: މާކިއޯ މޯލްޑިވްސް ކޫއްޑޫ
* ރ. ދިގަލީ: ދިގަލި މޯލްޑިވްސް
* ކ. ކޮށްދިއްޕަރު: ގްރޭންޑް ޕާކް ކޮއްދިއްޕަރު
* ޅ. އޫކޮޅުފުށި: ކޮކޫން މޯލްޑިވްސް ރިސޯޓް
* ޅ. ހުރަވަޅި: ހުރަވަޅި ރިސޯޓް
* ދ. ކަނޑިމަން: ކަނޑިންމަ މޯލްޑިވްސް

މުނިފޫހިފިލުވުމުގައި ރިޝްމީގެ ވިދުވަރާއި އެތައް ކުލައެއް

އެންމެ އަޑުގަދަވީ ވިޝްކާގެ

ދިވެހި ފިލްމު އިންޑަސްޓްރީ މި އަހަރު ފެށިގެން އައީ މާ އުފާވެރިކަމާއެކުގައެއް ނޫނެވެ. ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫގު ޑައިރެކްޓުކުރި "ވިޝްކާ"ގެ މިލްކުވެރިކަމުގެ މައްސަލަވެސް ފެށިގެން އައީ އާ އަހަރާ އެކީގަ އެވެ. ފިލްމުގެ މިލްކުވެރިޔަކީ ކޮކޯ ހަސަން ހަލީމް ކަމަށްބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅާ ކޯޓާ ހަމައަށް މައްސަލަ ދިޔަ އެވެ. ކޮކޯ ހަސަން ހަލީމް ރިޝްމީގެ މައްޗަށް ދައުވާ ކުރީ "ވިޝްކާ" އަކީ އޭނާގެ މިލްކުވެރިކަމުގެ ދަށުގައި އޮތްވައި ހުއްދަ ހޯދުމެއް ނެތި ރިޝްމީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް ކަމަށް ބުނެ އެވެ. ފިލްމު ރިލީޒްކުރި އިރުވެސް މައްސަލަ އޮތީ ކޯޓުގަ އެވެ. ކެމެރާމަން ކޮކޯ ހަސަން ހަލީމް ރިޝްމީ އާ ދެކޮޅަށް ހުށަހެޅި އެ މައްސަލަ ކޯޓުން ނިންމީ ފިލްމުގެ މިލްކުވެރިޔަކީ ރިޝްމީ ކަމުގަ އެވެ.

އައިޑޮލްއިން އެންމެންގެ ހިތް ބޮބް އަތުލުން

މުނިފޫހި ފިލުވުމުގެ ދާއިރާ މި އަހަރުވެސް ފެށިގެން އައީ މޯލްޑިވިއަން އައިޑޮލް އާ އެކުގަ އެވެ. އައިޑޮލްގެ ދެވަނަ ސީޒަން ވާދަވެރިކަމާއެކު ކުރިއަށް ގޮސް އައިޑޮލްގެ ތަށި އުފުލައިލީ ކ. މާފުއްޓަށް އުފަން މުހައްމަދު ތަސްނީމް (ބޮބް) އެވެ. ދެވަނަ އައިޑޮލްއަށްވުމަށް ބޮބްއާ ވާދަކޮށްފައިވަނީ ހަމޫދު އަހްމަދާއި ޝަމްވީލް މުހައްމަދެވެ. އޭގެ ތެރެއިން ދެވަނަ ހާސިލުކޮށްފައިވަނީ ހަމޫދެވެ. ބޮބްއަށް 250،000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ލިބިފަ އެވެ. އޭގެ އިތުރުންވެސް ގިނަ އިނާމުތަކެއް ބޮބް އަށް ވަނީ ލިބިފަ އެވެ.

ނަހުލާއާ ދެބަސްވެ ފައްތާހު ދާއިރާއާ ދުރަށް

ފިލްމީ ދާއިރާގައި މި އަހަރު ގިނަ ފިލްމުތަކެއް ގެނެސްދިން އިރު އެ ހުރިހާ ޑްރާމާއަކަށްވުރެ ހަމަ ގައިމުވެސް ޕްރޮޑިއުސަރު ފާތިމަތު ނަހުލާ އާއި ޕްރޮޑިއުސަރު އަބްދުލް ފައްތާހުގެ ދެމެދުގައި ހިނގި ކޯޅުންގަނޑާއި ޑްރާމާ ކުޑައެއް ނުވާނެ އެވެ. އެ ކޯޅުގަނޑު ފެށުނީ ފައްތާހުގެ އެންމެ ކާމިޔާބު ފިލްމު ކަމުގައިވާ "ހައްދު" ގެ ރެކޯޑު މުގުރާލަން ނަހުލާގެ "ބޮސް" ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނޭ ބުނި ހިސާބުންނެވެ. އޭރު ހައްދު ރިލީޒްކުރި ނަމަވެސް ބޮސް އުޅުނީ ސްކްރީނަށް އައުމުގެ މަގުމަތީގަ އެވެ. ފައްތާހު ބުނެފައިވަނީ ނަހުލާ ފިލްމު ހަދަނީ ހަމައެކަނި އިމޯޝަންސް ނުވަތަ ޖަޒުބާތު ހިމަނައިގެން ކަމަށެވެ. ފައްތާހުގެ މި ވާހަކައެއް އަމާޒުކޮށްފައި މިވަނީ ބޮސްގެ ލީޑު ރޯލަށް ނަހުލާ ނަގާފައިވާ މުހައްމަދު ޔުނާނަށެވެ. "ހައްދު" ގައި ލީޑު ރޯލުން ފެނިގެންދިޔަ އަހްމަދު ޝިބާންގެ ހުރި ކަހަލަ ރީތި ހަށިގަނޑެއް ނެތް ކަމަށެވެ. އެވާހަކަތައް ރައްދު ދީ ނަހުލާ ބުނަނީ ފިލްމު ހަދަނީ ޖަޒުބާތަށް ބަލައިގެން ކަމަށެވެ. ފިލްމު ރިލީޒްކުރުމަށްފަހުވެސް ނަހުލާ ވަނީ ޔުނާންގެ އެކްޓިން މޮޅުކަމަށް ބުނެ ރައްދު ދީފަ އެވެ.
ވަކި ސަބަބެއް ނެތް ކަމަށް ބުނެ ޕްރޮޑިއުސަރު އަބްދުލް ފައްތާހު ފިލްމީ ދާއިރާއިން ދުރަށް ދާން ނިންމާ އެކަން އިއުލާނު ކުރުމަކީ މި އަހަރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ހޫނު އެއް ހަބަރެވެ. ޕްރޮޑިއުސަރު ފާތިމަތު ނަހުލާ އާ ދެމެދު ހިނގި ކޯޅުންގަނޑަށްފަހު ފިލްމީ ދާއިރާއާ ދުރަށް ދިޔަކަށް ފައްތާހު އިއުލާނު ކުރީވެސް ފޭސްބުކް މެދުވެރިކޮށެވެ. ވިހި އަހަރުގެ ފިލްމީ ކެރިއަރުގައި ފައްތާހު ވަނީ ރީތި ގިނަ ފިލްމުތަކާއި ލަވަތައް ގެނެސްދީފަ އެވެ. ޖުމްލަ 21 ފީޗާ ފިލްމު އޭނާ ގެނެސްދިނެވެ.

އެވޯޑާއެކު ޓޮޕް ނިއުސް މޭކާއަށް ރިޝްމީއަށް

މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ ރޯލް، އައިޝަތު ރިޝްމީ އަށް މި އަހަރު ލިބުނު އިރު އެ އެވޯޑް ލިބުނީ އޭނާ ޕްރޮޑިއުސްކޮށް ރަވީ ފާރޫގް ޑައިރެކްޓް ކުރި "ވިޝްކާ" އިންނެވެ. ސާކް ފެސްޓިވަލްގައި މި އަހަރު ރާއްޖެއިން "ވިޝްކާ" ބައިވެރިކުރިއިރު އަވަށްޓެރި އެހެން ގައުމުތަކުން ވެސް ފެސްޓިވަލްގައި ވަނީ ފިލްމްތައް ބައިވެރިކޮށްފަ އެވެ. އެ ފިލްމްތަކާ ވާދަކޮށް ރިޝްމީ ހޯދި ކާމިޔާބީއަކީ މިހާތަނަށް ދިވެހި އަންހެން ބަތަލާއަކު ބޭރުގެ ފެސްޓިވަލެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ރިޝްމީ ހޯދި އެވޯޑުގެ އަގު ވަޒަން ކުރުމަށް އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި ޝަރަފުވެރިކަމުގެ އެވޯޑެއް ވަނީ ދީފަ އެވެ.
އަހަރު ފެށުނީއްސުރެ އެންމެ ގަދައަށް ދެކެވުނީ ރިޝްމީގެ ވާހަކަ އެވެ. ވިޝްކާގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ހިސާބުންނެވެ. އޭގެ ފަހުން ފިލްމުގެ ރިޝްމީގެ މޮޅު އެކްޓިންގެ ވާހަކަ އެވެ. އޭގެ ފަހުން ފާތިމަތު ނަހުލާގެ "ބޮސް"ގެ ޑައިރެކްޝަނާ ރިޝްމީ ހަވާލުވުމުންނެވެ. އަދި އޭގެ ފަހުން ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރިޝްމީ ހޯދުމާއެކު ރިޝްމީގެ އަޑު އަނެެއްކާވެސް ގަދަވީ އެވެ.

ރާއްޖެއަށް ދަށް ނަތީޖާތަކެއް، ދުނިޔޭގައި ނޭމާ އާއި އިޓަލީގެ ނަން

އަތޮޅުތަކުގެ ހަތަރު ޓީމު ރާއްޖޭގެ އެންމެ ބޮޑު ލީގަށް

މިއީ ނިމިގެން މިދާ 2017 ވަނަ އަހަރު، ދިވެހި ކުޅިވަރުގައި ހިނގަދިޔަ މުހިންމު ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތަކެވެ. ރާއްޖޭގެ އެއް ވަނަ ކުޅިވަރު ފުޓްބޯޅައިގެ މައި ލީގު، ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތެރެއިން ހަތަރު ޓީމަށް ފުރުސަތު ދިން ފުރުތަމަ ފަހަރެވެ.
ލީގް ފޯމެޓަށް ގެނައި އެ ބަދަލުވީ، ރާއްޖޭގެ ފުޓްބޯޅައަށް މުހިންމު ބަދަލަކަށެވެ. މީގެ އަހަރުތަކެއް ކުރިން ވެސް އަތޮޅުތަކުގެ ތެރެއަށް ނިސްބަތްވާ ދެ ޓީމަށް، ދިވެހި ލީގުން ފުރުސަތު ދީފައި ވެއެވެ. އެއީ މާލޭގައި އޭރު ބާއްވަމުން އަންނަ ޒޯން ޗެމްޕިއަންސް ލީގްގެ ޗެމްޕިއަން ޓީމާއި ރަނަރަފު ޓީމަށެވެ. އޭރު އަންނަނީ ކުލަބު ޖަމްއިއްޔާއެއް ގޮތަށް ރަޖިސްޓްރީ ކޮށްގެން އަންނަ ޓީމެކެވެ.
ދިވެހި ޕްރިމިއާ ލީގުން އަތޮޅު ތެރޭގެ ހަތަރު ޓީމަށް ފުރުސަތު ދިނީ، ސީދާ ރަށުން ނެރޭ ޓީމެއް ގޮތަށެވެ. ރަށުގެ ކައުންސިލުގެ ޒިންމާގެ ދަށުންނެވެ. އެ ޝަރަފު އެންމެ ފުރަތަމަ ލިބުނު ހަތަރު ރަށަކީ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ށ. މިލަންދޫގެ އިތުރުން އއ. މާޅޮސް އެވެ.

ގައުމީ ޓީމުތަކަށް ދަށް ނަތީޖާތަކެއް

މި އަހަރު ކުޅިވަރުގައި އެންމެ ގިނަ ބަޔަކު ކަންބޮޑުވި ކަމަކީ މިއެވެ. އެހެންވެ އެންމެ ބޮޑު ސަމާލު ކަމެއް ލިބުނީވެސް ރާއްޖޭގެ އުމުރު ފުރާތަކުގެ ގައުމީ ފުޓްބޯޅަ ޓީމުތަކުންނާއި ސީނިއާ ޓީމު ހޯދި ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ. 14-1، 9-0 އަދި 8-1 ފަދަ ނަތީޖާތަކަކީ ރާއްޖެ ލަންދުގަންނަން ޖެހުނު ނަތީޖާތަކެވެ. ފުޓްބޯޅައިގައި މީގެ ކުރިން ބޫޓާން އަތުން ވެސް ރާއްޖެ ބަލިވެފައެއް ނުވެ އެވެ. ނަމަވެސް މިއަހަރު ޒުވާން ގައުމީ ޓީމު ވަނީ ބޫޓާން އަތުންވެސް 1-0 ބަލިވެފަ އެވެ.
ސެޕްޓެމްބަރު މަހު ބޭއްވި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޮޅަށް ހަތް ލަނޑު ވަނެވެ. ރާއްޖެއަށް ޖެހުނީ އެންމެ ލަނޑެކެވެ. އޯގަސްޓް މަހު ބޭއްވި 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެ ކޮޅަށް އިދިކޮޅު ޓީމުތަކުން 15 ލަނޑު ޖެހި އެވެ. ރާއްޖެއަށް އެންމެ ލަނޑެއްވެސް ޖެހިފައެއް ނުވެ އެވެ. އޮކްޓޫބަރު 24 ނޮވެމްބަރު އަށަކަށް، ތަޖަކިސްތާންގައި ބޭއްވި 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކޮޅަށް އިދިކޮޅު ޓީމުތަކުން 22 ލަނޑު ޖެހި އެވެ. ރާއްޖެއަށް ޖެހުނީ ދެ ލަނޑެވެ. ސީނިއާ ޓީމުގެ ނަތީޖާތައް ހުރީ ވެސް ހަމަ އެކަހަލަ ގޮތަކަށެވެ. މިއަހަރު ރާއްޖޭގެ ސީނިއާ ޓީމު ކުޅުނީ އޭޝިއަން ކަޕް ކޮލިފައިންއެވެ. ގުރޫޕް "ޑީގައި ހިމެނުނު ރާއްޖެ ކޮޅަށް، އިދިކޮޅު ޓީމުތަކުން 19 ލަނޑު ޖެހި އެވެ. ރާއްޖެއަށް ޖެހުނީ ހަތަރު ލަނޑެވެ. އަދި ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗެއްގައި އަފްގާނިސްތާން އަތުން ރާއްޖެ ބަލި މެޗުގައި ޖެހި ދެ ލަނޑާއެކު ޖުމުލަ 21 ލަނޑު ސީނިއާ ޓީމު ކޮޅަށް ވަނެވެ. ޒުވާން ޓީމު ތަކާއި ސީނިއާ ޓީމުކޮޅަށް ވަން ލަނޑުގެ އަދަދު އެއްކޮށްލުމުން 65 ލަނޑު ރާއްޖެ ކޮޅަށް ވަނެވެ. މިހާރު އޮތީ ކުރިމަގު ބިނާ ކުރުމެވެ. އެކަމަށް އެފްއޭއެމުން ވަނީ "ޓްވޯޑްސް ފިއުޗާ" ގެ ނަމުގައި ޒުވާން ކުޅުންތެރިން އުފެއްދުމަށް ޕްރޮގްރާމެއް ފެށާފަ އެވެ.

ބޭރުގެ މުބާރާތުން ތަށި ހޯދައިގެން ޓީސީ ރާއްޖެއަށް

ކަންބޮޑުވާ ކަންތައްތަކެއް ހުއްޓަސް ހިތްހަމަޖެހޭ ކަންކަމެއް ކުޅިވަރުގައި ފެނުނު އަހަރަކަށް ވެސް 2017 ވަނަ އަހަރު ވާނެ އެވެ. އޭގެތެރެއިން އެއްކަމަކީ، ބަންގުލަދޭޝްގައި ބޭއްވުނު "ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕް" ޗެމްޕިއަންކަން ހޯދައިގެން މުބާރާތުގެ ތަށި ހިފައިގެން ޓީސީން ރާއްޖެ އައުމެވެ. ފައިނަލުގައި ޓީސީ ކާމިޔާބު ކުރީ ދެކުނު ކޮރެއާގެ ޕޮޗިއޮން ސިޓިޒެން އެފްސީ ޕެނަލްޓީ ޖަހައިގެން ބަލި ކުރުމަށްފަހު އެވެ.
އެ ކާމިޔާބާއެކު ޓީސީ އަކީ ޓޯނަމަންޓްގެ ފޯމެޓަށް ގެންދިޔަ ބޭރުގެ މުބާރާތެއް ކާމިޔާބު ކޮށް ރާއްޖެއަށް ތަށި ގެނައި ފުރަތަމަ ޓީމެވެ. މީގެ ކުރިން ވެލެންސިއާ ވަނީ 90 ގެ އަހަރު ތަކުގައި، ލަންކާގައި ކުޅުނު އިންޓަކޮންޓިނެންޓަލް ޓްރޮފީގެ ކާމިޔަބު ކޮށް ރާއްޖެއަށް ތަށި ގެނެސްފަ އެވެ. އެއީ އެންމެ މެޗެއް ހިމެނުނު ކަޕެކެވެ.

ނޭމާގެ އަގުބޮޑު ޓްރާސްފާ ޕީއެސްޖީ އަށް

މިދިއަ އަހަރު ދުނިޔޭގެ ފުޓްބޯޅަގައި، އެންމެ ބޮޑު އިވެންޓްގެ ތެރެއިން އެންމެ ބޮޑު އިވެންޓަކަށްވީ، ހީނުކުރާ ވަރުގެ ބޮޑު އަގެއްގައި، ސްޕެއިންގެ ބާސެލޯނާ ދޫކޮށް، ފްރާންސްގެ ޕީއެސްޖީއަށް ނޭމާ ބަދަލުވުމުންނެވެ. ނޭމާގެ ބަދަލާމެދު ހައިރާން ވާންޖެހޭ ގިނަ ސަބަބުތަކެއް، އެބަހުއްޓެވެ. އެންމެ ފުރަތަމަ ސަބަަބަކީ، ބާސެލޯނާ ދޫކޮށް އެހެން ކުަލަބަކަށް އޭނާ ބަދަލު ވެދާނެ ކަމަކަށް އެއްވެސް ބަޔަކު ހީކޮށްފައި ނުވުމުންނެވެ. ބާސެލޯނާ އަށް އޭނާ 2013 ވަނަ އަހަރު ބަދަލުވީ، ދުނިޔޭގެ އެންމެ ބޮޑު ކުލަބު ރެއާލް މެޑްރިޑުންވެސް އޭނާ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ރެއާލްގެ ހުށަހެޅުން ގަބޫލު ނުކޮށް، ވާދަވެރި ބާސެލޯނާ އަށް ނޭމާ ބަދަލު ވުމުން އެއީ އެކުލަބާ މެދު އޭނާގެ ހިތުގައި އޮތް ލޯބި ހާމަ ކޮށްދޭ ކަމެއްގެ ގޮތުގައި އޭރު ސިފަ ކުރި އެވެ. އެހުރިހާ ކަމެއް އެހެން ހުރުމުން، ނޭމާ ބާސެލޯނާ ދޫކޮށްލާނެ ކަމަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ. އެކަންވީ ބާސެލޯނާގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހައިރާން ކަމަކަށެވެ.
ޕީއެސްޖީ ހިންގަނީ ނުސީދާކޮށް ގަތަރުންނެވެ. މެދުއިރުމަތީގައި އޮތް ކުޑަ ގައުމެކެވެ. މިއަހަރު މެދުތެރޭގައި، އަރަބި ވަރުގަދަ ބާރުތަކުން، ގަތަރާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލި އެވެ. ނޭމާ ދޫކޮށްލަން ބާސާއިން އަގު ކީ، ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކަށްވެސް އަދާ ނުކުރެވޭނެ ވަރުގެ އަގެކެވެ. ބާސާއިން ކީ އަގަކީ 222 މިލިއަން ޔޫރޯ އެވެ. ހަތަރު ބިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު އަގެކެވެ.
ސަރަހައްދުގެ ގައުމުތަކުން، ގަތަރަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުގެ ސަބަބުންނާއި އަދި 2022 ވަނަ އަހަރު އެގައުމުގައި ބާއްވަން ހަަމަޖެހިފައިވާ ވޯލްޑްކަޕަށް ބޮޑު ހޭދައެއް ކުރާތީއާއެކު، ނޭމާ ގެނައުމަށްޓަކައި، އެވަރު ބޮޑު އަގެއް، ގަތަރަށް އަދާ ނުކުރެވޭނެ ކަމަށް، އެންމެވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް ޕީއެސްޖީގެ ހަވާލުގައި ގަތަރުން އެއަގަށް އެއްބަސްވެ ނޭމާ ގެނެސް އޭނާ ލައްވައި ސޮއި ކުރުވި އެވެ. އެއީ ދުނިޔޭގެ ތާރިހްގައި ކުޅުންތެރިޔަކު ގެނައުމަށް އެވަރުގެ ބޮޑު އަގެއް ހޭދަ ކުރި ފުރަތަމަ ފަހަރެވެ. އެ އަގު މުގުރާލުމަށް އިތުރު އަހަރުތަކެއް ހޭދަވާނެ ކަަމަށް ބެލެވެއެވެ.

އިޓަލީއަށް ވޯލްޑްކަޕްގެ ދޮރު ބަންދު

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ އިޓަލީއަށް، އަންނަ އަހަރު ވޯލްޑްކަޕުން ޖާގަ ގެއްލުންވެސް އެއީ ގިނަ ބަޔަކަށް ޝޮކެއް ލިބުނު ޚަބަރެކެވެ. މިިއީ ގާތްގަނޑަކަށް 60 އަހަރު ފަހުން އިޓަލީ އަށް ވޯލްޑްކަޕުން ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ. އެޓީމަށް މީގެ ކުރިން ވޯލްޑްކަޕްގެ ޖާގަ ގެއްލިފައި ވަނީ ސްވިޑެންގައި 1958 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުންނެވެ.
މިފަހަރު އިޓަލީ ފުރުސަތު ގެއްލިވާލީ ސްވިޑެން އިންނެވެ. އިޓަލީގެ މި ނަތީޖާއާއެކު އެޓީމުގެ ކޯޗް ވެންޗޫރާގެ މަގާމު ގެއްލުނެވެ. އެ ޓީމުގެ ލެޖެންޑް ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާން ކުރި އެވެ. ބޮޑު ނާކާމިޔާބާއެކު ކުރިމަތިވި ފާޑު ކިޔުންތަކާހެދި އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ކާލޯ ޓަވޭކިއޯ އިސްތިއުފާ ދޭން މަޖުބޫރު ވިއެވެ.

ދުނިޔެއަށް އައީ އާދަ ފޫވައްޓާލަނިވި އަހަރެއް

އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް

މުސްލިމުންނާ ދެކޮޅު އަދި ބައިނަލް އަގުވާމީ އުސޫލުތަކާ ހިލާފު ވިސްނުންފުޅެއް ކުރިއަށް ނެރުއްވައިގެން ކުރެއްވި ކެމްޕޭނަކުން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޖޭ ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. ވެރިކަމަށް ވަޑައިގެންނެވުމާއި އެކު ޓްރަމްޕް ވަނީ އޭނާ ވައުދު ވެވަޑައިިގެންނެވި، އެކަމަކު އެގޮތަށް އަމުލު ކުރައްވައިފާނެ ކަމަށް މީހުން ގަބޫލު ނުކުރާ ފިޔަވަޅުތައް އަޅުއްވަން ފަށްޓަވާފަ އެވެ. އެގޮތުން މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގިނަ ގައުމުތަކެއްގެ މީހުން އެމެރިކާއަށް ދަތުރު ކުރުން މަނާ ކުރާ ގަރާރެއް ނެރުއްވިއެވެ. މުސްލިމުންނާއި ނަސާރާއިންގެ ވެސް މުގައްދަސް ބިމެއް ކަަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައި ގަތުމަކީ އޭނާ އެންމެ ފަހުން އެޅުއްވި އެފަދަ ފިޔަވަޅެވެ.

ސައުދީގެ ލަގަން އަމީރު މުހައްމަދުގެ އަތްޕުޅަށް

ދުނިޔެއަށް ހައިރާންކަން ގެނުވަމުން އެ ހަބަރު ފެތުރުނީ ޖޫންމަހުގެ 21 ވަނަ ދުވަހު އެވެ. ސައުދީ އަރަބިއްޔާގެ ވަލީ އަހުދުކަމުގެ މަގާމުން އަމީރު މުހައްމަދު ބިން ނާއިފް ވަކިކުރައްވައި، އަމީރު މުހައްމަދު ބިން ސަލްމާން އެ މަގާމަށް އިސްކުރުމުގެ ގަރާރު އެދުވަހު ނެރުއްވިއެވެ. މުހައްމަދު އޭރުވެސް ހުންނެވީ ނުފޫޒު ގަދަ މަގާމެއް ކަމަށްވާ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
އަމީރު މުހައްމަދަށް ބާރުތައް ލިބިވަޑައިގެންނެވުމާއި އެކު ސައުދީއަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ވަނީ ފަށްޓަވާފަ އެވެ. އެގޮތުން ގެންނެވި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ސައުދީ އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމެވެ.
އިގުތިސާދީ ގޮތުން ގެންނަވަނާނެ ކަމަށް އިއުލާނު ކުރެއްވުމުގެ އިތުރުން ސައުދީ އަކީ ދީނީ ގޮތުން މެދުމިނުގެ ތަނަކަށް އެގައުމު ހައްދަވާނެ ކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.
އެކަންތައްތަކުގެ އިތުރުންް މުހައްމަދު ވަނީ މިދިޔަ ނޮވެމްބަރުމަހު އެންމެނަށް ސިހުން ލިބޭ ފަދަ ފިޔަވަޅެއް އަޅުއްވާފަ އެވެ. އެއީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ ނަމުގައި އޭނާ އިސްކޮށް ހުންނަވައިގެން އުފެއްދެވި ކޮމިޝަނެއްގެ އަމުރަށް ޝާހީ އާއިލާގެ އެތައް ބޭފުޅުންނަކާއި ބޮޑެތި ވިޔަފާރިވެރިން ހައްޔަރު ކުރުމެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިލިޔަނަރު އަލް ވަލީދު ބިން ތަލާލުވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ގަތުލު އާއްްމު

ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާ ސިފަައިން އެގައުމުގެ ބައިމަދު ރޯހިންޔާ މީހުންނާ ދެކޮޅަށް ޒަމާނުއް ސުރެ ހިންގަމުން އަންނަ ޖަރީމާތައް އިތުރަށް ވަރުގަދަ ކުރީ މިއަހަރުގެ އޮގަސްޓްމަހު އެވެ. އޮގަސްޓްމަހުގެ 25 ވަނަ ދުވަހު އެހަރާތް ފެށީ ރޯހިންޔާ ދަރިކޮޅުގެ މީހުން އުފައްދައިގެެން އުޅޭ ހަނގުރާމަވަރި ޖަމާއަތަކުން މިޔަންމާ ސިފައިންނަށާއި ފުލުހުންނަށް ދިން ހަމަލާތަކަކާ ގުޅިގެން ކަމަށް އެގައުމުން ބުނެއެވެ.
އެގޮތުން ފެށި ހަރަކާތުގައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް އިންތިހާއަށް ގިނަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ރޯހިންޔާ ދަރިކޮޅުގެ ހަ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފަ އެެވެ.
އދ. އިން އެކަން ސިފަކޮށްފައި ވަނީ ނަސްލު ނައްތައިލުމުގެ އަމަލެއްގެ ގޮތުގައެވެ. އެކަމަކު މިޔަންމާއާ ދެކޮޅަށް އެއްްވެސް ފިޔަވަޅެއް ނާޅައެވެ.

ގަތަރު އެކަހެރިކޮށްލުން

ކޮންމެ އަހަރަކުވެސް ބޮޑެތި ބަދަލުތަކެއް އަންނަ މެދު އިރުމަތީގައި މިއަހަރު ހިނގި އަނެއް ބޮޑު ކަމަކީ ސައުދީ އަރަބިއްޔާއާއި އެގައުމާ ބައިވެރިވާ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރައިން އަދި މިސްރުން ވަނީ އެގައުމުތަކުގެ ވަޔާއި ކަނޑުގެ ސަރަހައްދު ވެސް ގަތަރަށް ބަންދުކޮށްފަ އެެވެ. އެގައުމުތަކުން މި ފިޔަވަޅު އެޅީ ގަތަރުން ޓެރަރިޒަމަށް ވާގިދޭ ކަމަށް ތުމަތުކޮށްފަ އެވެ. އަހަރު ނިމިގެންދާ އިރު އެމައްސަލަ އަދިވެސް އޮތީ ހައްލު ނުވެއެވެ.

އުތުރު ކޮެރެއާގެ ޓެސްޓްތައް

އުތުރުކޮރެއާގެ މިސައިލް އުފެއްދުމުގެ މަސައްކަތް މިއަހަރު ވަނީ އެތައް ގުނައަކަށް އިތުކޮށް ކާމިޔާބީތައް ވެސް ހޯދާފަ އެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެގައުމުން ވަނީ އެމެރިކާއާ ހިސާބަށް ފޯރާ ވަރުގެ މިސައިލެއް ޓެސްޓްކޮށްފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އދ. ގައި ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ އުތުރު ކޮރެއާ މުޅިން ފަނާކޮށްލެވިދާނެ ކަމުގެ އިންޒާރެއް ދެއްވާފަ އެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ އޭގެ ފަހުން ވެސް އިތުރު ޓެސްޓްތައް ކޮށްފަ އެވެ. އަހަރު ނިމެން ދަނިކޮށް އެމެރިކާއިން އިސް ނަގައިގެން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ އާ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ކެޓަލޯނިއާއިން މިނިވަންކަން އިއުލާނު ކުރުން

ޔޫރަޕްގައި މިއަހަރު ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްޕެއިންގެ ދަށުން މިނިވަންވާން ކެޓަލޯނިއާ މީހުން ފާސް ކުރުމެވެ. އެކަމަށްޓަކައި ނެގި ފެންނަ ނުފެންނަ ވޯޓު ނެގީ ސްޕެއިންގެ މައި ސަރުކާރުން އެކަން ހުއްޓުވަން މަސައްކަތް ކޮށްކޮށްް އޮއްވަ އެވެ.
މިނިވަން ވާން ފާސް ކުރުމުން ސްޕެއިނުން ވަނީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލައި އަލުން އިންތިހާބު ބާއްވާފައެވެ. އެ އިންތިހާބުވެސް ކާމިޔާބު ކުރީ ސަރުކާރާ ދެކޮޅު ކޯލިޝަނުންނެވެ.

މުގާބޭ ވެރިކަމުން ދުރުކުރުން

ޒިމްބާބްވޭއަށް 1984 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ އެ ގައުމުގެ ވެރިކަމުގައި ހުންްނެވި ރޮބަޓް މުގާބޭ ވެރިކަމުން ދުރުކުރީ ނޮވެމްބަރުމަހު އެވެ. ވެރިކަން ދޫކޮށްލައްވަން މަޖުބޫރު ވެވަޑައިގެންނެވި ހާލަތު މުގާބޭއަށް ކުރިމަތިކުރީ ސިފައިންނެވެ. ސިފައިން ވެރިރަށް ހަރާރޭގެ ކޮންޓްރޯލް އަތުލައި މުގާބޭ ގޭބަންދު ކުރީ ނައިބު ރައީސަކަށް ހުންނެވި އެމާސަން ނަންގަގްވާ މަގާމުން ދުރު ކުރެއްވުމުން ދިން އިންޒާރަކަށް ފަހުގައެވެ.
މުގާބޭ ގޭބަންދުގައި ހުންނަވަނިކޮށް ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީގެ ލީޑަރުކަމުން އޭނާ ދުރުކުރިއެވެ. އަދި ރައީސް ކަމުގެ މަގާމުން މުގާބޭ އަޒުލު ކުރުމަަށް ޕާލަމެންޓަށް ހުށަހެޅިއެވެ. ނަމަވެސް ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހު އޭނާ އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ.

އެޓްލާންޓިކްގެ ތޫފާންތައް

އެޓްލާންޓިކް ކަނޑުގައި މިއަހަރު ބާރުގަދަ ގިނަ ތޫފާން ތަކެއް އުފެދި އެމެރިކާއާއި މެކްސިކޯއާއި ކެރީބިއަން ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެގޮތުން އެރި އެންމެ ބާރުގަދަ އެއް ތޫފާނަކީ ތޫފާން ހާވީއެވެ. ދެން އާމާއެވެ. ދެން ހޯސޭއެވެ. ތޫފާން ތަކުގައި މާގިނަ ބަޔަކު މަރު ނުވިޔަސް މާއްދީ ބޮޑެތި ގެއްލުންތައް ލިބުނެވެ. އެގޮތުން ލިބުނު ގެއްލުންތައް 350 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އެރިއެވެ.

ގުދުސާ މެދު ޓްރަމްޕްގެ ނިންމެވުން

މި އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.
ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ. އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.
އެހެންނަމަވެސް ޓްރަމްޕްގެ އެ ނިންމެވުމަކީ ބާތިލު ނިންމުމެއް ކަމަށް އދ.ގައި ނެގި ވޯޓެއްގައި 128 ގައުމެއްގެ އިއްތިފާގުން ފާސްކޮށްފައިވެ އެވެ. ގުދުސުގެ ހައިސިއްޔަތާ ބެހޭ ގޮތުން ( އަލުން) ނިންމާ ކޮންމެ ނިންމުމަކީ ބާތިލު އަދި ކެންސަލް ކުރަން ޖެހޭނެ ނިންމުމެއް ކަމަށް ކަނޑައަޅައި ފާސްކުރި އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ ގައުމަކުންނެވެ. އެވޯޓުގައި ވަކިކޮޅަކަށް ނުޖެހި 35 ގައުމަކުން ތިއްބެވެ.

ވަކިވެ ދިޔަ ޝަހުސިއްޔަތުން

ކދ. އަހުމަދު މަނިކު

އަވަހާރަވީ: މާޗް 25 ގައި

މޭޖާ އަހްމަދު އާތިފް

އަވަހާރަވީ: އޯގަސްޓް 20 ގައި

މައިޒާން އިބްރާހިމް މަނިކު

އަވަހާރަވީ: މާޗް 6 ގައި

ކަނދޮޅުދޫ އަހުމަދު ވަހީދު

އަވަހާރަވީ: މާޗް 8 ގައި