ރާ އްޖެއަށް އެންމެ ހޫނުގަދަ މަހަކީ ހިނގަމުން މިދާ އޭޕްރީލް މަސް ކަމަށްވާތީ ހޫނު ވަގުތު ތަކުގައި ބޭރަށް ނިކުންނަމަ ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފީލްސް ލައިކް ޓެމްޕަރޭޗާ ނުވަތަ އިހްސާސް ކުރެވޭ ހޫނުމިން ހުރި ގޮތް އަންގައިދޭ ތަފްސީލްތަކެއް ހާމަކޮށްފަ އެވެ. އެކަމަކު މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމު ފިނިހޫނުމިން އެވްރެޖު ގޮތެއްގައި ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މެޓް އޮފީހުގެ އިންފޯގްރެފިކްސްއަށް ބަލާއިރު މިއަދު ހެނދުނު 11:00 ޖެހިއިރު އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ ހދ. ހަނިމާދޫގައި 40.4 ޑިގްރީ ސެލްސިއަސް، ކ. ހުޅުލެ - 39.3 ޑިގްރީ ސެލްސިއަސް، ލ. ކައްދޫ - 40.4 ޑިގްރީ ސެލްސިއަސް، ގދ. ކާޑެއްދޫ - 39.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަން - 39.8 ޑިގްރީ ސެލްސިއަސް އެވެ.
މެޓް އޮފީހުން ބުނީ މިއީ އެންމެ ހޫނުގަދަ ދުވަސްވަރަށް ވާތީވެ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި ގަމުން ލިބޭ ފިނިހޫނުމިނުގެ މައުލޫމާތު ކޮންމެ ދުވަހަކު ހެނދުނު 11:00 ޖަހާއިރު، މެންދުރުފަހު 2:00 ޖަހާއިރު އަދި ހަވީރު 5:00 ޖަހާއިރު އެ އޮފީހުގެ ވައިބާ ގްރޫޕުގައި ހިއްސާކުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނާ ގޮތުގައި ހޫނު އެންމެ ގަދަވަނީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2:00 ހާއިރު އެެވެ.
ހޫނުމިން މައްޗަށް ގޮސްފައިވަނީ ވައިޖެހޭ ނިސްބަތް މަޑުވެ ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ހޫނުގަދަ ކަމުން ސިއްހީ ބައެއް މައްސަލަ ދިމާވެދާނެ ކަމަށް ބަލައި ހޫނުން ރައްކާތެރިވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ. އެގޮތުން ދިމާވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ވަރުދެރަވުމާއި، އަކުނިވަޔަށްދެމުމާއި، ބޮލުގައި ރިއްސާ ބޯއެނބުރުމާއި، ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުމާއި އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން ހިމެނެ އެވެ.
މީގެއިތުރުން ލޮލަށް ލިބޭ ގެއްލުން އިތުރުވުމާއި، ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުމާއި، ކުދި ރަތް ބިހި ނެގުމާއި، ގިނައިން ހޮޑުލެވުމާއި އަދި އަދި ހޭނެތިގެން ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ހޫނުގަދަ ވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މިފަދަ އަލާމަތްތަކެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށްވެސް މެޓް އޮފީހުން އެދިފައިވެ އެވެ.
ހޫނުގަދަ ވުމުގެ ސަބަބުން ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަވީގައި ގިނައިރު މަސައްކަތް ކުރާ މީހުންގެ އިތުރުން އެތުލީޓުންނަށް ދިމާވާ ސިއްހީ މައްސަލަތައް މިދުވަސްވަރު އިތުރުވުމުގެ ފުރުސަތު ބޮޑުކަންވެސް ފާހަގަކޮށްފައިވެ އެވެ.
ގަދަހޫނުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ވެސް މެޓް އޮފީހުން ބުނެދީފައިވެ އެވެ. އެގޮތުން ހޫނަށް ނިކުންނައިރު ކުޑަ ބޭނުން ކުރުމާއި، ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ދޫ ހެދުން ލުމާއި، ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުމާއި، ގިނަ ވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން ހިމެނެ އެވެ.
މީގެއިތުރުން ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށްޓަކައި، ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބޭނުންކުރުމާއި، ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުމާއި، ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުން ނުކުރުމާއި، ހޫނު ގަދަވާ ވަގުތުތަކުގައި ބޭރަށް ނިކުތުން މަދުކުރުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.