މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިއްޔެ އެންމެ ވައިގަދަވީ ފުވައްމުލައް ސިޓީއަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ފުވައްމުލައް ސިޓީއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މެޓް އޮފީހުގެ ރެކޯޑްތައް ދައްކާ ގޮތުން ފުވައްމުލައް ސިޓީއަށް އިއްޔެ އާންމު ވައި ޖެހުނީ 23 މޭލަށެވެ. ނަމަވެސް ވިލާގަނޑުގައި 64 މޭލަށް ވައި ޖެހުނެވެ.

ދެން އެންމެ ވައިގަދަވީ ހުޅުލެއަށެވެ. ހުޅުލެއަށް ވިލާގަނޑުގައި 51 މޭލަށް ވައިގަދަވިއިރު އާންމު ވައި ހުރީ 17 މޭލުގަ އެވެ.

އައްޑޫ ސިޓީއަށް އިއްޔެ އާންމު ވައި 17 މޭލަށް ޖެހުނުއިރު ވިލާގަނޑުގައި 46 މޭލަށް ވައި ޖެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަ އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެއަށެވެ.

ހުޅުލެއަށް 37 މިލިމީޓަރުގެ ވާރޭ ވެހުނުއިރު މާލެއަށް 21.2 މިލިމީޓަރު އަދި ރ. އިފުރަށް 24.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެ އެވެ.