ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުވައްމުލަކު ސިޓީއަށް 120 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރެ ވެހުނީ ފުވައްމުލަކަށެވެ. އެއީ 120 މިލިމީޓަރުގެ ވާރެ އެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ސ. ގަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގަމަށް ވަނީ 70 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ލ. ކައްދޫ އަށެވެ. އެއީ ގާތްގަނޑަކަށް 60 މިލިމީޓަރުގެ ވާރޭ އެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި އިއްޔެ އެންމެ ބޯކޮށް ވާރެ ވެހިފައިވަނީ ދެކުނުގެ ރަށްތަކަށެވެ.
މެޓް އޮފީހުން މި ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ހުކުރު ދުވަހާ ހަމައަށް މޫސުމަށް ސަމާލުވުމަށެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކަނޑުތައް ގަދަވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރުކޮށްފާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.