މޫސުން

މޫސުން އެންމެ ގޯހީ އައްޑުއާ ފުވައްމުލަކަށް

ރާއްޖޭގެ ބައެއް އަތޮޅު ތަކަށް މޫސުން ގޯސްވެފައިވާތީ އެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުމީ އެލާޓްތައް ނެރެފި އެވެ. އެ އިދާރާގެ ފޯކާސްޓް ތަކުން ދައްކާގޮތުގައި މޫސުން އެންމެ ގޯހީ އައްޑު އަތޮޅަށެވެ.

މޫސުމުގެ މި އެލާޓް ދެ ލެވެލަކަށް ނެރެފައި ވާއިރު ވައިޓް އެލާޓެއް ނެރެފައި ވަނީ ވ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 ޖެހުމާއި ހަމައަށް މި އެލާޓް ދެމި އޮންނާނެ އެވެ. މީގެ އިތުރުން މޫސުން އިތުރަށް ގޯސްވެފައި ވާތީ މިއަދު ހެނދުނު 2:00 ޖެހުމާއި ހަމައަށް އައްޑޫން ފެށިގެން ފުވައްމުލަކާއި ހަމައަށް ވަނީ ޔެލޯ އެލާޓެއް ނެރެފަ އެވެ.

މެޓުން ބުނީ މިވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ވެސް ރާއްޖޭގެ ދެކުނާއި މެދު އަތޮޅުތަކުގެ ބޮޑުބަޔަކަށާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެއެވެ.

ފޯކާސްޓްތައް ދައްކާ ގޮތުން ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.

މުސޫމާބެހޭ އިދާރާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑު އަތޮޅު ގަމަށެވެ. އެއީ 166.3 މިލިލީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ގއ. ގެމަނަފުއްޓަށެވެ. އެއީ 106.4 މިލިލީޓަރުގެ ވާރެ އެވެ. އައްޑު އަތޮޅު ހިތަދޫއަށް 91.8 މިލިލީޓަރަށް ވާރޭ ވެހުނެވެ. މާލެއަށް ވެހިފައި ވަނީ 1.2 މިލިލީޓަރުގެ ވާރެ އެވެ.

މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ޓްރަފެއް އުފެދުމުގެ ސަބަބުން ވިލާ ބޯވެ ކުރާ ވިއްސާރައެއް ކަަމަށެވެ.

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައްގަދަވެ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އެދިފަ އެވެ.

މިހާރު ރާއްޖޭގައި ހިނގަމުން ދަނީ ރޭވަ ނަކަތެވެ. އެއީ އިރުވައި މޫސުމުގެ ފަހު ނަކަތެވެ. އާއްމު ގޮތެއްގައި އިރުވައި މޫސުން ނިމެން އަންނަ އިރު ބޯކޮށް ވިއްސާރަ ކުރެ އެވެ. ދެން ފަށާނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދަ އެވެ. ހުޅަނގާއެކު އެ ނަކަތް ފަށާނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.