ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދިޔުމާއި ގުޅިގެން، އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވައިލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖިލިސް މެންބަރުންނާވެސް ވަކި ވަކިން މިރޭ ފޯނުން ގުޅުއްވައި، އެ ދެ ސިިޓީގެ އެންމެ ފަހުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ދެކުނުގެ ދެ ސިޓީ، އައްޑޫ އަދި ފުވައްމުލަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އިއްޔެ ހަވީރުއްސުރެ އައްޑޫއަށް ކުރި ވިއްސާރައިގައި އެންމެ ގިނަ ގެއްލުން ލިބިފައި ވަނީ މަރަދޫ ފޭދޫގެ ގެތަކަށެވެ. އެ ރަށުގެ 50 ގެއަކަށް ގެއްލުންވެފައިވާއިރު ތިން ގެއެއްގެ ފާރު ވެއްޓުނެވެ. އަދި 41 ގެއެއްގައި ފެންބޮޑުވެފައިވާއިރު ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި ދެ ގެއެއްގެ ފެން ތާންގީ ވަނީ ފަޅައިގެން ދިޔަ އެވެ. މީގެ އިތުރުން ހިތަދޫން 14 ގެއެއް، މަރުދޫން 20 ގެއަކާއި މީދޫން އަށް ގެއަކަށް ގެއްލުން ލިބުނެވެ.
ފޭދޫން 12 ގެއަކަށް ގެއްލުން ވެފައިވާއިރު ތިން ގެއެއްގައި މިވަގުތު ދިރި ނުޅެވޭ ވަރަށް ގެއްލުންވެފައި ވެއެވެ. އެ ތިން ގޭގެ މީހުންނަށް މިއަދު ހެނދުނުގެ ނާސްތާ ފޯރުކޮށްދީފައި ވަނީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލުން ބުނީ އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށައި ގެއްލުން ރިޕޯޓް ކުރަން ހޮޓްލައިނެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ދެކުނުގެ ފުވައްމުލަކު ސިޓީގެ ގިނަ ގޭގެއަށް ވެސް ފެން ވަދެ، ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުން ލިބިފައި ވެ އެވެ. ފުވައް މުލަކުގެ 90 ގެއަކުން ފެން ހިންދަން ޖެހުނެވެ. ފެން ބޮޑުވުމުގެ ސަބަބުން ދުވަސްވީ މީހަކު ވެސް ގެއެއްގައި ތާށިވެފައި ވަނިކޮށް ފުލުހުން ވަނީ އެމީހާ ވަނީ ސަލާމަތް ކޮށްފަ އެވެ.
އެ ސިޓީގައި ވެސް ލިބުނު ގެއްލުންތައް ރެކޯޑް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.