މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މާލެއަށް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިއްޔެ ވާރޭވެހުނު ވަގުތު އެންމެ ބޯކޮށް ވާރޭވެހުނީ ވެރިރަށް މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުގެ މައުލޫމާތުތައް ދައްކާ ގޮތުގައި މާލެއަށް އެކަނިވެސް އިއްޔެ 159.3 މިލިމީޓަރުގެ ވާރޭ ވެހުނުވެ. ހުޅުލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ހުޅުމާލެއަށްވެސް 105.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އަތޮޅު ތެރޭގެ ރަށްތަކުން އެންމެ ގިނައިން ވާރޭވެހުނީ ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ އަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިއްޔެ މާލޭގެ 144 ގެއަކުން އެހީއަށް އެދި ގުޅި ކަމަށެވެ. މީގެތެރެއިން 91 ގެއެއްގެ ބޭރުގައި ވެލިބަސްތާ ޖަހައިދީ، 8 ގެއެއްގެ 57 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށް ކެއިންބުއިމުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގައި ބޮޑުވެފައި އޮތް ފެންގަނޑު ހިންދުމުގެ މަސައްކަތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕް ޖަހައިގެން ސިފައިން ދަނީ އެ މަސައްކަތް ކުރަމުންނެވެ.