LIVE UPDATES

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޓްރަމްޕް ކުރައްވައިފި

Updated:
1
  • އެމެރިކާގެ ތާރީހުގައި އެންމެ މުއްސަނދި ރައީސް
  • އެންމެ ބަސްމަގު ތަފާތު އަދި ހަރުކަށި ކަމަށް ބެލެވޭ ރައީސް
  • ޓްރަމްޕާއެކު ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ބެލެވޭ

އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމުގެ ހުވާ ކުރައްވާނީ ރާއްޖޭ ގަޑިން މިރޭ 10.30 ޖަހާއިރު އެވެ. އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އެ ރަސްމިއްޔާތަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު އެރަށަށް ވަނީ އުފާވެރި ކަމާއިއެކު ނާމާންކަން ވެސް ވެރިވެފަ އެވެ. މުޅި އެމެރިކާއަށް އުފާވެރި ކަމާއި ނާމާންކަން ވެރިވެފައި ވަނީ އެއްވަރަކަށެވެ.

ޓްރަމްޕަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން އޭނާ މަގާމާ ހަވާލުވުމުގެ އުފާ ފާޅުކޮށް ހަވާ އަރުވަން ނުކުންނަ އިރު އޭނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން ވެސް ގިނަ ބަޔަކު ތައްޔާރުވެފައިވާ ކަމަށް ދަ ގާޑިއަން ނޫހުން އިއްޔެ ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައި ވެއެވެ. އަނެއްކޮޅު ޓްރަމްޕްގެ ވެރިކަމާއެކު ދުނިޔެއަށް އަތުވެދާނެ ބޮޑެތި ބަދަލުތަކާއި ހަލަބޮލިކަމުގެ ޝައްކުގައި މުޅި ދުނިޔެވެސް އޮތީ އޭނާ ހުވާ ކުރައްވާ ވަގުތަށާއި ފުރަތަމަ ތަގުރީރަށް ސަމާލުވެގެނެވެ.

އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަން 1973 ވަނަ އަހަރު މަގާމުގެ ހުވާ ކުރެއްވި ދުވަހު ވެސް އޭނާއާ ދެކޮޅަށް އެމެރިކާގައި މުޒާހަރާތައް ކުރިއެވެ. އަދި ޖޯޖް ޑަބްލިއު ބުޝް 2001 ވަނަ އަހަރު ހުވާ ކުރެއްވި ދުވަހު ވެސް ވަރުގަދަ މުޒާހަރާތަކެއް އެގައުމުގައި ކުރިއެވެ. ނަމަވެސް މިނިވަން ހިޔާލުގެ މީހުން ގިނަ ވޮޝިންޓަން ޑީސީއިން ޓްރަމްޕަށް ކުރިމަތިވާނީ އެއަށް ވުރެ މާ ހަރުކަށި މުޒާހަރާ ތަކަކާ ކަމަށް ވަނީ ބެލެވިފައެވެ. އެރަށުން ޓްރަމްޕަށް ލިބިވަޑައިގެންނެވީ އެންމެ ހަތަރު ޕަސެންޓް ވޯޓެވެ. ބުޝް އަށް އެއަށް ވުރެ ގިނައިން ލިބުނެވެ.
މުޒާހަރާ ކުރަން ނުކުންނަށް ތައްޔާރަށް އެއްބަޔަކު ތިބި އިރު އަނެއް ބަޔަކު ތިބީ ބިރުންނެވެ.

"އިންތިހާބުގެ ކެމްޕޭންގެ ރާގު ހުރި ގޮތުން މީހުން ތިބީ ބިރުން. ހަމަ ހަގީގަތުގައި ވެސް ބިރުގެންފައިވާ އެތައް ބަޔަކު އެބަތިބި،" އެމެރިކާގެ ކުރީގެ ރައީސް އަދި ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަކުރެއްވި ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ ފިރިކަލުން ބިލް ކްލިންޓަންގެ ޕޮލިސީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބިލް ގޭސްޓަން ވިދާޅުވި އެވެ.

ހުވާކުރުން ކުރިއަށްދާ ވަގުތުގަ އާއި އޭގެ ފަހުން މުޒާހަރާތައް ކުރުމަށް 30 ގްރޫޕަކުން ވަނީ ހުއްދަ ހޯދާފަ އެވެ. ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ސީކްރެޓް ސާވިސް އިން 3000 އޮފިސަރުން ނެރޭ އިރު ނެޝަނަލް ގާޑްގެ 5000 ސިފައިން ވެސް ނުކުންނާނެ އެވެ.

ޓްރަމްޕް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ބަރަކް އޮބާމާ ބައިވެރިވެވަޑައިގަންނަވާނެ ކަން އަދި ކަށަވަރެއް ނުވެއެވެ. އޮބާމާ ބައިވެރިވެ ވަޑައިނުގެންފިނަމަ އެކަން ވާނީ 96 އަހަރު ތެރޭގައި އެމެރިކާގެ ރައީސްގެ މަގާމާއި އާބޭފުޅަކު ހަވާލުވެ ވަޑައިގެންނެވިއިރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ބައިވެރިވެ ވަޑައިނުގަނަވާ ފުރަތަމަ ފަހަރަށެވެ.

ޓްރަމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ބިލް ކްލިންޓަނާއި ޖީމީ ކާޓާ ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި ލާރާ ބުޝް އާއި ހިލަރީ ކްލިންޓަނާއި ރޮސަލީން ކާޓާ ވަޑައިގަންނަވާނެ އެވެ.

ޓްރަމްޕް ހުވައި ކުރެއްވުމަށް ފަހު ވައިޓް ހައުސް ވަޑައިގަންނަވާނީ ޕެންސިލްވޭނިއާ އެވެނިއު އިންނެވެ. އެއީވެސް މުޒާހަރާއަށް ނުކުންނަށް ނިންމާފައިވާ ސަރަހައްދެކެވެ. ޓްރަމް ވައިޓް ހައުސްއަށް ވަޑައިގަންނަވާއިރު މަގާމު ދޫކުރައްވާ އޮބާމާ އާއި އާއިލާ ވަޑައިގަންނަވާނީ ޗުއްޓީއެއްގައި ކެލިފޯނިއާއަށެވެ.