ލިޔެ އުފެއްދީ ޔޫސުފު ރިޔާޒް ނައިފަރު!

މީގެ އަށެއްކަ އަހަރު ކުރިޔަށް ހަނދާތަން ގެންގޮސް ބަލާށެވެ. ކުޑައިރުންސުރެ ހަޔާތުގެ ވަރަށް ބޮޑުބައިގައި ދިވެހި ރާއްޖޭގެ އަޑު އަހައި އުޅުނީމު ނޫން ހެއްޔެވެ؟ ވަރަށް ގިނަ ޕްރޮގްރާމްތައް ނިމުމާއެކު މިއުޒިކު ކޮޅަކާއެކު އަންނާނީ މި ޖުމްލަ އެވެ: "ލިޔެ އުފެއްދީ ޔޫސުފު ރިޔާޒް ނައިފަރު" މިހެނެވެ. ކޮންމެ ދުވަހަކާއި ކޮންމެ ރެއަކު އެތަކެއް ފަހަރު ތަކުރާރުކޮށް އެ ޖުމްލައިގެ އަޑު އިވޭނެ އެވެ. އެއީ ދިވެހި ރާއްޖޭގެ އަޑު ހަޔާތުގައި ވަރަށް ހާއްސަ ބޭފުޅެކެވެ. އެހާ މުހިންމު ނަމެކެވެ. އޭނާ އުފެއްދި ޑްރާމާތަކާއި ޕްރޮގްރާމްތަކީ އަދިވެސް އެތަކެއްޗާ ވާދަ ނުކުރެވޭ ވަރުގެ މޮޅު ޑްރާމާތަކާއި ޕްރޮގްރާމްތަކެވެ. އޭގެ ތެރެއިން "ނެގިގާގަނޑު" އެއީ ވަރަށް ހާއްސަ ނަމެކެވެ. ޔޫސުފު ރިޔާޒް ނައިފަރު، ނެގިގާގަނޑު އުފެއްދީ ކިހިނެއްތޯ ބަލައިލަން އޭނާ ގާތުގައި ސުވާލު ކޮށްލުން ކިހިނެއް ހެއްޔެވެ؟ ގައިމުވެސް ހަނދާތައް ގޮސް ޒާހިދާއި އާފިޔާ އާއި އީސަ އާއި މުހައްމާގެ އަބްދުﷲ މެންގެ ގައިގަ ބައްދައި އޮޅުލައި ގަންނާނެ ނޫން ހެއްޔެވެ؟

"ސަމަރޭ [މިިނިސްޓަރު އިބްރާހިމް މަނިކު] އަޅުގަނޑު އަޑަށް ވެއްދީ ސީދާ ޑްރާމާ ހަދަން! ވިދާޅުވީ ސީރީޒް ޑްރާމާ ހައްދަވާށޭ ބޭނުންފުޅުވަނީ އެކަމެއް ރާއްޖޭގައި އަދި ނެތެއް ނޫން ހެއްޔޭ! އެހެންވީމާ އަޑުގައި އެބައިތައް ކުރިޔަށް ގެންދިޔައީ އެކަމަކު އޯވަރޯލްކޮށް ވަރަށް ގިނަ ޕްރޮގްރާމް ހާއްސަކޮށް އާ ހިޔާލުގެ އާ ޕްރޮގްރާމްތައް ޑިވެލޮޕްކޮށް އުފައްދައި ހެދީ،" މިހާރު އުމުރުން 59 އަހަރުގެ ޔޫސުފު ރިޔާޒް އޭނާގެ ވާހަކަ ފެއްޓެވި އެވެ.

ޔޫސުފު ރިޔާޒް ވިދާޅުވި ގޮތުގައި އޭނަ ސިކުނޑީގައި އޭރު ވެސް އާ ހިލާޔުތަކާއި ވިސްނުންތައް ހުއްޓެވެ. އޭގެ ތެރެއަށް ސަމަރޭ ވަދެވަޑައިގެންނެވުމުން އެ ހިޔާލުތައް ވަރަށް ތަނަވަސް ވެގެން އައެވެ. އެގޮތް މެދުވެރިވުމުން ސަމަރޭ އެދިވަޑައިގެންނެވި ފަދަ މަސައްކަތެއް ކުރަން މާ ބޮޑު ކަމަކަށް ނުވި އެވެ.

"އަޅުގަނޑުގެ ސިކުނޑީގައި ހުރި އާ އައިޑިއާތަކެއް. އަޅުގަނޑު ކުރި މަސައްކަތުގައި ކްރިއޭޓް ކުރިން ވަރަށް ގިނަ އާ ކަންކަން. އެކަން ކަން ކުރީން ޕްރޮފެޝަނަލް މީހުން ބޭނުން ކޮށްގެން ޒަމާނަށް ފެތޭ ގޮތަށް. ވަރަށް ހާޑް ވޯކޮށް އަޅުގަނޑު ޖެއްސީ... އަޑުގައި އަޅުގަނޑު ކުރި މަސައްކަތް ސިފަ ކުރަނީ މަސައްކަތަށްވުރެ ބޮޑަށް ތަމްރީމްނު ހޯދުމުގެ ގޭނުމެއްގެ ގޮތުގަ. ކޮންމެ މަސައްކަތް ވެސް ކުރީ ޓްރޭނިން ކޯހެއްގެ ގޮތުގައި. ކޮންމެ ޓެސްޓެސްގައި ވެސް އާކަންކަން ގެނެސް ހެދި ހުރިހާ ޓެސްޓެއް ކާމިޔާބު ކުރިން،" އޭނާ ވިދާޅުވި އެވެ.

ނެގިގާގަނޑާއެކު މުޅި ރާއްޖެ އޭގެ އަވައިގައި ޖެހުނެވެ. މިހާރު ނަމަ އެއީ މޯލްޑިވިއަން އައިޑޮލް ފެންވަރުގެ ޕްރޮޑަކްޝަނެކޭ ބުނެވިދާނެ އެވެ. ނެގި ގާގަނޑުގެ ކުރިން ޔޫސުފު ރިޔާޒް އުފެއްދީ "ބަދަލުވި މޫނެ" ވެ. އެއީ ރާއްޖޭގެ މުސްތަގުބަލުގައި ކަންކަން ބަދަލުވެ ހިނގައިދާނެ ގޮތާއި މަސްތުވާތަކެތީގައި ރާއްޖެ ހަލާކުވެގެން ހިނގައިދާނެ ހިނގައިދާނެ ގޮތުގެ އިންޒާރެއް ކޮށްފައިވާ މުހިންމު މެސެޖްތަކެއް ހިމެނޭ ޑްރާމާއެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ފުރަތަމަ ސީރީޒް ޑްރާމާއަކަށް ވެގެން ދިޔައީ ނެގިގާގަނޑެވެ. އަދި ނެގިގާގަނޑު ވެގެން ދިޔައި މޫ ބަދަލުކޮށްލި ޑްރާމާ އަށެވެ.

"ޑްރާމާ ހެދުނު އަދަދު އަޅުގަނޑަށް ދަންނަވާކަށް ވެސް ނޭނގޭ، އެ މަސައްކަތުގެ ކުރީ ކޮޅު ނެގިގާގަނޑުގެ ހިޔާލު އުފެދި އުފަންވެގެން އައީ، އެއީ އަޅުގަނޑުގެ ހާއްސަ މަސައްކަތެއް، އިތުރަށް ދެންކީކޭ ދަންނަވާނީ!" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބަދަލުކޮށްލައި މުޅި ރާއްޖޭގެ އެންމެން ހަފުތާގެ އެއްރަކު ސިޓިން ރޫމަށް ޖަމާކޮށްލައި އެ ޑްރާމާ އަޑު އަހަން ތިއްބެވެ. މުޅި ހަފުތާގައި އެ ވާހަކައެއްގެ ފޯރި ނެގި އެވެ. ދެންވާނެ ގޮތަކާމެދު ސުވާލު އުފައްދަމުން ދިޔައެވެ.

މުޅި ޑްރާމާއަކީ ތަނަވަސް ދިރިއުޅުމެއް ލިބުމުން އެ ދިރިއުޅުން ރަނގަޅު ޕްލޭނަކާއެކު މައިންޓެއިންކޮށް ހަރުދަނާ ނުކުރެވިއްޖަނަމަ ދިރިއުޅުން ފަނާވެ އިހު އޮތް ހާލަތަށް އަލުން ރޫޖުއަވެގެން ދިއުމާއި އޭގެ ސަބަބުން ގުޅިފައިވާ އާއިލާތަކަށާއި މުޖުތަމައަށް ކުރާ ނުބައި ނުރަނގަޅު އަސަރުތަކެވެ. އިގްތިސޯދަށް ނުބަލާ އުޅުމާއި ތަނަވަސްކަން ލިބުމުން ތެޅިގަންނަގަތުން މުޅި ހަޔާތް ފުރޮޅި ނިކަމަތި ކަމުގެ މައްޗަށް ނިކަމެތިކަން ފައްތަރުވެގެންދާ ގޮތެވެ. މައިގަނޑު ވާހަކައަކީ "ނެގިގާގަނޑަށް ބޮލި އެރުން" ނުވަތަ "ޖެހި ވަޅަން ޖެހުމު" ގެ މިސާލު ބަހުގެ ޒަމާނީ އާ ކޮންސެޕްޓެކެވެ.

ޑްރާމާގެ މެއިން ކެރެކްޓާއަކީ ރާއްޖޭގެ ރޭޑިއޯގެ ތާރީހުގައި ފެނުނު އެންމެ އާދަޔާ ހިލާފު އަޑުގެ ވެރިޔާ އަދި ރޭޑިއޯ ޕްރޮގްރާމްގެ އެންމެ ވަރުގަދަ ސަހުޝިއްޔަތު ކަމަށްވާ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހިމް މަނިކެވެ. ޑްރާމާގައި ސަމަރޭއަކީ އަންހެނުން ވަރަށް ހިތް ކިޔާ ވަރަށް ސްމާޓް އަދި އެހާ "ސެކްސީ" ފިރިހެނެކެވެ. އޭނާގެ ނަމަކީ ޒާހިދު އެވެ. މުޅި ޑްރާމާގެ ރޫހަކީ ޒާހިދެވެެ. ނެގި ގާގަނޑުގެ ޒާހިދަކީ ރާއްޖޭގައި މިދިއަ ވިއްސަކަށް އަހަރުގެ ތެރޭގައި ވަރަށް މަޝްހޫރު ނަމެކެވެ. "ބުންވަރު" ހުރިކަން ދައްކާލަން މީހުން މިސާލު ޖަހާ އުޅުނީ ނެގިގާގަނޑުގެ ޒާހިދުގެ ނަމުންނެވެ.

ޒާހިދުގެ އަންހެނުން ސަމީރާއަކީ ވަރަށް ނެގި މަޑު އަންހެނެކެވެ. ސަމީރާގެ އެ ރޯލުގެ ލޮނުހެޔޮވަރު ކޮށްލައިދީފައި ވަނީ ނަޖުމާ އެވެ. ޒާހިދުގެ ޕާޓްނަރު އީސަކީ އާދަޔާހިލާފު ޝަހުސިއްޔަތެކެވެ. އެ ރޯލް ކުޅެލާފައި ވަނީ ދެވަނަ އެއް ނެތް އަލީ އަބްދުﷲ އެވެ. އެންމެ ހާއްސަ އެއް ރޯލް ކުޅެލާފައިވަނީ ވެސް ހާއްސަ ބޭފުޅެކޭ ބުނެލީމާ ފުދޭނެ އެވެ. އާފިޔާއަކީ އެންމެންގެ ލޯބި އޮތް ހަފުސާ އެވެ. މުހައްމާގެ އަބްދުﷲ ގެ ރޯލް ހެޔޮވަރުކޮށްފައި ވަނީ ބަދުރުއް ނަސީރަށެވެ. އެއަކާ ދެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އެހާ ތުނި އެހާ ރީތި އަޑުގެ ވެރިޔާ ޝަރުމީލާއަކީ ހަދީޖާ އެވެ. ޖުމްލަކޮށް މުޅި ދިވެހި ރާއްޖޭގެ އަޑުގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން އެ ޑްރާމާގައި އޮތެވެ. ކޮންމެ މީހެއްގެ ރޯލް އެހާ ފުރިހަމަ އެވެ.

"އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަށް އެ މަސައްކަތް ކުރެވުނު ގޮތް ވެސް މުޅި ރާއްޖޭގެ އެންމެން އެ ޑްރާމާ ސީރީޒް ފަހަތުން ހިނގި އިރު އެ ޑްރާމާއިން ދިވެހިރާއްޖޭގެ އަޑަކީ އެއް ފެމިލީއަކަށް ވެގެންދިޔަ،" ޔޫސުފު ރިޔާޒް ވިދާޅުވި އެވެ. "ލޯތްބާއި އަޅައިލުމާއި ހީލަތާއި ކަރަންޓްގެ އެފެއާޒުގެ ހުރިހާ ކަމެއް އޭގައި ހިމެނިން. މެދުއިރުމައްޗާއި ޔޫރަޕާއި އެކި ދިމަދިމާއަށް ގެންދިޔައިން ހުރިހާ ފްލޭވާއާއަކާއެކު ލޯބީގެ އިޝޫތަކެއް ގެނެސް ދެވުނީ... ހަގީގަތުގައި އަޅުގަނޑު ވެސް ހުރީ މުޅިން އޭގެ ތެރޭގައި އަޅުގަނޑުގެ ލައިފް އޮތީ ޑްރާމާގެތެރޭގައި،"

ނެގިގާގަނޑުގެ ކިތައް އެޕިސޯޑް ތައްޔާރު ކުރެވުނުކަން ޔޫސުފު ރިޔާޒުގެ ހަދާނެއް ނެތެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ ޑްރާމާއަށް ލިޔުނު ސްކްރިޕްޓްތަކުގެ ލިޔުންތަކުގެ އަދަދު 3000 ސޮފުހާއަށްވުރެ ގިނަ އެވެ.

"އަޅުގަނޑަށް އަދިވެސް އެ ޑްރާމާ ނިންމާލާކަށް ދައްޗެއް ނޫން! އެކަމަކު ފަހުން އަޑަށް އައި ބަދަލުތަކާއި ބޭބޭފުޅުންގެ މަގާމުތަކަށް އައި ބަަދަލުތަކާއެކު ކުރިން ގެންދިޔަ ގޮތަށް ގެންދެވޭ ގޮތެއް ނުވި. އަޅުގަނޑު ވަރަށް މަސައްކަތް ކޮށްގެން ވެސް ... މިހާރު ހިތަށް އަރާ އިތުބާރު ކުރެވޭ ބަޔަކު އިސްވެ އެކަމާ އުޅެފީވިއްޔާ ފިލްމަކަށް މޮޑިފައި ކޮށްލާނަމޭ، އެއީއަކީ އަޅުގަނޑަށް މާ ބޮޑު ކަމެއް ނޫން،" ޔޫސުފު ރިޔާޒް ވިދާޅުވި އެވެ.

ޔޫސުފު ރިޔާޒު ވިދާޅުވި ގޮތުގައި ނެގިގާގަނޑުގެ ހުރިހާ ކަމެއް ވެސް ހިނގީ އޭނާ ބޭނުންވި ސަމަރޭ ވެސް ބޭނުންފުޅުވި ގޮތަށެވެ. ވަރަށް ކުދިކުދި އަޑުވެސް އޭނާ ބޭނުންވާ ގޮތަށް ގެނައުމަށް އެތަކެއް ފަހަރު ރިޕީޓްކޮށް ކުޅުވި އެވެ.

"އަޅުގަޑު ހުރީ ސީދާ އިބްރާހިމް މަނިކުގެ ބާރުގެ ދަށުގައި އޭނާއާ ގުޅިފައި އެހެންވެ އަޑުގެ ބައެއް އާދައިގެ މީހުންނަށް އަޅުގަނޑުގެ ހައިސިއްޔަތަކީ ކޮބައި ކަމެއް ނުވެސް އނގޭ، ނެގިގާގަނޑަކީ އަޅުގަނޑުގެ ހިޔާލު! ނަމަވެސް އެކަން ހިނގައި ދިޔައީ ސަމާރޭ ބޭނުންފުޅުވާ ގޮތަށް، އޭނާގެ އެއްބާރުލެއްވުމާއެކު."

ޔޫސުފު ރިޔާޒަކީ އަޑަށް ވަންނަ ހިތުން ވަން ބޭފުޅެއް ނޫނެވެ. އެކަމަކު އޭނާއަކީ ފާޑަކަށް ބެހެމުން ގޮސް އަޑަށް ލެއްގި ބޭފުޅެކެވެ.

"އަޑަށް ވަނީއެއް ނޫން އަޅުގަނޑު ގެންގޮސް އަޑަށް ލެއްގީ، ހަގީގަތުގައި އަޅުގަނޑަކީ ކޮމިއުނިޓީ ވޯކަރެއް ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރަމުން އައިސް ޓެލެމިއުކިކޭޝަނުން އިންޖީނުގެއަށް އޭގެ ފަހުން އީޑީސީއަށް އެތަނުން ޗާޕަހާނާއަށް ދެން އެހެން ދިމާއަކަށް އެހެން ގޮސް ހިތްހަމަ ނުޖެހުމެއްގެ ތެރޭގައި އަޑަށް ގެންގޮސް ލެއްގީ އީޑީސީގައި ވެސް 2000 ޕްރޮގްރާމް ހެދި އިރު އޭގެ ތެރެއިން 1000 ހެދީ އަޅުގަނޑު އެއީ ލައްކަ ގިނަ މަސައްކަތް،"

ރާއްޖޭގައި އާދަޔާ ތަފާތު ވަރަށް ގިނަ މީހުން އެބަތިއްބެވެ. ހަމަ ވަރަށް ގިނައީ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކަށް ޔޫސުފު ރިޔާޒު ވާނެ އެވެ.. އޭނާ އަޑުން ވަކިވެ ވަޑައިގެންނެވިތާ މިހާރު އަށް އަަހަރު ވެއްޖެ އެވެ. ގާތްގަނޑަކަށް 18 އަހަރު ދުވަހު އަޑަށް ހިދުމަތް ކުރެއްވުމަށްފަހު ޔޫސުފު ރިޔާޒްގެ ދިރިއުޅުން އޮތީ މިހާރު މުޅިން ތަފާތުކޮށެވެ. އެކަމަކު އެއީ ހަމަ ކުރީގެ ވެސް ޔޫސުފު ރިޔާޒެވެ. އެ ސާދާ ކަންމަތީގައި ހިންގަވާލައްވާފައި އެބަ ދިރިއުޅުއްވަ އެވެ. އަދި މިހާ ހިސާބުން ޑްރާމާ ލިޔުން ޔޫސުފު ރިޔާޒް ނިންމާލެއްވީއެއް ވެސް ނޫނެވެ:

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ އަދި އެފަދަ އެއް ޑްރާމާ ސީރިސް ނެރުމުގެ އަޒުމު އެބައޮތް،"