ހަބަރު

"ލުތުފީއަށް ފްލެޓް ލިބިފައިވާތީ އޭސީސީ މިނިވަނެއް ނޫން"

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީއަށް މާކެޓް އަގަށްވުރެ ހެޔޮކޮށް ލަގްޒަރީ ފްލެޓެއް ލިބިފައިވާތީ އޭސީސީގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

އެންޓި ކޮރަޕްޝަން އޭޖެންސީތައް ހިންގުން ހަރުދަނާކޮށް ރަނގަޅު ކުރުމުގެ ގޮތުން، 2014 އިން 2016 އަށް އޭސީސީ ހިިންގާފައިވާ ގޮތުގެ މައްޗަށް ޓްރާންސްޕޭރެންސީގެ ފަރާތުން އެކުލާވައިލި ރިޕޯޓާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ވޭތުވެދިޔަ އަހަރު ތަކުގައި ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތައް ނިންމުމުގައި އެދެވިގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އަދި އެކަން ހަރުދަނާ ކުރުމުގެ ގޮތުން އޭސީސީ އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ދެމެދު އޮތް ގުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ބަޔާނުގައި ވަނީ، ކޮރަޕްޝަން މައްސަލަތައް ބަލަން އޭސީސީއަށް ވަރަށް ގިނަ ގޮންޖެހުންތަކާއި އިސްލާހުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ބެލެހެއްޓުމަކީ މަޖިލީހުގެ ޒިންމާ އެއް ކަމަށާއި ނަމަވެސް އޭސީސީ ޒިންމާދާރު ކުރުވަން ކޮމިޓީން ކުރަން ޖެހޭ ކަންކަން އެދެވޭ ގޮތުގައި ކޮށްފައިނުވާ ކަމަށާއި އެކަމުގައި އިހުމާލުވެފައިވާ ކަމަށެވެ.

"... އޭސީސީގެ ރައީސް ސަރުކާރުން ދިން ފްލެޓް މާކެޓް އަގަށްވުރެ ކުޑަކޮށް ބައްލަވައިގަނެެފައިވާތީ އެ ކޮމިޝަނުގެ މިނިވަން ކަމާމެދު ޝައްކު އުފެދޭ،" ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެއެވެ.

ޓްރާންސްޕޭރެންސީން ބުނީ، ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެއާ ގުޅޭ މައްސަލަތައް ނިންމުން ލަސްވަމުންދާ ދިއުން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ކަމަށަށާއި ނަމަވެސް ފިޔަވަޅު އެޅުމުގައި އޭސީސީ ވަކި ކޮޅަކަށް ބުރަވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

"... ރިޕޯޓުން އެސީސީގެ ހިންގުން ރަނގަޅު ކަމަށް ލިބިފައިވަނީ 58 ޕޮއިންޓް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކޮރަޕްޝަނުގެ އެއް މައްސަލަ ބަލައި ޕްރޮސެކިއުޓް ކޮށްފައިވަނީ، އޭސީސީގައި ތަޖުރިބާމަދު މުއައްޒަފުން ގިނަވުން އެއީ މައްސަލައެއް، މައްސަލަތައް ބެލުމުގައި ތަޖުރިބާހުރި މުއައްޒަފުން ބޭނުން ކުރުން އިތުރު ކުރަން ޖެހޭ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ބަޖެޓް ކުޑަކުރުމުގެ ސަބަބުން އޭސީސީގެ ބައެއް ކަންކަމަށް ހުރަސް އެޅިފައިވާ ކަމަށާއި ޓްރެއިންތައް ހިންގުމާއި ދަތުރުފަތުރު ކުރުމަށް ބައެއް ކަހަލަ ދަތިތަކާއި ކުރިމަތިވުމާއި އޮފީހުގައި ޖާގަ ބޮޑުކުުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަގު ކަނޑަ އަޅާނީ އެތަނެއްގެ ވެރިފަރާތުން، އެތަނުގެ ވެރިފަރާތަކީ ސަރުކާރު، މާކެޓް ރޭޓް ކަނޑަ އަޅަނީ ޓްރާންސްޕޭރެންސީއަކުން ނޫން،
ހަސަން ލުތުފީ | އޭސީސީ

މި ކަންކަމާއި ގުޅުވައި އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، ފްލެޓް ވިއްކާފައިވަނީ ގާތްގަނޑަކަށް 100 ޕަސެންޓް ޕްރޮފިޓް ލާފައި ކަމަށާއި އެއީ މާކެޓް ރޭޓަށް ވުރެ ދަށްކޮށް ނޫން ކަމަށެވެ. އަދި ވިދާޅުވީ މާކެޓް ރޭޓް ކަނޑައަޅާނެ ފަރާތަކީ ފްލެޓްގެ ވެރިފަރާތް ކަމަށެވެ. އަދި ވިދާޅުވީ ރެހެންދި ޕްލެޓްތަކުގައި ހުރި އެހެން އެޕާޓްމަންޓްތަކާއި އޭނާއަށް ލިބި ވަޑައިގެންނެވި އެޕާޓްމަންޓާއި ތަފާތު ކަމަށާއި އެއީ އެހެން އެޕާޓްމަންޓް ތަކަށް ވުރެ ފެންވަރު ދަށް ފްލެޓެއް ކަމަށެވެ.

ލުތުފީ ވިދާޅުވީ، ފްލެޓް ބައްލަވައިގެންނެވި ފަހުން ވަރަށް ގިނަ ދުވަސްތަ ވެފައިވާ ކަމަށާއި އޭސީސީގެ މިނިވަންކަން ގެއްލޭފަދަ އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ. އެ ގޮތަށް ސުވާލު އުފައްދާނަމަ ޓްރާންސްޕޭރެންސީގެ މިނިވަންކަމާމެދު މާ ބޮޑަށް ސުވާލު އުފެދޭ ކަމަށް ލުތުފީ ތުހުމަތު ކުރެއްވި އެވެ.

"އެ ފްލެޓް ސަރުކާރަށް ލިބިފައިވަނީ ނުވަ ލައްކަ އަށްޑިހަ ހާސް ރުފިޔާއަށް، އަޅުގަނޑު އެތަނަށް މި ދައްކަނީ 1.6 މިލިއަން ރުފިޔާ، އެތަނުގެ އަގު ކަނޑަ އަޅާނީ އެތަނެއްގެ ވެރިފަރާތުން، އެތަނުގެ ވެރިފަރާތަކީ ސަރުކާރު، މާކެޓް ރޭޓް ކަނޑަ އަޅަނީ ޓްރާންސްޕޭރެންސީން ނޫން،" ލުތުފީ ވިދާޅުވި އެވެ.