ވޯލްޑް ކަޕް 2018

މިސްރު

Jun 12, 2018

ގޭމް ސިސްޓަމް: 4-2-3-1

މިސްރު ވޯލްޑްކަޕަށް ކޮލިފައިވީ 28 އަހަރު ފަހުންނެވެ. އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ފަހު މިއީ މިސްރު ވޯލްޑް ކަޕަށް އައި ފުރަތަމަ ފަހަރެވެ. މި އަހަރުގެ ވޯލްޑްކަޕަކީ މިސްރުގެ ތިން ވަނަ ވޯލްޑްކަޕަވެ. ވޯލްޑްކަޕާ ކިތަންމެ ބީރައްޓެހި ނަމަވެސް މިސްރަކީ އެފްރިކާގެ ފުޓްބޯޅައިގެ ގަދަ ބާރަކެވެ. އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތް 'އެފްރިކަން ކަޕްއޮފް ނޭޝަން'ގެ އެންމެ ކާމިޔާބު ޓީމަކީ މިސްރެވެ. އެ ޓީމުން ވަނީ އެ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް 2012 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމަޔަށް ބޭއްވި އެފްރިކާގެ އެންމެ ބޮޑު މުބާރާތަށް މިސްރު ކޮލިފައި ނުވުމުން އެ ގައުމުން އޮންނަން ޖެހޭނީ މަންޒަރު ބަލާށެވެ. އެ މުއްދަތުގައި އެފްރިކަން ކަޕު އޮފް ނޭޝަންގެ ތިން މުބާރާތުން މިސްރަށް ފުރުސަތު ގެއްލުމަށްފަހު އެ ޓީމު ވަނީ މިދިޔަ އަހަރު ގެބޯންގައި ބޭއްވި މުބާރާތަށް ކޮލިފައިވެ، ފައިނަލަށް ދަތުރުކޮށްފަ އެވެ. މިސްރުގެ ފުޓްބޯޅައިގެ ގަދަބާރު އަލް އަހްލީ އަކީ މުޅި އެފްރިކާއަށްވެސް މަޝްހޫރު ކުލަބެކެވެ.

ކޮލިފައިވީ ގޮތް

މިސްރު ވޯލްޑްކަޕަށް ކޮލިފައިވީ، އެފްރިކާގެ ކޮލިފައިންގެ ތިން ވަނަ ބުރުގައި ގުރޫޕް "އީ" ގެ އެއް ވަނަ ހޯދައިގެންނެވެ. ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެއް މެޗުންނެވެ. އަނެއް ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެ ގުރޫޕްގެ ދެ ވަނަ ހޯދި ޔޫގެންޑާއަށް ވުރު އިތުރަށް ހަތަރު ޕޮއިންޓް މިސްރުން ހޯދި އެވެ. އެ ޓީމު ވޯލްޑްކަޕުގެ ޖާގަ ޔަގީން ކުރީ ކޮންގޯއާ ދެކޮޅަށް މިސްރުގެ ލިވަޕޫލު ފޯވަޑް މުހައްމަދު ސޮލާހް ކާމިޔާބު ކުރި ދެ ލަނޑުންނެވެ. މިސްރުގެ ދެ ވަނަ ލަނޑު ސޮލާހް ކާމިޔާބު ކުރީ މެޗުގެ 95 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ. ސޮލާހް ޕެނަލްޓީ ވައްދާލުމުން މިސްރުގެ އެލްކްސެންޑޭރިއާގެ ބާގް އަލް އަރަބް ސްޓޭޑިއަމްގައި ތިބި މިސްރުގެ ސަޕޯޓަރުން ކެކިގެން ދިޔަ އެވެ.

މުހިންމު ކުޅުންތެރިން

މިސްރުގެ ސްކޮޑް އެކުލަވާލާފައި ވަނީ، ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ މަސްހުނި ޓީމެއްގެ ގޮތުގަ އެވެ. އެ ހުރިހާ ކުޅުންތެރިންގެ ތެރޭގައިވެސް އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކަށް ވަނީ ލިވަޕޫލުގެ ތަރި މުހައްމަދު ސޮލާހް އެވެ. ލިވަޕޫލްގައި އޭނާގެ ލަނޑު ޖެހުމުގެ ރޭޓް އުޅެނީ ވަރަށް ކުރީގަ އެވެ. މިދިޔަ ސީޒަން އޭނާ ނިންމާލީ ތާރީހީ ބޮޑު ރެކޮޑަކާއެކު އެވެ. އިނގިރޭސި ޕްރިމިއާ ލީގްގައި އެއް ސިޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ސަލާހް ހެދީ 32 ލަނޑު ޖަހައިގެންނެވެ. އެ އަދަދަށް ލަނޑު ޖަހައިގެން އޭނާ ވަނީ ޕްރިމިއާ ލީގް ތާރީހްގައި ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރިންގެ ކަމަށްވާ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެލަން ޝިއޭރާގެ ނަން ފަހަތައް ޖައްސާލާފަ އެވެ.

މިސްރު ފޯވަޑްލައިންގައި ސޮލާހް އާއެކު ދެން ހަރަކާތްތެރި ވާނީ ސްޓޯކް ސިޓީގެ ރަމަދާން ސޮބްހީ އެވެ. އަދި އޭނާގެ ހަލުވި ސްޕީޑަކީ އެންމެ ފާހާގަ ކުރެވޭ އެއް ހުނަރެވެ. ފޯވަޑް ލައިންގައި އޭނާ ފެނިގެންދާއިރު، މިޑްފީލްޑް ލައިންގައި އާސެނަލްގެ މުހައްމަދު އެލް ނެނީވެސް ފެނިގެންދާނެ އެވެ. ޑިފެންސްގައި ވެސްޓްބްރޮމޮވިޗްގެ އަހްމަދު ހަޖާޒީއާއެކު މިސްރުގެ ޓީމުގައިވެސް ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ އެބައޮތެވެ.

ސަލްހް އާއި ރަމަދާން ސޮބްހީއާއެކު ފޯވަޑްލައިގައި ދެން ހިމެނެނީ މިސްރުގެ އަލް ޒަމަލެކްގެ ކޮންޓްރެކްޓްގެ ދަށުން ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ލޯން އުސޫލުން ކުޅެމުންދާ މަހުމޫދު އަބްދުލް މޮނައިމް އެވެ. އަނެއް ކުޅުންތެރިޔަކީ ފްރާންސްގެ ކުރީގެ ތަރި ޑޭވިޑް ޓްރެޒެގޭޓްއަށް ނިސްބަތްކޮށް ވަނަމެއްގެ ގޮތުގައި ޓްރެޒެގޭޓްގެ ނަން ދީފައިވާ ތުރުކީގެ ކަސިމްޕާސާއަށް ކުޅެމުންދާ މަހުމޫދު ހަސަން އެވެ.

މިސްރުގެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ގޯލްކީޕަރު އިސަމް އަލް ހާދަރީ އެވެ. އުމުރުން 44 އަހަރުގައިވެސް، މިދިޔަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންގައި އޭނާ ވަނީ އޭނާގެ ޖާދޫ ދައްކާލާފަ އެވެ. މިއަހަރު އުމުރުން 45 އަހަރުގައި ވޯލްޑް ކަޕުގައި އޭނާ ކުޅެފިނަމަ ، ވޯލްޑްކަޕުގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔަކަށް އޭނާ ވާނެ އެވެ.

ކޯޗް

މިސްރުގެ ކޯޗަކީ، ވެލެންސިއާ އާއި އިންޓަ މިލާންއަށް ކުރިން ކޯޗު ކޮށްދިން އާޖެންޓީނާގެ ހެކްޓޯ ކޫޕާ އެވެ. އެވެ. ޗެމްޕިއަންސް ލީގް ފައިނަލަށް ޖެހިޖެހިގެން ދެ ފަހަރު ވެލެންސިއާ ގެންގޮސްދިނެވެ. މިސްރުގެ ކޯޗު ކަމަށް އޭނާ ހަމަޖެއްސީ، 2015 ވަނަ އަހަރު އެވެ. މިސްރަކީ އޭނާ ކޯޗު ކޮށްދޭ ދެ ވަނަ ގައުމެވެ. ޖޯޖިއާގެ ގައުމީ ޓީމަށް 2008 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އޭނާ ވަނީ ކޯޗު ކޮށްދީފަ އެވެ. މިސްރުގެ ކޯޗު ކަމާ ހަވާލުވެ އޭނާގެ އެންމެ ފުރަތަމަ މުބާރާތަކަށްވީ، މިދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަން އެވެ. އެ މުބާރާތުގެ ފައިނަލަށް މިސްރު ގެންގޮސް ދިނެވެ. ފައިނަލުގައި މިސްރު ބަލިވީ ކެމެރޫން އަތުން 2-1 ން ނެވެ.

ހެކްޓޯ ކޫޕާގެ މައިގަނޑު ސްޓައިލްއަކީ ފުރަތަމަ ޑިފެންސް ކުރުމެވެ. ހަމަލާ އުފަންދަން މަސައްކަތް ކުރަނީ ކައުންޓަ އެޓޭކް ފުރުސަތުގެ ބޭނުން ކޮށްގެންނެވެ. އޭނާގެ ޑިފެންސިވް ގޭމް ޕްލޭންގެ ދަށުން މިސްރުގެ ދިފާއީ ފާރު ފޫއަޅުވާލަން އުނދަގުލެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން މިސްރުން ކުޅުނު 30 މެޗުގައި އެ ޓީމު ކޮޅަށް އެއް ލަނޑަށް ވުރެ އިތުރަށް ޖެހުނީ އެންމެ މެޗެއްގަ އެވެ. މުހައްމަދު ސޮލާހް އާއި ރަމަދާން ސޮބްހީ ޓީމުގައި ހުރުމުން، އެޓޭކިން ގޭމް ޕްލޭނަށްވެސް ކޫޕާ ބޮޑު އިސްކަމެއް ދޭނެ އެވެ. ނަމަވެސް އޭނާގެ ފުރަތަމަ ސްޓްރެޓަޖީއަކީ ޑިފެންސް ކުރުމެވެ.