ކުޅިވަރު

މިސްރުގެ ޝަރަފުވެރި ކީޕަރު ގައުމީ ޓިމުން ރިޓަޔާކޮށްފި

މިފަހަރުގެ ވޯލްޑްކަޕުގައި މިސްރަށް ޝަރަފުވެރި ރެކޯޑެއް ހާސިލު ކޮށްދިން ގޯލްކީޕަރު އީސަމް އަލް ހާދަރީ އުމުރުން 45 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިިފި އެވެ.

މިދިޔަ ވޯލްޑްކަޕުގައި، ކުޅުނު ކީޕަރަކީ، ވޯލްޑްކަޕުގެ ތާރީހްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ވޯލްޑްކަޕުގައި ސައުދީއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު 2-1 މިސްރު ބަލިވި ނަމަވެސް ސައުދީއަށް ލިބުނު ޕެނަލްޓީއެއް އޭނާ ދިފާއު ކުރި އެވެ. މިސްރުގެ ގައުމީ ޓީމުގެ އަންގި އޭނާ އެޅީ 1996 ވަނަ އަހަރު އެވެ. ގައުމީ ޓީމަށް 159 މެޗު ކުޅުނެވެ.

މިސްރުގެ އިސްމާއީލީ ސްޕޯޓިން ކުލަބަށް މިހާރު ކުޅެމުން ގެންދާ ކީޕަރު ވަނީ 22 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ ވަނީ މިސްރަށް އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދައިދީފަ އެވެ.

"22 އަހަރާއި ހަތަރު މަހާ 12 ދުވަހަށް ފަހު އަހަންނަށް ފެނުނީ މިއީ އަހަރެންގެ އަންގި ބާލައި ގައުމީ ޓީމުން ރިޓަޔާ ކުރަންވީ ވަގުތު ކަން،" ރިޓަޔާމެންޓް އިއުލާން ކުރަމުން އަލް ހަދަރީ ބުންޏެވެ.

"އަހަރެން ވަރަށްވެސް އުފާވޭ ގައުމީ ޓީމަށް 159 މެޗު ކުޅެވުމުން އެއީ އަހަރެންވެސް ހީކުރި ވަރެއް ނޫން."