ކުޅިވަރު

އޮލިމްޕިކްސް ފުޓުބޯޅަ: 40 އަހަރު ފަހުން ފްރާންސް ފައިނަލަށް

ޕެރިސް އޮލިމްޕިކްސް ފިރިހެނުންގެ ފުޓުބޯޅައިގެ ސެމީ ފައިނަލްގައި ފަހަތުން އަރައި މިސްރު ބަލިކޮށް، ފްރާންސުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި އަހަރުގެ އޮލިމްޕިކްސް ބާއްވާ ގައުމު ކަމަށްވާ ފްރާންސުން ރޭ ދަންވަރު ކުޅުނު މެޗުގައި މިސްރުގެ މައްޗަށް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފު ފެށިގެން މިސްރުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ހާފު ނިމުނުއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ފްރާންސުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަމަވެސް 62 ވަނަ މިނެޓްގައި މިސްރުގެ މަހްމޫދް ސޭބާ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު މެޗު ނިމެން ކައިރިވެފައި ވަނިކޮށް، 88 ވަނަ މިނެޓްގައި ޖާން ފިލިޕް މަޓޭޓާ ފްރާންސަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.

ދެވަނަ ހާފު ނިމުނުއިރު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެފައިވެ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފްރާންސްގެ މަޓޭޓާ ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފްރާންސްގެ ތިންވަނަ ލަނޑު ޖަހައިދިނީ އޮލިސް އެވެ.

މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި ފްރާންސު ް އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓުބޯޅައިގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ފުޓުބޯޅަ އިވެންޓްގެ ފައިނަލްގައި ފްރާންސުން އަމިއްލަ ގައުމުގައި ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަ އެވެ.