ކުޅިވަރު

ބެލޮންޑިއޯ އެވޯޑުގެ ނޮމިނޭޝަންގައި ރޮނާލްޑޯއާއި މެސީގެ ނަމެއް ނެތް

ފްރާންސްގެ ފުޓްބޯޅަ އިދާރާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑަށް މިއަހަރު ނޮމިނޭޓް ވެފައިވާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

މި ލިސްޓުގައި 30 ކުޅުންތެރިންގެ ނަން ހިމެނޭއިރު ފާއިތުވި 21 އަހަރު މި އެވޯޑަށް ނޮމިނޭޓް ވަމުން ދިޔަ ދުނިޔޭގެ އެންމެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ މިއަހަރުގެ ލިސްޓުގައި ނެތުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކަމެކެވެ.

މިއީ 2003 ވަނަ އަހަރުން ފެށިގެން މި ދެ ކުޅުންތެރިން ނެތި ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓް އިއުލާންކުރެވުނު ފުރަތަމަ ފަހަރެވެ.

އިންޓަ މިއާމީގެ ކެޕްޓަން މެސީ އާއި އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ މި ލިސްޓުގައި ނުހިމެނުނު ނަމަވެސް މި ދެ ކުޅުންތެރިންގެ ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ. މެސީ މިހާތަނަށް 8 ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ 5 ފަހަރު ބެލޮންޑިއޯ ހޯދާފަ އެވެ.

ރޮނާލްޑޯއާއި މެސީގެ އިތުރުން ބެލޮންޑިއޯގެ ގަދަ 30ގެ ލިސްޓުން އެހެން ބައެއް ފާހަގަކޮށްލެވޭ ކުޅުންތެރިންވެސް މިފަހަރު ބޭރުވެފައިވެ އެވެ. މީގެތެރޭގައި ލިވަޕޫލްގެ މުހައްމަދު ސަލާހާއި މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ހިމެނެ އެވެ.

މި ނިންމުމަށް ފުޓްބޯޅައިގެ ދުނިޔޭގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. ގިނަ އަހަރުތަކެއް ވަންދެން މި އެވޯޑަށް ވާދަކުރަމުން އައި ރޮނާލްޑޯ އާއި މެސީ ލިސްޓުގައި ނެތުމަކީ ފުޓްބޯޅައިގެ އާ ޖީލަކަށް މަގުފަހިވެގެންދާ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އާ ކުޅުންތެރިންނަށް މި ފަޚުރުވެރި މަގާމަށް ވާސިލުވުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ދެކޭ ބަޔަކުވެސް އުޅެ އެވެ.