މެސީ

މެސީއަށް 7 ވަނަ ބެލެންޑޯ ހައްގު

މިދިޔަ ހޮނިހިރު ދުވަހުގެރޭ ކޮޕާ އެމެރިކާ ފައިނަލުގައި ބްރެޒިލް ބަލިކޮށް މެސީ ވަނީ އާޖެންޓީނާގެ 28 އަހަރުގެ އިންތިޒާރަށް ނިމުން ގެނެސް އަލުން ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާއަށް ހޯދައިދީފަ އެވެ.

އާޖެންޓީނާއަށް މިތަށި ހޯދައި ދިނުމުގައި މެސީއަކީ ޓީމުގެ އެންމެ މުހިންމު ދައުރު އަދާކުރި ކުޅުންތެރިޔާ ކަމާއި މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. އަދި މި ޓްރޮފީ އާއެކު މެސީ ވަނީ އޭނާއަށް އިންޓަނޭޝަނަލް ބޮޑު ޓްރޮފީއެއް ނުލިބެޔޭ ބުނަމުން އައި މީހުންގެ ދޫތައް ބަންދު ކޮށްލާފަ އެވެ. މި ތައްޓާއެކު މެސީގެ ހަތްވަނަ ބެލެންޑޯ އާއި ކައިރިއަށް އޭނާ ވަނީ ޖެހިލާފަ އެވެ.

ކޮޕަ އެމެރިކާ، ޔޫރޯ އަދި ވޯލްޑް ކަޕަކީ ބެލެންޑޯ ކާމިޔާބު ކުރަން ފޫގަޅާފައިވާ ކޮންމެ ކުޅުންތެރިއަކަށް ވެސް ވަރަށް މުހިންމު މުބާރާތެކެވެ. އެގޮތުން މިފަހަރު ކުޅުނު ޔޫރޯ އާއި ކޮޕާ އެމެރިކާގައި ނުކުން ނަތީޖާ ތަކަށް ބަލައި ބެލެންޑޯއަށް ވާދަ ކުރާ ކުޅުންތެރިންގެ ތެރެއިން މިހާރު އެންމެ ފުރުސަތު ބޮޑީ މެސީއަށެވެ.

މިއަހަރުގެ މިހާތަނަށް މެސީ ކުޅުނު 47 މެޗުގައި އޭނާ ވަނީ 38 ގޯލު ޖަހައި 14 ގޯލު ޖަހަން އެހީތެރި ވެދީފަ އެވެ. އަދި 26 މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ވަނީ ކާމިޔާބު ކޮށްފަ އެވެ. ނިމިދިޔަ ލަލީގާ ސީޒަން ޕިޗީޗީ (ލަލީގާގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށްދޭ އެވޯޑު) ކާމިޔާބު ކޮށްގެން މެސީ ނިންމާލި އިރު، ކޮޕާ އެމެރިކާގެ ވެސް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ މެސީ އެވެ. ކޮޕާ އެމެރިކާގައި މެސީ ވަނީ ހަތަރު ގޯލު ޖަހައި ފަސް އެސިސްޓު ކޮށްފަ އެވެ. އާޖެންޓީނާއި މި ސަމާގައި ޖެހި 12 ގޯލުގެ ތެރެއިން ނުވަ ގޯލު ޖެހުމުގައި މެސީގެ ހިއްސާ އެބައޮތެވެ.

އާޖެންޓީނާ އާއި އެކު ކޮޕަ އެމެރިކާ ކާމިޔާބު ކުރުމުގެ އިތުރުން މެސީ ވަނީ ބާސެލޯނާ އާއި އެކު ކޮޕަ ޑެލްރޭ ކާމިޔާބު ކޮށްފަ އެވެ.

އެހެން ކަމުން މިއަހަރުގެ މިހާތަނަށް ބަލައި، މެސީގެ މޮޅު ކުޅުމާއި ވާދަ ކުރެވޭ ވަރުގެ އެހެން ކުޅުންތެރިއެއް ހަގީގަތުގައި ނެތެވެ. ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔޫރޯ، ޗެމްޕިއަންސް ލީގު އަދި ސީރިއާ އޭ ކާޟިޔާބު ކުރެވިފައި ނުވާއިރު، ކީލިއަން އެމްބާޕޭއަށް ޔޫރޯ، ލީގު 1 އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އަނެއް ކޮޅުން ޖަރުމަނުގެ ގޯލް ސްކޯރިް ރިކޯޑު ރޮބާޓޯ ލެވަންޑޮސްކީ މުގުރާލި ނަމަވެސް ޔޫރޯ 2020 ގައި އޭނާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ދެން އޮތީ ވާދަވެރި މި ކޮށީގެ ބޭރުން ބެލެންޑޯއަށް ވާދަ ކޮށްފާނެ ބައެއް ކުޅުންތެރިންނެވެ. މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރި އިޓަލީގެ ޖޯޖިއޯ ކިއެލީނީ އާއީ ލިއެނާޑޯ ބޮނުޗީގެ ފަރާތުން މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. އެހެން ކަމުން މިކުޅުންތެރިން މެސީއާއި އެކު ބެލެންޑޯއަށް ވާދަ ކުރުން ވަރަށް ގާތެވެ.

މީގެ އިތުރުން ވެސް ބެލެންޑޯއަށް ވާދަ ކޮށްފާނެ ބައެއް ކުޅުންތެރިން އެބަހުއްޓެވެ. އެގޮތުން ޗެލްސީއަށް ކުޅޭ އިޓަލީގެ ޖޯހީނިއޯ އާއި އެމަސަން ޕަލްމެރީ ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޯ ކާމިޔާބު ކޮށްފަ އެވެ. އެހެން ކަމުން މިއީ ބެލެންޑޮގެ ޗަސް ބަލާލުމަށް އެމީހުންނަށް ލިބޭ ފުރުސަތަކަށް ވެދާނެ އެވެ. ނަމަވެސް ޓީމުގެ އިތުރުން އިންޑިވިޖުއަލް ހުނަރަށް ބަލައި އެމަސަން އެއީ މެސީއަށް މާބޮޑު ބިރަކަށް ނުވިޔަސް، ޖޯޖީނިއޯ އަކީ މެސީގެ އެންމެ ވާދަވެރި އެކަކަށް މިފަހަރު ވެދާނެ އެވެ.

އެހެން ނަމަވެސް ކުޅުންތެރިންގެ ވަކިވަކި ހުނަރާއި ޓީމާއި އެކު ކާމިޔާބު ކޮށްފައިވާ މުބާރާތްތައް ޖަމްއުކޮށް ބަލާނަމަ މިފަހަރު މެސީ އޭނާގެ ހަތްވަނަ ބެލެންޑޯ ކާމިޔާބު ކުރުމަށް ހުރަސް އަޅާނެ ކުޅުންތެރިއަކު ހަގީގަތުގައި ނެތެވެ.