ޗެމްޕިއަންސް ލީގްގެ ގުރުޕް ޖީ ގައި އެފްސީ ބާސެލޯނާ އާއި ޔުވެންޓަސް ކުލޭ މެޗު، މަޝްހޫރު ވެފައި ވަނީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.
މިވަގުތު މުޅި ދުނިޔެ އެންމެ ބޮޑަށް އިންތިޒާރު ކުރާ މެޗަށް މިރޭ މެޗު ވެގެންދާނެ އެވެ. ރޮނާލްޑޯ އާއި މެސީގެ ވާދަވެރި ކަމަކީ ފުޓްބޯޅައިގެ ތާރީހް އުފެއްދި އެންމެ ބޮޑު ވާދަވެރި ކަމެވެ. އެ ވާދަވެރި ޝައުގުގައި ބާސާ ނިސްބަތްވާ ބާސެލޯނާ ސިޓީގެ އާންމުން ނުކުމެ ރޮނާލްޑޯއަށް މަރުހަބާ ކިއެވެ.
މިރޭ ކުޅޭ މެޗަށް ޔުވެންޓަސްގެ ޓީމު ދިއުމުން، ރޮނާލްޑޯއަށް މަރުހަބާ ކިއުމަށް ބާސެލޯނާ ސިޓީގެ އެތައް ސަތޭކަ ބަޔަކު އެއްވި އެވެ. ކޮވިޑްގެ އާންމު މިންގަޑުތައް މުގުރާލައި އާންމުން ނުކުމެ ރޮނާލްޑޯއަށް މަރުހަބާ ކިއެވެ.
ރެއާލް މެޑްރިޑް ދޫކޮށް 2018 ގައި ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ފަހުން އޭނާ އާއި މެސީ ބައްދަލު ކުރާ ފުރަތަމަ މެޗަށް މިރޭ މެޗު ވެގެންދާނެ އެވެ. މި ދެ ޓީމު ފުރަތަމަ ލެގްގައި ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރޮނާލްޑޯއަށް ބައިވެރިއެއް ނުވެވުނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުން އޭރު އޭނާ އޮތީ ގޭގައި ކަރަންޓީން ކޮށްފަ އެވެ.
މި މެޗަށް ދެ ޓީމު ނުކުންނައިރު، ބާސެލޯނާގައި މެސީގެ ކުރިމަގާ ބެހޭގޮތުން އޮތީ ސުވާލު އުފެދިފަ އެވެ. ބާސާއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަ ވާނެ އެވެ. ފަހަރެއްގައި މިއީ ބާސާގައި ހުރެ ރޮނާލްޑޯ އާ ދެކޮޅަށް މެސީ ނުކުންނާނެ ފަހު މެޗެވެ.
މެސީގެ ކޮންޓްރެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ބޭނުމެއް ނުވި އެވެ. އޭނާ ބުނީ މެސީ އާއި އޭނާ ވާހަކަ ދައްކަނީ މެޗާ ބެހޭ ގޮތުން ކަމަށެވެ. އެއީ ކެޕްޓަނަކާއި ކޯޗަކާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އޭނާ އަށް އެންމެ މުހިންމު ވާހަކަ ކަމަށް ހޮލެންޑްގެ ކޯޗް ބުންޏެވެ.
ޔުވެންޓަސްގެ ކޯޗް އަންޑްރެއާ ޕިރްލޯގެ ނަޒަރުގައި ބާސާ އާއި މެސީ އާ ދެމެދު އުފެދިފައިވާ އޮތް ހާލަތަކީ ދަނޑު މައްޗާ ގުޅުން ހުރި ކަމެއް ނޫނެވެ. ޕިރްލޯ ބުނީ ދަނޑަށް ނުކުމެ ކުޅޭ ފުޓްބޯޅައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެހެންވެ މެސީގެ ކުޅުމަށް އޭގެ އަސަރު ނުފެންނާނެ ކަމަށް ޕިރްލޯ ގަބޫލު ކުރ އެވެ.