ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗަށް ފަހި ކުރުމަށްޓަކައި، ކޮވިޑް ބަލި ޖެހިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކަރަންޓީ ޕޯޗްގަލް އިން އިޓަލީއަށް ބަދަލު ކޮށްފި އެވެ.
ޕޯޗްގަލް އަށް ވުރެ އިޓަލީގައި ކަރަންޓީންގައި ހޭދަ ކުރަން ޖެހޭ މުއްދަތު މަދެވެ. ޕޯޗްގަލްގެ ސަރުކާރުން ކަނޑައަޅާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ވާން ޖެހޭ ކަރަންޓީންގެ މުއްދަތަކީ 14 ދުވަސް ކަމަށެވެ. އެހެންނަމަވެސް އިޓަލީގައި ކަނޑައަޅާފައި ވަނީ 10 ދުވަސް ކަމަށެވެ.
ރޮނާލްޑޯއަށް ކޮވިޑް ޖެހުނީ ޕޯޗްގަލްގެ ގައުމީ ޓީމާއެކު އަމިއްލަ ގައުމުގައި ހުއްޓަ އެވެ. ޕޯޗްގަލްގައި ކަރަންޓީން ވާނަމަ، ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވޭނެ އެވެ. ޕޯޗްގަލްގައި ނަމަ ކަރަންޓީނުން ވީއްލޭނީ 14 ދުވަސް ފަހުން ޓެސްޓް ހެއްދުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖެނަމަ އެވެ.
އިޓަލީގައި 10 ދުވަހު ކަރަންޓީންގައި ހުރުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖަނަމަ ރޮނާލްޑޯ ކަރަންޓީނުން ވީއްލުމުގެ ފުރުސަތު އަވަސް ވާނެ އެވެ. ބެލެވޭ ގޮތުގައި މި މަހު 28 ގައި ވެރޯނާ އާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ރޮންލްޑޯއަށް ބައިވެރި ވެވޭނެ އެވެ.
ޔޫއެފާގެ ޕްރޮޓަކޯލްގައި ބުނެފައި ވަނީ، ޕޮޒިޓިވްވާ ކުޅުންތެރިޔަކަށް ކުޅެވޭނީ ޓެސްޓް ނެގެޓިވް ވުމަށް ފަހު މަދުވެގެން ހަފުތާއެއްގެ ތެރޭގައި ކަމަށެވެ. އިޓަލީގައި ކަރަންޓީން ވާނަމަ ޔޫއެފާގެ ޕްރޮޓަކޯލްގެ ތެރެއަށް ރޮންލްޑޯގެ ކޭސް ފެތެ އެވެ. އެހެންވެ ބާސެލޯނާ އާ ދެކޮޅަށް ކުޅުމަށް އޭނާއަށް މައްސަލައެއް ދިމާ ނުވާނެ އެވެ.
ޕޯޗްގަލްގެ ގައުމީ ޓީމު ކޭމްޕްގައި އަމިއްލައަށް އެކެހެރި ވެގެން ހުރި ރޮނާލްޑޯ އިޓަލީއަށް ދަތުރު ކުރުމަށް އެންމެ ފުރަތަމަ ގެންދިޔައީ އެންމެ ކަރިގައި ގާއިމު ކޮށްފައިވާ ރީޖަނަލް އެއާޕޯޓަށެވެ. އެއާ ޕޯޓުން ޔުވެންޓަސްގެ ނިސްބަތްވާ ޓްރިން އަށް އޭނާ ދަތުރު ކުރީ އޭނާއަށް ހާއްސަ ކޮށްފައި އެއާ އެމްބިއުލައިންސްގައި ކަމަށް ޕޯޗްގަލްގެ މީީޑއާތަކުން ރިޕޯޓް ކުރެ އެވެ.
މިހާރު އޭނާ ހުރީ ޓްރިންގައި ހުރި އޭނާގެ ގޭގައި އެކަހެރި ވެގެންނެވެ. ވައިރަހަށް ޕޮޒިޓިވް ވުމުން ތިން މެޗު ރޮނާލްޑޯ އަށް ގެއްލޭނެ އެވެ. އޭގެ ތެރެއިން އެއް މެޗަކީ ރޭ ސްވިޑެން އާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗެވެ. އަނެއް ދެ މެޗަކީ ސެރީ އާގައި ކްރޮޓޯން އާ ދެކޮޅަށް ކުޅޭ މެޗާއި މި މަހު 20 ގައި ޗެމްޕިއަންސް ލީގްގެ ފުރަތަމަ މެޗުގައި ޑައިނަމޯ ކިއޭވް އާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޮންލްޑޯއަށް ނުކުޅެވޭނެ ކަން ޔަގީން ވުމުން އެކަމުގެ ގެއްލުން ކުރިމަތިވީ ސްޕޯޓިން ދާއިރާ އަށް އެކަންޏެއް ނޫނެވެ. ދުނިޔޭގައި އެންމެ ބޮޑަށް މާަކެޓް ކުރެވޭ އެތުލީޓަށް ކުރިއަށް އޮތް މެޗުތަކުގައި ނުކުޅެވޭނެތީ ހިއްސާގެ ބާޒާރުގައި ޔުވެންޓަސްގެ ހިއްސާ ވެސް ވަނީ ތިން ޕަސަންޓް ދަށަށް ގޮސްފަ އެވެ.
ބާސެލޯނާ އާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ސަބަބަކީ ރޮންލޑޯ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކުރިމަތި ލުމަކަށް ވާތީ އެވެ. ދެ އަހަރު ކުރިން ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ފަހުން ބާސާ އާ ދެކޮޅަށް އަދި މެސީ އާ ދެކޮޅަށް ވެސް ރޮނާލްޑޯ ކުޅެފަ އެއް ނުވެ އެވެ.