ބާސެލޯނާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅު ކޮށްދީ ގުރޫޕްގެ އެއް ވަނަ ހޯދައިދޭން ކްރިސްޓިއާނޯ ރޮނާލްޑޯ ލީޑް ކޮށްފި އެވެ.
މެޗަށް ނުކުތް އިރު ވެސް ގުރޫޕް ޖީގެ، އެ ދެ ޓީމު އޮތީ ދެ ވަނަ ބުރުން ޖާގަ ހޯދާފަ އެވެ. މެޗުން ޔުވެންޓަސް މޮޅުވުމުން އެ ޓީމު ވަނީ ބާސާ އާ އެއް އަދަކަށް ޕޮއިންޓް ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 15 ޕޮއިންޓެވެ. ޔުވެންޓަސްއަށް ކުރި ލިބެނީ ބާސާގެ މައްޗަށް އަވޭ ގޯލުން ކުރި ލިބުމުންނެވެ. އޮކްޓޯބަރުގައި ޓޫރިންގައި ކުޅުނު މެޗު ބާސާ ކާމިޔާބު ކުރީ 2-0 ންނެވެ. ރޭގެ މެޗު 3-0 ން ކާމިޔާބު ކުރުމުން ޔުވެންޓަސްއަށް ވަނީ ބާސާގެ މައްޗަށް އަވޭ ގޯލްގެ ފައިދާ ލިބިފަ އެވެ.
އެ ސްޓޭޑިއަމެއްގެ ނަން ލިއޮނެލް މެސީގެ ނަމަށް ނިސްބަތް ކުރުމަށް ބާސާގެ ރައީސް ކަމަށް ވާދަ ކުރާ ކެނޑިޑޭޓަކު ހުށަހަޅާފައިވާ، ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ހާއްސަ ވެފައި ވަނީ މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. މިއީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރޮނާލްޑޯ އާއި މެސީ ކުރިމަތި ލުމެއް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.
ޔުވެންޓަސްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު، ލިބުނު ޕެނަލްޓީން ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު، ހުއާން ކްއެޑްރާޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ވެސްޓެންސޮން މެކިނީ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، މެސީއާއެކު އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.
"މެސީ އާއެކު އަހަރެން އަބަދުވެސް އޮންނަނީ ހާއްސަ ގުޅުމެއް،" ސްޕެއިންގެ މޫވިސްޓާ އަށް ދިން އިންޓަވިއުގައި ރޮނާލްޑޯ ބުންޏެވެ. "އަހަރެން ނުދެކެން އޭނާ އަކީ ވާދަވެރިއެއްގެ ގޮތަކަށް. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ ޓީމަށް އެންމެ ރަނގަޅު ގޮތް ހޯދައި ދޭން."
ރެއާަލް މެޑްރިޑް ދޫކޮށް 2018 ވަނަ އަހަރުު ޔުވެންޓަސް އަށް ބަދަލުވި ފަހުން ރޮންލާޑޯ ވަނީ ޔުވެންޓަސްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެ ފަހަރަށް ސްޕެއިންއަށް ގޮސްފަ އެވެ. އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާ ދެކޮޅަށް އޭނާ ވަނީ ކުޅެފަ އެވެ.
ރޮނާލްޑޯ ބުނީ، ބާސާއަކީ އޭނާ މިހާތަނަށް ކުރިމަތިލި އެންމެ އުނދަގޫ ވާދަވެރިޔާ ކަމަށެވެ. ބާސެލޯނާ އާއި ކެޓަލޯނިއާގައި ކުޅުމަކީ އަބަދުވެސް ވަރަށް ހާއްސަ ކަމެއްކަމަށް ޕޯޗްގަލްގެ ކެޕްޓަން ބުންޏެވެ.